އއ. ތޮއްޑޫގެ ގޮނޑުދޮށް ހިމަޔާތްކުރުމުގެ މަޝްރޫއު ބަޔަކާ ހަވާލުކޮށްފިއެވެ.
ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީން އެ މަސައްކަތް ހަވާލުކުރީ ސާސް-އީ ކޮމްޕެނީއާއެވެ.
އެކަމުގެ އެއްބަސްވުމުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލް ފާތުމަތު ޝާނާ ފާރޫގުއެވެ. ސާސް-އީ ކޮމްޕެނީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ސައުދުﷲ އަހްމަދުއެވެ.
ޕްލޭނިން މިނިސްޓްރީން މިއަދު ބުނީ، ތޮއްޑޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު ސާސް-އީ ކޮމްޕެނީއާ ހަވާލުކުރީ 20،338،480.63 ރުފިޔާއަށް 365 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ކަމަށެވެ.
މި މަޝްރޫއުގެ ދަށުން 750 މީޓަރުގެ ޖިއޯޓިއުބް ރިވެޓްމަންޓެއް ގާއިމްކުރުމާއި 17،000 ކޮޑިމީޓަރުގެ ވެލިން ގޮނޑުދޮށް މުއްސަނދިކުރުން ހިމެނެއެވެ.