ވާހަކަ

ދީވާނާ ހިތް - 21

1

ނަޒާންގެ ދުލުން ގަތާލާފައި ބޭރުކޮށްލި ލޯބީގެ ބަސްތަކުގައި ހިނދުކޮޅަކަށް މަންޝާގެ ހިތް ބެހިގެންދާން އުޅުނުހެން ހީވިއެވެ. ހިނދުކޮޅަކަށް ނަޒާންގެ ލޯބީގެ މާބަގީޗާގައި އޭނާ ހައްޔަރުވާން އުޅޭހެން ހީވިއެވެ. މަންޝާ ދެފަރާތަށް ބޯހޫރާލިއެވެ. ގޭތެރެއަށް ދެމިގަތީ އޭނާގެ މޫނުމަތިން ނަޒާން އެކަން ދެނެގަނެފާނެ ކަމަށެވެ.

"އަހަރެންގެ މި ހިތްވަރަކަށް ދުވަހަކުވެސް ބަދަލެއް ނާންނާނެ" އަމިއްލަ ނަފުސަށް އިވޭވަރަށް ނަޒާން ބުންޏެވެ. ދެން ހީލައިފިއެވެ. މަންޝާ ދިޔަދިމާލަށް ބަލަހައްޓައިގެން އިނދެފައި ނަޒާން ހީލިއެވެ.

*******

"މިއޮއް އައީނު" ވަދެގެން އައި ޒަރޫކް ފެނުމާއެކު ދިލްޝާދު ބުންޏެވެ. ރޯދަވީއްލާ ސާމާނު ހުރީ މޭޒުމައްޗަށް އަރުވައިފައެވެ.

"މިއަދު މަންޝާ ކޮބާ؟" އިށީންނަމުން ޒަރޫކް އެހިއެވެ.

"އޮފީހުން އަންނަމުން ހަމްރާ ކައިރިއަށް ދިޔައީ. އަގުލީމާ ބުނެފިއޯ ރޯދަވިއްލައިގެން ދާން" ޒަރޫކްގެ ތަށްޓަށް ފަނި އަޅަމުން ދިލްޝާދު ބުންޏެވެ.

"ކިހިނެއް ތިހެދީ. އެމަންޖެ ބަލާ އެއާޕޯޓަށް ދިޔަ ވާހަކަވެސް ޝާދު ބުނި" މިހާދު ބުންޏެވެ.

"މަންމަ ބަލިވީމަ ދޮންތަ ބޭނުމެއްނުވި އަންނާކަށް. މިހާރު ބުނެފިން ދޮންތަ ކައިރީގަ މަންމަމެން އަންނަން ބޭނުންވި އިރަކުން އަންނާށޭ" ހީލަމުން ޒަރޫކް ބުންޏެވެ.

"ޒަވީގެ ހަބަރެއް ނުވޭތަ؟ މިއަދުވެސް ގުޅިން. ފޯނެއް ނުނަގާ" ޒަރޫކް ބުންޏެވެ.

"ނުގުޅަން. ބޭބެމެން މިކިޔަނީ އީދަށް ހާ އަލިފަށް އަށް ދާން. ޒައްރަ ވާނެ މިދަތުރުގަ ބައިވެރިވާން" މިހާދު ބުންޏެވެ.

"އަދި އިހަށް ދުވަހުއެއްނު ބޭބެއަށް ބޯޓުން ވަޒީފާ ހަމަޖެހުނީ" ޒަރޫކް ބުންޏެވެ.

"އެކަން ހަމަޖެހޭނެ. ތިކުދިން ހާސްވާނެ ކަމެއް ނެތް"

************

މެންދުރު ނަމާދު ކޮށްގެން ދިލްޝާދު ކޮޓަރިން ނުކުމެފައި ފާރުގައި ހުރި ގަޑިއަށް ބަލައިލިއެވެ. އެކެއްޖަހަން ފަސްމިނެޓް ހުއްޓެވެ. ސޯފާގައި ޒަރޫކް ފޯނު ހިފައިގެން އޮތެވެ. މަންޝާ ކޮބައިތޯ ބަލައިލަން އޭނާ ދިޔައީ މަންޝާގެ ކޮޓަރިއާ ދިމާލަށެވެ. ކުޑަކޮށް ހުޅުވާފައި ހުރި ދޮރުކައިރީގައި ދިލްޝާދު މަޑުކޮށްލިއެވެ.

"އީދަށް ހާ އަލިފަށް އަށް ދާން މަންމަމެން އުޅެނީ. އެދަތުރު ނިންމާފައި އައިސް މެރީކުރަން ބޭނުންވާ ވަހަކަ ބުނާނަން" މަންޝާ ބުންޏެވެ. އިހުތިޔާރަކާ ނުލައި ދިލްޝާދުގެ ތުންފަތަށްވެރިވީ ހިނިތުންވުމެކެވެ. އޭނާގެ ހިތަށް އައިސް ވަނީ ނަޒާނެވެ. ފޯނު ކުރުކޮށްލާފައި އެނބުރުނު މަންޝާއަށް ދޮރުމަތީގައި ހުރި ދިލްޝާދު ފެނުމާއެކު ހީލިއެވެ. ކަންބޮޑުވެސްވިއެވެ. ދިލްޝާދު އެތަނުގައި ހުންނަތާ ވީއިރެއްވެސް ނޭނގެއެވެ.

"ހަމްރާ މީހަކާ އިންނަނީތަ؟" ދިލްޝާދު އެހެން ވާހަކައެއްފެށީ ގަސްތުގައެވެ. އޭނާއަށް ކަމެއް އެނގުނުކަން މަންޝާއަށް އެނގުނަ ނުދިނުމަށެވެ.

"ނޫން" މަންޝާ ބުންޏެވެ.

"ދެންމެ ހީވީ މެރީކުރާ ވާހަކަ ދެއްކިހެން" ދިލްޝާދު ބުންޏެވެ. މަންޝާ ވަގުތުން އަނެއްފަރާތަށް އެނބުރުނެވެ. ތުންފަތުގައި ދަތްއަޅާލިގޮތަށް ބުނާނެ އެއްޗަކާމެދު ވިސްނާލިއެވެ.

"މިއަދު ކޯޗެއް ހަދާނީ؟" މަންޝާ ބުންޏެވެ. ދިލްޝާދަށް ހެވުނެވެ. މަންޝާ އެމައުލޫއަށް ވާހަކަދައްކަން ބޭނުންނުވާކަން އޭނާއަށް އެނގުނެވެ.

"އެއްޗެއް ހަދާނެކަމެއް ނެތް. މިއަދު އެބައޮތް ގެއަކުން ދައުވަތެއް ލިބިފަ" ދިލްޝާދު ބުންޏެވެ.

"ކޮންގެއެއް؟ ތިއާ ތަ؟" މަންޝާ ބުންޏެވެ. ދިލްޝާދު ބޯޖަހާލިއެވެ.

"ތައްޔާރުވައްޗޭ ތަންކޮޅެއް އަވަހަށް. ހިނގާލާފަ ދާނީ" ދިލްޝާދު ބުންޏެވެ. މަންޝާއަށް ތަފާތު ހިމޭންކަމެއް އަތުވެއްޖެކަން ދިލްޝާދަށް ފާހަގަވިއެވެ. އެހިމޭންކަން އޭނާ ގުޅުވާލީ މަންޝާގެ ހިތާއެވެ. ދިލްޝާދު މަންޝާގެ މޫނުގައި ފިރުމާލިއެވެ. ތަފާތު ނަޒަރަކުން ދަރިފުޅުގެ ދެލޮލަށް އޭނާ ބަލައިލިއެވެ. ދުވަސްކޮޅަކުން ކައިވެނިކޮށްގެން އެދަރި އޭނާގެ ދެލޯމަތިން ދުރަށް ހިނގައިދާނެއޭ ހިތަށް އެރުމުން އޭނާއަށް ޖަޒުބާތީވެވުނެވެ.

"ދަރިފުޅު އުފާވެއެއްނު އެގެއަށް ދާން" ދިލްޝާދު ބުންޏެވެ. "މިބުނީ ތިއާ ފެނުނީމަ އުފާވާނެއްނު"

*********

ޒަރޫކް އަންނަކަން އެނގުމުން ނާޔާއަށް ލިބުނީ މުޅިން ތަފާތު އުފަލެކެވެ. ބަދިގެއިން ނުވެސް ނުކުމެއެވެ. ޒަރޫކް ކައިރިން އަހައިގެން އޭނާއަށް އެންމެ ކަމުދާ ކާއެއްޗެހީގެ ލިސްޓެއް ހެދިއެވެ. އެތަކެތި މާޝިތާ އާއި ތިއާ ލައްވާ ހެދުވިއެވެ. އަތްގާތްކޮށްދިނުމަށް ނާޔާ އުޅުނެވެ.

"ނާއްކޮ ކިއްކުރަން ކޮންމެހެން ފަތްމަސްހުނި ތިހެދީ" ތިއާ އެހިއެވެ.

"ކާހިތުންނެއްނު. އެހެންނޫނަސް މަންޝާދައްތަމެންނަށް ކަމުދާނެއްނު" ނާޔަ ބުންޏެވެ.

ކުޅިކޮށް މަޝްރޫމް ހަދަންޖެހުމުން ތިއާއަށް އުނދަގުވިއެވެ. އޭނާ ހަނދާނަށް އައީ އޭނާގެ އަތުން މިއަދު ތައްޔާރުކުރި ތަކެތި މީގެކުރިންވެސް އޭނާ މީހަކަށްޓަކައި ތައްޔާރު ކުރިއެވެ. އެވެސް ރަމަޟާން މަހެއްގައެވެ. ތިއާއަށް އުނދަގުވީ އެހެންވެއެވެ. އެތަކެތީގެ ނަން ނާޔާ ބުނަންޖެހުނު ސަބަބެއް ތިއާއަށް ނުވިސްނެއެވެ. އޭނާއަށް އެނގެނީ އޭނާގެ އަތުން ތައްޔާރުކުރި އެތި އެ އިންސާނާ ކާނެކަމެވެ.

ބަދިގޭ ހުރިހާ މަސައްކަތެއް ނިންމާފައި ތިއާ ކޮޓަރިއަށް ދިޔައެވެ. އެނދުގައި އިށީންގޮތަށް ފުންވިސްނުމެއްގެ ތެރެއަށް އޭނާ ގެނބިގެން ދިޔައިރު ކައިރީގައި ނަވާލް ހުއްޓުނުކަން އޭނާއަށް ނޭނގެއެވެ. ސިހުނީ ކައިރީގައި ނަވާލް އިށީނުމުންނެވެ.

"ކޮންވިސްނުމެއްގަ" ނަވާލް ބުންޏެވެ.

"ކަމެއްނުވޭ. ތިރިއަށްތަ ތިދަނީ" ތިއާ އެހިއެވެ.

ނަވާލް ބޯޖަހާލިއެވެ. "އުނދަގުލެއް ވަނީތަ؟ ކަމެއްވަންޏާ ނުބުނެ ނުހުންނައްޗޭ"

ތިއާ ބޯޖަހާލިއެވެ. އޭނާ ނަވާލްގެ އަތުގައި ބޮސްދިނެވެ. ނަވާލަކީ އޭނާގެ ހިތްވަރެވެ. ލޯބިވާ ފިރިމީހާ އޭނާ އާ އެކުގައި ހުރިހާ ހިނދެއްގައި އޭނާ ހުންނާނީ ހިތްހަމަޖެހިގެންނެވެ. އޭނާއަށް ނޭނގުނީ އޭނާގެ ބޯމަތީގައި ބޯވަމުން އަންނަ ބޯވިލާގަނޑުގެ ނުރައްކާތެރިކަމެވެ. އެ ވިލާގަނޑުގެ ގަދަ ވައި މަޑުމަޑުން އޭނާގެ ދިރިއުޅުމަށް ޖެހެން ފަށައިފި ކަމެއް އޭނާއަށް ރޭކާވެސް ނުލައެވެ.

"ފަސްގަޑި ބައިވަނީ. މިއަންނަނީ ދޮންބެ ނަގައިގެން. ސައިކު ހަން ފަޅައިގެން ގޮސްގެން ދެންމެ ގުޅައިފި" ނަވާލް ބުންނެވެ. ތިއާ ބޯޖަހާލުމުން ނަވާލް ހިނގައިގަތެވެ.

**********

މަންޝާގެ އާއިލާއަށް މާޝިތާ މަރުހަބާ ކިއެވެ. އެދެމައިންގެ ފަހަތުގައި ހުރި ޒަރޫކް ފެނުމުން މިފަހަރު ތިއާއަށް އުނދަގުލެއް ނުވިއެވެ. ހުރިހާ މީހުންނަށް އިށީންނަން ތިއާ ގޮނޑި ދެއްކިއެވެ. މަންޝާ ހުރިހާ ދިމާލެއް ހޯދާލިއެވެ. ނަޒާނެއް ނުފެނެއެވެ. ގޭގައި ނޫޅެނީ ހެއްޔެވެ؟

"ކޮބާ ނަޒާން؟" ދިލްޝާދަށް ނަޒާން ކޮބައިތޯ އެހުނީ ކީއްވެގެން ކަމެއް ހުދު އޭނާއަކަށްވެސް ނޭނގެއެވެ. މަންޝާ ވެސް ދިލްޝާދަށް ބަލައިލީ ހައިރާންވެފައެވެ. ނަޒާން ގޭގައި އުޅޭތޯ މަންމަ ބަލަނީ ކީއްވެގެން ހެއްޔެވެ؟

"މިއަދު ހަވީރު ޑިއުޓިއަށް ދިޔައީ" މާޝިތާ ބުންޏެވެ.

މަންޝާއަށް ހަމަޖެހުމުގެ ނޭވައެއް ލެވުނެވެ. ނަޒާން ނެތިއްޔާ ހަމަޖެހިލައިގެން އިނދެ ކެވިދާނޭ ހީވިއެވެ. އެކަމަކު އޭނާގެ ހިތަށް ހުސްކަމެއް ވެރިވިއެވެ.

މަޣްރިބް ނަމާދު ވަގުތުވާން އަދި ވިއްސަކަށް މިނެޓް ހުއްޓެވެ. އާއިލާގެ ބޮޑެތި މީހުންގެ އިތުރުން ޒަރޫކް އިނީ ސޯފާގައެވެ. ތިއާ އާއި ނާޔާ މޭޒުމަތި ތައްޔާރުކުރަން އުޅުނެވެ. މަންޝާވެސް ދިޔައީ އެދިމާލަށެވެ.

"ވާއު... ދޮންބެ ޔުނީފޯމުގައި ހާދަ ސްމާޓޭ ދޯ ތިއްތާ" ނަވާލާއެކު ވަދެގެން އައި ނަޒާން ފެނުމުން ނާޔާ ބުންޏެވެ.

ގޭތެރެ މެދުގައި ހުއްޓިފައި ނަޒާންގެ ދެލޯ ފުރަތަމަވެސް ހޯދާލީ އޭނާގެ ހިތުގެ ރާނީއެވެ. އޮފީހުގައި އޮތް ރޯދަވީއްލުން ކެންސަލްކޮށްލާފައި އެހާވަރުން އޭނާ ގެއަށް އައީ ހަމައެކަނި ހިތުގެ ހިތްހަމަޖެހުމަށްޓަކައެވެ. އެވަގުތުކޮޅު ގެއްލެން ނޭދޭތީއެވެ.

"ނެތް ގިނައިރެއް. އާދޭ އަވަހަށް ތި ބަދަލުކޮށްގެން" ނަޒާނަށް މާޝިތާ ބުންޏެވެ.

"މިއަދު ޔުނީފޯމުގަ ދިޔަ ދުވަހެއްދޯ" ތިއާ ބުންޏެވެ.

މަންޝާ ހިތަށް އެރިއެވެ. ފަހަތަށް އެނބުރި ބަލައިލާންވީ ހެއްޔެވެ؟ ނޫނެކެވެ. އޭރުން އެ އިންސާނާ މާބޮޑަށް ފޮނިވާނެއެވެ. އެންމެންގެ މެދުގައި ލަދުން މަރުވާފަދަ އެއްޗެއް ބުނެފާނެއެވެ. އެކަމަކު ނޭނނޭ ކަމަށް ހަދާފައި ބަލައިލެވިދާނެއެވެ. ދެފިކުރެއްގައި ހުރެފައި ފަހަތަށް އެނބުރި ބަލައިލިއެވެ. އޭނާއަށް ނަޒާން ނުފެނުނެވެ. އޭރު ނަޒާން ސިޑިން އަރައިގެން ގޮސްފިއެވެ. ބެލުނީތީވެސް އަމިއްލަ ނަފްސުދެކެ މަންޝާ ރުޅިއައެވެ. ކޮންމެހެން ބަލާކަށް ނުޖެހޭނެއެވެ. ނުފެނުނުކަންވެސް ނަސީބެކެވެ. ދެފަރާތަށް ބޯހޫރަލާފައި މަންޝާ ތިއާ ދެއްކި ގޮނޑީގައި އިށީނެވެ.

އިށީނދެގެން ތިބީ ހުރިހާ އަންހެނުން އެއްފަރާތު ފިރިހެނުން އެއްފަރާތުގައެވެ. ނަޔާ އާއި ޒަރޫކް އެކަކު އަނެކަކަށް ސިއްރު ނަޒަރުތައް ބަދަލުކުރަމުން ދިޔައެވެ. މަންޝާ އާ ދިމާލަށް ނީނދެވުނަސް ނަޒާންގެ ނަޒަރު ގިނަފަހަރަށް ހުންނަނީ މަންޝާއަށް ހުއްޓިފައެވެ. މީހުން ކައިރީގައި ތިބުމުން މަންޝާ އާ ވާހަކަދައްކާ ނުލެވޭނެތީ އޭނާ އިނީ މާޔޫސްވެފައެވެ. ނޭނގުމުގެ ތެރެއިންވެސް މަންޝާގެ ނަޒަރު ނަޒާނަށް ހުއްޓޭއިރަށް ނަޒާން ހީލައެވެ. ނޫނީ ބުމަ އަރުވާލާނެއެވެ. މީހެއްގެ ލޮލުގައި އަޅައިގަނެފާނެ ކަމަކަށް ނަޒާން ނުވިސްނައެވެ.

ރޯދަވީއްލާ ނިމިގެން ސޯފާގައި ކުޑައިރުކޮޅަކު ވާހަކަދައްކާލަން މަޑުކޮށްފައި ތަރާވީހަށް ދާން ބޭނުންވާތީ މަންޝާ އާއި ދިލްޝާދު އެގެއިން ނުކުތެވެ. ހަމަ އެވަގުތު ނަޒާންވެސް ބޭނުންވީ ދާށެވެ.

"ޕްލާސްޓަރުގަނޑު ނެގިޔަސް އަދި ޒާންގެ އަތް ރަނގަޅެއް ނުވާނެ ދަރިފުޅާ. މަންމައަށް އަދި ނުފެނޭ ދަރިފުޅު ސައިކަލު ދުއްވާކަށް" ކޮޓަރިއަށް ވަންނަދިޔަ މާޝިތާ ބުންޏެވެ.

"މިހާރު ރަނގަޅޭ މަންމާ. ސައިކު ދުއްވީމަވެސް އަތަށް ކަސްރަތޭ ލިބެނީ" ނަޒާން ބުންޏެވެ. އޭނާ ދުވަމުން ކަހަލަ ގޮތަކަށް ގެއިން ނުކުތެވެ. އޭނާ ނުދެވެނީސް މަންޝާ މަގަށް ނުކުމެދާނެ ކަމަށް އޭނާގެ ހަރަކާތްތައް އަވަސްކުރިއެވެ.

"ދިޔުމުގެ ކުރިން ޓޮއިލެޓަށް ވަދެވޭނެތަ؟" ޒަރޫކް ބުންޏެވެ. އޭނާ ވާހަކަދެއްކީ ނާޔާއާއެވެ. ނާޔާ ބޯޖަހާލިއެވެ. ނަޔާ އާ އެކުގައި ވަގުތުކޮޅެއް ހޭދަކޮށްލަން ޒަރޫކް ބޭނުންވަނީއޭ އޭނާއަށް ހީވިއެވެ.

"ދަރިފުޅާ ތިއާ. ޒަރޫކަށް ތިރީ ކޮޓަރި ފާހާނާ ދައްކަބަލަ" މާޝިތާ ބުންޏެވެ. ވަގުތުން ތިއާގެ ހަރަކާތްތަކަށް ހުއްޓުމެއް އަތުވެއްޖެއެވެ. އެކަން އެހެން މީހަކަށް ފާހަގަވުމުގެ ކުރިން އޭނާ ޒަރޫކަށް ދާންވީ މަގު ދައްކައިދިނެވެ. ތިއާގެ ފަހަތުން ޒަރޫކް ހިނގައިގަތުމުން ނާޔާ ސޯފާގައި އިށީނެވެ. ތިއާ ހުރުމުން ފަހަތުން ދާން އޭނާއަށް ނުކެރުނެވެ. ސިޑި ފަހަތުން ގޮސް ވައަތްފަރާތުން އެންމެ ފުރަތަމައަށް ހުރި ކޮޓަރި ކައިރީގައި ހުއްޓިފައި ތިއާ ތަޅުގައި ހިފިއެވެ.

"ހުޅުވާފަ މިހުރީ" ތިއާ ބުންޏެވެ.

އޭނާ ޒަރޫކަށް ބަލައިވެސްނުލައި ހިނގައިގަންނަން އުޅެނިކޮށް ހުއްޓެން ޖެހުނީ ޒަރޫކް ބުނެލި ޖުމްލައަކާއެކުގައެވެ.

"ވާހަކަދައްކާލަން މަޑުކޮށްނުލެވޭނެތަ؟"

ތިއާ ޒަރޫކަށް ބަލައިލީ ހިތްހަމަނުޖެހުމުގެ ނަޒަރަކުންނެވެ.

"ސޮރީ... ސޮރީ... އެކަމަކު ޔަގީން އެދުވަސްތައް އެހާ ފަސޭހައިން ތި ހިތަކުން ނުފިލާނޭކަން"

ތިއާއަށް ވީ ނުބައި ގޮތެކެވެ. އެ ފިރިހެނާ އެންމެފަހުން އަނގަވެސް ފެޅީއެވެ. ޒަރޫކަށް ރައްދުދޭން އެތަނުގައި ހުރުން ބުއްދިވެރިގޮތެއް ކަމަށް ތިއާއަށް ނުފެނުނެވެ. ހަމަ އަޅާވެސްނުލައި އޭނާ ހިނގައިގަތީ އެހެންވެއެވެ.

"ހުރިހާ އެއްޗެއްވެސް ވަރަށް މީރު. އަދިވެސް ރަހައަކަށް ބަދަލެއްނާދޭ" ޒަރޫކް ތަންކޮޅެއް ބާރަށް ބުންޏެވެ. އެ އަޑު އިވުނީ އެދިމާލަށް އައި ނާޔާއަށެވެ. އޭނާއަށް އުފަލުން ހިނިތުންވެވުނެވެ.

*******

އޮފީސް ފަރާތުން ބޭއްވި ރޯދިވީއްލުން ކުރިއަށް ގެންދިޔައީ އޮފީސް ތެރޭގައެވެ. 43 މުވައްޒަފުން ހިމެނޭ އެ އޮފީހުގައި މަސައްކަތްކުރާ ހުރިހާ މީހުންގެ އިތުރުން ބައެއް މުވައްޒަފުންގެ އާއިލާ އާއި ދަރިން އެ ރޯދަވީއްލުމުގައި ބައިވެރިވިއެވެ. ކަންދިމާކުރިގޮތުން ނަވާލަށް އިންނަން ޖެހުނީ މަންޝާ އާއި ޝައިހާނާ ގާތްގަނޑަކަށް ކުރިމަތިވާގޮތަށެވެ. ނަވާލްގެ މޫނުމަތީގައި އެއްވެސް ކަހަލަ އަސަރެއް ނެތެވެ. މަންޝާ އާއި ޝައިހާންވެސް އެކަކު އަނެކަކާ ސަމާސާކުރަމުން ދިޔައެވެ.

"ކާކުބާ މި އޮފީހުން ދެން އެންމެ އަވަހަށް މެރީކުރާނީ؟" ޖައުފަރު ބުންޏެވެ. ޖައުފަރަކީ އޮފީހުގެ މުވައްޒަފުންނާ ގުޅޭ އެކުވެރި ވެރިޔެކެވެ. އޭނާގެ އެކުވެރިކަން މުވައްޒަފުންނާ މެދުގައި އޮންނަ ވަކި ހަމައެއްގެ ތެރޭގައެވެ. މުވައްޒަފެއްގެ ފަރާތުން ހިތްހަމަނުޖެހޭ ކަމެއް ފެނިއްޖެނަމަ އޭނާ އެ މުވައްޒަފަކާ ވާހަކަދައްކައެވެ. އަނގަބަހުން ނަސޭހަތްދިނުމަށްފަހު ދެވަނަ ފަހަރަށް ލިޔުމުން އިންޒާރުދެއެވެ. ތިންވަނަ ފަހަރަށް އެ މުވައްޒަފަކު ޖެހޭނީ ވަޒީފާ ދޫކޮށްލާށެވެ.

"ނަވާލާ ތިސުވާލުކޮށްބަލަ" ޝައިހާން ބުންޏެވެ.

"ވަޓް...؟" ނަވާލް ސިހުނެވެ. ޝައިހާން އެފަދަ އެއްޗެއް ބުނުމުން އޭނާ ހިތްހަމަނުޖެހުނެވެ. ރުޅިވެސްއައެވެ. އެހެންނަމަވެސް އެ އުފާވެރި މާހައުލު އޭނާގެ ސަބަބުން ހަރާބުވިޔަ ނުދިނުމަށް ނިންމައިގެން ހިމޭނުން އޭނާ އިނެވެ.

"މި އޮފީސް ހުރިހާ މީހުން މެރީކުރާ ތާރީހު އަޅުގަނޑަށް އެނގެންވީ ސަބަބެއް ނޭނގޭ. ވެދާނެއްނު ޝައިހާން އެކަމާ އުޅެނީ ކަމަށް"

ޝައިހާންގެ އެ އަމަލުން މަންޝާ ހިތްހަމަނުޖެހުނެވެ. އޭނާ އިންގޮތުން ޝައިހާނަށް އެހެން ހީވިއެވެ. އަނގައިން އެޖުމްލަ ބޭރުނުވިނަމައޭ ޝައިހާންގެ ހިތަށް އެރިއެވެ. މަންޝާ ހިތްހަމަނުޖެހިއްޖެކަން އެނގުމުން ޝައިހާންގެ މުޅި ދުވަސް ޚަރާބުވިއެވެ.

"މަޑުކޮށްބަލަ ޝައިހާން" ރޯދަވީއްލުން ނިންމާފައި އޮފީސް ތެރެއިން މުވައްޒަފުން މަދުވެ ޝައިހާން ނުކުންނަން ދަނިކޮށް ނަވާލް ގޮވާލިއެވެ. ނަސީބަކުން ސައި ކޮޓަރީގައި ދެ ޒުވާނުންގެ އިތުރުން ދެތިން މީހަކު ފިޔަވައި އިތުރު ބަޔަކު ނެތެވެ.

"ކަލޭ ކީކޭ ކިޔަން ތިއުޅެނީ. މި އޮފީހުގަ އުޅުނަސް ކަލޭ ކުރާ ކަންކަމާ އަހަރެން ބެހެންތަ؟ ކަލޭ ބޭނުންވާ މަގާމު ކަލެއަށް ލިބިއްޖެއްނު. ޖައުބެ އަހަރެން ކަލެއަށް ވުރެ މައްޗަށް ޖައްސާލީމަތަ ނޫނީ ކަލެއަށް ވުރެ ކުރިން މަންޝާ އަހަރެންނާ ރައްޓެހިވީމަތަ؟" ނަވާލް ބުންޏެވެ. ހުރިހާ މީހުންގެ ތެރޭގައި އެގޮތަށް ޝައިހާން ބުނުމުން ނަވާލް ހުރީ ހިތްހަމަ ނުޖެހިފައެވެ.

"ހޮއެހޮއެ.... މަންޝާގެ ނަން ކިޔާނުލާ ކެތެއްނުވޭ ދޯ" މަލާމާތުގެ ރާގަކަށް ޝައިހާން ބުންޏެވެ. ނަވާލް ދެފަރާތަށް ބޯހޫރާލިއެވެ. ޝައިހާން ޒުވާބުގަނޑެއް އުފައްދަން މަސައްކަތްކުރާހެން އޭނާއަށް ހީވިއެވެ. އެހެންނަމަވެސް ނަވާލް އެ ފުރުސަތެއް ޝައިހާނަށް ނުދޭނެއެވެ. އޭނާއަކީ މީހުންނާ ޒުވާބުކޮށް އަނގަ ހަޑިކުރާނެ މީހެއް ނޫނެވެ.

"އަހަރެންގެ ހަޔާތަށް އަންނަހުރި އިންސާނާ ހެއްދެވިފަރާތުން އަންބެއްގެ ގޮތުގަ އަހަރެންނަށް ދެއްވައިފި. ދުވަހަކުވެސް އަހަރެން އިތުރު އަންހެނަކަށް ނުނިޔަތެއްގަ ބަލައެއްނުލާނަން. އެކަން ކަލެއަށް ނޭނގި އޮވެދާނެތީ މައުލޫމާތަށްޓަކައި ބުނެލީ" ނަވާލް ބުންޏެވެ. ނަވާލް ހިނގައިގަތުމުންވެސް ޝައިހާން ހުރީ މަލާމާތުގެ ހިނިތުންވުމެއް ތުންފަތަށް ވެރިކުރުވައިގެންނެވެ.

"އޭ ކުރިން މަންޝާ އުޅުނީ ނަވާލާ ތަ ރައްޓެހިވެގެން. ހީވެސްނުވޭ އެމީހުން އުޅުނު ގޮތުން" ޝައިހާން ކައިރީގައި ހުއްޓުނު ލަމްހާ ބުންޏެވެ. އެ އަޑު ނަވާލަށްވެސް އަދި އިތުރު ދެ އަންހެންކުދިންނާއެކު ސައި ކޮޓަރިއަށް ވަންނަން އައި މަންޝާއަށްވެސް އިވުނެވެ.

"މަޑުކޮށްލެވިދާނެތަ؟" ނަވާލް ބުންޏެވެ.

ދެއަންހެންކުދިން އެތެރެއަށް ވަނުމުން މަންޝާ މަޑުކޮށްލިއެވެ. ނަވާލާ ދިމާލަށް އެދަނޑިވަޅުގައި އެއްޗެއް ބުނެވެން މަންޝާއަށް ނެތެވެ. ގޯސް ހެދީ ޝައިހާން ކަން މަންޝާއަށް އެނގެއެވެ. މަންޝާ ސައިކޮޓަރިއަށް ވަންނަން އައިކަން ޝައިހާނަށް އެނގުނީ ލަމްހާގެ ފަރާތުންނެވެ. އޭނާ ބޭރަށް ނުކުމެ ދެފަރާތް ބަލައިލިއެވެ. ސިޑިކައިރީގައި ނަވާލް ކައިރީގައި ހުރި މަންޝާ ފެނުމުން ޝައިހާނަށް ވީ ނުބައި ގޮތެކެވެ. ދުރުދުރުގައި ފިޔަވަޅު އަޅަމުން ގޮސް ނަވާލްގެ ޓީޝާޓުގެ ގިރުވާނުގައި ދެއަތުން ހިފިއެވެ. މަންޝާ ހުޝިޔާރުވެ، ޝައިހާންގެ އަތް ނުނެއްޓިނަމަ ބޮޑު މައްސަލަގަނޑަކަށް ވީހެވެ.

"ބުނަންތަ ވާހަކައެއް. މަންޝާގެ ލޯބިވެރިޔާ މައިތިރިކުރޭ. މިފަހަރު އަހަރެން ޖައުބެ އާ ހަމައަށް މި މައްސަލަ ނުގެންގޮސް މި މަޑުކުރީ ތިއީ އަހަރެންގެ އަންހެނުންނާ ލޭގެ ގުޅުމެއް އޮތް މީހަކަށްވީމަ. ދެވަނަ ފަހަރަށް އެދަރަޖައަށް އޭނަ ވެއްޓިއްޖިއްޔާ މިތަން ކީއްކުރަން ފުލުހުންނާ ހަމައަށްވެސް އަހަރެން ދާނަން" ނަވާލް ބުންޏެވެ.

ދެން ޓީޝާޓް ރީތިކޮށްލާފައި ސިޑިން ފައިބައިގެން ދިޔައެވެ. މަންޝާ ޝައިހާނަށް ބަލައިލީ ހިތްހަމަނުޖެހިފައެވެ. އޭނާ ޝައިހާންދެކެ ވަރަށް ރުޅިއައެވެ. އޮފީސްތެރޭގައި ކަމަށްވުމުން ޝައިހާނަށް އެއްޗެއް ނުބުނެ މަންޝާ ހިޔާރުކުރީ ހިމޭންކަމެވެ. ހިތްހަމަނުޖެހިފައި ޝައިހާނަށް އިރުކޮޅަކު ބަލަހައްޓައިގެން ހުރުމަށްފަހު މަންޝާ ހިނގައިގަތެވެ.

"މަން... އޭ.... މަންޝާ... މަޑުކޮށްބަލަ" ޝައިހާން މަންޝާ ފަހަތުން ދިޔައެވެ.

********

އޮފީސް ގަޑީގައި ނަމަވެސް ދޭތެރެއަކުން ކޮފީއެއް ބޯލުމަށް ކޮފީ ކޯނާއަށް އަބަދުވެސް ނަޒާން ދެއެވެ. އެގާރަ ގަޑި ބައިގައި އޮފީސް ނިމޭއިރު އޭނާ އާދައިގެމަތިން ކޯނާއަށް ދިޔައީ ދިހައެއްޖަހަން އުޅެނިކޮށެވެ. އާންމުކޮށް އެގަޑިއަށް މަސައްކަތްތައް ގާތްގަނޑަކަށް ހުންނަނީ ނިމިފައެވެ. އޭނާ ކޯނާއަށް ދަމުން އެހެން ޑިޕާޓްމަންޓެއްގައި މަސައްކަތްކުރާ ލަޔާނަށް ގުޅިއެވެ. ކޯނާގައި ކޮފީ ހަދަން ޖެހެނީ އަމިއްލައަކަށެވެ. އެއީ އޮފީސް ތެރެއިން ހަދާފައި ހުންނަ ތަނަކަށްވާތީ ކޮފީ ބުއިމަށް ބޭނުންވާ ސާމާނު އަބަދުވެސް އެތަނުގައި ހުރެއެވެ. ލަސްލަހުން ކޮފީބޮމުން ދިޔަ ނަޒާން ބަލައިލީ ލަޔާން އައިސް އިށީނުމުންނެވެ. ލަޔާނާ އެކުގައި ހުރި އަންހެންކުއްޖާ ނަޒާނަށް ފެނުމުން ހީލިއެވެ.

"މިއީ ކީއްކުރަން ގެނައި މީހެއް" ނަޒާން ބުންޏެވެ.

އޭރު ލަޔާނާއި ނަޒާނާ ދެމެދުގައި ހުރި ގޮނޑީގައި ހައިކާ އިށީނދެއްޖެއެވެ. ހައިކާއަކީ ވެސް ފުލުހެކެވެ. އޭނާ މަސައްކަތްކުރަނީ ލަޔާނާ އެއް ޑިޕާޓްމަންޓްގައެވެ. ދެ ޑިޕާޓްމަންޓްވެސް ހުންނަނީ އެއް ފަންގިފިލާގައެވެ. އެހެންކަމުން ގިނައިން އުޅެނީ ދެ ޑިޕާޓްމަންޓްގައި އުޅޭ މުވައްޒަފުން މަސްހުނި ވެގެންނެވެ. ހައިކާއަކީ ދޮންކޮށް ދިގުކޮށް ހުންނަ ކުއްޖެކެވެ. ގާތްގަނޑަކަށް އިސްކޮޅުން ނަޒާނާ އެއްވަރެވެ. ހައިކާ އާއި ނަޒާންގެ އެކުވެރިކަން އުފެދުނީ ފުލުހުންގެ ޓްރެއިނިން ހަދަން ގޮސް އުޅުމުގެ ތެރޭގައެވެ. ހަތަރު މަސް ދުވަހުގެ ކޯސް ފުރިހަމަކޮށްގެން އައި އިރު ހައިކާގެ ހިތް ވަނީ ނަޒާނަށް ދީފައެވެ. ނަޒާނަށް އޭނާ ލޯބި ހުށަހެޅީ މާލެ އެނބުރި އައި ފްލައިޓް މަތީގައެވެ. އެއީ ރައްޓެހި އެހެން ކުއްޖެއް ކުރި ޑެއާ އަކަށެވެ. ކުއްޖަކާ ރައްޓެހިވުމުގެ ވިސްނުން އޭރު ނެތުމުން ނަޒާން ހައިކާގެ އެ ހުށަހެޅުން ގަބޫލުނުކުރިއެވެ. އޭނާ އެކަން ނެގީ ސަމާސާއަކަށެވެ. އެހެންނަމަވެސް އެދުވަހުން ފެށިގެން ތަފާތު އެތައް ފަހަރަކު ހައިކާ ވަނީ ނަޒާންގެ ލޯތްބަށް އެދިފައެވެ. އޭނާ ފަހުފަހަރަށް ހައިކާއަށް ޖަވާބުދިނީ ހިތްހެޔޮކަމާއި ހިނިތުންވުމަކާ އެކުގައެވެ. ހައިކާ ހިތުގައިނުޖެހޭނެހެން އޭނާއަށް ހައިކާއަށް ޖަވާބެއްދެވެން ނެތް ކަމަށް ބުންޏެވެ. އަދި އޭނާއަށް ހައިކާދެކެ ލޯބިނުވެވޭ އިރު ހައިކާގެ ހިތްހަލާކުކޮށްލަން މަޖާކުރަން ވަގުތު ހޭދަކުރަން ބޭނުންނުވާކަމަށް ބުންޏެވެ. އެދުވަހުގެ ފަހުން ހައިކާ އާ އޭނާ އާ ދެމެދުގައި އޮތީ އެކުވެރިކަމެކެވެ.

(ނުނިމޭ)

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟