ތަފާތު އެކި ޑްރަގުތައް ތައާރަފު ވަމުންދާތީ، އެކަންކަމަށް ހައްލު ހޯދުމަށް ތެރެޕިއުޓިކް ފަރުވާ އިތުރުކުރާނެ ގޮތްތައް ބަލަމުންދާ ކަމަށް ނޭޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ) އިން ބުނެފިއެވެ.
އެންޑީއޭ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން، އެ އެޖެންސީގެ ސީއީއޯ އިމާދު ސޯލިހު ވިދާޅުވީ ތަފާތު އެކި ޑްރަގުތައް މިހާރު ތައާރަފު ވަމުންދާ ކަމަށާއި އެކަންކަމަށް ހައްލު ހޯދުމަށް ކަމާގުޅޭ އިދާރާތަކާއެކު މަޝްވަރާކޮށް ތެރެޕިއުޓިކް ފަރުވާ އިތުރުކުރެވޭނެ ގޮތްތަށް ބަލަމުންދާ ކަމަށެވެ.
އިމާދު ވިދާޅުވީ މި އަހަރުގެ ތެރޭގައި ކޮމިއުނިޓީ ބޭސްޑް ރިހެބިލިޓޭޝަން ފަސް ސަރަހައްދެއްގައި ގާއިމުކުރާނެ ކަމަށެވެ. އެގޮތުން މިހާރުވެސް އައްޑޫ ސިޓީ ހުޅުމީދޫގައި ގާއިމުކޮށްފައިވާ "ވިލުނު" ރިހިބިލިޓޭޝަން ސެންޓަރުގެ ހިދުމަތް އަލުން ފަށާފައިވާ ކަމަށެވެ. އަދި މީގެ ކުރިން އެތަނުގައި މެތެޑޯން ޓްރީޓުމެންޓް ދީފައިނުވާ ކަމަށާއި އެހެން ނަމަވެސް މިއަދުން ފެށިގެން މެތެޑޯން ޑިސްޕެންސް ޕްރޮގުރާމެއްވެސް ފަށާފައިވާ ކަމަށެވެ.
"އަޅުގަނޑު މި މަގާމާ ހަވާލުވިތާ ގާތްގަނޑަކަށް މިވީ ތިން މަސް ދުވަސް. މި ތިންމަސް ދުވަސްތެރޭގައި ގިނަ ގުނަ މަސައްކަތްތައް ވަނީ ކޮށްފަ. މިއީ މުޅިން އަލަށް ފެށި ޕްރޮގުރާމެއް. އަޅުގަނޑުމެންގެ މި އެޖެންސީގަ ވެއިޓުލިސްޓު ކޮށްފައިވާ ހުރިހާ ފަރާތްތަކަށްވެސް މި ޕްރޮގުރާމުގައި ބައިވެރިވުމުގެ ފުރުސަތު އަޅުގަނޑުމެން މިވަނީ ހުޅުވާލާފައި،" އޭނާ ވިދާޅުވިއެވެ.
އިމާދު ވިދާޅުވީ ހުޅުމާލޭގައި ގާއިމުކޮށްފައިވާ ހާފްވޭ ހައުސްގެ މަސައްކަތް ނިމި ބޭނުންކުރަން ފަށާފައިވާ ކަމަށާއި އެތަނަށް، ކ. ހިންމަފުށިގައި މީގެ ކުރިން ހިންގަމުން އައި އަންހެނުންގެ ރިހިބިލިޓޭޝަން ސެންޓަރުވެސް ބަދަލުކޮށްފައިވާ ކަމަށެވެ. އަދި އެތަނުގައި މިހާރުވެސް ހަ މީހަކު ފަރުވާ ހޯދަމުންދާ ކަމަށާއި މީގެ ތެރެއިން ބައެއް ކޭސްތަކަކީ ވަރަށް ގިނަ ދަތިތަކާއި އުދަނގޫތަކާއެކު ބަލަމުންދާ ކޭސްތައް ކަމަށްވެސް ވިދާޅުވިއެވެ.
އޭގެ އިތުރުން އައްޑޫ ސިޓީ ހިތަދޫގައި ހުންނަ ރިހިބިލިޓޭޝަން ސެންޓަރު ކުރިން ހިތަދޫ ހޮސްޕިޓަލް ހިންގި އިމާރާތަށް ބަދަލުކޮށް 15 މީހުންގެ ބެޗަކާއެކު އަންނަ ބުރާސްފަތި ދުވަހު އެތަނުގެ ހިދުމަތްތައްވެސް ފަށާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"މިދިޔަ ޖުލައި މަހުން ފެށިގެން ހިތަދޫ ހޮސްޕިޓަލް ހިންގި އިމާރާތަށް މިތަން ބަދަލުކުރީ. އެހެންވެ އަޅުގަނޑުމެން ހިންގި އެއް ޕްރޮގުރާމު، އެއީ ޑިޓޮކްސިފިކޭޝަން ޕްރޮގުރާމް، އެ ޕްރޮގުރާމް އަޅުގަނޑުމެންނަށް މެދުކަނޑާލަން ޖެހުނީ. އެކަމަކު މި ހަފުތާގެ ބުރާސްފަތި ދުވަހުން ފެށިގެން އަޅުގަނޑުމެން އަލުން އެ ޕްރޮގުރާމްވެސް ފަށާނަން. ކޮންމެ ބެޗެއްގަ 15 ކްލަޔަންޓުން ޑިޓޮކްސިފައި ވުމަށް ފުރުސަތު ދެވިގެންދާނެ،" އޭނާ ވިދާޅުވިއެވެ.
އިމާދު ވިދާޅުވީ ގުޅިފަޅުގައި މީގެ ކުރިން ހިންގަމުން އައި ސެންޓަރުގެ ހިދުމަތްތައް ހުއްޓިފައި ވީނަމަވެސް އަލުން އެ ހިދުމަތް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށެވެ. އަދި އަލުން ހިދުމަތް ފަށާއިރު މީގެ ކުރިން 10 މީހުންގެ ޖާގައިގެ ހުރިތަން ދެގުނަ ބޮޑުކޮށް ހިދުމަތްތައް ފުޅާވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އޭގެ އިތުރުން ކުޅުދުއްފުށި ސިޓީގައި ގާއިމުކޮށްފައިވާ ސެންޓަރުގެ ހިދުމަތްތައް، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލާ ގުޅިގެން މިމަހުގެ 26 ވަނަ ދުވަހު ފެށުމަށް މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެކަމަށް ވާންޖެހޭ ތައްޔާރީތައް ވުމަށްޓަކައި އެންޑީއޭގެ ޓީމެއް އެރަށުގައި ހަރަކާތްތެރިވަމުންދާނެ ކަމަށްވެސް ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެންޑީއޭގެ ބޯޑުގެ ޗެއާމަން ޝަމާއު ޝަރީފް ވިދާޅުވީ، އެ އެޖެންސީގެ ހިދުމަތްތައް ފުޅާކުރި ނަމަވެސް އިންސާނީ ވަސީލަތްތަކާއި އެހެނިހެން ވަސީލަތްތައް ހޯދުމަށް ގޮންޖެހުންތައް ދިމާވާ ކަމަށެވެ. އެގޮތުން އެންމެ ބޮޑަށް އުދަނގޫވަނީ ފަރުވާ ދިނުމަށް ބޭނުންވާ ވަރަށް އިންސާނީ ވަސީލަތްތައް ނުލިބޭތީ ކަމަށެވެ.
ޝަމާއު ވިދާޅުވީ އެ އެޖެންސީގެ ތާރީހުގައިވެސް މީގެ ކުރިން މަސައްކަތްކުރީ އެންމެ ސައިކޭޓްރިއެޓެއްގެ އެހީތެރިކަމާއެކު ކަމަށާއި ނަމަވެސް މިހާރު ދެ މީހުން އެ ހިދުމަތް ދޭން ތިބޭނެ ކަމަށެވެ. އަދި ސައިކޭޓްރިއޭޓުން އިތުރުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
"މިހާރުވެސް ޑީޓީއާރްސީގައި ގެންގުޅެނީ މީގެ ކުރިންވެސް ގެންގުޅުނު ޓީސީ ޕްރޮގްރާމް. އެކަމަކު މި ޕްރޮގްރާމްވެސް މި ޒަމާނަށް ފެއްޓުމަށްޓަކައި ކުރަންޖެހޭ ކަންކަން އަޅުގަނޑުމެން މިދަނީ ކުރަމުން. ފަރުވާ އަށް ބޭނުންވާ ހުރިހާ ޑްރަގްސް އެއް މިހާރު އަޅުގަނޑުމެން އަތުގަ އެބަހުރި." އޭނާ ވިދާޅުވިއެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، 2022 ވަނަ އަހަރު އެންޑީއޭއިން ވަނީ 727 ފަރާތެއްގެ އެސެސްމަންޓު ހަދައިފައެވެ. އޭގެ ތެރޭގައި ޑްރަގް ކޯޓުގެ އަމުރާ ގުޅިގެން 619 މީހުންނާއި އަމިއްލައަށް އަންނަ 106 މީހުންނާއި އަދި ފުލުހުންގެ ފަރާތުން އެކަކާއި ޖުވެނައިލް ކޯޓުން ހަވާލުކުރި ކުޑަކުއްޖެއްވެސް ހިމެނެއެވެ.
އޭގެ ތެރެއިން 694 މީހުންނަކީ ފިރިހެނުންނެވެ. 33 މީހުންނަކީ އަންހެނުންނެވެ. މީގެ އިތުރުން އިތުރުން 2022 ވަނަ އަހަރު 257 މީހަކު ވަނީ ފަރުވާ ފުރިހަމަކޮށްފައެވެ. އޭގެ ތެރޭގައި 24 އަންހެނުން ހިމެނެއެވެ.