ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާިއރާގެ މެންބަރު އަބުދުﷲ ޖާބިރުގެ ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) އުވާލަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމި މައްސަލަ ޑީއާރުޕީން ހައިކޯޓަށް ހުށަހަޅައިފިއެވެ.

މިދިޔަ މަހު އީސީން ބުނެފައިވަނީ، ސިޔާސީ ޕާޓީގެ ގާނޫނުގެ 12 ވަނަ މާއްދާއިން ސިޔާސީ ޕާޓީއެއް ވުޖޫދުގައި އޮތުމަށް ގާނޫނު ލާޒިމުކުރާ 3،000 މެންބަރުން ހަމަކުރުމަށް ޑީއާރުޕީއަށް ދިން ތިން މަސް ދުވަހުގެ މުއްދަތުގައި އެ އަދަދަށް މެންބަރުން ހަމަވެފައި ނުވާތީ ސިޔާސީ ޕާޓީގެ ގާނޫނުގެ 30 ވަނަ މާއްދާގެ ހ ގެ (1) ވަނަ ނަންބަރުގައިވާ ގޮތުގެ މަތީން އެ ޕާޓީ އުވާލަން ނިންމައިފައިވާ ކަމަށެެވެ. އަދި ޕާޓީގެ ލީޑާޝިޕްގެ ބޭފުޅުންނާ ބައްދަލުކޮށްފައިވާ ކަމަށްވެސް އީސީން ބުންޏެވެ.

ޑީއާރުޕީ އުވާލަން ނިންމައި، އެ ޕާޓީއަށް ފުރަތަމަ ނޯޓިސް ދިނީ މިދިޔަ އަހަރުގެ މެއި މަހުގެ 18 ވަނަ ދުވަހުއެވެ. ނަމަވެސް ގާނޫނުގައި ބުނާ ތިން މަސް ދުވަހުގެ ތެރޭގައި، އެ ޕާޓީން މެންބަރުން ހަމަކުރުމުން، މެންބަރުން ހަމަވިކަމުގެ ރަސްމީ ލިޔުން އީސީން ވަނީ އެ އަހަރުގެ ޖޫން މަހުގެ 17 ވަނަ ދުވަހު އެ ޕާޓީއާ ހަވާލުކޮށްފައެވެ. އޭގެ ފަހުން އަނެއްކާވެސް އެ ޕާޓީގެ މެމްބަޝިޕް 3،000 އަށްވުރެ މަދުވުމުން އީސީން އެ ޕާޓީއަށް ނޯޓިސް ފޮނުވީއެވެ. އީސީގެ ވެބްސައިޓުގައިވާ ގޮތުން ހުސްވި އަހަރުގެ ނޮވެމްބަރު މަހުގެ އެއްވަނަ ދުވަހާ ހަމައަށް ޑީއާރުޕީގެ މެންބަރުންގެ އަދަދަކީ 2،681 އެވެ.

ނަމަވެސް މެންބަރުންގެ އަދަދު ހަމަނުވެގެން ޕާޓީ އުވައިލި މައްސަލަ ޑީއާރުޕީގެ ފަރާތުން އިއްޔެ ވަނީ ހައިކޯޓަށް ހުށަހަޅައިފައެވެ. ނަމަވެސް އެ މައްސަލަ ބަލައިގަތްކަމެއް އަދި އެނގިފައެއް ނުވެއެވެ.

ޑީއާރުޕީގެ ލީޑަރު އަބުދުﷲ ޖާބިރު ފޯނު ނުނަންގަވާތީ މިކަމާ ބެހޭ އިތުރު ތަފްސީލު ލިބިފައެއްވެސް ނުވެއެވެ.

ޑީއާރުޕީއަކީ 2005 ވަނަ އަހަރުގެ ޖުލައި މަހުގެ 21 ވަނަ ދުވަހު ރަޖިސްޓްރީކުރި ޕާޓީއެކެވެ. އެ ޕާޓީގެ ފުރަތަމަ ލީޑަރަކީ މިހާރު އެމްއާރުއެމްގެ ޒައީމްގެ މަގާމުގައި ހުންނެވި ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމެވެ. 2008 ވަނަ އަހަރު މައުމޫން އެ ޕާޓީގެ ފަރާތުން ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި އިރު، ރަނިންމޭޓަކީ ޑީއާރުޕީގެ އެއިރުގެ ނައިބު ޒައީމް ތަސްމީން އަލީއެވެ.

ދެހާސް ދިހަ ވަނަ އަހަރު ބޭއްވި ޑީއާރުޕީގެ ކޮންގްރެސްގައި އެ ޕާޓީގެ ލީޑަރަކަށް އިންތިހާބު ކޮށްފައިވަނީ ތަސްމީނެވެ. އެއަށްފަހު އެ ޕާޓީގެ ތެރޭގައި މައުމޫނާއި ތަސްމީނުގެ ދެމެދުގައި ހިޔާލުތަފާތުވުންތައް އުފެދުމުގެ ސަބަބުން މައުމޫން ވަނީ ޕީޕީއެމް އުފައްދަވައިފައެވެ. އޭގެ ފަހުން 2013 ވަނަ އަހަރު ތަސްމީންވެސް ވަނީ ޑީއާރުޕީން ވަކިވެވަޑައިގެންފައެވެ. ތަސްމީނަށްފަހު ޑީއާރުޕީގެ ލީޑަރުގެ މަގަމާވާ ހަވާލުވެވަޑައިގަތީ ކާނަލް މުހައްމަދު ނަޝީދެވެ.

ޑީއާރުޕީން 2019 ވަނަ އަހަރު ބޭއްވި ރަސްމިއްޔާތެއްގައި އެ ޕާޓީގެ ލީޑަރުގެ މަގާމު ވަނީ ކާށިދޫ ދާއިރާގެ މަޖިލިސް މެމްބަރު އަބްދުﷲ ޖާބިރާ ހަވާލުކުރައްވައިފައެވެ. އަދިވެސް އެ މަގާމުގައި ހުންނެވީ ޖަބީރެވެ. އޭނާ ވަނީ ޑީއާރުޕީގެ ޓިކެޓުގައި ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން ވެސް އިއުލާނުކުރައްވައިފައެވެ.