ކުޑަކުދިންނަށް ދޭ ކާނާގެ ބާވަތްތައް ރަޖިސްޓްރީ ނުކޮށް ވިއްކާ ފަރާތްތަކުގެ ނަން އާންމުކުރާނެ ކަމުގެ އިންޒާރު މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ދީފިއެވެ.
އެމްއެފްޑީއޭ އިން މިދިޔަ ބުރާސްފަތި ދުވަހު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ "ގާތުންދޭ ކިރުގެ ބަދަލުގައި ކުޑަކުދިންނަށް ދޭ ބާވަތްތައް ދިވެހިރާއްޖެއަށް އެތެރެކުރުމާއި އުފެއްދުމާއި ވިޔަފާރީގައި ބޭނުންކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު"ގެ ދަށުން ތިން އަހަރުން ދަށުގެ ކުޑަކުދިންނަށް ހާއްސަ ކިރުގެ ބާވަތްތަކާއި އެއް އަހަރުން ދަށުގެ ކުޑަކުދިންނަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ ކާނާގެ ބާވަތްތައް ވިއްކަންވާނީ އެ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން އެ އޮތޯރިޓީގައި ރަޖިސްޓްރީ ކޮށްގެން ކަމަށެވެ.
އެމްއެފްޑީއޭ އިން ބުނީ މިހާރަކަށް އައިސް އެ ގަވާއިދުގެ ދަށުން ރަޖިސްޓްރީ ކުރަންޖެހޭ ކާބޯތަކެތި ރަޖިސްޓްރީނުކޮށް ސޯޝަލް މީޑީއާ މެދުވެރިކޮށް ގިނަ އަދަދަކަށް ވިއްކަމުންދާކަން އެ އޮތޯރިޓީއަށް ފާހަގަވެފައިވާ ކަމަށެވެ.
އަދި ގަވާއިދުގައި ބަޔާންކޮށްފައިވާ ކަންކަމާއި ހިލާފަށް އެފަދަ އުފެއްދުންތައް ތައްޔާރުކޮށް ވިއްކުމަކީ އުފެއްދުމުގެ ފެންވަރާއި އަދި މިންގަނޑުތައް ނުހިފެހެއްޓޭނެ އަދި ތައްޔާރުކުރާ ތަކެތީގެ ރައްކާތެރިކަން ގެއްލިގެން ދިއުމުގެ ފުރުސަތު އޮތް ކަމެއް ކަމަށްވެސް ބުންޏެވެ.
- އުފެއްދި ތާރީހާއި މުއްދަތު ހަމަވާ ތާރީހު
- އުފެއްދި ފަރާތާއި ބަންދުކުރި ފަރާތާއި އެތެރެކުރި ފަރާތުގެ ނަމާއި އެޑްރެސް
- އެ އުފެއްދުމެއްގެ މޫނުމަތީ ފަރާތުގައި ހާމަކަން ބޮޑުގޮތެއްގައި އެ އުފެއްދުމެއްގެ ނަން ސާފުކޮށް ފަސޭހައިން ކިޔަން އެނގޭނެހެން ދިވެހި ނުވަތަ އިނގިރޭސި ބަހުން ލިޔެވިފައި އޮތުން
- ތައްޔާރުކުރާނެ ގޮތުގެ އިރުޝާދާއެކު ކާންދޭނެ ގޮތުގެ ޗާޓެއް ހިމަނާފައިވުން
- ކަނޑައެޅިފައިވާ ބާވަތެއްގައި ހަރުކުރެވިފައިވާ ލޭބަލެއްގައި އެއުފެއްދުމެއް ތައްޔާރުކޮށް ބޭނުންކުރާނެ ރަނގަޅުގޮތް ދެއްކުން ފިޔަވައި ބޭނުންކުރުމަށް ހިތްވަރުދޭފަދަ އެއްވެސް ބާވަތެއްގެ ފޮޓޯއެއް ނުވަތަ ކުރެހުމެއް ހިމެނިފައި ނުވުން
- އެއްވެސް ބާވަތެއްގެ އިންސާނުންގެ ސޫރައެއް ނުވަތަ ވާހަކަ ފޮތްތަކާއި ކާޓޫނުގައި ބޭނުންކުރާ ސިފައެއް ނުވަތަ ޖަނަވާރެއް އަދި ބުއްފުޅި އާއި ބުއްފުޅީގެ ތުންފަދަ އެއްވެސް އެއްޗެއްގެ ފޮޓޯއެއް ނުވަތަ ކުރެހުމެއް ނުވަތަ ތަސްވީރެއް ހިމަނާފައިނުވުން
- ބުއްފުޅި ބޭނުންކުރުމަށް ވާގިވެރިވާފަދަ ނުވަތަ ގާތުން ކިރުދިނުމާއި ދުރުކުރުވާފަދަ އެއްވެސް ލިޔުމެއް ނުވަތަ ތަސްވީރެއް ބޭނުންކޮށްފައި ނެތުން
- ކަނޑައެޅިފައިވާ އުފެއްދުމަކީ މައިމީހާގެ ކިރު ނުވަތަ ގާތުން ކިރުދިނުމާއި އެއްފަދަ އެއްޗެއްކަމަށް ނުވަތަ އަޅާކިޔޭވަރުގެ އެއްޗެއްކަމަށް ނުވަތަ އެއަށްވުރެ މޮޅުއެއްޗެއްކަމަށް ދޭހަވާފަދަ އިބާރާތެއް ބޭނުންކޮށްފައި ނެތުން
އެމްއެފްޑީއޭ އިން ވަނީ އެފަދަ އުފެއްދުންތައް އުފައްދާ ފަރާތްތަކަށް އަންނަ މަހުގެ 23 ވަނަ ދުވަހުގެ ކުރިން އެ އޮތޯރިޓީގައި ރަޖިސްޓްރީވުމަށް އަންގައިފައެވެ. އަދި އެ މުއްދަތުގެ ފަހުން އެފަދަ ތަކެތި ރަޖިސްޓްރީނުކޮށް ވިއްކަމުންދާ ނަމަ އެ ފަރާތްތަކުގެ ނަންހާމަކޮށް އާއްމު އިއުލާނެއް ކުރާނެ ކަމުގެ އިންޒާރު ވަނީ ދީފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު