ކުޑަކުދިން ބައިވެރިކުރުވުން މަނާ މަސައްކަތްތައް މަދުކޮށް، ކުޑަކުދިން ލައްވާ ކުރާ ބައެއް ކަންކަން ސުޕަވައިޒް ކުރާނެ ފަރާތެއްގެ ދަށުން ކުރުމަށް ހުއްދަ ދީ، ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ އާންމު ގަވާއިދަށް އިސްލާހު ގެނެސްފިއެވެ.
ޖެންޑާ މިނިސްޓްރީން މީގެ ކުރިން އެކުލަވާލާފައިވާ ގަވާއިދުގައި ކުޑަކުދިން ބައިވެރި ކުރުން މަނާ 17 ކަމެއް ފާހަގަކޮށްފައިވާ އިރު، އިއްޔެއިން ފެށިގެން އަމަލުކުރަން ފެށި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާ ބެހޭ ގަވާއިދުގެ އިސްލާހާއެކު ވަކި އުމުރުފުރައެއްގެ ކުދިން ބައިވެރި ކުރެވޭނެ މަސައްކަތްތައް ވަނީ ފާހަގަކޮށްފައެވެ.
- ނުރައްކާތެރި ކެމިކަލްތަކާއި ގޮވާތަކެތި އުފުލުމާއި އެ ތަކެތި ރައްކާކުރުމާއި ހިފައި ގެންގުޅުމާއި އެއް ތަނުން އަނެއް ތަނަށް ގެންދިއުމުގެ މަސައްކަތްތައް
- ތެލާއި ޕެޓްރޯލު ފޯރުވުމުގެ އަމަލީ މަސައްކަތްތައް
- ސިނގިރޭޓާއި ދުންފަތުގެ އެހެނިހެން ބާވަތްތަކާއި ވޭޕިން ފަދަ އެއްވެސް ބާވަތެއް ވިއްކުމުގެ އަމަލީ މަސައްކަތްތައް
- ދިވެހިރާއްޖޭގައި ހިންގާ ބަނދަރެއްގައި ކުރާ މަސައްކަތުގެ ތެރެއިން ބަނދަރުގައި ކުރާ ހެވީ މެޝިނަރީ އޮޕަރޭޝަންސް ފަދަ ބާވަތްތަކުގެ މަސައްކަތްތައް
- ސަފާރީތަކާއި ޔޮޓުތަކުގައި ކުރާ ހުރިހާ ބާވަތެއްގެ މަސައްކަތްތައް
- ކޮންސްޓްރަކްޝަންގެ މަސައްކަތްތަކުގެ ތެރެއިން ރޭނުމާއި ސިމެންތި ޖެހުން ފިޔަވައި އެހެން މަސައްކަތްތައް
- ދިވެހިރާއްޖޭގެ އެއްވެސް ގާނޫނެއްގައި ނުވަތަ ގަވާއިދެއްގައި މަނާކޮށްފައިވާ މަސައްކަތެއް ނުވަތަ އިސްލާމްދީން މަނާކުރާ މަސައްކަތްތައް
ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާ ބެހޭ ގަވާއިދަށް އަލަށް ގެނައި އިސްލާހުގައި 16 އަހަރު ފުރިވާ ކުދިން ބައިވެރިކޮށްގެން ބައެއް މަސައްކަތްތައް ކުރެވޭނެ ކަމަށް ބަޔާންކޮށްފައިވެއެވެ. އެހެން ނަމަވެސް އެ މަސައްކަތްތައް ކުރެވޭނީ، އެކަންކަން ބަލާނެ ފަރާތެއްގެ ދަށުން ކަމުގައި ވަނީ ބުނެފައެވެ.
- ކޮންސްޓްރަކްޝަންގެ މަސައްކަތްތަކުގެ ތެރެއިން ރޭނުން، ސިމެންތިޖެހުން
- ގަރާޖާއި ވޯކްޝޮޕާއި ކާޕެންޓްރީ އާއި ވެއާހައުސްތަކުގައި ކުރާ އަމަލީ މަސައްކަތްތައް
- ދަތުރުފަތުރު ކުރުމުގެ ހިދުމަތެއް އަމަލީ ގޮތުން ކޮށްދިނުމުގެ މަސައްކަތްތައް
- މެކަނައިޒްޑްކޮށް ކުރެވޭ މަސްވެރިކަމުގެ މަސައްކަތްތަކުގެ ތެރެއިން ދެ ހަފުތާއަށްވުރެ ދިގު ނުވާނޭ ގޮތަށް ކަނޑުމަތީގައި ހޭދަވާ މަސައްކަތްތައް
- ދިވެހިރާއްޖޭގައި ހިންގާ ބަނދަރެއްގައި ކުރާ އިދާރީ މަސައްކަތްތަކާއި ޓެކްނިކަލް ބާވަތްތަކުގެ މަސައްކަތްތައް
- އެއްވެސް ބާވަތެއްގެ ކާނާއެއްގެ ފުޑް ޕްރޮސެސިން މަރުޙާލަތަކުގައި ހިމެނޭ މަސައްކަތްތައް
- އެއްވެސް ބާވަތެއްގެ ދިރޭ އެއްޗެއް ގެންގުޅެ، އެ ތަކެތި އާލާކުރުމުގެ މަސައްކަތް ކުރާ ތަނެއްގައި، އެފަދަ ދިރޭ އެއްޗެއްހި ބެލެހެއްޓުމާ ގުޅޭ މަސައްކަތްތައް،
މި ގަވާއިދުގައި މަނާކޮށްފައިވާ މަސައްކަތްތަކުގެ ތެރެއިން މަސައްކަތެއް ކުޑަކުދިން ލައްވައި ކޮށްފިނަމަ، ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ވަނީ ބުނެފައެވެ. އަދި 16 އަހަރު ފުރިފައިވާ ކުދިން ބައިވެރިކޮށްގެން މަސައްކަތް ކުރުވޭނީ ވަޒީފާދޭ ފަރާތާއި ކުއްޖާގެ ބެލެނިވެރި ފަރާތާ ދެމެދު ވެވޭ އެއްބަސްވުމެއްގެ ދަށުން ބެލެނިވެރިޔާގެ އިއުތިރާޒެއް އެކަމުގައި ނެތްނަމަ ކަމަށްވެސް އެ ގަވާއިދުގައި ވަނީ ބުނެފައެވެ.
އޭގެ އިތުރުން ކުދިންގެ މަސައްކަތް ބަލާނެ ފަރާތެއް ކަނޑައަޅައި، އެކަން މޮނިޓާކުރުމުގެ އެންމެހައި ޒިންމާތަކެއް އުފުލަން ޖެހޭނީ ވަޒީފާ ދޭ ފަރާތުން ކަމަށްވެސް ގަވާއިދުގައި ބުނެފައިވެއެވެ.
ކުއްޖާގެ ބެލެނެވެރިޔާ އާއި ވަޒިފާ ދޭ ފަރާތުން ވެވޭ އެއްބަސްވުމުގައި، ކުއްޖާ ބައިވެރިކުރާ މަސައްކަތާއި ކުރަން ޖެހޭނެ މަސައްކަތުގެ ތަފުސީލު ހިމަނަންޖެހޭ އިރު، ކުއްޖާއަށް ސިއްހީ ކުއްލި ހާލަތެއް ދިމާވެއްޖެނަމަ، އަމަލުކުރާނެ ގޮތުގެ ތަފުސީލުވެސް ހިމަނަން ޖެހެއެވެ.
އޭގެ އިތުރުން ކުއްޖާއާ ގުޅިގެން އެންމެހާ ކަންކަމުގައި ބެލެނެވެރި ފަރާތާއި ވަޒިފާ ދޭ ފަރާތުން މުއާމަލާތް ކުރާނެ ގޮތާއި މުއާމަލާތް ކުރާނެ ފަރާތެއް ކަނޑައަޅަންޖެހެއެވެ. އަދި ކުއްޖާ ބައިވެރި ކުރުވާ މަސައްކަތުން ކުއްޖާ އަށް ލިބޭނެ ފައިދާތަކާއި ލިބޭނެ އިނާޔަތްތަކުގެ ތަފުސިލާއި މި މަސައްކަތުގައި ކުއްޖާ ބައިވެރިކުރުމަށް ބެލެނެވެރިޔާގެ އިއުތިރާޒެއް ނެތްކަން، މި އެއްބަސްވުމުގައި ހިމަނަން ޖެހޭނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު