ޚަބަރު

ލ. އަތޮޅުގެ ފަސް ރަށެއްގައި ކޯޒްވޭ ހަދަން އެމްޓީސީސީއާ ހަވާލުކޮށްފި

ލ. އަތޮޅުގެ ފަސް ރަށެއްގައި ކޯޒްވޭ ހަދަން 237 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ މިއަދު ހަވާލުކޮށްފިއެވެ.

ޕްލޭނިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ލ. އަތޮޅުގެ ފަސް ރަށެއް ކޯޒްވޭއަކުން ގުޅާލުމުގެ ދެ މަޝްރޫވެސް ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ. މަޝްރޫއުތަކުގެ އެއްބަސްވުންތަކުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރު ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ.

އެގޮތުން ލ. ކަލައިދޫ، ލ. އިސްދޫ އަދި ލ. ދަނބިދޫ ކޯޒްވޭއަކުން ގުޅާލުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ 144.8 މިލިއަން ރުފިޔާއަށް 550 ދުވަސް ތެރޭ ނިންމުމަށެވެ.

މި މަޝްރޫއުގެ ދަށުން 42،624 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބިން ހިއްކުމާއި 271 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި 752 މީޓަރުގެ ސްކައުރިން އޭޕްރަން ހެދުމާއި 315 މީޓަރުގެ ބްރިޖެއް ހެދުމާއި 714 މީޓަރުގެ ރީޓެއިނިން ފާރެއް ހެދުމުގެ އިތުރުން 266,7 އަކަ މީޓަރުގެ ދުއްވާ ސަރަހައްދަކާއި މަގުބައްތި ހަރުކުރުމުގެ މަސައްކަތް އެމްޓީސީސީން ކުރާނެއެވެ. އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސެސްމަންޓަކާއި ޖިއޯޓެކްނިކަލް ސާވޭ ކުރުމަށްފަހު މި މަޝްރޫއުގެ މަސައްކަތް ފަށާނެ ކަމަށް އެމްޓީސީސީން މިއަދު ބުންޏެވެ.

ލ. ހިތަދޫ އާއި ކުނަހަންދޫ ކޯޒްވޭއަކުން ގުޅާލުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ 75.20 މިލިއަން ރުފިޔާއަށް 500 ދުވަސް ތެރޭގައި ނިންމާގޮތަށެވެ.

މި މަޝްރޫގެ ދަށުން 22،408 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބިން ހިއްކުމާއި 20،040 އަކަ މީޓަރުގެ ސަރަހައްދެއް ސާފުކުރުމާއި 390 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި 130 މީޓަރުގެ ސްކައުރިން އޭޕްރަންއެއް ހެދުމާއި 225 މީޓަރުގެ ބްރިޖެއް ހެދުމާއި 85 މީޓަރުގެ ރީޓެއިނިން ފާރެއް ހެދުމުގެ އިތުރުން 3،600 އަކަ މީޓަރުގެ ދުއްވާ ސަރަހައްދެއް ގާއިމުކުރުމާއި މަގުބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.