ށ. ބިލެތްފަހީގައި ހަދަން ނިންމާފައިވާ އެއާޕޯޓްގެ އަމަލީ މަސައްކަތް މި ދައުރުގެ ތެރޭގައި ފެށޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
މި މަހުގެ 28 ވަނަ ދުވަހު ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނަށް ށ. ކަނޑިތީމަށް މިއަދު ވަޑައިގެން އެ ރަށުގައި ބޭއްވި ހަރުގެ ޖަލްސާގައި ރައީސް ވިދާޅުވީ، އެންމެ ބޮޑު އިސްކަމެއް ދެއްވަނީ އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމަށް ކަމަށާއި މި ދައުރު ނިމޭއިރުގައި ރާއްޖޭގައި ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކުރެވިގެންދާނެ ކަމަށެވެ.
ރައީސް ވިދާޅުވީ، ހަނިމާދޫ އެއާޕޯޓް ތަރައްގީކޮށް ނިމުމުން ބޮޑުތިލަދުންމައްޗަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށާއި އިގުތިސޯދީ ކުރިއެރުން އެ ސަރަހައްދަށް ލިބޭނެ ކަމަށެވެ. އަދި ބިލެތްފަހީގެ އެއާޕޯޓްގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ ކަމަށްވެސް ވިދާޅުވިއެވެ.
"ބިލެތްފަހީގެ އެއާޕޯޓްގެ މަސައްކަތް ފެށި މި ދައުރުގައި އަމަލީ މަސައްކަތް ފެށިގެންދާ ތަން ފެނިގެންދާނެ. މިހާރު އެ ވަނީ ފައިސާ ހޯދި، އެކަން ކުރާނެ ބަޔަކު ހޯދުމަށް ޓެންޑާކޮށްފައި،" ރައީސް ވިދާޅުވިއެވެ،
އެ މަނިކުފާނު އިތުރަށް ވިދާޅުވީ، ޕްރައިމަރީގައި ވޯޓު ދޭއިރު އެމްޑީޕީގެ މެންބަރުން ފުންކޮށް ވިސްނުން މުހިންމު ކަމަށާއި ތަރައްގީގެ މަޝްރޫއުތައް ނުހުއްޓިދާނީ އޭރުން ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު