އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރައްވާ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ސިޔާސަތުތައް ބައްޓަން ކުރައްވާނީ، މުޅި ރައްޔިތުންނަށް އޭގެން ފައިދާއެއް ލިބި، ވަކިން ހާއްސަކޮށް ވިޔަފާރިވެރިއާއަށް ބޮޑު ފައިދާއެއް ލިބޭގޮތަށް ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

ރިޔާސީ ޕްރައިމަރީ ކެމްޕެއިންގައި ގއ. ނިލަންދުއަށް ވަޑައިގެން އެރަށުގައި ތިބި އެމަނިކުފާނުގެ ސަޕޯޓަރުންނާ ބައްދަލުކުރައްވައި، ރައީސުލްޖުމްހޫރިްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ކުޑަރަށެއް، ބޮޑުރަށެއް ނުބަލައި ތަރައްގީ ކުރުމަށް ކުރިއަށް ގެންދާ ސިޔާސަތަށް ފާޑުވިދާޅުވަމުން ރައީސް ނަޝީދު ވިދާޅުވީ، ކުޑަރަށެއް ބޮޑު ރަށެއް ބަލާ ނުލައި ކަންކަން ކޮށްދިނުމަކީ ސަރުކާރަށް ލިބޭ ވަރަށް ބޮޑު ގެއްލުމެއް ކަމަށެވެ.

އޭގެ ބަދަލުގައި ސަރުކާރުން ގަނެ ވިއްކުމުގެ ސިޔާސަތު ހިންގަންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ "50 އަކަށް މީހުން ދިރިއުޅޭ ރަށްރަށުގެ ވަށައިގެން ގޮނޑުދޮށް ހިމާޔަތް ކޮށް 60 މިލިޔަނެއްހާ ރުފިޔާގެ ބަނދަރެއް ސަރުކާރުން އަޅާފާނެ،" ކަމަށެވެ. ނަމަވެސް އެއީ އެކަން ކުރަންވީ ގޮތް ނޫން ކަމަށްވެސް ވިދާޅުވިއެވެ.

އެމަނިކުފާނު ހުށަހަޅުއްވާނީ، މުޅި ރައްޔިތުންނަށް އޭގެ ފައިދާ ލިބި ވަކިން ހާއްސަކޮށް ވިޔަފާރިވެރިއާއަށް ބޮޑު ފައިދާ ލިބޭ ސިޔާސަތެއް ކަމަށްވެސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، ރަށް ތިޔާގިވާނީ ވިޔަފާރި ތަނަވަސްވެ، ވިޔަފާރި ކުރި އަރައި ދިއުމުން ކަމަށާއި ރައްޔިތުންނަށް ލިބޭ އެއްޗެއް އިތުރު ވާނީ އޭރުން ކަމަށެވެ.

ރަށްރަށުގައި ސަރުކާރުން ކުރިއަށް ގެންދާ ޕްރޮޖެކްޓްތަކަށް އިޝާރާތް ކުރައްވައި ރައީސް ނަޝީދު ވިދާޅުވީ، އެގޮތަށް ހަދާ ކޮންޓްކްރީޓް މަސައްކަތްތަކުން ރައްޔިތުންގެ ޖީބަށް އިތުރަށް ވައްނާނެ އެއްޗެއް ނޯންނާނެ ކަމަށެވެ.