ފަސް ދުވަހުގެ ޕްރޮކިއުމަންޓު މަސައްކަތް ފަސް ގަޑިއިރަށް ބަދަލު ކޮށްދޭނެ އެސްއޭޕީ އަރީބާ ނެޓުވޯކް އެސްޓީއޯއަށް ތައާރަފުކޮށްފިއެވެ.

އަރީބާ ނެޓްވޯކް ތައާރަފްކޮށްފައިވަނީ މިރޭ ދަރުބާރުގޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެކުންފުނީގެ ޖެނެރަލް މެނޭޖަރު މުހައްމަދު ޝިފާނެވެ. މި ރަސްމިއްޔާތުގައި އެކުންފުނީގެ ސަޕްލަޔަރުން ވަނީ ބައިވެރިވެފައެވެ.

އަރީބާ ނެޓުވޯކަކީ ވިޔަފާރި މުއާމަލާތްތަކަށް ދުނިޔޭގެ އެކި ކުންފުނިތަކުން ބޭނުން ކުރަމުން އަންނަ ނެޓުވޯކެކެވެ.

މި ނެޓުވޯކާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން އެސްޓީއޯގެ ޕްރޮކިއުމަންޓު ޑިޕާޓުމަންޓުގެ ޖެނެރަލް މެނޭޖަރު އަބްދުލްވާހިދު މޫސާ ވިދާޅުވީ އެކުންފުންޏަކީ ފާއިތުވި އަހަރު އެކަނިވެސް 15 މިލިއަން ރުފިޔާގެ ވިޔަފާރިކޮށް ގިނަ ސަޕްލަޔަރުންނާ މުއާމަލާތް ކުރަމުން އަންނަ ކުންފުންޏެއް ކަމަށެވެ.

"މި ނެޓުވޯކުގެ ސަބަބުން ފަސް ދުވަހުގެ މަސައްކަތް ފަސް ގަޑިއިރަށް ބަދަލުވެގެންދާނެ، ދެން މިހާރު އަޅުގަނޑުމެން ސަޕްލަޔަރުންނާ މުއާމަލާތް ކުރަމުން މިދަނީ އީމެއިލް މެދުވެރިކޮށް. އެކަމަކު ގިނަ ދަތިތަކެއް އެބަހުރި އެކަމުގަ، އެއީ މެއިލް ރައްދުނުވުމާއި މިފަދަ ކަންކަން." މި ނެޓުވޯކު މަސައްކަތް ކުރާނެ ގޮތުގެ ތަފުސީލު ދެއްވަމުން އޭނާ ވިދާޅުވިއެވެ.

އެސްޓީއޯގެ ޕްރޮކިއުމަންޓު ޑިޕާޓުމަންޓުގެ މެނޭޖަރު ހުސައިން އަލީ ވިދާޅުވީ އަރީބާ ނެޓްވޯކަށް މަސައްކަތްތައް ބަދަލު ކުރުމުން މަސައްކަތުގެ ދެ ފުށް ފެނި، މަސައްކަތް ކުރިއަށްދާ ގޮތް ދެ ފަރާތަށް ވެސް ފަސޭހައިން ބެލޭނެ ކަމަށެވެ.

ހުސައިން ވިދާޅުވީ އަރީބާ ނެޓުވޯކް މެދުވެރިކޮށް ހުށަހަޅާ ބިޑުތައް އެސްޓީއޯއިން ހުޅުވައިފިނަމަ، އެކަން ސަޕްލަޔަރުންނަށް އެނގޭނެ ގޮތަށް ނޮޓިފިކޭޝަން ދާނެ ކަމަށެވެ. އަދި ތަކެއްޗަށް އޯޑަރު ކުރުމާއި ޑެލިވަރީ ނޯޓިސް ފަދަ ތަކެތިވެސް މި ނެޓުވޯކް މެދުވެރިކޮށް ލިބިގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.

މި ނެޓުވޯކް ބޭނުން ކުރުމަށް ސަޕްލަޔަރުން އެއްވެސް ފީ އެއް ދައްކަން ނުޖެހޭނެ ކަމަށްވެސް ހުސައިން ވިދާޅުވިއެވެ.