ކ. ތުލުސްދޫގައި ސްނޯކްލިންއަށް ގޮސް އުޅުނު ފަތުރުވެރިއަކު، ޑިންގީއެއްގެ ބުރަފަތީގައި ޖެހި މިއަދު މަރުވެއްޖެ އެވެ.
ތުލުސްދޫ ކައުންސިލުގެ ރައީސް އަސްލަމް މޫސާ މިއަދު "ވަން" އަށް ވިދާޅުވީ, އެ ހާދިސާ ހިނގީ އެރަށު ކަނޑުއޮޅި ކައިރިއަށް ފަތުރުވެރިއާ ސްނޯކްލިއަންއަށް ގޮސް އުޅެނިކޮށް ތަންކޮޅެއް ނެރުން ބޭރަށް ދިޔަ ވަގުތު އެ ސަރަހައްދުން ދަތުރުކުރި ޑިންގީއެއްގެ ބުރަފަތީގައި ޖެހިގެން ކަމަށެވެ.
އެ ކަނޑުއޮޅިއަކީ އާންމުކޮށް ފަތުރުވެރިން ސްނޯކްލިއަންއަށް ގޮސް އުޅޭ ސަރަހައްދެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"ހާދިސާގައި ފަތުރުވެރިއާގެ އަތެއްވެސް ނެތް. ހަށިގަނޑުގެ އެކި ތަންތަނުން ކަފައިގެން ގޮސް, ގޮހޮރުގެ ބައެއްވެސް މަދު ކަމަށްވަނީ. ސިއްހީ މަރުކަޒަށް ގެނައިއިރުވެސް އޮތީ މަރުވެފައި," އަސްލަމް މޫސާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ, މަރުވީ ފިރިހެނެއް ކަމަށާއި ނަމަވެސް އޭނާއަކީ ކިތައް އަހަރުގެ އަދި ކޮން ގައުމެއްގެ މީހެއް ކަމެއް ނޭނގޭ ކަމަށެވެ. އަދި އޭނާ ޗުއްޓީއަށް ތުލުސްދޫއަށް ދިޔައީ ކޮންއިރަކު ކަމެއް އަދި ހުރީ ކޮންތަނެއްގައި ކަމަވެސް ނޭނގޭ ކަމަށް ވިދާޅުވިއެވެ.