ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އއ. މަތިވެރީގައި ސެލްފް ސާވިސް އޭޓީއެމް އެއް ހުޅުވައިފިއެވެ.
ބީއެމްއެލުން މުޅި ރާއްޖެއަށް ބޭންކިން ހިދުމަތް ފުޅާކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން މަތިވެރީގައި ހުޅުވި އޭޓީއެމް މެދުވެރިކޮށް 24 ގަޑިއިރު ފައިސާ ނެގުމުގެ އިތުރުން ފައިސާ ޖަމާކުރުމާއި ބިލަށް ފައިސާ ދެއްކުމާއި ޓްރާންސްފާ ކުރުމުގެ ހިދުމަތް ލިބިގެންދާނެއެވެ.
ބީއެމްއެލުން ބުނީ,މ މަތިވެރީގައި ހުޅުވި އޭޓީއެމް އާއެކު މި ވަގުތު އއ. އަތޮޅު ރަސްދޫގައި އެ ބޭންކުގެ ބްރާންޗެއްގެ އިތުރުން ތޮއްޑޫ އަދި އުކުޅަހުގައި އޭޓީއެމް އެއް ބަހައްޓައި ހިދުމަތްދެމުންދާ ކަމަށެވެ.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ކާލް ސްޓުމަކް ވިދާޅުވި ގޮތުގައި އަލަށް ހުޅުވި ސެލްފް ސާވިސް ބޭންކިން ސެންޓަރު މެދުވެރިކޮށް މަތިވެރި ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ އެ ބޭންކަށް ލިބޭ އުފަލެކެވެ.
އަދި އެ އޭޓީއެމް ސެންޓަރު މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް އެންމެ ކައިރީ ބްރާންޗަށް ދަތުރުނުކޮށް ފަސޭހަކަމާއެކު ބޭންކިން ހިދުމަތް ލިބިގެންދާނެ ކަމަށް ވިދާޅުވިއެވެ.
"އެންމެ ބޮޑު ބޭންކިން ވިއުގައާއެކު މިހާރު މުޅި ރާއްޖޭގައި އަޅުގަނޑުމެންގެ 140 އޭޓީއެމް މެދުވެރިކޮށް ހިދުމަތް ފޯރުކޮށްދެވޭ ކަމަކީ އަޅުގަނޑުމެން ފަހަރުވެރިވާ ކަމެއް," ސްޓުމަކް ވިދާޅުވިއެވެ.