ށ. ނަލަންދޫ ޓޫރިޒަމްގެ ބޭނުމަށްޓަކައި އެރަށް އަގުކުރެވިއްޖެ ކަމަށާއި މި ދައުރު ނިމުމުގެ ކުރިން އެރަށް ޓޫރިޒަމަށް ފައްކާކުރެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެއެވެ.
މިމަހުގެ 28 ވަނަ ދުވަހު ބާއްވަން ހަމަޖައްސާފައިވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނަށް ށ. މިލަންދުއަށް ވަޑައިގެން އެރަށުގައި ބޭއްވި ޖަގަހަ ޖަލްސާގައި ރައީސް ވިދާޅުވީ، ނަލަންދޫ ޓޫރިޒަމްގެ ބޭނުމަށް ނެގުމަށް ނިންމައި، އެރަށް ދީފައި އޮތް ފަރާތާމެދު މަޝްވަރާތައް ކުރަމުން އަންނަ ކަމަށެވެ.
ނަލަންދުއަކީ 1999 ވަނަ އަހަރުގެ ތެރޭގައި ހުއިފިލަނޑާ ދިރުވާ އާލާކުރުމަށް އަމިއްލަ ފަރާތަކަށް ދޫކޮށްފައިވާ ރަށެވެ. ބޮޑު ނޫ ވިލަކާ އެކު ގުދުރަތީ ހާއްސަ ސިފަތަކެއް ލިބިފައިވާ އެ ރަށުގައި 60 ހެކްޓަރު ހުރެއެވެ.
ރައީސް ވިދާޅުވީ، ނަލަންދޫ ޓޫރިޒަމްގެ ބޭނުމަށް ނަގާނީ އެރަށް މިހާރު ހަވާލުވެފައިވާ ފަރާތަށް ދޭން ޖެހޭ ބަދަލެއް ދިނުމަށްފަހުގައި ކަމަށާއި ސަރުކާރުން ކަންކަން ކުރާނީ ގާނޫނާއި ގަވާއިދުގެ ތެރެއިން ކަމަށެވެ. އަދި އެރަށް މިހާރު އަގު ކުރެވި އެގްރީމަންޓަކާ ހިސާބަށް އާދެވިފައިވާ ކަމަށެވެ. އަދި ނަލަންދުއަށް އިންވެސްޓް ކުރާނެ ފަރާތްތައްވެސް އެބަތިބި ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ މި ދައުރުގެ ފަސް އަހަރު ނިމޭއިރުގައި މިރަށް (ނަލަންދޫ) އޮންނާނީ ޓޫރިޒަމަށް ފައްކާވެފައި. އިންވެސްޓްމަންޓްތަކަށް ފައްކާވެފައި،" ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، ކުރީ ސަރުކާރުތަކުން އެގްރީމެންޓުން ބޭރުން ރަށްރަށް ދޫކޮށްފައިވާ ކަމަށާއި އެކަންކަމުން އަދިވެސް އަރައިނުގަނެވޭ ކަމަށެވެ. އަދި އެފަދަ ކަންކަމުގެ ސަބަބުން ދައުލަތަށް ބޮޑެތި ގެއްލުންތަކެއްވާ ކަމަށް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު