ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އަނެއްކާވެސް އަލީ ހާލިދު އައްޔަންކޮށްފިއެވެ.

ހާލިދު އާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަހީމުގެ ދައުރު ވަނީ މިދިޔަ ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހު ހަމަވެފައެވެ. އެހެންވެ އެ މަހުގެ 27 ވަނަ ދުވަހު ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހާލިދު އާއި ޝަހީމުގެ ދައުރު ހަމަވެފައިވާކަން ޕީއެސްއެމަށާއި ދެ ބޭފުޅުންނަށް އަންގާފައިވާ ކަމަށެވެ. އަދި ޕީއެސްއެމް ހިންގުމުގެ ޒިންމާ ވަގުތީ ގޮތުން ޕީއެސްއެމްގެ ސީނިއާ މެނޭޖުމެންޓުގައި ހިމެނޭ ޑިރެކްޓާ ޕްރޮކިއުމެންޓް މުހައްމަދު ސާއިދުއާ ހަވާލުކޮށްފައިވާ ކަަމަށެވެ.

ޕީސީބީ މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ، ފިނޭންސް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ޕީސީބީގެ ރައީސް އާސިމް މުހައްމަދު، ޕީއެސްއެމްގެ އެމްޑީގެ މަގާމަށް ހާލިދު އައްޔަންކުރިކަމުގެ ލިޔުން ހަވާލުކޮށްދެއްވާފައިވާ ކަމަށެވެ.

އެ ރަސްމިއްޔާތުގައި ޕީއެސްއެމްގެ ފައިނޭންޝަލް އަދި ގަވަނެންސް ރިވިއުތަކުން ފާހަގަވެފައިވާ ކަންކަން ހާލިދުއާ ހިއްސާކޮށް އެކަންކަން އިސްލާހުކުރުމަށާއި ޕީއެސްއެމް ހިންގުމުގައި މިހާރު ދިމާވެފައިވާ ކަންކަން ހައްލުކޮށްދިނުމަށް ޕީސީބީގެ ފަރާތުން އެދިފައިވާނެ ކަމަށެވެ. ހާލިދު ވަނީ އެކަންކަން ހައްލުކޮށްދެއްވާނެކަމުގެ ޔަގީންކަން ދެއްވާފައި ކަމަށް ޕީސީބީން ބުންޏެވެ.

ހާލިދުއަކީ އޮސްޓްރޭލިއާގެ ސްޓާޓް ޔުނިވާސިޓީން އެމްބީއޭ މާސްޓާސް ހާސިލުކޮށްފައިވާ ބޭފުޅެކެވެ. ހާލިދު ވަނީ ޓީވީއެމްގެ ސީއީއޯގެ މަގާމުވެސް މީގެ ކުރިން އަދާކޮށްފައެވެ.