"ރޯދަ މަސް ނިމުމާއެކު އަހަރެން މެރީކުރާނަން. ޕްލީޒް... ތިހެން އަހަރެންނަށް ފޯސްނުކޮށްބަލަ. އަހަރެން ނަވާލްގެ ދޮންބެ އާ ބައްދަލުވި އިރުވެސް އުޅުނީ ކުއްޖަކާ ރައްޓެހިވެގެން. އަހަރެން ހުހަށް ހުރިނަމަވެސް އަހަރެންނަށް އާއެނކޭ ނުބުނެވޭނެ. ސަބަބުތައް ބައިވަރު"
"ކާކު ހުރަސްއަޅަނީ. އަހަރެންތަ؟" ނަޒާން އެހިއެވެ.
މަންޝާ އެއްޗެއް ނުބުނެއެވެ. އޭނާ އިސްޖަހައިގެން އިނެވެ. ނަޒާން މަންޝާގެ މޫނަށް ބަލައިލިއެވެ. އެހިނދުކޮޅު މަންޝާ ހަތަރުކަޅި ހަމަކޮށް ނަޒާނަށް ބަލައިލިއެވެ. މަންޝާގެ ދެލޮލުގެ ތެރޭގައި ވިދަމުންދިޔަ ކަރުނަތައް ފެނިފައި ނަޒާން ހުއްޓުން އެރިއެވެ. ހީވީ ދުލުގައި ތަޅެއްލެވުނު ހެންނެވެ. މޭޒުމަތީގައި ހުރި ޓިޝޫ އެތިން ދެތިން ޓީޝޫ ދަމާލާފައި މަންޝާއަށް ދިއްކޮށްލިއެވެ. އެ ޓިޝޫގައި މަންޝާ ހިފިއެވެ.
"އަހަރެން ގަސްތުގައި މަން ނުރޮއްވާނަން. އެފަދަ ކަމެއް އަހަރެންނަށް ކުރެވުނިއްޔާ ވަރަށް ބޮޑަށް ސޮރީ" ނަޒާން ބުންޏެވެ.
"އެވަރުކަމެއް ނޫން. އަހަރެންނަށް... މާޒީ ހަނދާންވީ" މަންޝާ ބުންޏެވެ.
"އަހަރެންގެ ސަބަބުންތަ؟ ވާއު... ހާދަ ބޮޑު އުފަލެކޭ ތިދިނީ" ނަޒާން ބުންޏެވެ. އެބުނި އެއްޗެއް މަންޝާއަށް ފަހުމު ނުވިއެވެ. އޭނާ ދެލޯ ވަށްކޮށްލަމުން ނަޒާނަށް ބަލައިލިއެވެ.
"އަހަރެންގެ އަތްތިލައިގައި ހިފަހައްޓަބަލަ" މަންޝާއަށް އަތްދިއްކޮށްލަމުން ނަޒާން ބުންޏެވެ.
"އެކީއްކުރަން؟" މަންޝާ ބުންޏެވެ.
އެވަގުތު އެއީ އޯޑަރު ކުރި ކޮފީ އާއެކު ވެއިޓަރަކު އައި ވަގުތެވެ.
"ދެން ހިފާބަލަ. ބިޓު ރުޅިއަންނާނެތަ؟.... އޯކޭ.... މަން އަހަރެންނާމެދު އަހަރެންދެކޭ ނަޒަރަކުން ނުދެކޭ. އަހަރެން މިއީ ނަވާލްގެ ދޮންބެ. އެހެންނު. ހިފާބަލަ.... ހަމަތެދެއް މިބުނީ. އެއީ އަހަރެންނަށް ލިބޭނެ ވަރަށް ބޮޑު އުފަލެއް. އެވަރުގެ ކުޑަކުޑަ އުފަލެއްވެސް އަހަރެންނަށް ނުދެވޭނެތަ؟"
މަންޝާ ހީލިއެވެ. ދެވުނީ ނުބައި ސިގްނަލެއްކަން އެނގުމުން އިސްޖަހާލާފައި ތުންފަތުގައި ދަތްއަޅާލިއެވެ. އޭނާ ސިއްރުކުރަން އުޅުނަސް ހުރިހާ ހަރަކާތެއް ނަޒާނަށް ފެނުނެވެ. ފުރަތަމަ ފަހަރަށް މަންޝާގެ ފަރާތުން އެފަދަ ކަމެއް ފާހަގަވުމުން ނަޒާނަށް ކުރެވުނީ މުޅިން ތަފާތު އިހުސާސެކެވެ.
"ކިހިނެއްވީ؟" ހީލަބަލަ. އެއީ މައްސަލައެއް ނޫނޭ. އަހަރެން އުފާވެއްޖެ އަހަރެންގެ ސަބަބުން މަން އުފާވާވަރުގެ ކަމެއްވީމަ" ނަޒާން ބުންޏެވެ.
"ސީރިޔަސްލީ. އަހަރެން ހިތަށް އަރަނީ އަހަރެން ކައިރީގަ އެކަނިހޭ ތިކަހަލަ ވާހަކަދައްކަނީ. މީގެކުރިން ހަމަ އެއްވެސް އަންހެންކުއްޖެއް ކައިރީގަ ނުދައްކަންތަ؟" މަންޝާ ބުންޏެވެ.
"ގަބޫލެއް ނުކުރެވޭދޯ. އުޅޭ އަންހެންކުއްޖެއް. ހައިކާ. އަހަރެންނާ ހެދި މޮޔަވެފަ. އެކަމަކު އަހަރެންގެ ޝައުގެއް ނެތް. މިހާރުވެސް އަހަރެންގެ އެންމެ އިޝާރާތަކަށް ހުންނާނީ ތައްޔާރަށް. އަޅެ ސާބިތުކޮށްދެންތަ؟ އަހަރެން ހަމަ ގުޅާލާއިރަށް އަންނާނެ" ނަޒާން ބުންޏެވެ.
"ހެޔޮ. ދެން އަސްލު މިރޭ އަހަރެން ތިގެނައީ ކީއްކުރަން" މަންޝާ ބުންޏެވެ.
"ތިމޫނު ދެކިލާ ހިތުން. އަޑުއަހާލާ ހިތުން. އެކުގަ ވަގުތުކޮޅެއް ހޭދަކޮށްލަން ބޭނުންވި ވަރުން. ތި ހަށިގަނޑުން ދުވާ މީރު ވަހަށް އަހަރެންގެ ނޭފަތް ހޭނިއްޖެ. އަހަރެން ބޭނުންވި އެންމެ ކަމެއް މިރޭ އަހަރެންނަށް ނުވި" ނަޒާން ބުންޏެވެ.
މަންޝާ ދެފަރާތަށް ބޯހޫރާލިއެވެ. ނަޒާން ދައްކާ ވާހަކަތައް އޭނާ ހިތަށް އުފާވެރިކަމެއް ގެނުވިއެވެ. ދެރަވެސްވިއެވެ. ނަޒާން އެހާވަރުން އެ އުޅެނީ ކީއްވެގެން ހެއްޔެވެ؟ ހަމަ ރަނގަޅަށްވެސް ނަޒާންގެ ދުލުން ބޭރުއެވާ ކޮންމެ ލަފްޒަކީ ހަގީގަތެއް ހެއްޔެވެ؟ އެކަމަކު ނަޒާނަށް ނުވިސްނެނީ ހެއްޔެވެ؟ އަހަރެން މީހަކާ އިންނަން އުޅޭ ވާހަކަ ނަޒާން ސީރިޔަސްކޮށް ނުނަގަނީ ހެއްޔެވެ؟ ނަޒާން މަޖާކުރަނީ ހެއްޔެވެ؟ ފޫހިފިލުވަނީ ކަންނޭނގެއެވެ. އެއީ ކޮންމެ ފިރިހެނެއްގެ ވެސް ގޮތެވެ. ނަވާލްވެސް އޭނާ ބޭނުންކުރީ މަދު ވަގުތުކޮޅެއްގެ ފައިދާ ނެގުމަށެވެ. ވީއިރު ވަކި ނަޒާން ތެދެއް ބުނެފާނޭ ކަމަކަށް ގަބޫލުކުރަންވީ ކީއްކުރަން ހެއްޔެވެ؟ ދަބަހުގައި އޮތް ފޯނު ރިންގުވާން ފެށުމުން ބަލައިލިއެވެ. ގުޅަނީ ޝައިހާނެވެ. ފޯނަށް ބަލައިލާފައި އޭނާ ދެން ބަލައިލީ ނަޒާންގެ މޫނަށެވެ.
"ބިޓު ދޯ. ނަގާބަލަ" ނަޒާން ބުންޏެވެ. މަންޝާ ދެބުމަ ގޮށްޖަހާލިއެވެ. އެއީ ޝައިހާންގެ ކޯލެއްކަން ނަޒާނަށް އެހާ ފަސޭހައިން އެނގުނީ ކިހިނެއް ހެއްޔެވެ؟
"އަހަރެން ގެއަށްދާން ބޭނުން" މަންޝާ ބުންޏެވެ.
"ހިނގާ" ނަޒާން ބުންޏެވެ. އިތުރަށް މަންޝާ ހިފަހައްޓަން އޭނާ ބޭނުމެއްނުވިއެވެ.
ރެސްޓޯރެންޓުން ނުކުންނަން އައީ ދެކުދިން އެކުގައެވެ. ގޭޓާ ހަމައިން ހުއްޓިފައި ކުރީގައި ހުރި މަންޝާއަށް ނަޒާން ގޮވާލިއެވެ.
"ސައިކުގަ ދާނަން ދޯ" ނަޒާން ބުންޏެވެ.
"ނޫން"
ނަޒާން ހީލައިފިއެވެ. މަންޝާ އާ ކުރާ ކޮންމެ ސުވާލެއްގެ ޖަވާބު އަންނާނެ ގޮތް ސުވާލު ކުރުމުގެ ކުރިން އޭނާއަށް އެނގެއެވެ.
"ދެގޮތް އޮތީ. އެއްގޮތަކީ އަހަރެންނާ އެކުގަ ސައިކު ގެއަށް ދިޔުން. އަނެއްގޮތަކީ އަހަރެންގެ އަތުގެތެރެއަށް ތިއަތްތިލަ ލުން. ހަމަ ވަރަށް ކުޑަ ވަގުތުކޮޅަކަށް"
މަންޝާ ވިސްނާލިއެވެ. ގެއަށް ދާން ބުނުމުން އެހާ ފަސޭހައިން ނަޒާން އެއްބަސްވި އިރުވެސް މިކަހަލަ ހިސާބެއްގަ އޭނާ ހިފަހައްޓާނެކަން އެނގެއެވެ. ކޮންމެގޮތެއް ވިޔަސް ނަޒާންގެ ސައިކަލު ފަހަތަށް އަރަން މަންޝާއަށް ނުރުހެވެއެވެ. އެހެންކަމުން އޭނާ ނަޒާނަށް ބަލައިލިއެވެ. ނަޒާން ދެލޯ އަރުވާލުމާއެކު އެހެންދިމާލަކަށް ނަޒަރު ބަދަލުކޮށްލިއެވެ. ދެން ނަޒާން ދިއްކޮށްލާފައި އޮތް އަތުގެ ތެރޭގައި އޭނާގެ އަތްތިލަ ބޭއްވިއެވެ. ނަޒާންގެ އަތްތިލައިގެ ހުދުހަމުގައި އަތްތިލަ ޖެހުމާއެކު މަންޝާ އުޅުނީ އަތް ތިރިކޮށްލާށެވެ. އެކަމަކު އޭގެކުރިން މަންޝާގެ އަތްތިލައިގައި ނަޒާން ބާރަށް ހިފަހައްޓާލައިފިއެވެ. އިތުރަށް މަންޝާއަށް އެއްޗެއް ނުބުނެވިގެން އުޅެނިކޮށް އެ އަތްތިލައިގައި ނަޒާން ބޮސްދީފިއެވެ. މަންޝާ އަތްދަމައިގަތީ ދެނެވެ.
"ގުޅާނަން" މަންޝާ އެނބުރުމާއެކު ނަޒާން ބުންޏެވެ. މަންޝާ ޖަވާބެއްނުދިނެވެ. ނުގުޅާށޭ ބުންޏަސް ނަޒާން މައިތިރިނުވާނެ ވިއްޔާއެވެ.
***********
ތިއާ ބޭރަށް ނުކުތްއިރު ގޭތެރެއިން އިތުރު މީހަކު ފެންނަން ނެތެވެ. ނަވާލް އޮފީސް ކަމެއްގައި ބޭރަށް ނުކުތްފަހުން އިރުކޮޅެއްވެއްޖެއެވެ. ބަދިގެއަށް ވަދެ މޭޒުމަތީގައި ހުރި ހެދިކާ ތަށިން ބަޖިޔަލެއް ނަގައިގެން ކާލިއެވެ. ދެން އައިސް މައިލޯ ތަށްޓެއް އަޅައިގެން އައިސް މޭޒުކައިރީގައި އިށީނެވެ. ފޯނުން ގަޑި ބަލައިލާފައި އުޅުނީ މަންޝާއަށް ގުޅާލާށެވެ. ބަދިގޭ ދޮރުން ވަދެގެން އައި ނަޒާން ހުރީ ތުނބުން ލަވައެއްގެ ރާގު އަޅުވާފައެވެ. ތިއާ އިންކަމެއް އޭނާ ނުދެނަހުއްޓެވެ. ތިއާ ކަރުކެހިލުމާއެކު ސިހިފައި އަނގައަށް އެޅި ފެންތައް ދުއްވާލީ ބޭރަށެވެ.
"މަން ޖަވާބެއްދިނީތަ؟" ތިއާ އެހިއެވެ. އޭނާ އުޅުނީ ނަޒާނަށްވެސް މައިލޯ ތަށްޓެއް އަޅާށެވެ. އެހެންނަމަވެސް ނަޒާން ބޭނުންނުވާ ކަމަށް ބުންޏެވެ.
"އަށްޑިހަ އަހަރު ވަންދެން ދުނިޔޭގަ ހުއްޓަސް ކާއެއްޗަކަށް ބޭނުންނުވާ ވަރަށް އަހަރެންގެ ހިތް ފުރިއްޖެ" ނަޒާން ބުންޏެވެ.
"މަން އާއެނކޭ ބުނީދޯ. ކޮންގްރެޖުލޭޝަންސް...."
"އަދި ނުބުނޭ. އެކަމަކު ބުނާނެ. މިރޭ ހަމައެކަނި އޭނަގެ ރުހުމުގަ އަހަރެންގެ އަތުގައި ހިފާލީ" ހިޔާލީގޮތަކަށް ނަޒާން ބުންޏެވެ.
ތިއާ ހީލަމުން ދެފަރާތަށް ބޯހޫރާލިއެވެ. އެނބުރި ނަޒާން ދިޔައީވެސް ހިތްހަމަޖެހިގެން ހުރެއެވެ. ތިއާ ހިތާހިތުން ދުއާކޮށްލިއެވެ. މަންޝާގެ ވިސްނުން ބަދަލުވުމަށް އެދިއެވެ. ނަޒާންގެ އަންބެއްގެ މަގާމަށް މަންޝާ އައުމަށް އެދިއެވެ.
*******
ނިންމަންޖެހޭ ފިލާވަޅުތައް ހަދާފައި ނާޔާ ދިޔައީ އެނދާ ދިމާލަށެވެ. އަރިމަތީ ކަބަޑުމަތީގައި އޮތް ފޯނު ނަގާފައި ބަލައިލިއެވެ. ޒަރޫކް ފޮނުވާލާފައި އޮތް މެސެޖް ނާޔާ ކިޔާލިއެވެ. އޭނާ ތުންފަތުގައި ދަތްއަޅާލިއެވެ. ހެޑްބޯޑުމަތީގައި އޭނާ އެއްބައި ކިޔާފައި ބާއްވާފައި އޮތް އިނގިރޭސި ވާހަކަ ފޮތް ހިފައިގެން އެނދުގައި އޮށޯތެވެ. އޭނާއަށް ވާހަކަ ފޮތަށް ސަމާލުކަން ދެވޭގޮތެއް ނުވިއެވެ. ހަނދާނަށް އައީ އެކްސްޓްރާ ކްލާސް ނިންމާފައި މަޑުކުރުމުން ޒަރޫކް ބައްދަލުކޮށް އޭނާ އާ ދެއްކި ވާހަކައެވެ.
"އަހަރެން ބުނީމެއްނު ޓީޗަރަކަށް ވުރެ ގާތް ގުޅުމެއް ބާއްވަން ބޭނުމޭ. ނާޔާއަށް ހީވަނީ އެއީ ކޮންކަހަލަ ގުޅުމެއްހެން؟" ޒަރޫކް ބުންޏެވެ. ނާޔާ ދެފަރާތަށް ބޯހޫރާލިއެވެ. ޒަރޫކްގެ ބޭނުން އޭނާއަށް ޝައްކުވެއެވެ. އެހެންނަމަވެސް ސީދާ އެފަދަ ލަފްޒެއް ޒަރޫކްގެ ދުލުން ބޭރުނުވާތީ އޭނާ ފާޅުގައި ޒަރޫކްގެ ކުރިމަތީގައި ހިތްހުޅުވާލަން ބޭނުމެއް ނުވިއެވެ.
"މިއަހަރު މެދުތެރޭގަ ނިމޭނެއްނު. ނިމުނީމަ އަހަރެންނާ މެރީކުރާނަންތަ؟ އަހަރެންނަށް ނާޔާ ވަރަށް ކަމުދޭ" ޒަރޫކް ބުންޏެވެ. ކްލާސްރޫމުގައި ތިބީ ނާޔާ އާއި ޒަރޫކް އެކަންޏެވެ.
"އަހަރެމެންނަށް ސިއްރެއްގޮތަށް އަދި ބޭއްވިދާނެ. ނޫންތަ؟"
"އަޅުގަނޑު... އަޅުގަނޑު..." ނާޔާ އެއްޗެއް ބުނަން އުޅުނެވެ. އެހެންނަމަވެސް އޭނާއަށް ނުބުނެވުނީ އޭނާގެ ތުންފަތުގައި ޒަރޫކް އިނގިލި ހުރަސްކޮށްލުމުންނެވެ.
"އަޅުގަނޑެއް ނޫން. ތިއީ އަހަރެންނަށް ވަރަށް ހާއްސަ ކުއްޖެއް. އައި ލައިކް ޔޫ" ޒަރޫކް ބުންޏެވެ.
"ނާޔާ... ޑޫ ޔޫ...؟
"ޔެސް އައި ޑޫ..." ނާޔާ ބުންޏެވެ.
ޒަރޫކް ނާޔާގެ މޫނުގައި ފިރުމާލިއެވެ. ނާޔާގެ މޫނާ މޫނު ކައިރިކޮށްލިއެވެ. ދެން ވެރިވެގެންދިޔަ ވަގުތުކޮޅަކީ ނާޔާގެ މުޅި ހަޔާތުގައިވެސް އޭނާ އަށް ތަފާތު އިހުސާސެއް ކުރުވި ވަގުތުކޮޅެކެވެ. ޒަރޫކަށްޓަކައި އޭނާގެ ހިތުގައި ލޯބި އުތުރިއަރައިގަތެވެ.
"ބިރުނުގަންނައްޗޭ. އަހަރެން ނާޔާ އާ މެރީކުރާނަން. މެރީކުރުމުގެ ކުރިން މިކަހަލަ ކަންކަމަކީ ނޯމަލްކަމެއް"
ލަދުވެތި އިހުސާސެއް ކުރެވުމާއެކު ނާޔާއަށް މޫނުމަތީގައި ފޮތް އެޅުނެވެ. އޭނާ ޒަރޫކް ކައިރީގައި ނުބުނި ނަމަވެސް ޒަރޫކްގެ ހަޔާތުގައި ހާއްސަ މީހަކަށް ހަމައެކަނި އޭނާ ހުރުމަކީ އޭނާ އެންމެ ބޭނުންވި ކަމެވެ.
*********
ތެޔޮބޯޓެއްގައި މަސައްކަތްކުރަން ފެށިފަހުން ގޭތެރެއިން މިހާދު ފެންނަނީ ހަފުތާއަކު ދެ ދުވަހުއެވެ. އެދުވަސްތަކުގައި ފިރިމީހާއާއެކު ހިނގާލަން ރޭގަނޑުގެ ވަގުތުގައި ދިލްޝާދު ނުކުމެއެވެ. ރަމަޟާން މަސް އައިފަހުން އެވަގުތު އޮންނަނީ ތަރާވިސް ދަމަށް ފަހުގައެވެ. ހިނގަމުން ގޮސް ދެމަފިރިން މަޑުކޮށްލީ ލޮނުޒިޔާރަތް ޕާކު ކައިރީގައެވެ. ވާހަކަދައްކަމުން އެތެރެއަށް ވަދެ ހިލަ ގޮނޑިއެއްގައި އިށީނެވެ. އަތުގައި އޮތް ފެންފުޅިން ދިލްޝާދު އެތިފޮދެއް ބޯލުމަށްފަހު މިހާދު ކައިރިން ގަޑި އަހާލިއެވެ.
"އަދި މާގިނައިރެއް ނުވޭ. ވިއްސަކަށް މިނެޓް ފަހުން ހިނގައިގަތީމަ އެގާރަޖަހަން ވާއިރަށް ގެއަށް ދެވޭނެ" މިހާދު ބުންޏެވެ.
ޕާކުތެރެއަށް ފުލުހުން ވަން މަންޒަރު ފެނުމުން ދެމަފިރިންގެ ނަޒަރު އެދިމާލަށް ހުއްޓިއްޖެއެވެ. ދިލްޝާދުގެ ލޯ ހުއްޓުނީ އެހުރިހާ ކުދިންގެ މެދުގައި ފުލުހުންގެ ޔުނީފޯމުގައި ހުރި ނަޒާނަށެވެ. އޭނާގެ ތުންފަތަށް ހިނިތުންވުމެއްވެރިވީ ކަމެއްގެ މަތިން ހަނދާންވެފައެވެ.
"މުޅި މާލޭ މިއޮތީ ކުށުގެ ހާއްޔަކަށްވެފަ. އަނބިދަރިން ގޮވައިގެން މާލޭ މަގުމަތީގަ މިނިވަންކަމާއެކު ހިނގާލެވެން މިހާރު ނެތް" މިހާދު ބުންޏެވެ. "އެހެރީ އާމިރުގެ ދަރި ދޯ"
"ނަޒާން. އެސޮރަށް ކިޔަނީ ނަޒާން. އަހަރެންނަށް ވަރަށް ކަމުދާ ކުއްޖެއް" ދިލްޝާދު ބުންޏެވެ. ހައިރާންކަން އެކުލެވިގެންވި ނަޒަރަކުން މިހާދު ދިލްޝާދަށް ބަލައިލިއެވެ. އޭނާ ހުއްޓައި އެހެން ފިރިހެނަކު ދިލްޝާދަށް ކަމުދިޔަ ވާހަކަ ބުނުމުން ދިން ތަފާތު ނަޒަރެކެވެ.
"މިވީ ސައްވިސް އަހަރުތެރޭގަ ތިކަހަލަ އެއްޗެއް ނުބުނޭ. އަހަރެން މިހާރު ކަމުނުދޭތަ؟" މިހާދު ބުންޏެވެ. ދިލްޝާދު ހޭންފެށިއެވެ. މިހާދުގެ ކޮނޑުގައި އަތުންޖަހާލާފައި 'ސާބަހޭ' ބުންޏެވެ.
"އަހަރެންނަށް އެސޮރު ކަމުދަނީއެކޭ ނޫން. އަހަރެމެންގެ އަންހެންދަރިފުޅު އެސޮރަށް ވަރަށް ކަމުދޭ" ދިލްޝާދު ބުންޏެވެ.
"އެހެން ކިހިނެއް އެނގެނީ؟ ތިއީ ތެދަކަށްވަންޏާ އަހަރެން ވަރަށް ގަބޫލު. އާމިރުގެ ދަރިންނަކީ ނަމޫނާ ދަރިންތަކެއް" މިހާދު ބުންޏެވެ.
އެގެއަށް ދިޔަ ރޭގައި ކަންތައް ހިނގާދިޔަގޮތް ދިލްޝާދު މިހާދަށް ކިޔައިދިނެވެ. ނަޒާން މަންޝާއަށް ބަލަހައްޓައިގެން ހުރިގޮތް ބުނެދިނެވެ. އެވަގުތުން ފެށިގެން އޭނާގެ ރުހުން ދިންކަމަށް ބުންޏެވެ.
"އެކުދިން ގުޅުމެއް އޮތްހެން ހީވޭތަ؟" މިހާދު ބުންޏެވެ.
"އަދި ހަމަ ރޮލާ އަހަރެން މިހުރީ. މަންޝާގެ ފަރާތުން ހިލަމެއް ނުވޭ. އަހަރެން ނުވެސް އަހަން. އެކަމަކު އެސޮރުގެ ހިތް އަހަރެން ދެނެގެންފިން" ދިލްޝާދު ބުންޏެވެ.
"ހިނގާ ބަލަން ތިބެމާ. އެމަންޖެ ބުނާނެތާ ކައިވެންޏެއް ކުރަން ބޭނުންވަންޏާ" މިހާދު ބުންޏެވެ.
********
ރޯދާވިއްލާ ނިމިގެން ހަޑިވެފައި ހުރި ތަށިތައް ނަގަން ތިއާ އުޅުނެވެ. ރޯދަ ގެއްލުނީ އޭނާ އާއި ނާޔާ އެކީގައެވެ. އެހެންކަމުން އެވަގުތު ބަދިގޭގައި ތިބީ ދެކުދިން އެކަންޏެވެ. ޒިންކު ކައިރީގައި ތަށިތައް ދޮންނަން ހުރެފައި ތިއާ ބަލައިލީ ވާހަކަދައްކާދައްކާ ވަރުބަލިވެގެން ނާޔާގެ ފަރާތުން އެއްވެސް ޖަވާބެއް ނައުމުންނެވެ. ފޯނަށް ބަލަހައްޓައިގެން ނާޔާ އިނީ ހެވިފައެވެ. އެއީ ނާޔާގެ ފަރާތުން އަދި ނުފެންނަ މަންޒަރެކެވެ. އެހެންކަމުން ތިއާގެ ހިތުގައި ސުވާލު އުފެދުނެވެ. ތަށިތައް ހުންނަންވީ ތަންތަނަށްލާފައި އޭނާ އައިސް ނާޔާގެ ކުރިމަތީގައި އިށީނެވެ. މޭޒުމަތީގައި ހުރި ގެރިކިރު ބޯކިބާ ތަށިން އެތިކޮޅެއް ނަގައި އަނގައަށް ލިއެވެ. އެވަރުންވެސް ނާޔާގެ ހަބަރެއް ނުވުމުން އޭނާ ކަރުކެހިލިއެވެ. ނަޔާ ބަލައިލީ ދެނެވެ.
"ހާދަ ބިޒީއޭ" ތިއާ ބުންޏެވެ.
ނާޔާ ފޯނު ތިރިކޮށްލިއެވެ.
"ތިއްތަ ކޯޗެކޭތަ ކިއީ. ކްލާސް ކުދިންތަކެއް ވާހަކަދައްކާތީ" ނާޔާ ބުންޏެވެ.
ތިއާ ވިސްނާލިއެވެ. ނާޔާ ތުންފަތަށް ވެރިވެފައިވި ހިނިތުންވުމަކީ ރައްޓެހިކުއްޖަކާ ވާހަކަދައްކައިގެން ވެރިވެފައިވާ ހިނިތުންވުމެއް ނޫނެވެ.
"ނާއްކޮ. ތިއްތަ ބުނަންތަ ވާހަކައެއް. ނާއްކޮގެ ފަހު އަހަރެއްނު. ފެމެލީ އެކްސްޕެކްޓް ނުކުރާ ކަހަލަ ނަތީޖާއެއް ނުހޯދައްޗެ. އޭރުން މަންމަމެން އަދި ދޮންބެ އާއި ތިއްތި ކިހާ ޑިސެޕޮއިންޓްވާނެ" ތިއާ ވާހަކަދެއްކިއެވެ.
"ނުކުރާނަމޭ. އިންޝާﷲ. ނާއްކޮ ޓޮޕް ގަ ހިމެނޭނެ" ނާޔާ ބުންޏެވެ.
"ތިއްތާ! ނާއްކޮމެންގެ ކްލާސް ވަރަށް ގިނަ ކުދިން އުޅެނީ ބޯއީފްރެންޑް ނަގައިގެން. އަސްލު އެއީ މައްސަލައެއްތަ ތިއްތާ" ނާޔާ ބުންޏެވެ. ތިއާއަށް ހެވުނެވެ.
"ކިޔެވުމަށް ފޯކަސް ނުކުރެވެންޏާ އެއީ މައްސަލައެއް. އަނެއްކާ ނާއްކޮވެސް އެކުދިންހެންތަ؟" ނާޔާ އިނީ ބަލަހައްޓައިގެންނެވެ. އޭނާ ދޮގެއް ބުނާކަށް ބޭނުމެއް ނުވިއެވެ. ތެދަށް ހުރިހާވާހަކައެއް ކިޔައިދޭން އުޅެނިކޮށް މިސްކިތަށްދާން ތައްޔާރުވެގެން ހުރި މާޝިތާ އައިސް ބަދިގެއަށް ވަނެވެ. އެހިސާބުން އެވާހަކަތައް ހުއްޓުނެވެ.
********
ރޯދަމަހުގެ ފަހު ފަނަރައަށް އެޅުނު އިރު މަންޝާއަށް ނަޒާންގެ ކޯލުތަކާއި މެސެޖުތައް މަދުކޮށްލިއެވެ. އޭނާ އެގޮތަށް ކަންތައް ކުރީ މަންޝާ އެކަމަށް އެދޭވަރުންނެވެ. އެހެންނަމަވެސް އޭނާ މަންޝާއަށް ނުގެއްލެއެވެ. އޮފީސް ނިންމާފައި މަންޝާ ނުކުންނައިރު އޮފީސް ކައިރީގައި ސައިކަލު މަތީގައި އިނދެއެވެ. މަންޝާ ފެންނައިރަށް އަތުން ހަނާއަޅާލައެވެ. މަންޝާ ހިނގާފައިދާ އިރު ބައެއް ދުވަސްދުވަހު ފަސްފަހަތުން ދެއެވެ.
އޮފީސް ނިމުނުގޮތަށް މަންޝާ ގުޅީ މިހާދަށެވެ. އޭނާ ދާނީ ހިނގާފައި ކަމަށް ބުންޏެވެ. ބުރުގާ މައްޗަށް ހިއްލާލާފައި އޮތް އަވި އައިނު ލޮލަށް ހެޔޮވަރުކޮށްލާފައި ހިނގައިގަތްތަނާ ފަހަތުން ގޮވާލިއެވެ. އޭރު ޝައިހާން ހުރީ ފަހަތުގައި ޖައްސާފައެވެ.
"ހިނގާފަތަ؟ ހިނގާ އަހަރެން ގެންގޮސްދޭނަން" ޝައިހާން ބުންޏެވެ.
"އޯކޭވާނެ. ޝައިހާން ދޭ. ބައްޕަ އަންނަން އުޅެނިކޮށް ބުނެފިން އަހަރެން ހިނގާލާފަދާނެ ވާހަކަ. އެއީ އެއްޗެއް ގަނެގެން ދާންވެގެން" މަންޝާ ބުންޏެވެ.
ޝައިހާން ވަރަށް ފަސޭހައިން ގަބޫލުކުރިއެވެ. މަންޝާގެ އަތުގައި ހިފާލަން އުޅުނު ވަގުތު މަންޝާ ދުރަށްޖެހުނެވެ. ޝައިހާނަށް މަންޝާގެ އެންމެ ކަމުނުދާ ސިފައަކީ އެއީއެވެ. ރައްޓެހިވެގެން އިންނަން ކިޔާއިރު އޭނާ އިނގިލިކުރި ޖައްސާލަންވެސް ހުއްދަ ނުދެއެވެ. ޝަކުވާކުރަން ބޭނުންވިޔަސް ބުނެވޭ އެންމެ ލަފްޒަކުން މަންޝާގެ ވިސްނުން އެހެން މިސްރާބަކަށް ބަދަލުކޮށްފާނެތީ އޭނާ ހިމޭނުން ހުންނަން މަޖުބޫރު ކުރުވަނީއެވެ. އެހެން ނޫނީ އޭނާ މަންޝާގެ ހަށިގަނޑާ ހަމައަށް ވާސިލުނުވެ އެންމެ ހިނދުކޮޅަކުވެސް ނުހުންނާނެއެވެ.
ފަހަތުން ނަޒާން އަންނަކަމެއް މަންޝާ ނުދެނަހުއްޓެވެ. މަގު ހުރަސް ކުރަންވެގެން ދެފަރާތް ރަނގަޅަށް ބަލައިލި އިރު އޭނާގެ ވައަތްފަރާތުގައި ސައިކަލުމަތީގައި އިން ނަޒާން އަޅައިގަތެވެ. އެހެންފަހަރުތަކާ ހިލާފަށް ނަޒާން އިނީ އަލިނޫކުލައިގެ އަތްދިގު ގަމީހަކާއި ކަޅު ފަޓްލޫނުގައި ދަށަށް ޖަހައި ޓައީ އަޅައިގެންނެވެ. އެގޮތަށް މަންޝާއަށް ނަޒާން އެފެނުނީ ފުރަތަމަ ފަހަރަށެވެ. އެހެންކަމުން ދެވަނަ ފަހަރަށްވެސް ނަޒާނަށް ބަލައިލަން އޭނާގެ ދެލޯ އޭނާއަށް މަޖުބޫރުކުރިއެވެ. ގަބޫލުކުރާކަށް ބޭނުމެއް ނުވިއެވެ. އެ ހެދުމުގައި ނަޒާން ފެންނަގޮތް ތަފާތެވެ. ދެވަނަ ފަހަރަށް މަންޝާ ބަލައިލުމުންވެސް ނަޒާން ތަކުރާރުކޮށްލީ ހިނިތުންވުމެކެވެ.
"އަޅެ ކީކޭ ދެން ބުނާނީ" ފަހަތަށް އެނބުރި ބަލައިލި އިރުވެސް ނަޒާން އޭނާގެ ފަސްފަހަތުން އާދެއެވެ. އޭނާ ދިޔައީ ހަމްރާ އުޅޭ ގެއާ ދިމާލަށެވެ. އެގެއަށް ވަންނަމުންވެސް އޭނާ ފަހަތަށް އެނބުރުނެވެ. އެވަގުތު އެއީ ނަޒާންގެ ސައިކަލު އައިސް އޭނާގެ ކައިރީގައި ޖެއްސި ވަގުތެވެ.
"ތިއީ ކޮންކަމެއް؟" މަންޝާ ބުންޏެވެ.
"ކޮންކަމެއް؟" ދެކޮނޑު އަރުވާލަމުން ނަޒާން ބުންޏެވެ.
"ތިހެން އަހަރެންގެ ފަހަތުން..."
"އެމީހެއްދެކެ މޮޔަވާ ވަރަށް ލޯބިވާ ކުއްޖެއްގެ ފަސްފަހަތުން އެކުއްޖާގެ ހަރަކާތްތައް ބަލަމުން މިހެން އައުމަކީ މައްސަލައެއްތަ؟ ޕްރިންސަސް ބުނީމަ މިހާރު ގުޅާވަރާއި މެސެޖުފޮނުވާވަރު މަދުވާނެ. މިހާރު ފެންނަ ހިސާބުގައި ހުންނާތީވެސް މައްސަލައަކަށްވީތަ؟ އަހަރެން ނުބުނަމެއްނު ފަހަތަށް އަރާކަށް. ނުބުނަމެއްނު ވާހަކަދައްކަން މަޑުކޮށްލާކަށް. އަޅެ މި ދީވާނާ ހިތުގެ ވެރިޔާއަށް ތިހާ އަދަބު ދޭއިރު ތިހިތަށް ތަދެއްނުވޭތަ؟ އަހަރެން ކިހިނެއް ތިދެލޯ ނުފެންނަ ހިސާބުގަ ހުންނާނީ. މަންއަށް ނޭނގުނަސް އަހަރެން މިހެން ހުއްޓަސް އެތެރެހަށީގައިވާ އަހަރެންގެ ހުރިހާ ގުނަވަނެއް ހިފައިގެނޭ ތިއުޅެނީ. ހިތްވެސް. އެމީހެއްގެ ހިތް ފަހަތުން ކޮންމެ މީހަކުވެސް ދާނެއްނު. ނޫންތަ؟"
ނަޒާންގެ ދުލުން ގަތާލާފައި ބޭރުކޮށްލި ލޯބީގެ ބަސްތަކުގައި ހިނދުކޮޅަކަށް މަންޝާގެ ހިތް ބެހިގެންދާން އުޅުނުހެން ހީވިއެވެ. ހިނދުކޮޅަކަށް ނަޒާންގެ ލޯބީގެ މާބަގީޗާގައި އޭނާ ހައްޔަރުވާން އުޅޭހެން ހީވިއެވެ. މަންޝާ ދެފަރާތަށް ބޯހޫރާލިއެވެ. ގޭތެރެއަށް ދެމިގަތީ އޭނާގެ މޫނުމަތިން ނަޒާން އެކަން ދެނެގަނެފާނެ ކަމަށެވެ.
"އަހަރެންގެ މި ހިތްވަރަކަށް ދުވަހަކުވެސް ބަދަލެއް ނާންނާނެ" އަމިއްލަ ނަފުސަށް އިވޭވަރަށް ނަޒާން ބުންޏެވެ. ދެން ހީލައިފިއެވެ. މަންޝާ ދިޔަދިމާލަށް ބަލަހައްޓައިގެން އިނދެފައި ނަޒާން ހީލިއެވެ.
(ނުނިމޭ)