ދުނިޔެ

މާފިއާ ސަރުދާރު މަތެއޮ ޑެނާރޯ: ގަބުރުސްތާނެއް ފުރައިލެވޭ ވަރަށް މީހުން މެރި އިޓަލީގެ މުޖުރިމު

5

ސިސިލީގެ މާފިއާ ސަރުދާރު މަތެއޮ ޑެނާރޯ ހުސްވި ހަފުތާގެ ހޯމަދުވަހު ވަނީ ހައްޔަރު ކުރެވިފައެވެ. ފިލައިގެން އުޅޭތާ ތިރީސް އަހަރަށްވުރެ ގިނަ ދުވަސްވީފަހުންނެވެ. އޭނާގެ ނަން އިވުނަސް ވަރަށް ގިނަބަޔަކު ބިރުން ސިހެއެވެ. އެތައްބަޔަކު މަރާފައިވާ ނުހަނު ބޮޑު ގާތިލެކެވެ. އެއީ މާފިއާ ޖަމާއަތުގެ މާފިއާވަންތަކަން އެތައް ގުނައަކަށް މައްޗަށް ޖައްސައިލި މުޖުރިމެކެވެ. އޭނާ އަމިއްލައަށްވެސް ބުނެފައިވެއެވެ. އަހަރެންގެ އަތުން މަރުވި މީހުން އެއް ގަބުރުސްތާނަކަށް ގެނެސްފިއްޔާ އެ ގަބުރުސްތާނެއް ފުރޭނެއެވެ. ގިނަބަޔަކު އޭނާ ދަންނަނީ ޑިއަބޮލިކްގެ ނަމުންނެވެ. އެއީ އިޓަލީގެ ކާޓޫނު ކެރެކްޓަރއެއްގެ ނަމެވެ. ސިސިލީގެ ޓްރަޕާނީ ޕްރޮވިންސްގައި މާފިއާގެ އެންމެ އިސްވެރިޔަކީ އޭނާއެވެ. މުޅި ސިސިލީގައިވެސް ހުރި އެންމެ ބާރުގަދަ އަދި ނުރައްކާތެރި މީހަކީ އެއީއެވެ.

މާފިއާއޭ ކިޔަނީ ކުށްކުރާ މީހުންގެ ޖަމާއަތްތަކަށެވެ. މިނަން މައިގަނޑު ގޮތެއްގައި ރައްދުވަނީ އިޓަލީގެ އެންމެ ދެކުނުގައި އޮންނަ ސިސިލީގައި ޒަމާނުއްސުރެ ހަރަކާތްތެރިވާ މުޖުރިމުންގެ އޮޅިއޮޅިއަށެވެ. އެމީހުންގެ ވިޔުގައަށެވެ. އިޓަލީގެ މާފިއާ ނުވަތަ ސިސިލީގެ މާފިއާއޭވެސް ކިޔައެވެ. ކޮންމެއަކަސް ކުށުގެ ދުނިޔޭގައި މިއީ އެންމެ އުހެވެ. މާފިއާއަށް ނިސްބަތްވާ މެންބަރުން އަމިއްލައަށް މާފިއާއެކޭ ނުކިޔައެވެ. އެމީހުން ކިޔަނީ ކޯސާ ނޮސްޓްރާ، މިހެންނެވެ. އިޓަލީ ބަހުން ކޯސާ ނޮސްޓްރާގެ މާނަޔަކީ އަހަރެމެންނެވެ. އަހަރެމެންގެ އޮޅިއެވެ. އަހަރެމެންގެ ދުނިޔެއެވެ. އަހަރެމެންގެ ވެއްޓެވެ. ކޯސާ ނޮސްޓްރާގެ ތެރޭގައި ތަފާތު ފެކްޝަންތައް ހުރެއެވެ. ވާދަވެރި، ހަތުރުވެރި، ނިރުބަވެރި ފެކްޝަންތަކެވެ. ކޮންމެ އޮޅިއެއްގެ މެންބަރުންވެސް ތަބާވަނީ އެބައެއްގެ ސަރުދާރަށެވެ. ބާނީއަށެވެ.

ވަރަށް ފަހަކާ ހަމަޔަށްވެސް މާފިއާ ނުވަތަ ކޯސާ ނޮސްޓްރާގެ އެކި އޮޅިއޮޅިޔާއި އެމީހުންގެ ސަރުދާރުންގެ ދުއްޕާން މުޅި އިޓަލީގައި އޮތީ ފެތުރިފައެވެ. ފުލުހުންނާއި ފަނޑިޔާރުން އަދި ސިޔާސީ މީހުންނާއި ވިޔަފާރިވެރިންވެސް ތިބެނީ ކޯސާ ނޮސްޓްރާގެ ދަލުގެ ތެރޭގައެވެ. ދެ އޮޅިއެއްގެ މެދުގައި ލޭއޮހޮރުވުމެއް ފެށިއްޖެނަމަ މުޅި އިޓަލީއަށް ގުޑުން އަރައެވެ. ކޯސާ ނޮސްޓްރާގެ ބާރާއި ނުފޫޒު ނުފޯރާ ހަމައެއްކަމެއްވެސް ނޯވެއެވެ. ސަރުދާރުންގެ ބާރު ބައެއް ދުވަސްވަރު ބޮޑުވަޒީރަށްވުރެ ބޮޑެވެ. ބޮޑުވަޒީރަށް ނުކުރެވޭ ކަންކަން ހިނދުކޮޅެއްގެ ތެރޭގައި ކޯސާ ނޮސްޓްރާގެ ސަރުދާރުން ކޮށްނިންމައިލައެވެ. އެހައިވެސް ބޮޑަށް އިޓަލީގައި ކޯސާ ނޮސްޓްރާގެ ދައުރު ބޮޑެވެ. އެމީހުންނަށް ޖިޒީދީގެން ރުހުން ހޯދައިގެން ނޫންގޮތަކަށް ދިރިއުޅުމަކީ ދަތިކަމެކެވެ. ނުކުރެވޭ ކަމެކެވެ.

ކޯސާ ނޮސްޓްރާގެ އެކި އޮޅިއޮޅީގެ ސަރުދާރުންގެ ތެރެއިން ފަހަރަކު މީހަކު ހައްޔަރު ކުރެވެމުން މަގުން އެކަހެރިވަމުންއައިސް އެންމެފަހުން ބާކީހުރި މީހަކީ އުމުރުން 59 އަހަރުވީ މަތެއޮ ޑެނާރޯއެވެ. މީނާ ހެދުންއަޅައި އުޅެނީ ފިލްމީތަރިއެކޭ އެއްގޮތަށެވެ. ދުއްވަނީ އެންމެ އަގުބޮޑު ސްޕޯޓްސްކާރެވެ. އެއްފަހަރަކު މީނާގެ ފޮޓޯ އިޓަލީގެ މަޖައްލާއެއްގެ ބޭރުގަނޑުގައިވެސް ޖަހައިފައިވެއެވެ. ބޮޑު ސެލެބްރިޓީއަކަަށް ހަދައިފައެވެ. މީނާގެ ބައްޕަޔަކީވެސް އަދި އާއިލާގެ ގިނަ މީހުންނަކީވެސް މާފިއާގެ މެންބަރުންނެވެ. ވިހެއީވެސް، އުޅެބޮޑުވީވެސް ކުށުގެ ވެއްޓެއްގައެވެ. ކުށްކުރުން ނޫންކަމެއް މުޅި ހަޔާތުގައިވެސް ދަސްވެފައެއް ނެތެވެ. މީހުން މެރުމަކީ ވަރަށް ޒުވާން އުމުރުން ފެށިގެން ކުރަމުންއައި މަސައްކަތެކެވެ. ވަކި އުމުރެއް، ވަކި ޖިންސެއް، ވަކި ފަންތިއެއް ބެލުމެއް ނޯވެއެވެ.

އެންމެ ފުރަތަމަ މީނާގެ އަތުން މަރައިލި މީހާކަމަށް އެނގިފައިވާ މީހަކީ ސިސިލީގެ ބޮޑު ހޮޓަލެއްގެ ވެރިޔާއެވެ. އޭނާގެ ކުށަކީ ހޮޓަލުގެ އަންހެން މުވައްޒަފެއްގެ ކައިރީގައި މާފިޔާއަށް ކުޑައިމީސްބަހެެއް ބުނުމެވެ. ބުންޏެވެ. މިއުޅޭ މާފިއާ ކުރަފިތަކާހުރެ ދެން ފޮރުއްޕާކަށްވެސް ނެތެވެ. ކަންދިމާކުރިގޮތުން އެ އަންހެންކުއްޖާއަކީ މަތެއޮ ޑެނާރޯގެ ސިއްރު ލޯބިވެރިޔާއެވެ. އޭނާގޮސް މިވާހަކަ ލޯބިވެރިޔާގާތުގައި ބުނުމުން ހަމައެދުވަހުން އެދުވަހަށް ކަންތައް ނިންމައިލީއެވެ. މާފިއާ އޮޅީގެ މައުލޫމާތު ފުލުހުންނަށް ދިންކަމަށް ޝައްކުކުރެވުނު ކުރީގެ ބައިވެރިއެއްގެ ބާރައަހަރުވީ ފިރިހެންދަރިފުޅު ވަގަށްނަގައި ދެއަހަރު ދުވަހު ގެންގުޅުމަށްފަހު އެސިޑް ފީފާއަކަށްލައިގެން މެރުމަކީވެސް މީނާގެ ޖަރީމާތަކުގެ ތެރެެއިން ޖަރީމާއެކެވެ. އަދިވެސް މިފަދަ ކިތަންމެ ކަމެކެވެ.

މާފިއާއަށް ނިސްބަތްވާ އެހެން އޮޅިއެއްގެ ސަރުދާރާއި ވިހަން ކައިރިވެފައިހުރި އޭނާގެ މާބަނޑު އަންހެނުން ވަރަށް އަނިޔާވެރި މަރަކުން މަރައިލުމަކީވެސް މީނާ ކޮށްފައިވާ ކަމެކެވެ. ކާރުބޮން ގޮއްވައިގެންނާއި ބަޑި ޖަހައިގެން އެތައް އެތައް ފަނޑިޔާރުންނަކާއި ފުލުސް އޮފިސަރުން މަރާފައިވެއެވެ. މީނާ އަތުލައިގަތުމަށް ފުލުސް ފައުޖުން މުޅި އިޓަލީގައި އަތްފުނާއަޅަން ފެށީ 1993 ގައެވެ. އެހިސާބުން ދެން ގެއްލުނީއެވެ. އެކަމަކު ސިންގަޕޫރާއި ހޮންކޮންގާއި މިހެންގޮސް އޭނާ ދާންބޭނުންހާ ތާކަށް ދެންވެސް ދަތުރުކުރެއެވެ. އޭނާ ފޮރުވައިގެން ރައްކާތެރިކަންދޭކަމަށް ތުހުމަތު ކުރެވެނީ އެންމެ މަތީ ފަންތީގެ ފުލުހުންނާއި ސިޔާސީ މީހުންގެ މައްޗަށެވެ. ކޮންމެއަކަސް އެންމެފަހުން ހައްޔަރުކުރެވުނީއެވެ. މީނާ ހައްޔަރު ކުރެވުމާއެކު މާފިއާ ސަރުދާރުންގެ ތެރެއިން އެންމެފަހަކަށްހުރި މިފަންތީގެ މީހާގެ ކަންތައް އެ ނިމުނީއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟