Close
ވާހަކަ

ދީވާނާ ހިތް - 18

5

"ރޯދަމަސް މިފެށުނީ. ލޯބިކޮށްލަން ލިބޭނީ މަދުވަގުތުކޮޅެއް. އަޅުކަމުގެ މައްސަރެއް. އެކަމަކު މިރޭ ކެތެއްނުވާނެ. ހުއްދައަކަށް އެދެން" ނަވާލް ބުންޏެވެ. އެހިނދު ނަވާލްގެ މޫނަށް ތިއާ ބަލައިލިއެވެ. ކުޑަކޮށް މޫނު އުފުލާލާފައި ނަވާލްގެ ދަތްދޮޅީކޮޅުގައި ތުންފަތް ޖައްސާލިއެވެ. އެއީ ތިއާގެ ފަރާތުން ލިބުނު ރުހުންކަން ނަވާލަށް އެނގުނެވެ.

**********

މާޝިތާގެ އާއިލާ ހާރުކާ ގަޑިއަކީ ދަންވަރު ތިނެކެވެ. ރަމަޟާން މަހަށް ހަނދުބެލުމަށްފަހު އެ އާއިލާ އިން ދަންވަރު ނިދާ މީހަކަށް އުޅޭނީ ނާޔާ އެކަންޏެވެ. ދަމުނަމާދަށް ނާޔާ ނަގަން މާޝިތާއަށް ޖެހެނީ ބޮޑު ހަނގުރާމައެއް ކުރާށެވެ. ގިނަ ރޭތަކުގައި ނަވާލާއި ނަޒާން ނާޔާގެ ދެއަތުގައި ހިފައި ކޮޅަށް ޖެހިޔަސް ކޮޅަށް ހުންނަނީ ނިދާފައެވެ.

ގޭތެރެއިން ތަށިތަޅުވާ އަޑު އިވިފައި ނަޒާން ގަޑިއަށް ބަލައިލިއެވެ. ތިނެއް ޖަހަން ފަނަރަ ވަރަކަށް މިނެޓް ހުއްޓެވެ. ކާން ހަދަން ތިއާ ނޫނީ މާޝިތާ ނުކުތީކަން ނަޒާނަށް އެނގުނެވެ. އޭރުވެސް އޭނާ އިނީ މުސައްލަ މަތީގައެވެ. ނަމާދުން ފައިބައިގެން އެނދުގައި އިށިންގޮތަށް އަރިމަތީ ކަބަޑުމަތީގައި އޮތް ފޯނު ނެގިއެވެ. މަންޝާ މަތިން ހަނދާންވުމާއެކު އޭނާގެ ތުންފަތަށްވެރިވީ ހިނިތުންވުމެވެ. އެއީ ހަމައެކަނި ތުންފަތަށް ވެރިވި ހަރަކާތެކެވެ. އަޑު ނުކުތް ވަރަށް އޭނާއަށް ހީނލެވުނީ ފޯނަށް އައި މެސެޖެއް ބަލައިލިރު މަންޝާ ލިޔެފައި އިން އެއްޗެއް ފެނިފައެވެ.

"އަހަރެން މިއުޅެނީ ހޭލާ. ނުގުޅާތި"

ނަޒާން ގުޅާނެ ކަމަށް ބުނެފައި އޮތިއްޔާ ގުޅާނެކަން މަންޝާއަށް ވިސްނިއްޖެއެވެ. އޭނާ ދެރަވެސްވިއެވެ. މަންޝާއަށް ޕްރެޝާ ކުރެވެނީބާއޭ ހިތަށް އެރިއެވެ. އެގޮތަށް މަންޝާއަށް އިހުސާސްވާކަށް އޭނާ ބޭނުމެއް ނުވެއެވެ. މަންޝާގެ ހިތް ހޯދަން އޭނާ ބޭނުންވަނީ ލަސްލަހުން އޭނާގެ މައްޗަށް ހިތްޖައްސުވައިގެންނެވެ. އެވަގުތު އިތުރަށް މަންޝާއަށް ގުޅަން އޭނާ ނޫޅުނެވެ. އެހާވަރުން އުނދަގޫކުރަންޏާ މަންޝާގެ ހިތުގައި ފޫހިކަމެއް އުފެދިދާނެއެވެ. އެހެންނަމަވެސް އޭނާގެ ހިތުގެ ތަސައްލީއަށް ލޯބިވާ ކަމަށް ބުނެ މެސެޖު ފޮނުވިއެވެ. ކޮޓަރިން ބޭރަށް އޭނާ ނުކުތީ ކޮޓަރީގައި ފޯނު ބާއްވާފައެވެ.

********

ކާންހަދާފައި ތިއާ ކޮޓަރިއަށް ދާން އުޅުނު ވަގުތު ހުއްޓުނީ މޭޒު ކައިރިއަށް އައި ނަޒާން ފެނިފައެވެ. ތިއާ ފިޔަވައި ކޮޓަރިން އެންމެ ކުރިން އެ ނުކުތީ ނަޒާނެވެ. އެހެންކަމުން ދެކުދިން އެކަކު އަނެކަކަށް ހިނިތުންވެލިއެވެ.

"ކޮބާ ނަވާ؟" ނަޒާން އެހިއެވެ.

"ބުނި މިއަންނަނީއޭ. މަގޭ ނިންދަވާފައި އޭނާ ނުނިދާ" ތިއާ ބުންޏެވެ. "ދޮންބެއަށް ކާއެއްޗެހި އަޅައިދެންތަ؟"

"ނޫނޭ... ތިއާ ހުރޭ ޝޯ ބަލަން. އިރުކޮޅަކުން މަންމަގެ އަޑު އިވޭނެ. ނާޔާ މިގަޑީގަ ނަގަން ޖެހޭނީ ގަދަކަމުން" މަޖާވެފައި ނަޒާން ބުންޏެވެ. އެންމެން ހަމަވަންދެން ތިއާ އިށީނެވެ. މާޝިތާ ކޮޓަރިން ނުކުންނާނީ ލަހުންކަން އެނގޭތީ އޭނާ ހުރީ ކާންހަދާ ނިންމާފައެވެ.

"މަން އާ ވާހަކަދެއްކުނުތަ؟" ތިއާ އެހިއެވެ.

"ދެއްކިން. ފައިދާއެއްނުވި" ނަޒާން ބުންޏެވެ.

"އަދި ވާނެ. ދޮންބެ ހުއްޓާނުލައްޗޭ" ތިއާ ބުންޏެވެ.

"ޔަގީނެއްނު. އެހާ ފަސޭހައިން ހިތުން ފިލައިގެންދާނެ ލޯތްބެއް ނޫން އެއީ" ނަޒާން ބުންޏެވެ.

މާގިނަ އިރެއްނުވެ ނަޒާން ބުނިހެން މާޝިތާ ގޮވާލި އަޑު އިވުނެވެ. ހިނގައިގަތީ ނަޒާނާއި ތިއާ އެކުގައެވެ. ނާޔާގެ ކޮޓަރި ދޮރުމަތީގައި މާޝިތާ ހުރިއިރު ކައިރީގައި ނަވާލްވެސް ހުއްޓެވެ. މެންދަމުގެ އެވަގުތު އެގޭތެރެއަށް ދުވާލުގެ އަލިކަން ފެތުރިފައިވާ ކަހަލައެވެ. އެއްވެސް މީހެއްގެ މޫނުމަތިން ނިދީގެ އަސަރެއް ނުފެނެއެވެ.

"ދަރިފުޅު ހުރޭ މަންޒަރު ބަލަން" ތިއާގެ ބޮލުގައި ފިރުމައިލަމުން އާމިރު ބުންޏެވެ.

ނާޔާގެ ކޮޓަރިއަށް ވަނީ ނަވާލާއި ނަޒާން އެކުގައެވެ. މާކުރިން މާޝިތާ އެކޮޓަރިއަށް ވަދެ ލައިޓް ޖައްސައިފިއެވެ. އެވެސް ނާޔާ ހޭލެއްވުމަށެވެ.

"ނާޔާ... ތެދުވޭ. ހާރުކާ ގަޑި ޖެހިއްޖެޔޭ" ނަޒާން ބުންޏެވެ. ހިލަމެއް ނުވިއެވެ. އެހިނދު ނަޒާނާއި ނަވާލް އެކަކު އަނެކަކަށް ބަލައިލިއެވެ. ދެން ހީލަމުން ނާޔާގެ ދެއަތުގައި ހިފިގޮތަށް އެނދު ކައިރިއަށް ކޮޅަށް ޖެހިއެވެ. ތިއާއަށް ހެވުނެވެ. ކޮޅަށް ހުރިގޮތަށް ނާޔާ ހުރީ ނިދާފައެވެ.

ނާޔާއަށް އެހާ ފަސޭހައިން ހޭނުލެވޭނެކަން އެނގުމުން ނަވާލް ކުރީ މާ މޮޅުކަމެކެވެ. ނާޔާ ދެއަތް މައްޗަށް އުފުލާލިގޮތަށް ކޮޓަރިން ނުކުމެގެން ހިނގައިގަތެވެ. ކާމޭޒު ކައިރިން ގޮނޑިއެއްގައި ނާޔާ ބޭންދިއެވެ. ދެން އޭނާގެ ފޯނު ނަގާފައި ރިންގެއް އެޅުވިއެވެ. ނާޔާގެ ކަންފަތާ ކައިރިކޮށްލުމާއެކު އުނދަގުލުން ދެލޯ ހުޅުވައިފިއެވެ.

"ދަރިފުޅު ރޯދަ ނުހިފަންޏާ ދޭ ނިދަން" މާޝިތާ ބުންޏެވެ.

"މަންމަ ހީކުރީ ނާއްކޮ ރޯދަހިފާކަމަށްތަ؟ ފާހަނާއަށް ވަދެ ފެން ބޮނީ" ނަޒާން ބުންޏެވެ. ދެލޯ މެރިމެރި އިނދެފައިވެސް ނާޔާ ނަޒާންގެ ކޮނޑުގައި އަތުން ޖަހާލިއެވެ.

"ދެން ދޮންބޭ" ނާޔާ ބުންޏެވެ. އޭރުވެސް ރަނގަޅަށް އޭނާގެ ދެލޮލުން ނިދި ނުފިލައެވެ. އިނީ ދެލޯ މެރިމެރިއެވެ.

"ނާއްކޮ މިހާރު އެހެން ނޫޅެން. އެއީ ކުޑައިރު މަންމަ ފެންފުޅިތައް ފޮރުވާތީ ވަގަށް ފެންބޮނީ" ނާޔާ ބުންޏެވެ.

ތިއާ އެންމެ ހައިރާންކުރުވަނިވި މަންޒަރަކަށް މޭޒުދޮށުން ފެނުނީ ނާޔާއަށް ސަމްސަލުން ކާންދޭން މާޝިތާ އިށީން މަންޒަރެވެ. އެއީ ހާރުކާން ލިބޭ ވަގުތުކޮޅު ކުޑަވެފައި ނާޔާގެ ހަރަކާތްތައް ލަސްކަމުން ކަން ތިއާއަށް އެނގުނެވެ. ފަހަތަށް ގޮސްފައިވާ ރަމަޟާން މަހުގެ ރޭތަކުގައި އެވަގުތު މާޝިތާ އުޅޭނެ ގޮތް ތިއާ އަށް އަންދާޒާކޮށްލެވުނެވެ. ރަނގަޅަށް ކާއެތިކޮޅު ކާލާނެ ވަގުތެއްވެސް މާޝިތާއަށް ނުވާނެކަން ޔަގީނެވެ.

*********

ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ ބަންދު ދުވަހެކެވެ. އެހެންކަމުން ގޭތެރޭގައި މަންޝާ އުޅުނީ އަވަދިނެތިއެވެ. ފުރަތަމަ ދުވަހުގެ ހުރިހާ އެއްޗެއް ކެއްކުމުގައި ބަދިގޭގައި އަބަދުވެސް އުޅޭނީ މަންޝާއެވެ.

"މަންމާ... ޒައްރަބެ ރޯދަވިއްލަން އަންނާނެތަ؟" އަވަން ކައިރީގައި ހުރި މަންޝާ އެހިއެވެ.

"މިއަދު އަންނާނެ. މާދަމާއިން ފެށިގެން ކަންނޭނގެ ނާންނާނީ" ދިލްޝާދު ބުންޏެވެ.

އެއްކަމެއްކޮށްލާފައި އަނެއްކަމެއް ކޮށްއުޅުނު މަންޝާގެ ހަރަކާތްތަކަށް ހުއްޓުމެއް އައީ ގޭތެރެއިން މީހަކު ސަލާންގޮވާލި އަޑު އިވިފައެވެ. މަންޝާ ބޮޑުކޮޓަރިއަށް ބޯދިއްކޮށްލިއެވެ. ދާދި ދެންމެއަކު ގޭތެރެއިން އޭނާ އާ ވާހަކަދެއްކި ދިލްޝާދު ފެންނަންވެސް ނެތެވެ. އަސުރުނަމާދަށް ތައްޔާރުވާން ކޮޓަރިއަށް ވަނީކަން މަންޝާއަށް އެނގުނެވެ.

"ވައަލައިކުމުއްސަލާމް" މަންޝާ ދޮރުމައްޗަށް ހުއްޓުނެވެ. ދޮރުމަތީގައި ހުރި މީހަކު ފެނި މަންޝާ ހުއްޓުން އެރިއެވެ. އަނެއްކާ ނަޒާން އައީ ހެއްޔެވެ؟ މިފަހަރު ކިޔާނީ ކީކޭ ހެއްޔެވެ؟ މަންޝާ ދެފަރާތަށް ބޯހޫރާލިއެވެ.

"ކީއްކުރަން ތިއައީ؟" މަންޝާ ބުންޏެވެ.

"އަނހަ ނަޒާން ތަ؟ އާދޭ އެތެރެއަށް. ހަމަދެންމެ މާޝިތާ ގުޅާފަ އެބުނީ ދެކުދިން އައި ވާހަކަ" ކޮޓަރިން ނުކުމެގެން އައި ދިލްޝާދު ވާހަކަދެއްކިއެވެ. މަންޝާ ވަދެގެން ދިޔައީއެވެ.

"ކޮބާ ނަވާލް؟" ދިލްޝާދު އެހިއެވެ.

"އެބައާދޭ ޕެޓްރޯލު އަޅައިގެން" ނަޒާން ބުންޏެވެ.

"މިއީ މަންމަ ފޮނުވި ކަރަލާއި ކަދުރު. ތަރުކާރީކޮޅެއްވެސް އެބަހުރި" ނަޒާން ބުންޏެވެ.

ނަޒާން ދިއްކޮށްލި ކޮތަޅުގައި ދިލްޝާދު ހިފިއެވެ. މާޝިތާގެ ހެޔޮކަން ހިތަށް އަރާފައި އޭނާ ހީލިއެވެ.

"އަހަރެމެންގެ ދެމައިން މިރޭ ތިގެއަށް ގޮސްލާނަން. ޔަގީނުންވެސް ހުސްއަތަކާ ނުދާނަން" ހީލަމުން ދިލްޝާދު ބުންޏެވެ.

"އެހެންތަ. އެހެންވިއްޔާ އަޅުގަނޑު ގޭގަ އުޅޭ ގަޑިއެއްގަ އަންނައްޗޭ"

މަންޝާ ކައިރިއަށް ހިނިއައެވެ. އެކަން ނަޒާނަށް އެނގިދާނޭތީ އޭނާގެ ތުންފަތްމަތިން ފާޅުވި ހިނިތުންވުން ފޮރުވިއެވެ.

އިށީންނަން ނަޒާނަށް ދިލްޝާދު ދެއްކީ ސޯފާއެވެ. އެހެންނަމަވެސް އޭނާ އިށީނީ ކާމޭޒު ކައިރީގައެވެ. އެކަން މާބޮޑު ކަމަކަށް ދިލްޝާދު ނުހެދިއެވެ.

"ދަރިފުޅާ! މަންމަ މިދަނީ ކޮޓަރިއަށް. ނަމާދުކޮށް ނިމިގެން ދެން ނުކުންނާނީ. މަންޝާވެސް ނަޒާން ދިޔައިމަ ކުރަންހުރި ކަމެއްވިއްޔާ ބަހައްޓާފަ ޒިކުރުތައް ކިޔާނީ" ދިލްޝާދު ބުންޏެވެ.

މަންޝާ ބޯހަޖާލުމުން ދިލްޝާދު ހިނގައިގަތެވެ. މަންޝާގެ ހަރަކާތްތަކަށް ނަޒާން އިނީ ބަލަހައްޓައިގެންނެވެ. އެކަން މަންޝާއަށް އެނގެއެވެ. އުނދަގުވެސްވިއެވެ. އެކަމަކުވެސް އޭނާ ކުރާނެ ކަމެއް ނެތެވެ. ނަޒާން ހުންނަނީ މޮޔަވެފައެވެ.

"ރޯދަ ތަ؟" ބަޖިޔާ މަސްހުނިގަނޑު ހަދަން ހުރި މަންޝާގެ ހަރަކާތްތަކަށް ހުއްޓުމެއް އައެވެ.

"ތިއީ ވަރަށް ހަޑިގޮތެއް" މަންޝާ ބުންޏެވެ.

"ކޮބާ؟ ރީތި އެއްޗިއްސަށް ބެލުންތަ؟ ނޫނީ މިތާ އިނުންތަ؟" ނަޒާން ބުންޏެވެ.

"އަންހެންކުދިން ކައިރީގައި ރޯދަހޭ އެހުން" މަންޝާ ބުންޏެވެ.

"އެއީ ކީއްވެ؟ އަންހެންކުދިންނަށް އެހެންޖެހޭ ފިރިހެނުން ކައިރީގައި ކޮންމެ އެއްޗެއްވެސް. އަހަރެން މިހެން މިއެހީ އަނގަ ކައިރިން ކާއެއްޗެހި ފެންނަންހުރީމަ" ނަޒާން ބުންޏެވެ.

މަންޝާ ވަގުތުން ނަޒާނަށް ފުރަގަސްދިނެވެ. އިހުތިޔާރަކާނުލައި އަނގަ ކައިރީގައި އަތްޖައްސާލެވިއްޖެއެވެ. ހަމަ އަސްލަށްވެސް ކާއެއްޗެހި ހުރީ ހެއްޔެވެ؟ ރޯދަމަހުގެ ފުރަތަމަ ރޯދަ ހިފުމުގެ ނަސީބު އޭނާއަށް ނުލިބުނެވެ. ރޯދަ ގެއްލުނީ ރޯދަ ހިފައިގެން ހުއްޓައެވެ. އަނެއްކޮޅުން ނަޒާން ބުނި އެއްޗަކުން އޭނާ ވަރަށް ލަދުގަނެއްޖެއެވެ. މަސްގަނޑަށް ލޮނު ލެވުނުކަން ޔަގީން ނުވާތީ އޭނާ ރަހަބެލިއެވެ. އަނގަ ކައިރީގައި ހޭކުނުކަމެއް އޭނާ ނުދެނަހުއްޓެވެ.

"ސޮރީ... ލަދުގަތީތަ؟"

މަންޝާއަށް ނަޒާންގެ އަޑު އިވުނީ ވަރަށް ކައިރިންނެވެ. އޭނާ ސިހިފައި ބަލައިލިއެވެ. ނަޒާން ހުރީ ފަހަތުގައި ޖައްސާފައެވެ. މަންޝާއަށް ދިނީ ހިނިތުންވުމެކެވެ. މަންޝާ އެއްޗެއް ނުބުނެއެވެ. ތަށި ހިފައިގެން އޭނާ ނަޒާނާ ކުޑަކޮށް ދުރަށްޖެހުނެވެ. މަންޝާ ރޯދައެއް ނޫންކަން ނަޒާނަށް އެނގުނެވެ. އެހެންނަމަވެސް އޭނާ އެ މައުޟޫއަށް ވާހަކަދައްކަން ބޭނުމެއް ނުވިއެވެ. އޭނާ މަންޝާއަށް އިހުތިރާމު ކުރެއެވެ.

"އަބަދު އަބަދު މިގެއަށް ތިހެން ނާދެބަލަ" މަންޝާ ބުންޏެވެ.

"ތިހެންވިއްޔާ މަން ހިނގާބަލަ އަހަރެންނާއެކު" ނަޒާން ބުންޏެވެ. "މެރީކޮށްގެން"

މަންޝާ ދެފަރާތަށް ބޯހޫރާލިއެވެ.

"އަހަރެން ނުދާނަން. އަހަރެން ނަވާލްގެދޮންބެ ދެކެ ލޯތްބެއްނުވޭ"

އޭނާ އެހެން ބުނީ ނަޒާން ދެރަވާނެ ކަމަށެވެ. އެހެންނަމަވެސް ނަޒާނުގެ މޫނުމަތިން އެކަހަލަ ނިޝާނެއްވެސް ނުފެނުނެވެ.

"ހެހެހެ... ތިހެން ތިބުނީ އަހަރެން ދެރަވާނެކަމަށްތަ؟ އެހެންނުވާނެ. އަހަރެންނަށް އެނގޭ މިއަދު ނުވިޔަސް ތި ހިތް އަހަރެންގެ މައްޗަށް ލެނބޭނެކަން. އެދުވަހަކަށް އަހަރެން އިންތިޒާރު އެބަކުރަން. އެހެންނޫނަސް ނަވާލްގެ ދޮންބެދެކެ ކޮންމެހެން ލޯބިވާނެކަމެއްނެތޭ. ނަޒާންދެކެ ލޯބިވީމަ ހުންނާނީ ރަނގަޅަށް" ނަޒާން ބުންޏެވެ.

އަސުރުނަމާދު ބަންގީގެ އަޑުވެސް އިވުނީ އެވަގުތުއެވެ. އެހިނދު މަންޝާ ދުރަށް ޖެހުނެވެ. އަސުރުވަގުތުވީކަން ނަޒާނަށް ހަނދާންކޮށްދިނެވެ. އެވަގުތަށް ބަންގީގެ އަޑު އިވުނުކަންވެސް ނަސީބެވެ. އޭނާ ހުރީ ނަޒާން ފޮނުވާލާނެ ގޮތެއް ނޭނގިފައެވެ. ނަޒާން ކައިރީގައި ހުއްޓޭއިރަށް އޭނާ ހިތްބިރުގަނެއެވެ. ނަޒާންގެ އަނގައިން ބޭރުވާ ޖާދޫގެ ބަސްތަކުގައި އޭނާ ހައްޔަރުވެދާނެކަމަށްޓަކައެވެ.

"ކީއްވެ ނަޒާން ނުކިޔަނީ؟ އަހަރެންގެ ނަން ކިޔަން ލަދުގަންނަނީތަ؟ އެނގޭތަ ތިއީ މިލޯބީގެ ފެށުމަށް ވާނީ. އަހަރެންގެ ނަން މަންއަށް ހާއްސައީ. ނޫންތަ؟"

"ތިއެއްނޭނގެ. ބަންގިދޭ އަޑު އެ އިވެނީ. ނަމާދަށްދޭ" މަންޝާ ބުންޏެވެ.

ނަޒާން ހިނގައިގަތެވެ. މަންޝާ ނުބުންޏަސް އޭނާ ނަމާދަށް ދާނެއެވެ. މަންޝާ އެހެން އެބުނީ އޭނާ ފޮނުވާލަން ބޭނުންވެފައި ހުރިވަރުންނެވެ. ދާހިތެއްނެތެވެ. އެހެންނަމަވެސް ދާން މަޖުބޫރެވެ. އެއްކޮޅުން އެމީހަކާ ސިކުންތަކަށްވެސް ދުރަށް ދާން ބޭނުންނުވާ އޭނާގެ ހިތުގެ މިލްކުވެރިޔާއެވެ. އަނެއްކޮޅުން ﷲ ގެ ގެ ކޮޅެވެ. އޭނާ އިސްކުރީ ނަމާދެވެ.

"މިރޭ އެގެއަށް ދާއިރު ރަތް ހެދުމެއް ލައްޗޭ. އެކުލަ މަން އާ ވަރަށް ގުޅޭ" އެނބުރިފައި ނަޒާން ބުންޏެވެ.

"ނޫން" މަންޝާ ބުންޏެވެ. ނަޒާން ހުއްޓި ދެފަރާތަށް ބޯހޫރާލަމުން ހީލިއެވެ.

މަންޝާއަށް ހުރެވުނީ ހުއްޓުން އަރާފައެވެ. ބައްދަލުވާ ކޮންމެ ފަހަރަކު އެދަނީ މަންޝާގެ ދުލުގައި ގޮށްޖަހާފައެވެ. މީހަކު މޮޔަވެދާނެއެވެ. ނަޒާން ހުއްޓާލާނީ މޮޔަކޮށްފައި ހެއްޔެވެ؟ މަންޝާ ދެފަރާތަށް ބޯހޫރާލިއެވެ.

********

ތަރާވީސްކޮށް ނިމިގެން ގެއަށް އެންމެފަހުން އައީ ނަޒާނެވެ. އޭރު ސޯފާގައި މާޝިތާ އާއި ތިއާ ނޫން އެންމެން ތިއްބެވެ. އެދެމައިން މޭޒުމަތި ތައްޔާރުކުރަނީކަން ނަޒާނަށް އެނގުނެވެ.

"ދޮންބެ ކޮންތާކަށް ދިޔައީ" ނަޒާން އިށީނުމާއެކު ނަވާލް އެހިއެވެ.

"އެއީ އެހެންކަމަކު" ނަޒާން ބުންޏެވެ. "އެންމެން ހާދަ މަޖާވެފަ"

އެހިނދު އިޝާރާތުން ނަޒާނަށް ދުރުދައްކާލީ އާމިރެވެ. އެދިމާ ނަޒާން ބަލައިލިއެވެ. ދެ މީހުންގެ ޖާގައިގެ ސޯފާގައި ނާޔާ އިނީ ދެފައި ސޯފާއަށް ނަގައިގެން އެއް އަތުން ފައިގައި ފިރުމާށެވެ.

"ނާއްކޮއަށް ކިހިނެއްވީ؟ ބަލީތަ؟" ނަޒާން އެހިއެވެ.

"

ދޮންބެއަކަށް ނޭނގޭނެ. އެ މިސްކިތު ތަރާވިސްކުރި މީހާ އެހެން މީހަކަށް ނުވިސްނާ. ހާދަ ދިގުކޮށޭ ކިޔެވީ. ކިރިޔާ ކޮޅަށް ހުރެވެނީ. މިސްކިތުން ފޭބިއިރު ދެފައިގައި ތުރުތުރު އަޅާ" ނާޔާ ޝަކުވާކޮށްލިއެވެ.

މިސްކިތުން ފޭބިފަހުން އޭނާ އެހެން ވާހަކައެއް ނުދައްކައެވެ.

"ދަރިފުޅުމެން އެރި މިސްކިތުގަ ތަރާވީސްކުރީ ބޭރު މީހެއް. އެއީ ޕާކިސްތާނު މީހެއް" އާމިރު ބުންޏެވެ.

"އެކަމަކު އެއީ ބޮޑުވަރެއްދޯ. އެމެރިކާ އިން އަޔަސް އެމީހާއަށް އެންގެން ޖެހޭނެ ދޯ އެހެން މީހުންގެ ފައިގަ ރިއްސާނެކަން. ނާއްކޮ ވަރުބަލިވެގެން ރޮވިފަ މަންމައަށް ބަލައިލި އިރު މަންމަ ހަމަ ހުރެހުރެގެން ނަމާދު ކުރަނީ. މަންމަ ފައިގަ ހުންނަނީ ދަގަނޑުތަ؟ މަންމަ އާ ޖެހިގެން އެކޮޅަށް ހުރި މާމައެއްވެސް ހާދަ ވަރުގަދައޭ. އަދި މި ތިއްތަވެސް ނޫޅެޔޭ ފަޔަށް ތަދުވާތީއެއް" ނާޔާ ވާހަކަދެއްކިއެވެ.

ނަވާލާއި ނަޒާން ތިބީ ހެވިފައެވެ. އުމުރުން ދިހަ އަހަރުން ފެށިގެން މާޝިތާއާއެކު ރަމަޟާން މަސްތަކުގައި ނާޔާ މިސްކިތަށް ގެންދަން ފަށައިފިއެވެ. ކޮންމެ ރޯދަމަހެއްގައި އެއީ ނާޔާ ކުރާ ޝަކުވާއެވެ. ދެރެއިން އެއްރޭ ފައިގައި ބާމޫ ހާކައެވެ.

"ތިއްތަ ބުނީމެއްނު ފަހުން ގޮނޑި ހިފައިގެން އައިސް އިންނާށޭ" ތަރާވިސްދަން މޭޒަށް އަރުވާފައި އައި ތިއާ ބުންޏެވެ.

*******

ކޮޓާރި ދޮރުން ނުކުމެފައި މަންޝާ މަޑުޖެހުނެވެ. ލައިގެން ހުރި ހެދުމަށް ބަލައިލާފައި އޭނާ އަލުން ކޮޓަރިއަށް ވަންނަން އުޅުނެވެ. އެހިނދު މަޑުޖެހުނީ ދިލްޝާދު ގޮވާލި އަޑު އިވިފައެވެ.

"މިހާރުވެސް ލަސްވެއްޖެ. ދަރިފުޅު ރީތިވާން އެހާ ގިނައިރުވެއްޖެ. އޭރުވެސް މަންމަ ބުނިން އަވަހަށް ތައްޔާރުވައްޗޭ" ދިލްޝާދު ޝަކުވާކޮށްލިއެވެ.

"ތިހުންނަނީ އޯ. ދެންވެސް ހިނގާ" މަންޝާ ހަރަކާތެއްނުކޮށް ހުރުމުން ދިލްޝާދު ބުންޏެވެ.

"މަންމާ. ޕްލީޒް.. މިހެދުން އަޅުގަނޑަށް ކަމަކުނުދޭ. މިކުލަވެސް އެހާއެހާއެއްނޫން" މަންޝާ ބުންޏެވެ.

ދިލްޝާދު މަންޝާގެ ފައިން ފެށިގެން ބޮލާ ހަމައަށް ނަޒަރު ހިންގާލިއެވެ. ސާފު ހުދުކުލައިގެ ފައިކުރި ފުޅާ ހަރުވާޅާއެކު ރަތްކުލައިގެ އަތްދިގު ހެދުން މަންޝާގެ ކަކުލުން ތިރިއަށް ހުއްޓެވެ. އަޅައިގެން ހުރި ޑިޒައިން ޝޯލް މަންޝާގެ މޫނުކޮޅު ނުލާހިކު ރީއްޗެވެ. އެވަގުތުވެސް ހިތާހިތުން ދިލްޝާދު ދުއާކޮށްލިއެވެ.

"ކޮބާ ތިހެދުމުގެ މައްސަލައަކީ ދަރިފުޅާ. މިރޭ މަންޝާ ހާދަ ރީއްޗޭ. މާޝާﷲ. މަންމަ އެންމެ ފަހަރަކު ބުނި ބުނުމަކަށް ދަރިފުޅު ތިހުރީ ބުރުގާ އަޅައިގެން. މަންމައަށްޓަކައި މިދުނިޔޭގައި ހުރި އެންމެ ރީތި އަންހެނާއަކީ ތިއީ. ތިހެދުމަކީ ރަމަޟާން މަހުގެ ފުރަތަމަ ރެއަށް މަންމަގެ މިދެއަތުން އެތައް ވަގުތެއް ހޭދަކޮށްގެން ފެއްސި ހެދުމެއް. މަންމައަށް ތިހެދުން މައްސަލައަކަށް ނުވޭ. ވީއިރު މަންޝާއަށް ކޮން މައްސަލައެއް އޮތީ" ދިލްޝާދު ވާހަކަދެއްކިއެވެ.

"އޯކޭ އޯކޭ މަންމަ ދެން އެހާ އިމޯޝަނަލް ވާނެކަމެއް ނެތް. ހިނގާ ދާން" ދިލްޝާދުގެ ކަރުގައި ދެއަތް އަޅުވާލަމުން މަންޝާ ބުންޏެވެ.

ޓެކްސީގައި އިންއިރުވެސް މަންޝާ އިނީ އުނދަގުވެފައެވެ. އޭނާގެ ހިތަށް އަރަމުން ދިޔައެވެ. އަނެއްކާ އަރަން ޖެހުނީ ނަޒާންގެ ކުރިމައްޗަށެވެ. އެވެސް އޭނާ ބުނި ކުލައިގެ ހެދުމެއްގައެވެ. މަންމައަށް ވެސް ފަހަން އެނގުނީ ރަތްލައިގެ ހެދުމެއް ހެއްޔެވެ؟ ނަޒާން ހީކުރާނީ އޭނާ އެގޮތަށް އެދުނީތީ އަހަރެން ހަމަ އެކުލައިގެ ހެދުމެއްގައި އައީ ކަމަށެވެ. ފަހަރެއްގައިވެސް ނަޒާނަށް އެހެން ހީވާކަށް އަހަރެން ބޭނުމެއް ނުވެއެވެ. އެކަމަކުވެސް ދެން ކުރާނެ ކަމެއްނެތެވެ. އެކުލައިގެ ހެދުންލީ މަންމަ ބުނެގެނޭ ބުންޏަސް އެ އިންސާނާ ގަބޫލެއްވެސް ނުކުރާނެއެވެ. ކޮންމެވެސް މޮޅު އެއްޗެކޭ ބުނާނެއެވެ. ދުވަހަކުވެސް އެ އިންސާނާގެ އަނގަޔަކުން އެހެން މީހަކު މޮޅުނުވާނެއެވެ.

"ކޯޗެއް ތިވިސްނަނީ؟" މަންޝާ މަޑުން އިންހެން ހީވެ ދިލްޝާދު އެހިއެވެ. އެވަގުތު ދެފަރާތަށް ބޯހޫރާލާފައި މަންޝާ ހިނިތުންވެލިއެވެ.

*********

"ދޮންބޭ އަވަސްކުރޭ" ނަވާލްގެ ކޮޓަރި ދޮރުގައި އެއްފަހަރު ޓަކިޖަހާލާފައި ނާޔާ ގޮވާލިއެވެ. ހުރިހާ ކުދިންނަށް ކެރަމް ކުޅެވޭގޮތަށް ބެލްކަނީ ހުރީ ތައްޔާރުކޮށްފައެވެ. ކުޅުމުގެ ރޫހު ނެތީ ނަޒާންގެއެވެ. އޭނާ އަދިވެސް އޭނީ ސޯފާގައެވެ. ޓީވީން ދައްކަމުންދިޔަ ޕްރޮގްރާމެއް ބަލަހައްޓައިގެން އިނަސް އޭނާގެ ހިތް އިންތިޒާރުކުރަމުން ދަނީ އޭނާގެ ހިތުގެ ފަރުވާ އަންނާނެ އިރަކަށެވެ. އިރުކޮޅަކާ ފޯނުން ގަޑިވެސް ބަލައިލައެވެ. އޮފީސް ދެތިން ރައްޓެހިން ކޮފީއަކަށް އަރަން އޭނާއަށް ގުޅައިފިއެވެ. އޭނާ ދާން ބޭނުމެއް ނުވިއެވެ. މަންޝާ އަންނާކަށް ގިނައިރެއް ނެތްކަން އޭނާއަށް އެނގެއެވެ. އެވީ ވަގުތުކޮޅުގައި އޭނާ އެތައް މެސެޖެއް މަންޝާއަށް ކޮށްފިއެވެ. މަންޝާގެ ފަރާތުން ޖަވާބެއް އައީ އޭނާ އެންމެފަހުން ކުރި މެސެޖަށެވެ. އެވެސް ފަހު މެސެޖުގައި ރިޕްލައި ނުކުރަންޏާ އެހެންގޮތެއް ހަދަންޖެހިދާނޭ ނަޒާން ބުނުމުންނެވެ. ނަޒާނަށް އިނީ ހެވިފައެވެ. އޭނާގެ ވާހަކަތަކަށް މަންޝާ ކިތަންމެ އިންކާރެއް ކުރިޔަސް މަންޝާގެ ފަރާތުން ހަރުކަށި ކަމެއް ނުވަތަ ރުޅިވެރިކަމެއް އޭނާއަށް ފެނިފައެއް ނެތެވެ. އެ ހިތް ކާމިޔާބުކުރެވޭނެ ކަމުގެ ޔަގީންކަން އޭނާއަށް އޮތީ އެހެންވެއެވެ.

ދޮރުގައި ބެލްއަޅަން ފެށުމާއެކު ނަޒާން ދެފަރާތް ހޯދައި ބަލައިލިއެވެ. ބޮޑުކޮޓަރީގައި އެވަގުތު އިނީ އޭނާ އެކަންޏެވެ. ތިއާ އާއި ނަވާލް އަދި ނާޔާ ސިޑިން ފައިބައިގެން އަންނަތަން ފެނުނީ އޭނާ ދޮރުހުޅުވަން ހިނގައިގަތް ފަހުންނެވެ. ދޮރާ ހަމައިން ހުއްޓިފައި އޭނާ ހަށީފުރާ ނޭވައެއް ދޫކޮށްލިއެވެ. އެ ދޮރުން ބޭރުގައި ހުންނާނީ އޭނާގެ ހިތުގެ ހަމަޖެހުންކަން އޭނާއަށް ޔަގީނެވެ. ދޮރުހުޅުވާލިގޮތަށް ނަޒާން ހުރީ ތަލިން ކުޅުހިކިފައެވެ. މަންޝާ އޭނާއަށް ފެނިގެން ދިޔައީ އޭނާ އުންމީދުކުރި ވަރަށްވުރެވެސް ފުރިހަމަކޮށެވެ. ދެއަތްތިލަ އާއި މޫނުކޮޅު ނޫން އެހެން އެއްވެސް ތަނެއް މަންޝާގެ ގައިން ފެންނާކަށް ނެތެވެ. ހީވަނީ ދުވާލުގެ އަލިކަމުގެ ތެރެއިން ހުދު ދެ ވިލާކޮޅުގެ މެދުން ހަނދެއް ފެންނަން އިންހެނެވެ. ހުރެވުނީ ކޮންތާކުކަން ހިނދުކޮޅަކަށް ނަޒާން ހަނދާން ނެތުނެވެ. މަންޝާ ނޫން އެހެން އެއްވެސް މީހަކު އޭނާއަށް ނުފެނެއެވެ. އެހުރިހާ ކަމަކަށް ވުރެވެސް ބޮޑަށް އޭނާއަށް ހިތްހަމަޖެހުން ލިބުނީ މަންޝާ ލައިގެން ހުރި ހެދުމުގެ ކުލަ ފެނިފައެވެ. މަންޝާ އިސްއުފުލާ ނަޒާނަށް ބަލައިލިއެވެ. އެހިނދު ނަޒާން ހިނިތުންވެލިއެވެ. އެ ހިނިތުންވުން މާނަކުރީ މަންޝާ ކައިރީގައި ހުރި ދިލްޝާދެވެ. އެއްވެސް އަޅައިގަތުމަކާނުލައި ނަޒާންގެ ހިތް ދިލްޝާދު ދެނެގެންފިއެވެ. އެހިނދު އޭނާގެ ތުންފަތަށްވެރިވީ މާނަފުން ހިނިތުންވުމެކެވެ.

(ނުނިމޭ)

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟