ޚަބަރު

އެމްޓީސީސީން ކޮޅުފުށީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ނިންމާލައިފި

މ. ކޮޅުފުށީ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ މަސައްކަތް އެމްޓީސީސީން ނިންމާލައިފިއެވެ.

މި ސަރުކާރުން ކޮޅުފުށީ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ، 28 ނޮވެމްބަރު 2021 ގައެވެ. 22.9 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ މި މަޝްރޫއު ހަވާލުކުރީ އެއް އަހަރު ދުވަހުގެ ތެރޭގައި މަސައްކަތް ނިންމުމަށެވެ.

ޖުމުލަ 1،466 މީހުންގެ އާބާދީއެއް އޮތް ކޮޅުފުއްޓަކީ ރަށް ގިރުމުގެ ބިރުވެރިކަން ޒަމާނުއްސުރެ ތަހައްމަލުކުރަމުން އައިސްފައިވާ ރަށެކެވެ. ރަށްގިރުމުގެ ސަބަބުން ކޮޅުފުއްޓަށް ވަނީ ވަށައިގެން އެތަކެއް ގެއްލުމެއް ލިބި، އެތައް ރުއްގަހެއްވެސް ނެތިގެން ގޮސްފައެވެ. އަދި ރަށުގެ ހުރިހާ ފަރާތަކުންހެން ގިރަމުން ދިޔުމާއެކު، މި މައްސަލައަކީ އެ ރަށު ރައްޔިތުންގެ ވަރަށް ދުވަސްވީ ކަންބޮޑުވުމަކާއި އުދާސްތަކެއް އޮތް ކަމެކެވެ.

އެމްޓީސީސީން މިއަދު ބުނީ ކޮޅުފުށީ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ މަސައްކަތް މިހާރު އެއްކޮށް ނިންމާލާފައިވާ ކަމަށެވެ. އަދި މި މަޝްރޫއުގެ ސަބަބުން ކޮޅުފުށީގެ ގިރަމުންދާ ހަތަރު ސަރަހައްދެއް ރަށް ގިރުމުން ހިމާޔަތްކުރެވިފައިވާ ކަމަށާއި މިއީ ހަމަގައިމުވެސް ކޮޅުފުށީގެ ރައްޔިތުންގެ ޒަމާންވީ އުދާސްތަކާއި ތަކުލީފަށް ބޮޑު ހައްލެއް ލިބި ރައްޔިތުންނަށް އެތައް ގުނައަކުން އުފާވެރިކަމާއި ތަސައްލީ ގެނުވާނެ މުހިއްމު މަޝްރޫއެއް ކަމަށް އެމްޓީސީސީން ބުންޏެވެ.

އެކުންފުނިން މައުލޫމާތު ދޭ ގޮތުގައި މި މަޝްރޫއުގެ ދަށުން، 5،575 ކިއުބިކް މީޓަރުގެ މޫދަށް އެރޭ ސަރަހައްދު ފުންކުރުމާއި، 4،108 ކިއުބިކް މީޓަރުގެ ސެންޓްރަލް ވޭސްޓް ސަރަހައްދު ފުންކުރުމާއި، 518 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 202 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމުގެ މަސައްކަތް ވަނީ ކޮށްފައެވެ.

ވޭތުވެދިޔަ 42 އަހަރުތެރޭ އެމްޓީސީސީން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ މަޝްރޫއުތަކެއް ނިންމައިފައެވެ. 1980 ވަނަ އަހަރު އެމްޓީސީސީ އުފެދުނީ ރާއްޖޭގެ ތަރައްގީގެ ދަތުރުގެ މުހިއްމު މަރުހަލާއެއްގައެވެ. ކުންފުނި އުފެދުނީއްސުރެ ރާއްޖޭގެ އުމްރާނީ ތަރައްގީ އާއި އިޖުތިމާއީ ވަސީލަތްތައް ބިނާކުރުމުގައި އެމްޓީސީސީން ވަނީ މުހިއްމު ދައުރެއް އަދާކޮށްފައެވެ.