ނޫސްވެރިންގެ ވާޖިބުތައް އަދާ ކުރުމަށް ހުރަސްއަޅައި، ނޫސްވެރިންނަށް ބިރުދައްކައި އިންޒާރުދިނުން ފަދަ ކަންކަން ބަލައި ނުގަންނާނެ ކަމަށާއި އެފަދަ ކަންކަން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް މީޑިއާ ކައުންސިލުން ބުނެފިއެވެ.
އެމްއެމްސީން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ، މިނިވަންކަމާއެކު ފިކުރުކުރުމާއި އިސްލާމްދީނުގެ އަސްލަކާ ހިލާފުނުވާ ގޮތެއްގެ މަތިން ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަމަކީ ރާއްޖޭގެ ގާނޫނުއަސާސީގެ 27 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގެއް ކަމަށެވެ.
ގާނޫނު އަސާސީން ލިބިދީފައިވާ އެ ހައްގުގެ ދަށުން ފާޅުކުރާ ހިޔާލެއް ސަބަބެއްގެ މީޑިއާ އިދާރަތަކަށްވަދެ، ނޫސްވެރިންނަށް ޖިސްމާނީ ގޮތުންނާއި ނަފުސާނީ ގޮތުން ގެއްލުންދީ، ފުރާނައަށް ނުރައްކާކޮށް އަދި ބިރުދައްކައި އިންޒާރުދީ، ސޯޝަލް މީޑިއާގައި ނޫސްވެރިންގެ އަބުރު ކަތިލުމަކީ ބަލައިގަންނާނެ ކަންކަމެއް ނޫން ކަމަށް އެމްއެމްސީން ބުންޏެވެ.
"މީގެކުރިންވެސް ދިވެހި ނޫސްވެރިންނަށް ތަފާތު އެކި ކަހަލަ އިންޒާރާއި ފުރައްސާރަ ކުރިމަތިވެ، ނުރައްކާތެރި ހަމަލާތަކުގެ ޝިކާރައަކަށް ވަނީ ވެފަ. އެހެންކަމުން އެފަދަ ކަމެއް ތަކުރާރު ނުވާނެހެން ދުރާލައި ފިޔަވަޅު އެޅުމަކީ ކަމާ ބެހޭ މުއައްސަސާތަކުންނާއި މީޑިއާތަކުން އަދި ނޫސްވެރިންވެސް ސަމާލުކަންދޭން ޖެހޭނެ ކަމެއް. ދިވެހި ނޫސްވެރިންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމާއި އަމާން މާހައުލެއް ހޯދައިދިނުމުގެ ޒިންމާއަކީ ދިވެހި ދައުލަތުގެ އެންމެހާ މުއައްސަސާތަކާއި ކޮންމެ ދިވެހި ފަރުދެއްގެ ޒިންމާއެއް،" އެމްއެމްސީން ބުންޏެވެ.
އެމްއެމްސީން ބުނީ ނޫސްވެރިންގެ މަސްއޫލިއްޔަތު އަދާކުރުމުގައި ގާނޫނުތަކާއި ގަވާއިދުތަކާ ހިލާފު ނުވާހާ ހިނދަކު، އެއްވެސް ފަރާތަކުން ނޫސްވެރިންގެ ވާޖިބުތައް އަދާކުރުމަށް ހުރަސްއަޅައި ބިރު ދައްކައި އިންޒާރުދިނުން ފަދަ ކަންކަން ކުރުމަކީ އެ ކައުންސިލުން ކުށްވެރިކުރާ ކަންކަން ކަމަށެވެ.
އަދި ނޫސްވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ހުރިހާ ފަރާތްތަކުން ވެސް ނޫސްވެރިކަމުގެ މަސައްކަތްކުރާ އިރު، ގާނޫނާއި ގަވާއިދުތަކާއި "ދިވެހި މީޑިއާގެ އަހުލާގީ މިންގަނޑު" އާއި އުސޫލުތަކުގެ ތެރެއިން، ޒިންމާދާރުކަމާއެކު މަސައްކަތްކުރުމަށް އިލްތިމާސްކުރާ ކަމަށް އެމްއެމްސީން ބުންޏެވެ.
ނޫސްވެރިންނަށް ފުރައްސާރަ ކުރުމާއި ބިރުދެއްކުމާއި އިންޒާރުދިނުމުގެ މައްސަލަތައް ފެންމަތިވެފައި މިވަނީ މީސްމީޑިއާގައި މިހާރު ނޫހުގެ ނޫސްވެރިއަކަށް ފުރައްސާރަ ކުރާ ކަމަށް ބުނާ މައްސަލައަކާ ގުޅިގެންނެވެ.
އެކަމާ ގުޅިގެން މިހާރު ނޫހުން މިދިޔަ ހޯމަ ދުވަހު ނެރުނު ބަޔާނު ބުނީ އެފަދަ އަމަލުތައް ހިންގުމަކީ މުޅި ރާއްޖޭގެ ނޫސްވެރިކަމަށް އޮތް ބިރެއް ކަމަށް ގަބޫލު ކުރާ ކަމަށާއި އެފަދަ ބައެއް މައްސަލަތަކުގެ ޖިނާއީ ތަހުގީގެއް ކޮށްދިނުމަށް އެދި ފުލުހުންނަށް ވެސް ހުށަހަޅާފައިވާ ކަމަށެވެ.