Close
ވާހަކަ

ދީވާނާ ހިތް - 19

2

މަންޝާ އިސްއުފުލާ ނަޒާނަށް ބަލައިލިއެވެ. އެހިނދު ނަޒާން ހިނިތުންވެލިއެވެ. އެ ހިނިތުންވުން މާނަކުރީ މަންޝާ ކައިރީގައި ހުރި ދިލްޝާދެވެ. އެއްވެސް އަޅައިގަތުމަކާ ނުލައި ނަޒާންގެ ހިތް ދިލްޝާދު ދެނެގެންފިއެވެ. އެހިނދު އޭނާގެ ތުންފަތަށްވެރިވީ މާނަފުން ހިނިތުންވުމެކެވެ.

*******

ޝައިހާން ކޮޓަރިއަށް ވަންއިރު ފެތުރިފައިވަނީ ކަނުއަނދިރިކަމެވެ. އޭނާ ތަންކޮޅަކަށް ހިނގާލިއެވެ. ފާރުގައި ހުރި ލައިޓް ޖައްސާލާފައި އޭނާ ބަލައިލިއެވެ. ސަމާހާ އެނދުގައި އޮތީ ދިމާ ސީދަލަށެވެ. ދެލޯ ހުޅުވައިގެން އޮތްއިރު އޭނާގެ އެއް އަތް އޮތީ ނިތްމައްޗަށް އެއްލާފައެވެ. ޝައިހާން ކައިރީގައި އައިސް ހުއްޓުނުއިރުވެސް އޭނާ ހަރަކާތެއްކޮށްނުލިއެވެ. ރޯދަވިއްލަން ވެއްދި ކާއެއްޗެހި މޭޒުމަތީގައި ހުއްޓެވެ. ކަދުރުކޮޅާއި ފެންފުޅި ނޫނީ އެހެން ކާއެއްޗެއްގައި އަތްލައިފައި ނެތެވެ. އޭނާ ހަޔާތުގައި ހެދިކާއެއް ހެދީ އަލަށެވެ. ސަމާހާ ހެދިކާ ނުކާކަން އެނގުމުން އޭނާ ދެރަވިއެވެ.

"މަންމާ"

ސަމާހާ އަޅައެއްނުލިއެވެ. އޭނާގެ ދެލޮލުގެ އަރިމަތިން ކަރުނަތިއްކެއް ފައިބައިގެން ދިޔަތަން ފެނުމުން ޝައިހާން ހިތުގައިޖެހުނެވެ. ދެރަވެސްވިއެވެ. މަންމަ އެކަރުނައިގެ ސަބަބީ އޭނާއެވެ. އެކަމުގައި ވަކި އޭނާ ކުރާނީ ކީއްހެއްޔެވެ؟

"މިއޮތީ މަންމަގެ ފޯނު" ލައިގެން ހުރި ޖީންސު ޖީބުން ނެގި ފޯނު ސަމާހާ ބޯއަޅައިގެން އޮތް ބާލިސް ކައިރީގައި ބޭއްވިއެވެ. ދެން އޭނާ ސަމާހާގެ މަގަތުން އިށީނދެފައި ސަމާހާގެ ފައިތިލައިގައި އަތްޖައްސާލިއެވެ. އެހިނދު ސަމާހާ ފައި ދުރަށް ޖެއްސިއެވެ.

"މަންމާ، ސޮރީ... " ޝައިހާން ބުންޏެވެ. އޭނާގެ ދެލޮލުން ކަރުނައެއް ވެއްޓުނެވެ.

"ނުކުމޭ. ހަމަ މިހާރު މިތަނުން ނުކުމޭ" ސަމާހާ ބުންޏެވެ.

ސަމާހާ އެނދުން ތެދުވީ ވަރަށް އުނދަގުލުންނެވެ. ޝައިހާން ލައިގެން ހުރި ޓީޝާޓުގެ ފަސްބައިގައި ހިފާފައި އަތަށް އޮޅާލިއެވެ. ދެން ދަމަމުން ދޮރާ ހަމައަށް ގޮސް ކޮޓަރިން ބޭރަށް ޝައިހާން ކޮށްޕާލިއެވެ.

"ތަޅުދަނޑި އެބައޮތްދޯ. ތަޅުލާފަ ދޭ. މިތަނަށް ކަލޭ ނުވަންނާތި" ސަމާހާ ބުންޏެވެ. ދެން ބާރަށް ދޮރުލެއްޕިއެވެ. ޝައިހާން ހިތުގައިޖެހުނެވެ. ކުއްވެރިއެއް ފަދައިން އޭނާ އިންސަޖާހާލިއެވެ. ދެން ކުރިއަށް ފިޔަވަޅެއް އެޅިގޮތަށް ދޮރުގައި ނިތްކުރި ޖެއްސިއެވެ. ސަމާހާއަށް އެތަނުގައި ޝައިހާން ހުންނާނެކަން އެނގެއެވެ.

އެނދުގައި އިށިންއިރު ސަމާހާއަށް ރޮވިއްޖެއެވެ. ޝައިހާން އޭނާގެ ދިރިއުޅުން ނަރަކައަކަށް ހަދައިފިއެވެ. އުމުރުން ދުވަސްވެ ބޮލުގައި ޖަހާފައިވާ ކޮންމެ ނުރައަކަށް ވާވަރަށް އޭނާއަށް ޝައިހާނަށް ނަސޭހަތް ދެވިއްޖެއެވެ. އެކަމަކުވެސް ޝައިހާން އެހަދަނީ ހަދާނެ އެއްޗެކެވެ. ރަމަޟާން މަހުގެ އެއްދުވަސް ފާއިތުވެގެން ދިޔައީ ސަމާހާ ކޮޓަރީގައި އޮއްވައެވެ. ތަރާވީސްކޮށްލަން މިސްކިތަށް ދިޔުމުގެ ނަސީބެއް ނުލިބުނެވެ. ތަޅުލާފައި ތަޅުދަނޑި ހިފައިގެން ޝައިހާން ދިޔަތަނެއްވެސް ނޭނގެއެވެ. މީހަކަށް ގުޅާފާނެ ކަމަށް ފޯނުވެސް އަތުލީއެވެ. ކުށެއް ނެތް މަޔަކަށް އެހެން ހަދަން ވެދާނެ ހެއްޔެވެ؟ ހަވީރު ހެދިކާ ކޮޓަރިއަށް ވެއްދި އިރު ސަމާހާ އިނީ ނަމާދަށެވެ. އަނެއްކާވެސް ތަޅުލާފައި ޝައިހާން ދިޔައީއެވެ. މަންޝާއާ ބައްދަލުކުރަން ސަމާހާ ވިއްދާފައި ހުރުމުން އެއީ ޝައިހާން ދިން އަދަބެވެ. ކައިވެނީގެ ކުރިން މަންޝާ އާ ބައްދަލު ނުކުރުމަށް ޝައިހާން އޮތީ އަމުރުކޮށްފައެވެ. ބައްދަލުކޮށްގެން ދެން ޝައިހާންގެ ފަރާތުން ފެނިދާނެ ކަމަކަށް އޭނާ ކުށްވެރި ނުކުރުމަށްވެސް އޮތީ ބުނެފައެވެ. ސަމާހާއަށް ބާރަށް ރޮއެގަނެވުނެވެ. ޝައިހާން ތަރުބިއްޔަތު ކުރެވުނުގޮތުން މިއަދު އޭނާ ދެރަވެ ހިތާމަކުރެއެވެ. މިނިވަންކަން ދެވުނީ މާބޮޑަށެވެ. މިއަދު ޝައިހާންގެ ކުރިމަތީގައި އޭނާ އެއީ އެއްވެސް މީހެއް ނޫނެވެ.

*****

ތިއާއަށް މަންޝާ ފެނުމާއެކު އޮޅުލައިގަތެވެ. މަންޝާ ބުރުގާ އަޅާފައި ހުއްޓައި ފެނުމުން އޭނާ ވަރަށް ބޮޑަށް ލޯބިވެއްޖެއެވެ. މަންޝާގެ މޫނުގައި ދެފަރާތުގައި ދެއަތުން ހިފަހައްޓާލިގޮތަށް ހުރިހާ ދަތްތަކެއް ފެންނަވަރަށް ހީލައިފިއެވެ.

"ވަރަށް ވަރަށް ލޯބި. މާޝާﷲ" ތިއާ ބުންޏެވެ.

ތިއާ އާއި މަންޝާއަށް ބަލަހައްޓައިގެން ހުރެފައި ނަވާލް ހިނގައިގަތީ ބަދިގެ އާ ދިމާލަށެވެ. ކުށްވެރިވެވޭ ކަހަލަ އިހުސާސެއް އަދިވެސް މަންޝާ ފެނުމުން އޭނާއަށް ކުރެވެއެވެ.

"މިއީ ކޮންކަހަލަ ކުދިބައެއްތަ؟ އެދެމައިން ކައިރީގަ އެތެރެއަށް ވަންނަންވެސް ނުބުނަންތަ؟" މާޝިތާ ބުންޏެވެ.

ކޮޓަރިން ނުކުމެގެން އައީ މާޝިތާ އާއި އާމިރު އެކުގައެވެ. މާޝިތާ ދިލްޝާދާ ކައިރިވެލިއެވެ. ކޮނޑުގައި ފިރުމާލާފައި ހާލުއަހުވާލު އޮޅުންފިލުވިއެވެ. ޒަވީ އާއި ޔަލާގެ ހާލު އޮޅުންފިލުވިއެވެ. އާއިލާ ހުރިހާ މީހުން ގޮނޑިތަކުގައި އިށީނުމުން ތިއާ އައިސް ހިފީ މަންޝާގެ އަތުގައެވެ. އޭނާ ހިނގައިގަތީ ސިޑިން މައްޗަށެވެ.

"މިތަނަށް ކީއްކުރަން؟" ނަޒާންގެ ކޮޓަރި އާ ހަމައިން މަންޝާ ހުއްޓުނެވެ.

"އަނގަތަޅާލަން. މަން އަކަށް އެހާ ފަސޭހައިން މިރެއަކު ނުއެއްދެވޭނެ" ތިއާ ބުންޏެވެ.

"މިކޮޓަރިއަށްތަ؟ ހިނގާ ތިރިއަށްދާން" މަންޝާ ބުންޏެވެ.

ތިއާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. މާކުރިންވެސް އެތަނަށް ވަންނަން މަންޝާ އުޒުރުވެރިވާނެކަން އޭނާއަށް އެނގެއެވެ.

"ބޮޑުމަންމަމެން އަނގަތަޅަން އެތަން ދީފަ އަހަރެމެން މިތާ ތިބޭނީ. ދެން އާދެބަލަ" މަންޝާގެ އަތުގައި ހިފައި އެތެރެއަށް ތިއާ ދަމައިގަތެވެ. އެހިނދު އެންމެ ފުރަތަމަވެސް މަންޝާގެ ލޮލުގައި އަޅައިގަތީ ޑްރެސިން ޓޭބަލްގައި ލެނގިލައިގެން ހުރި ނަޒާނެވެ. މަންޝާ ފެނުމާއެކު ނަޒާންގެ ތުންފަތަށް ވެރިވީ ހިނިތުންވުމެކެވެ. އިތުރު މީހަކު ކޮޓަރިން ފެންނާކަށްނެތެވެ.

"އިށީނދޭ. މިއަންނަނީ ކާލަން އެއްޗެއް ހިފައިގެން"

ނުކުންނަންދިޔަ ތިއާގެ އަތުގައި މަންޝާ ހިފިއެވެ. މަންޝާގެ އެ އަމަލުން ހިނިއައީ ނަޒާން މަޑުމަޑުން ހިނގާލާފައި އައިސް މަންޝާ ކައިރީގައި ހުއްޓުނެވެ.

"ދޮންބެ ކައެއްނުލާނޭ. މިއަންނަނީ. މިއަދު ހެދި ހަވާދުލީ ބިސް ހުންނާނެ" ތިއާ ބުންޏެވެ.

ތިއާ ނުކުމެގެން ދިޔުމުން މަންޝާއަށް ކުރާނެ ކަމެއް ނޭނގުނެވެ. ބޭރަށް ނުކުންނަން ކަމެއް އެތެރެއަށް ހިނގައިގަންނަންވީ ކަމެއް ނޭނގުނެވެ. އޭނާ މުޅިކޮޓަރިއަށް ނަޒަރު ހިންގާލިއެވެ. ތަނަވަސް ބޮޑު ކޮޓަރިއެކެވެ. އެނދުގެ ހެޑް ބޯޑާ ވީ ދިމާލުން ފާރުގައި ހުރީ ނަޒާންގެ ބޮޑު ފޮޓޯ ފްރޭމެކެވެ. ދަނޑެއްގައި ފުޓްބޯޅަ ކުޅެން ހުރެ ނަގާފައިވާ ފޮޓޮއެކެވެ. ރީނދޫ ކުލައިގެ ޖާޒީގައި ހުރި އިރު މޫނުގައި ހުރި ދާތައް ފޮހެލަން ޓީޝާޓް ކުޑަކޮށް މައްޗަށް ހިއްލާލައިގެން ހުއްޓާ ނަގާފައިވާ ފޮޓޯއެކެވެ. ފޮޓޯއިން ނަޒާންގެ ބަނޑުން ބައެއް ހުރީ ފެންނާށެވެ. އެފޮޓޯއަށް ބަލަހައްޓައިގެން ހުރެވުނީ ކިހާއިރަކު ކަމެއް މަންޝާއަށް ނޭނގުނެވެ. އޭނާއަށް ހޭވެރިކަމެއްވީ ނަޒާން ކަރުކެހިލުމުންނެވެ.

"ހެހެހެ.. ތިވަރަށް ނުވިސްނަބަލަ. ތިއާއަށް އެއްވެސް ކަމެއް ނޭނގޭ" ނަޒާން ބުންޏެވެ.

"ލޯބި ދޯ" ނަޒާން ބުންޏެވެ. މަންޝާ ނަޒާނަށް ބަލައިލިއެވެ. "އެހެންވެއެއްނު އެ ފޮޓޯއަށް އެވަރަށް ތިބަލަނީ"

"ނުބަލަން" މަންޝާ ބުންޏެވެ.

"ތިގެއަށް ގެންދަންވީނުން...." ނަޒާން ބުންޏެވެ. "މިބުނީ އެ ފޮޓޯ"

"ނޫޅެން ގެންދާކަށް.... ތިއާ ކޮބާތަ؟ އަހަރެން ދާންވެއްޖެ" މަންޝާ ބުންޏެވެ. މަންޝާ އެނބުރުމުގެ ކުރިން ނަޒާން މަންޝާގެ އަތުގައި ހިފައިފިއެވެ. މަންޝާ ބަލައިލީ ހައިރާންވެފައެވެ. ގާތަށް ދަމާލުމާއެކު މަންޝާ އައިސް ޖެހުނީ ނަޒާންގެ މޭގައެވެ. އެހިނދު މަންޝާ ހައިރާންވެފައި ނަޒާންގެ މޫނަށް ބަލައިލިއެވެ.

"އަހަރެންގެ ހިތް މޮޔަވެއްޖެ. އަހަރެންގެ ހިތަށް ތިހާ އަނިޔާނުދީ" ނަޒާން ބުންޏެވެ.

"މީހަކު އައިސްދާނެ. ދޫކޮށްލާ" މަންޝާ ބުންޏެވެ.

"ބުނޭ ނުދޭނަމޭ އަނިޔާއެއް" ނަޒާން ބުންޏެވެ. މަންޝާ ފުންނޭވައެއް ދޫކޮށްލިއެވެ.

"އޯކޭ... ފައިން... ނުދޭނަން..." މަންޝާ ބުންޏެވެ. ނަޒާން ހީލާފައި މަންޝާ ދޫކޮށްލިއެވެ.

"ހަމަތެދެއްމިބުނީ... މަން އަހަރެންނަށް ބަލައިލާ ކޮންމެފަހަރަކު ހީވަނީ އަހަރެންގެ ހިތް ވިރިގެންދާހެން. ކޮންއިރަކު ކިހިނެއްކަމެއް ނޭނގެ އަހަރެންނަށް މަން ދެކެ އެހާ ލޯބިވެވުނީ. މިހާ ލޯބިވާ މީހަކަށް ނޫނެކޭ ބުނަން އަޅެ ތިހިތަށް ތަދެއްނުވޭތަ؟"

ނަޒާންގެ ވާހަކަތަކުން މަންޝާއަށް އުނދަގުވެއްޖެއެވެ. އެއީ ފިރިހެނެއްގެ ފަރާތުން އޭނާ އެންމެ އަޑުއަހަން ބޭނުންވާފަދަ ލަފްޒުތަކެކެވެ. އެހެންނަސް ނަޒާންގެ ދުލުން އެބަސްތައް އިވުމަކަށް އޭނާ ނޭދޭއެވެ. އެބަސްތަކުގެ ދަލުގައި އޭނާގެ ހިތް ހައްޔަރުވެދާނެ ކަމަށް އޭނާ ޖެހިލުންވިއެވެ.

"މާދަމާ ރޭ. ބްރޭކްވޯޓާ އަށް. ނުވައެއް ޖަހާއިރަށް" ނަޒާން ބުންޏެވެ.

"ނުދެވޭނެ" މަންޝާ ބުންޏެވެ.

"ނައިއްޔާ އަހަރެން ދާނަން ބަލައި. ދިލްޝާދައްތަ ކައިރިން ހުއްދަ ހޯދައިގެންވެސް ގެންދާނަން" ނަޒާން ބުންޏެވެ.

"ގަދަކަމުން ލޯބިހޯދަންތަ ތިއުޅެނީ؟" މަންޝާ ބުންޏެވެ.

"ހެހެހެ... ނޫން... އަހަރެން ލޯބިހޯދާނީ ރުހުމުގަ. މަން މާދަމާ ރޭ ނައިއްޔާ އަހަރެންނަށް އެހެންގޮތެއް ހަދަން މަޖުބޫރުވާނީ. އެއީ ގަދަކަމުން ލޯބިހޯދުން ކަމަށް މަންޝާ މާނަކުރިޔަސް އަހަރެންގެ ހިތް ނުބުނެ އެހެނެއް. އެހެންނޫނަސް އަހަރެމެން މިއުޅެނީ ރައްޓެހިވެގެނެއް ނޫނެއްނު" ނަޒާން ބުންޏެވެ.

ކުއްލިއަކަށް ނަޒާން މަންޝާ އާ ދުރަށްޖެހުނީ ނާޔާގެ އަޑު އިވިފައެވެ. އެހެން މީހަކު އައި އަޑު ނީވުނަސް ނާޔާ އަންނައަޑު ސިއްރެއް ނުވާނެއެވެ.

"އަންނައްޗެ. އަހަރެން އިންނާނަން އިރުއަރަންދެންވެސް" ނަޒާން ބުންޏެވެ.

"ނޫނޭކޭ"

މަންޝާ އެހެން ބުނި ވަގުތު އެއީ ތިއާ އާއި ނާޔާ ދޮރުމައްޗަށް އެރި ވަގުތެވެ. ތިއާގެ އަތުގައި ކަރާ ޖޫސް ފުޅިއަކާއި ހެދިކާ ތައްޓެއް ހުއްޓެވެ. ނާޔާ އަތުގައި ފެންފުޅިއެއް އޮތެވެ.

"މަންޝާދައްތަ ނުއިށީނދެ ތިހުންނަނީ ދޮންބެދެކެ ބިރުންތަ؟ ދޮންބެ ނުކުރާނެ އެއްވެސް ކަމެއް. ދޮންބެ ދިމާކުރާނީ ނާއްކޮ އާ އެކަނި" އެތެރެއަށް ވަން ނާޔާ ބުންޏެވެ.

ނަޒާންގެ އެނދުގެ މެދުގައި ނާޔާ އިށީނެވެ. މަންޝާއަށް ގޮވާލާފައި އޭނާގެ ކައިރީގައި އިށީންނަން ބުންޏެވެ. އެހެންނަމަވެސް މަންޝާއަށް ދާން ނުކެރުނެވެ. އޭނާ އިށީނީ ތިއާ ކައިރިން ކުޑަ ތަންކޮޅެއްގައެވެ. އިށީނދެފައިވެސް އޭނާ ނަޒާނަށް ބަލައިލިއެވެ. އެހިނދު ނަޒާން ހިނިތުންވުމެއްދިނެވެ. ދެން ނުވަ އިނގިލި ދައްކާލާފައި ވައި އަޑުން 'މާދަމާ ރޭ' އޭ ބުނެލިއެވެ. މަންޝާ ދެފަރާތަށް ބޯހޫރާލިއެވެ.

"ކޮބާ ތިއްތި؟" ނާޔާ އެހިއެވެ.

"ބަނޑު ސަކަރާތްވެގެނޯ މިއުޅެނީ" ތިއާ ބުންޏެވެ.

ނަވާލް އަންނަން ބޭނުންނުވި ސަބަބު އެނގެނީ އެކަނި މަންޝާއަށެވެ. ހުދު އޭނާއަށް ފަސޭހައީ އޭނާ ހުންނަ ތަނެއްގައި ނަވާލް ނުހުރިއްޔާއެވެ.

**********

ޝައިހާންގެ ފޯނުކޯލު މަންޝާއަށް ލިބުނީ އޭނާ ނިދަން އެނދަށް އެރި ވަގުތުއެވެ. މުޅި ދުވަހު ޝައިހާންގެ ހަބަރެއް ނުވެއެވެ. މަންޝާ ފޯނަށް ޖަވާބުދިނެވެ. ޝައިހާން ފޯނު ނުކުރާތީ އޭނާ ޝަކުވާއެއް ނުކުރެއެވެ. އެހެންނަމަވެސް އުޅުނުތަނެއް އެހިއެވެ.

"މަންމަ ބަލިވެގެން މަން އަށް ނުގުޅުނީ" ޝައިހާން ބުންޏެވެ.

މަންމައަށް ވީގޮތެއް މަންޝާ އެހިއެވެ. އަދި އޮފީސް ނިންމާފައި ޝައިހާންގެ މަންމަ އާ ބައްދަލުކުރަންދާން ބޭނުންވާ ކަމުގައި ބުންޏެވެ.

"އުނހު. މަން އަންނާނެ ކަމެއް ނެތް. އެހެންނޫނަސް މަންމަ މިހާރު މުޅިން އޯކޭވެއްޖެ" ޝައިހާން ބުންޏެވެ. މަންޝާ އެކަން ގަބޫލުކުރިއެވެ. އޭނާ ގެއަށް ނުގެންނަން ޝައިހާން ބޭނުންނުވި ސަބަބަކާ މެދު އޭނާ އަށް ވިސްނާނުލެވުނެވެ.

"މާދަމާ ރޭ ބައްދަލުވާނެތަ؟" ޝައިހާން އެހިއެވެ.

"ވަރަށް މުހިންމުތަ؟" މަންޝާ ބުންޏެވެ.

"އެބައޮތް ދައްކަންޖެހޭ ވާހަކައެއް. އުނހު. ބުނަން ބޭނުންވާ އެއްޗެއް" ޝައިހާން ބުންޏެވެ.

"އޮފީސް ގަޑީގަ ބުނެވޭނެއްނު" މަންޝާ ބުންޏެވެ. ޝައިހާން އެއްބަސްވިއެވެ. މަންޝާއަށް އެއްވެސް ކަމަކަށް ބާރުއަޅަން އޭނާ ބޭނުމެއްނުވިއެވެ.

ފޯނުކޯލު ދިގުކުރަން މަންޝާ މަސައްކަތެއް ނުކުރިއެވެ. ރޭގަނޑުގެ ފަހުސަލާން ޝައިހާނަށް ފޮނުވާފައި އޭނާ ފޯނު ކުރުކޮށްލިއެވެ. ކައިރީގައި ފޯނު ބޭއްވިގޮތަށް މަންޝާ ވިސްނުމެއްގެ ތެރެއަށް ގެއްލިއްޖެއެވެ. ޝައިހާނާ ބޭރުތެރެއިން އޭނާ ބައްދަލުކުރަން ބޭނުންނުވި ސަބަބަކީ ކޮބައިތޯ ފުރަތަމަ ފަހަރަށް ހިތާ ސުވާލުކުރިއެވެ. ކައިވެންޏެއް ކުރަން އުޅޭ ދެމީހަކު އެއްތަންވެ ވާހަކަދެއްކުމަކީ މައްސަލައެއް ނޫނެވެ. ދިރިއުޅުމެއް ފަށާއިރު އެކަކު އަނެކަކުގެ ފަރާތުން ދަސްކުރަންޖެހޭ ބައިވަރު ކަންކަން ހުންނާނެއެވެ. ކަން އެހެން އޮތްއިރު ޝައިހާނަށް ނޫނެކޭ ބުނެވިގެން ނުވާނެއެވެ.

"މިއީ އޭނަގެ ކަންތައް" އަމިއްލަ ނަފްސަށް މަންޝާ ބުނެލިއެވެ.

ކުއްލިއަކަށް ނަޒާން ކުށްވެރި ކުރެވުނު ސަބަބެއް ނޭނގުނެވެ. ޝައިހާނާއި އޭނާ އާ ދެމެދަށް ނަޒާން ވަންނަނީއޭ އޭނާއަށް ހީވިއެވެ. އެހެންވެގެން ނުވާނެއެވެ. ކުއްލިއަކަށް އޭނާ ފޯނު ބަލައިލިއެވެ. މީގެ ދިހަވަރަކަށް މިނެޓް ކުރިން ނަޒާން ފޮނުވާފައި އިން މެސެޖް އޭނާ ކިޔާލިއެވެ.

"ކީއްވެތަ އެ މެސެޖް އަހަރެން ބަލަންވީކީ. އެއީ އަހަރެންނަށް އެއްވެސް މީހެއް ނޫން"

ކައިރީގައި ފޯނު ބެއްވިއެވެ. ނިދޭތޯ މަސައްކަތްކުރިއެވެ. ދެލޯމަރައިގެން ސިކުންތުކޮޅަކު އޭނާ އޮތެވެ. ކައިރީގައި އޮތް ފޯނު ނަގާފައި ބަލައިލިއެވެ.

"ގުޑްނައިޓް ލަވް"

ޝައިހާންގެ މެސެޖެކެވެ. މަންޝާ ހިތަށްލިބެންވާ ހިތްހަމަޖެހުން ނުލިބޭކަން ޔަގީނެވެ. އޭނާގެ ތުންފަތަށް ހިނިތުންވުމެއްގެ އެއްވެސް ހަރަކާރެއް ވެރިނުވިއެވެ.

*******

ސެޝަން ނިމުމުން ނާޔާ ނުކުމެ އިށީނީ ޕާކުތެރެއިން ބެންޗެއްގައެވެ. އޭނާ ބަލައި އަންނަން ގުޅަނީ ކޮންމެ ދުވަހަކުވެސް އެތަނުގައި އިނދެފައެވެ. ދަބަސް ތެރެއިން ނާޔާ ނެގީ ފޯނެވެ. އެންމެފަހުގެ އެ ފޯނުގައި އޭނާ ބޮސްދިނެވެ. އެއީ އުފަންދުވަހުގެ ހަދިޔާއެއްގެ ގޮތުން ތިއާ ދިން ފޯނެވެ.

"ނާޔާ..." ކައިރިން އިވުނު އަޑަށް ނާޔާގެ ދެކަންފަތް ކޮޅަށްޖެހުނެވެ. ފަހަތް ބަލައިލި އިރު ހިނިތުންވެފައި ހުރެ އޭނާގެ ކައިރީގައި އިށީނީ ޒަރޫކެވެ.

"ލައްބަ ސަރ... ސަރ ކަމަކުތޯ؟" ނާޔާ އެހިއެވެ. ދެން އުނގުތެރޭގައި އޮތް ދަބަސްތެރެއަށް ފޯނު ލިއެވެ.

"ހާދަ ރީތި ފޯނެއް" ޒަރޫކް ބުންޏެވެ.

"ތިއްތަ ގިފްޓްކުރި" ނާޔާ ބުންޏެވެ. ޒަރޫކް ހީލިއެވެ.

"ކުޑަކަމަކު ކިޔަން މިއުޅެނީ" ޒަރޫކް ބުންޏެވެ. ނާޔާ ބޯޖަހާލިއެވެ.

"މިރޭ ނައިން ފިފްޓީންގަ އޮންނާނެ އެކްސްޓްރާ ކްލާހެއް. ކްލާސް ނިންމާފަ މަޑުކޮށްލަދެވޭނެތަ؟" ޒަރޫކް ބުންޏެވެ.

ނާޔާގެ ހިތް އަވަސްވެލިއެވެ. ހަތަރެސްފައި ފިނިވެ ލައިގެން އިން ސްކާޓްގެ ފަސްބައިގައި ދެއަތުން ހިފަހައްޓާލެވުނެވެ. އޭނާއަށް ގަބޫލުކުރަން ދަތިވިއެވެ. އެހެން އެބުނީ ހަމަ ޒަރޫކް ހެއްޔެވެ؟ ޒަރޫކްގެ މޫނަށް ބަލައިލާފައި ނާޔާ ބޯޖަހާލިއެވެ.

ނާޔާގެ މޫނަށް ބަލަހައްޓައިގެން ޒަރޫކް އިނެވެ. އޭނާގެ ސިކުނޑީގައި އެނބުރެމުންދަނީ ކޯޗެއް ކަމެއް ނޭނގެއެވެ. ހިތުގެ ކަނަކުން އަމިއްލަ ނަފްސަށް މަލާމާތެއް ރައްދުކޮށްލިހެންވެސް ހީވިއެވެ. އެހެންނަމަވެސް ދެވަނަ ސިކުންތުގައި އޭނާ ހިތްހަމަޖައްސާލިއެވެ. ނާޔާއަކީ މައުސޫމް އަންހެންކުއްޖެކެވެ. ރީތި ސިފައެއް ލިބިފައިވާ ވިސްނުން ތޫނު ކުއްޖެކެވެ. ނާޔާ ބަލައިލާގޮތުންވެސް އޭނާ ނާޔާގެ ޅަ ހިތް ދެނެގެންފިއެވެ.

"އަދި އެއްކަމެއް. އެކަކު ކައިރީގައިވެސް ނުކިޔައްޗޭ އަހަރެން މިހެން ބުނި ވާހަކަ" ޒަރޫކް ބުންޏެވެ. ދެންވެސް ނާޔާ ބޯޖަހާލިއެވެ.

"އަޅުގަނޑު ދަނީ. ބަލާ އެ އައީ" ނާޔާ ބުންޏެވެ. ތެދުވަން އުޅުނު ވަގުތު ފައިއެޅުނު ގޮތުން ނާޔާ އަރިއަޅާލިއެވެ. އެހިނދު ނާޔާގެ ދަބަހާއެކު އަތުގައި ޒަރޫކް ހިފަހައްޓާލިއެވެ. ނާޔާ ޒަރޫކަށް ބަލައިލިއެވެ. ދެން ޒަރޫކަށް ޝުކުރުއަދާކުރިއެވެ. އޭނާ ހިނގައިގަތްއިރުވެސް ޒަރޫކް ހުރީ ބަލަހައްޓައިގެންނެވެ. ނާޔާ ބަލާ އައީ ކާކުތޯ ބަލައިލަން އޭނާ ގޭޓާ ކުޑަތަންކޮޅެއް ކައިރިއަށް ޖެހިލިއެވެ. ސައިކަލު މަތީގައި އިން ނަވާލް ފެނިފައި އޭނާ ބޯޖަހާލިއެވެ. ދެން ތުނބުޅީގައި އިނގިލިތަކުގެ ކުރި ބީއްސާލިއެވެ. އެގޮތުގައި ހިނދުކޮޅަކު އޭނާ ހުއްޓެވެ.

********

ނާޔާ ޝައިހާނާ ދިމާކުރީ އޮފީސް ނިމުނު ވަގުތުގައެވެ. މުޅިދުވަސް ދިޔައީ އެހާ ބިޒީކޮށެވެ. މީހުން މަދުވެ އޮފީސް އެއްކޮށްހެން ހުސްވުމުން މަންޝާ ޝައިހާނަށް ގުޅިއެވެ. ޝައިހާން އިނީ އިންތިޒާރުގައި ކަހަލައެވެ. އޭނާ އޮފީސް ބަޔަށް އައިސްވަނެވެ.

"އަހަރެމެން ދެމީހުން އެކަނި ދޯ އޮފީހުގަ" އެތެރެއަށް ވަންގޮތަށް ޝައިހާން ބުންޏެވެ. އޭރު މަންޝާ ހުރީ ފައިލްތަކެއް ހިފައިގެން ލޮކަރެއް ކައިރީގައެވެ.

"އެކަނިން ތިބީމަ ކިހިނެއްވީ. އަނެއްކާ ނުބައި ކަމެއް ކުރަން ވިސްނަނީތަ؟" މަންޝާ ބުންޏެވެ.

"ނޫން. ރޯދަމަހެއްނު. އަހަރެން އެހާ ގޯހެއްނުވާނެ" ޝައިހާން ބުންޏެވެ.

ފައިލްތައް ލޮކަރަށް އަލާފައި މަންޝާ އައިސް ގޮނޑީގައި އިށީނެވެ. ޝައިހާންގެ ހަބަރެއް ނުވުމުން އޭނާ ބަލައިލިއެވެ. ޝައިހާން ބަލަހައްޓައިގެން ހުރިގޮތުން ފަޅިސިކުންތަކަށް ނަމަވެސް މަންޝާގެ ހިތުގައި ނަޒާންގެ ސޫރަ ކުރެހުނެވެ.

"ތެދަށް ބުނަންޏާ މަން ބުރުގާ އެޅުމަކީ އަހަރެން އެހާ ބޭނުންކަމެއް ނޫން. އަހަރެން އަބަދުވެސް ބޭނުންވީ ބުރުގާ ނާޅާ މަން. އެކަމަކު މިހާރު ހިތަށް އަރަނީ ބުރުގާ އެޅީމަ ހާދަ ރީއްޗޭ. ހީވަނީ އަރަބި ކުއްޖެއްހެން" ޝައިހާން ބުންޏެވެ. ޝައިހާންގެ ތައުރީފު މަންޝާއަށް ކަމުނުދިޔައެވެ.

"ދެން ބުނެބަލަ ކޮންވާހަކައެއް ބުނަން އުޅުނީ" މަންޝާ ބުންޏެވެ.

"މަންމަގެ ވާހަކަ" ޝައިހާން ބުންޏެވެ.

"މަންމަ އެއީ ވަރަށް ފާޑެއްގެ މީހެއް. ކިޔާފާނެ ކޮންމެ އެއްޗެއްވެސް. އެހެން މިބުނީ ފަހަކަށް އައިސް މަންމަ ވަރަށް އަނގަތަޅުވާ. އެނގެއެއްނު މުސްކުޅިވާ ވަރަކަށް އަނގަ ގަދަވާނެކަން. މަން ޖެހޭނެ މެރީކޮށްގެން އެގެއަށް ގޮސް ވަރަށް ކެތްކޮށްގެން އުޅެން. މަންމަ ކިޔާފާނެ އަހަރެންނޭ ކިޔާފަވެސް އެއްޗެހިތަކެއް"

"ތިއީ މާބޮޑު ކަމެއްތަ؟ އަހަރެން ނަހަދާނަން ބޮޑު ކަމަކަށް" މަންޝާ ބުންޏެވެ.

**********

ކުރިމަތީގައި އައިސް އިށިންއިރުވެސް ނަޒާން އިނީ އެހެން ދިމާލަކަށް ނަޒަރު ބަދަލުކޮށްލަން ނޭނގިފައެވެ. ކޮންމެ ދުވަހަކު އޭނާ އެދަނީ މަންޝާއަށްޓަކައި މޮޔަވަމުންނެވެ. އެކަން މަންޝާއަށް އިހުސާސްވޭ ހެއްޔެވެ؟

"ކޮންމެހެން މަންމައަށް ގުޅީ ކީއްކުރަން؟" މަންޝާ ބުންޏެވެ.

"ނުގުޅިނަމަ ނައިހެއްނު" ނަޒާން ބުންޏެވެ.

"އަހަރެން ވާހަކައެއް ބުނަންތަ؟" މަންޝާ ބުންޏެވެ.

"އަވަހަށް ބުނޭ. ހެޔޮއިރުއަރަންދެން ވާހަކަދެއްކިޔަސް އަހަރެން ފޫއްސެއްނުވާނެ" ނަޒާން ބުންޏެވެ. މަންޝާ ދެފަރާތަށް ބޮހޫރާލިއެވެ.

"ރޯދަ މަސް ނިމުމާއެކު އަހަރެން މެރީކުރާނަން. ޕްލީޒް... ތިހެން އަހަރެންނަށް ފޯސްނުކޮށްބަލަ. އަހަރެން ނަވާލްގެ ދޮންބެ އާ ބައްދަލުވި އިރުވެސް އުޅުނީ ކުއްޖަކާ ރައްޓެހިވެގެން. އަހަރެން ހުހަށް ހުރިނަމަވެސް އަހަރެންނަށް އާއެނކޭ ނުބުނެވޭނެ. ސަބަބުތައް ބައިވަރު"

(ނުނިމޭ)

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟