ވާހަކަ

ދީވާނާ ހިތް - 17

3

"ހައި..." މަންޝާ އައިސް ހުއްޓުމުން ނަޒާން ބުންޏެވެ.

"އަވަސްކުރޭ. މީހަކު އައިސްދާނެ" މަންޝާ ބުންޏެވެ.

ނަޒާން ތެދުވިއެވެ. މަންޝާގެ ކުރިމަތީގައި އެއްފައި މައްޗަށް އިށީނެވެ. ރިހިކުލައިގެ އަނގޮޓި މަންޝާއަށް އޭނާ ދިއްކޮށްލިއެވެ.

"މެރީ މީ. ޕްލީޒް. އައި ލަވް ޔޫ މަންޝާ" ނަޒާން ބުންޏެވެ.

******

ޔަލާއާއި ޒަވީގެ ކޭކުފެޅުމުގެ ހަރަކާތް ކުރިއަށް ދިޔައިރު ދެފަރާތު އާއިލާގެ ގިނަ މެންބަރުންތަކެއް ވަށާލާފައި ތިއްބެވެ. ތަންކޮޅެއް ދުރުގައި ނަވާލްގެ ކައިރީގައި ހުރި ނާޔާގެ ނަޒަރު ހުއްޓިފައިވަނީ ޒަވީގެ ކައިރީގައި ހުރި ޒަރޫކަށެވެ. އޭނާ ހިތަށް ލިބިފައިވަނީ އިންތިހާ ދަރަޖައިގެ އުފާވެރިކަމެވެ. ގެއަށް އައި މަގުމަތީގައި ޒަރޫކް ދެއްކި ވާހަކަތައް އޭނާއަށް އެތައް ހިތްހަމަޖެހުމެއް ގެނުވިއެވެ.

"ބޭނުމީ ޓީޗަރަކާ ދަރިވަރަކާ އޮންނަ ގުޅުމަށް ވުރެ ގާތް ގުޅުމެއް"

ނާޔާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. ޔަގީނުންވެސް ޒަރޫކް އެފަދަ ޖުމްލައެއް ބުނާނީ އޭނާގެ ހިތުގައި ނާޔާއަށް ޝައުގުވެރިކަމެއް އޮތަތީއެވެ. ނާޔާގެ ހިތަށް އެރިއެވެ. އެ ލޯބި ކާމިޔާބު ކުރެވިއްޖިއްޔާ އޭނާ ވާނީ ހާދަ ނަސީބުގަދަ ކުއްޖަކަށެވެ. ޒަވީބެ ކައިރީގައި ޔަލާދައްތަ އެހުރީ އަންބެއްގެ ހައިސިއްޔަތުންނެވެ. ކައިވެނީގެ ބޮޑު ހެދުމުގައި ޔަލާދައްތަ ހުރިއިރު މިރޭ ވާނީ ޔަލާދައްތައަށް ވަރަށް ހާއްސަ ރެއަކަށެވެ. އެފަދަ އުފާވެރިކަމެއް ޒަރޫކް އަހަރެންނަށް ދީފާނެހެއްޔެވެ؟ ދަރިވަރަކަށް ވުރެ ގާތްގުޅުމެކޭ އެބުނީ ކޮންގުޅުމަކަށް ހެއްޔެވެ؟ ހިޔާލުތަކުގެ ތެރެއިން ނާޔާ ނެރެދިނީ ތިއާއެވެ. ދުރުގައި ނާޔާ ހުރުމުން ތިއާ އަށް ކަމުނުދިޔައެވެ. ނާޔާގެ އަތުގައި ހިފައިގެން ގޮސް ބެހެއްޓީ އޭނާގެ އެއްފަރާތުގައެވެ. އެހިނދު އޭނާ އާ ދިމާލަށް ހުރި ޒަރޫކް ތަފާތު ހިނިތުންވުމެއް ނާޔާއަށް ދިނެވެ. ރަކިހިނިތުންވުމަކާއެކު ނާޔާ އިސްޖަހާލުމާއެކު ޒަރޫކްގެ ނުރައްކާތެރި ނަޒަރު އެންމެންތަކުން އެހެން މީހެއްގެ މޫނަށް ހުއްޓިއްޖެއެވެ.

*********

"މިކަހަލަ ފުރުސަތެއް ގިނަފަހަރަކަށް ނުލިބޭނެ. ކިހިނެއްތަ ބަލަހައްޓައިގެން ތިހުންނަނީ. ތިގޮތަށް ބަލަން ހުރީމަ ހައްތަހާ އަހަރެންގެ ހިތް މަންޝާއަށްޓަކައި ދީވާނާވަމުން ދާނީ" ނަޒާން ބުންޏެވެ. އަދިވެސް އޭނާ އިނީ މަންޝާގެ ކުރިމަތީގައި އެއްފައި މައްޗަށް އިށީނދެގެންނެވެ. ދެއިނގިލީ ކުރިން އަނގޮޓީގައި ހިފަހައްޓާލައިގެން އޭނާ އެތައް އިނެވެ.

"މިއީ އަހަރެންގެ ދީވާނާ ހިތުގެ އާދޭސް. އަހަރެން މިހެން އިނދެދާނަން ފުރާނަ ދަންދެންވެސް. އެކަމަކު މި އަނގޮޓީގެ ކޮންކުށެއް އޮތީ؟ މި އަނގޮޓީގެ މަގާމު ވަނީ އަހަރެންގެ އަތްތިލައިގެ ތެރޭގައެއްނޫން. އަދި އަހަރެންގެ ޖީބުގައިވެސް ނޫން. މި ހެއްދި ފިހާރައިގައެއްވެސް ނޫން. ތި ލޯބިލޯބި އިނގިތަކަށް އެދި މި އަނގޮޓި އެދަނީ އާދޭސްކުރަމުން"

މަންޝާއަށް ނޫނެކޭ ނުބުނެވުނެވެ. އެހެންނަމަވެސް ނާޒާނާ އިންނަން އޭނާ އާބަސް ބުނާކަށްވެސް ބޭނުމެއް ނުވިއެވެ. އެއްޗެއް ނުބުނެ ހައިރާންވެފައި ނަޒާންގެ މޫނަށް ބަލަހައްޓައިގެން ހުރެވުނީ ސަބަބެއް ނެތިއެއްވެސް ނޫނެވެ. ކުރިން އެކަހަލަ މަންޒަރުތަކާ ވާހަކަތައް އޭނާއަށް އަޑުއިވިފައި ހުރީ ފިލްމުތަކުންނާ ވާހަކަތަކުންނެވެ. ކުރިމަތީގައި އިން ނަޒާންގެ ވާހަކަތައް އޭނާގެ ދުލުގައި ހިފެހެއްޓިކަހަލައެވެ. ނަޒާންގެ އެހެރަ ކެރޭކަމެވެ. ހަމަ އަޖައިބުވެއްޖެއެވެ. އެކަހަލަ ލޯބި ޒުވާނަކަށްޓަކައި ޒުވާން އަންހެނުން ތިބޭނީ ފިދާވާންވެސް ތައްޔާރަށެވެ. އެހެންނަމަވެސް އެ އަންހެންކުދިންގެ ތެރޭގައި އޭނާ ނުހިމެނެއެވެ. އެންމެ ދެ ސަބަބަށްޓަކައެވެ. އެއް ސަބަބަކީ އޭނާ ޝައިހާނާ ލޯބީގެގޮތުން ގުޅިފައިވާކަމެވެ. ދެވަނަ ކަމަކީ ނަޒާނަކީ ނަވާލްގެ އެއްބަނޑު އެއްބަފާ ބޭބެއަށްވީކަމެވެ.

"އެއްހައަހަރު... ދެއަހަރު... ނޫނީ ދިހައަހަރު... ބުނޭ... ތިދުލުން ބުނާނެ ލަސް.... ކިހާ މުއްދަތެއް ބޭނުންވަނީ؟ ޖަވާބަކަށް އަހަރެން އިންތިޒާރުކުރާނަން" ނަޒާން ބުންޏެވެ. މަންޝާ ދެފަރާތަށް ބޯހޫރާލިއެވެ. އެއްފިޔަވަޅު ފަހަތަށް އެޅިއެވެ. އޭނާގެ ނަޒަރު އަދިވެސް ހުރީ ނަޒާނަށް ހުއްޓިފައެވެ.

"ސޮރީ..." މަންޝާ ބުންޏެވެ. ޕާޓީ ތެރެއިން މީހަކު އޭނާ ހޯދަމުން އެހިސާބަށް އައިސްދާނެކަމަށް ދެފަރާތް ހޯދައި ބަލައިލިއެވެ. އޭނާ ހުރީ އެހައި ހާސްވެފައެވެ. އެމަންޒަރު އެއްވެސް މީހެއްގެ ލޮލުގައި އަޅައިގަންނާކަށް އޭނާ ބޭނުމެއް ނުވެއެވެ.

"ތެދުވޭ... ތި ތަނުން ތެދުވޭ. މީހަކު އައިސްދާނެ" މަންޝާ ބުންޏެވެ.

"ކިހިނެއް ތެދުވާނީ؟ ތިލޯތްބަށްޓަކައި އަހަރެންގެ ހިތް އެބަ ރޮއެ. އަހަރެންގެ ހިތް ފަދައިން މި އަނގޮޓިއަކީވެސް އެއްވެސް ބަހުރުވައެއް ލިބިފައިވާ އެއްޗެއް ނޫން. އެކަމަކު މިވެސް އެބަ ރޮއެ... މި އަނގޮޓި އޭގެ ރަސްކަމުގެދާނުގައި އިށީނދެވެންދެން ތި ލޯބިކުއްޖާ ފަހަތުންދާނެ. މައިންބަފައިންނާ ހަމައަށްވެސް. އެހިސާބުން އަހަރެން ގޯސްނުކުރާތި"

ނަޒާންގެ ވާހަކަތަކުން މަންޝާ އިތުރަށް ހާސްވިއެވެ. އޭނާ މައިންބަފައިންނާ ހަމައަށް ގޮސްދާނެއެވެ. އެހެރީ އެހާވަރުވެފައެވެ. އަނެއްކޮޅުން އޭނާ ޕާޓީތެރޭގައި މިހާރު ނެތްކަން އެންމެނަށް އެނގިދާނެއެވެ. ހޯދަމުން ނާންކަމެއްވެސް ނޭނގެއެވެ. މީހަކު ކެއްސާލާ އަޑު އިވުނަސް އޭނާއަށް ހީވަނީ ފަހަތުން އައިސް އޭނާގެ އަތުގައި ހިފައިފާނެ ހެންނެވެ. ނަޒާން އެހުރީ ގޮތްދޫކުރާގޮތަކަށް ނޫނެވެ. މައިންބަފައިންނާ ހަމައަށް އެއްވެސް ވާހަކައެއްދާކަށް އޭނާ ބޭނުމެއް ނުވެއެވެ. އެގުޅުމަށް އޭނާގެ ރުހުމެއް ނެތްކަން ނަޒާނަށް ރަނގަޅަށް އިނގޭނެއެވެ. މަންޝާ ގުޅުމެއްގެ މަތީގައި ހުރިކަންވެސް ނަޒާނަށް އެނގޭނެއެވެ. ވީއިރު މަންޝާގެ ފަރާތުން ނަޒާން އުންމީދުކުރަނީ ކީއްވެގެން ހެއްޔެވެ؟ މަންޝާއަށް ރަނގަޅު އެއްވެސް އެއްޗެއް އެވަގުތު ނުވިސްނުނެވެ. ނުވެސް ވިސްނޭނެއެވެ. އޭނާ ހުރީ ވީހާވެސް އަވަހަކަށް ނަޒާންގެ ކުރިމަތިންދާން ބޭނުންވެފައެވެ. އަނގޮޓި ނުލާ ގޮސްގެން ދެން ނަޒާންގެ އަމަލުތައް ހުންނާނެ ގޮތެއްވެސް ނޭނގެއެވެ. ހުރިހާ ވިސްނުމެއް އެއްފަހަރާ ސިކުނޑިއަށް ވެރިވެގަތްހިނދު މަންޝާއަށް ކުރެވުނީ އޭނާ ކުރަން ބޭނުންވިކަމެއް ނޫނެވެ. ނަޒާން ދިއްކޮށްގެން ހުރި އަނގޮޓި ނަޒާން އަތުން ޖަހައިގަތެވެ. އޭނާގެ ވާއަތުގެ ކަށި އިނގިލިގައި އަޅުވާލިގޮތަށް އަތްތިލަ އުފުލާލާފައި ނަޒާނަށް ދައްކާލިއެވެ.

"މިއޮތީ...އަނގޮޓި. ދެން އަހަރެން ދަނީ" މަންޝާ ބުންޏެވެ.

ފުރިހަމަ އިސްކޮޅަށް ނަޒާން ކޮޅަށް ތެދުވިއެވެ. އޭނާ ހަމަޖެހުމުގެ ނޭވައެއްލިއެވެ. މަންޝާ އެ އަނގޮޓި އެޅުމަކުން އަދު ކާމިޔާބުވިކަމަކަށް ނިންމޭކަށް ނެތެވެ. ދުލުން އިގުރާރުވާން ޖެހޭނެއެވެ. އެހެންނަމަވެސް އެ އަނގޮޓި މަންޝާގެ އިނގިލީގައި އޮތުމުން ހިތަށް ލިބުނު ހިތްހަމަޖެހުން ދެގުނަވިއެވެ. ދެފަރާތަށް ދެއަތް ފުޅާކޮށްލާފައި އޭނާ ހީލިއެވެ. ހީވީ އޭނާގެ ހިތުގައިވާ އެދުމެއްގެ އެއްބައި ފުރިހަމަވެގެން ދިޔުމުން ހިތަށް ލިބުނު ހިތްހަމަޖެހުން ތުންފަތްމަތިން ފާޅުވެގެންދިޔަ ހެންނެވެ.

"ދަނީ..." މަންޝާ އެނބުރުނެވެ. ލައިގެން ހުރި ދިގު ހެދުން ކޮށިކޮށްލައިގެން އަނެއްފަރާތަށް މަންޝާ އެނބުރުނު ވަގުތު ނަޒާން ހިފެހެއްޓީ މަންޝާގެ އަތުގައެވެ. މަންޝާ ސިހިފައި ނަޒާނަށް ބަލައިލިއެވެ. މަންޝާގެ އުނަގަނޑުގައި އަތްއަޅުވާލިގޮތަށް އޭނާގެ ގާތަށް ދަމައިލިއެވެ. މަންޝާގެ ބޮޑުވެފައިވާ ދެލޯ ފެނުމާއެކު ނަޒާނަށް ހެވުނެވެ. އަންހެންކުދިންނަކީ ކުދިކުދި ކަންތަކާ ހާދަ ޖެހިލުންވާ ބައެކެވެ. މަންޝާގެ ދެލޮލުގައި ބޮސްދޭން އޭނާ ބޭނުންވިއެވެ.

"ނޫޅެން ކަމެއްކުރާކަށް..." ނަޒާން ބުންޏެވެ. އެއްޗެއް ބުނަން މަންޝާ އުޅުނެވެ. އޭނާގެ ދެތުންފަތް ކުޑަކޮށް ފޭވިއެވެ. އެހެންނަމަވެސް އެންމެ ލަފްޒެއްވެސް ބޭރުނުވިއެވެ. މަންޝާ ނުވިސްނާހުއްޓާ އަނެއްއަތުން މަންޝާގެ އަނގޮޓި އެޅި އަތްތިލައިގައި ނަޒާން ހިފަހައްޓާލިއެވެ. އެ އަތް މައްޗަށް ހިއްލާލިގޮތަށް އޭނާގެ އިނގިލިތައް މަންޝާގެ އިނގިލިތަކުގެ ތެރެއަށް ތެރެއަށް މަހާލިއެވެ. ދެން އޭނާގެ ތުންފަތުގައި މަންޝާގެ އަތްތިލަ ޖައްސާލިއެވެ. އެހިނދު ނަޒާންގެ އަތުތެރެއިން ފަހަތަށް މަންޝާ ދެމިގަތެވެ. މަޑުމަޑުން ދެފަރާތަށް ބޯހޫރަމުން ދިޔައެވެ. ދެލޮލުން ކަރުނައިގެ އަސަރު ފާޅުވެގެން ދިޔައެވެ. އޭނާ އަނގޮޓި އެޅީ އެވަގުތަށްޓަކައި ނަޒާންގެ ލޯމަތިން ގެއްލުމުގެ ބޭނުމުގައެވެ. އެއީ އޭނާ ނަޒާނަށް ދިން ޖަވާބެއް ނޫނެވެ. އަދި އޭނާގެ ރުހުމެއްވެސް ނޫނެވެ.

"އެކަމަކު... އަނގޮޓި އެޅީ ކޮންމާނައެއްގަ ކަމެއް ނުބުނަމެއްނު" ނަޒާން ބުންޏެވެ.

********

ފޮޓޯނަގަން އާއިލާ މީހުން އެއްތަންވި ވަގުތު ތިއާ ގެ ދެލޯ މަންޝާ ހޯދާލިއެވެ. އޭނާއަށް މަންޝާ ނުފެނުނެވެ. އެހެންނަމަވެސް ކުއްލިއަކަށް އޭނާގެ ތުންފަތަށް ހިނިތުންވުމެއްވެރިވީ އެދިމާލަށް އައި މަންޝާ ފެނިފައެވެ. މަންޝާގެ ތުންފަތްމަތީގައި ފަނޑު ހިނިތުންވުމެއް ވިޔަސް ކަމަކާ ދެރަވެފައި ހުރިކަން ތިއާ އަށް ފާހަގަވިއެވެ. އަނެއްކޮޅުން ނަޒާން އަންނަތަން ފެނުމުން ވީގޮތް ތިއާއަށް އެނގުނެވެ. އޭނާ މަންޝާ އާ ވާހަކަދައްކަން އުޅެފައިވެސް އެހިޔާލު ދޫކޮށްލިއެވެ. އެންމެ ރަނގަޅުގޮތަކީ ނަޒާނާ ވާހަކަދެއްކުން ކަން އޭނާއަށް ވިސްނުނީއެވެ.

"ފެމެލީ ފޮޓޯ އެކޯ... އަވަހަށް އާދޭ" މަންޝާގެ އަތުގައި ހިފައި ކައިރިކޮށްލަމުން ތިއާ ބުންޏެވެ.

ޔަލާއާއި ޒަވީ މެދުގައި ބަހައްޓައިގެން ދެފަރާތުގެ އާއިލާ ދެފަރާތުން ފުރާލިއެވެ. އުފާވެފައި ހުރިވަރުން ކައިރީގައި ތިބީ ކޮންބައެއްތޯ ތިއާ އަށް ނުބެލެއެވެ. އޭނާގެ ކޮނޑުގައި މީހަކު އަތްއަޅުވާލައިގެން ހުއްޓަސް އޭނާ އެކަމަށް ސަމާލުކަމެއް ނުދެއެވެ. އެހެންނަމަވެސް ޔަލާގެ އާއިލާ މީހަކު ބުނި ޖޯކެއް އިވުމުން އެންމެން އެއްފަހަރާ ހޭންފެށިއެވެ. އެވަގުތު ހީލަމުން ކައިރީގައި ހުރި މީހާއަށް ތިއާ ބަލައިލިއެވެ. އޭނާގެ ކޮނޑުގައި އަތް އަޅުވާލައިގެން ހެވިފައި ހުރި އިންސާނާ ފެނި ހީވީ ދެފައިދަށުން ބިންގަނޑު ކެހިގެންދިޔަ ހެންނެވެ. ޒަރޫކް ފަހަތަށް ކޮށްޕާލާފައި ދުރަށްޖެހުނު އިރު ހީވީ ވިހަގަދަ ސޫއްޕެއްގެ ވިހަ ހަށިގަނޑުގައި ޖެހިގެން ދުރަށް ދިޔަހެންނެވެ.

"ބޮލަށް އެނބުރުން އެރީ" ހައިރާންކަމާއެކު ހުރިހާމީހުން ތިއާއަށް ބަލައިލުމާއެކު ބުންޏެވެ. ހަމަ އެހިނދުން ތިއާ އެތަނުން ދުރަށް ޖެހުނެވެ. ތިއާގެ ހާލަތު މުޅިން ރަނގަޅުނުވާހެން ހީވެ ނަވާލް ތިއާ ގެނެސް ބެހެއްޓީ އޭނާގެ ގާތުގައެވެ. ފޮޓޯގެ ފްލޭޝް ކެނޑިގެންދިޔަ ވަގުތު ނުރުހުމާއެކު ޒަރޫކަށް ތިއާ ބަލައިލިއެވެ. އެހެންނަމަވެސް ޒަރޫކް ހުރީ ޒަވީގެ ދެމަފިރިންނަށް ސަމާލުކަންދީގެންނެވެ.

**********

ގަޑިން އެގާރަ ގަޑި ބައިވިއިރު އާއިލާ ހުރިހާ މީހުން ތިބީ ތިން ނަންބަރު ފާލަން ކައިރީގައެވެ. ޒަވީއާއި ޔަލާ ދިޔައިރު ދެމަފިރިންގެ ފޮށި ހުރީ ލޯންޗަށް އަރުވާފައެވެ. އެއީ ދިލްޝާދާއި މިހާދުގެ ފަރާތުން ދިން ކައިވެނީގެ ހަދިޔާއެވެ. ދަރިން ފުރައިގެން ދަންދެން ދިލްޝާދުގެ އާއިލާ އެތަނުގައި ތިއްބެވެ. މާޝިތާގެ ދެމަފިރިންނާއި ނާޔާ ދިޔައީ ގެއަށެވެ. އެހެންނަމަވެސް ނަޒާން ހުއްޓެވެ. އޭނާގެ ބޭނުމަކަށްވީ މަންޝާ ގޭތެރެއަށް ވަންނަންދެން ފެންނަ ހިސާބުގައި ހުރުމެވެ. އޭނާގެ އެހެން އެއްވެސް ބޭނުމެއް ނެތެވެ.

"ކޮބާ ޒަރޫކް؟" ފަހަތަށް އެނބުރުނު ދިލްޝާދު އެހިއެވެ.

"އެދިޔައީ ގެއަށް" އާމިރު ބުންޏެވެ.

ތިއާ ގޮވައިގެން ގެއާ ދިމާލަށް ދަމުން ނަޒާން ކައިރީގައި ދިލްޝާދުގެ އާއިލާއާއެކު އެގޭގައި މަޑުކޮށްގެން އިނުމަށް ނަވާލް ބުންޏެވެ. ތިއާ ގެއަށް ލާފައި ބަލައި އަންނާނެ ވާހަކަ ބުންޏެވެ. ބޮޑުކޮޓަރީގައި ނަޒާން އިށީނދެގެން އިނެވެ. ކޮޓަރި އާ ދިމާލަށް ދިޔަ މަންޝާއަށް ދިލްޝާދު ގޮވާލުމާއެކު ހުއްޓުނެވެ.

"ނަވާލް އަންނަންދެން ނަޒާން ކައިރީގަ ދަރިފުޅު މަޑުކޮށްލަބަލަ. ތިހެން ދާކަށް ނުވާނެއްނު" ދިލްޝާދު ބުންޏެވެ. ދެއަތްތިލަ ގުޅުވާލުމާއެކު އިނގިލިތަކުގައި މަންޝާ ބާރަށް ހިފަހައްޓާލިއެވެ. އޭނާ މަޑުކުރަން ބޭނުމެއްނުވެއޭ ބުންޏެވެ. އެހެންނަވެސް ދުލުން ބޭރުނުވިއެވެ. އޭނާއަށް އެހެން ބުނެވުނީ ހަމައެކަނި އޭނާގެ ހިތަށް އިވޭ ވަރަށެވެ.

"މަންމަ މަޑުކުރަންވީނުން" މަންޝާ ބުންޏެވެ.

"ކިހިނެއް މަންޝާ ތިއުޅެނީ؟" ދިލްޝާދު ހިތްހަމަނުޖެހުނެވެ. "މަންމަ މިދަނީ ބައްޕައަށް ބޭސްދޭން. އެތާ އިށީނދެގެން އިނދެބަލަ. މިހާރު ނަވާލް އަންނާނެ"

މަންޝާ އައިސް އިށީނުމާއެކު ނަޒާނަށް ހެވުނެވެ. އޭނާގެ ކިބައިން ސަލާމަތްވުމަށް އެހައި ބަހަނާ ދައްކާފައިވެސް އައިސް ކުރިމަތީގައި އިށީނުމުން އެހާ އުފާވެސްވިއެވެ. މަންޝާ އިސްޖަހައިގެން އިންއިރު އުނދަގުވެފައި އިންހެން ނަޒާނަށް ހީވިއެވެ. ކުއްލިއަކަށް މަންޝާ ބަލައިލީ ނަޒާން ތަންކޮޅެއް ކައިރިއަށް ޖެހިލިހެން ހީވެފައެވެ.

"ކީއްކުރަން ތިއުޅެނީ؟" މަންޝާ އެހިއެވެ.

ނަޒާން އަތްތިލަ ހުޅުވާލާފައި މަންޝާއަށް ދައްކާލިއެވެ. އޭނާގެ އަތްތިލައިގެ ތެރޭގައި އޮތީ މީގެ ކުޑައިރުކޮޅެއް ކުރިން އޭނާގެ އަތުން އަތުލައިގެން މަންޝާ އެޅި އަނގޮޓިއެވެ. އެ އަނގޮޓި އޭނާއަށް ދިނީ މަންޝާއެވެ. އިނގިލީގައި އެޅީވެސް މަންޝާ އަމިއްލައަށެވެ. އިނގިލިން ނަގާފައި އަނބުރާ ނަޒާނަށް ރައްދުކުރީވެސް މަންޝާއެވެ.

"އެނގޭތަ! މިއަނގޮޓި އަދި ތި އިނގިލިން ޖާގަހޯދާނެ" ނަޒާން ބުންޏެވެ.

"އަހަރެން ބުނެފީމެއްނު. އަހަރެން އުޅެނީ ކުއްޖަކާ ރައްޓެހިވެގެން" މަންޝާ ބުންޏެވެ.

"އޭރުވެސް އިވުނޭ ތިހެން ބުނިއަޑު. މަންޝާ އާއެނކޭ ނުބުންޏަސް އަހަރެންގެ އަލަތު އަނބިމީހާގެ މަގާމަށް އަންނާނެ ކުއްޖަކީ ތިއީ" ނަޒާން ބުންޏެވެ.

ނަޒާންގެ ޖީބުގައި އޮތް ފޯނު ރިންގުވާން ފެށުމުން ބަލައިލިއެވެ. ނަވާލް އައީއެވެ. އޭނާ ދާންޖެހޭ ވަގުތު ޖެހުނީއެވެ. މަންޝާގެ މޫނަށް އޭނާ ބަލައިލިއެވެ. ދިޔުމުގެކުރިން ފަހު ފަހަރަށް އެމޫނަށް ދެކިލުމަށެވެ.

"އަހަރެން މިދަނީ ދާން" ނަޒާން ބުންޏެވެ. "ދިޔުމުގެކުރިން ތި ދެލޯ އަހަރެންނަށް ދައްކާލަބަލަ"

މަންޝާ އިސްއުފުލާނުލިއެވެ. ނަޒާނަށް ބަލައިނުލާ އޭނާ އިނެވެ. އެގޮތުގައި އިރުގަނޑެއް ފާއިތުވެގެން ދިޔައެވެ. އެންމެފަހުން އަޑެއްބަޑެއް ނީވުމުން މަންޝާ ބަލައިލިއެވެ. އޭރުވެސް ހަމަ އެފިޔަވަޅުމަތީގައި ނަޒާން ހުއްޓެވެ. މަންޝާ އާ ހަތަރުކަޅި ހަމަވެގެން ދިޔުމާއެކު ނަޒާން ހީލިއެވެ.

"ތެންކިޔު...." ނަޒާން ބުންޏެވެ.

ނަޒާން ހިނގައިގަތެވެ. މަންޝާގެ މޫނަށް ވެރިވީ ހައިރާންކަމެވެ. ނަޒާން މިއީ އާދައިގެ މީހެއް ނޫނެވެ. ނަޒާން ދިޔަ ދިމާލަށް ބަލަހައްޓައިގެން އިނދެފައި މަންޝާ ފުންމައިގެން ތެދުވިއެވެ. އެދިޔައީ ހަމަ އޭނާގެ ދެލޯ ފެނުނީމައެވެ. ކޮންކަހަލަ އިންސާނެއް ހެއްޔެވެ؟ މަންޝާގެ ހިތުގައި ބިރުވެރިކަމުގެ ރާޅުބާންޏެއް ހިނގާލިއެވެ. މާދަމާ ކަންތައްކުރާނީ ކިހިނެއްކަމެއްވެސް ނޭނގެއެވެ. ނަޒާނަށް ނޫނެކޭ ބުނީމަވެސް އެކަމާ ދެރައެއް ނުވިއެވެ. މީހަކާ އިންނަން އުޅޭ ހަބަރު ދިނުމުން އުންމީދު ގެއްލުވާނުލިއެވެ. ނަވާލަށް އިނގުނިއްޔާ ކަންތައްތައް ދާނީ ގޯހުން ގޯހަށެވެ. ކަންތައް ކޮންމެ ގޮތަކަށް ވެގެންދިޔަސް ނަޒާނާ ގުޅުމެއް އުފެއްދުމަކީ މަންޝާ ނުކުރާނެ ކަމެކެވެ. ލޯބީގެ ގުޅުމެއް އޮތީ ނަވާލާއެވެ. ކައިވެންޏެއް ނަޒާނާ ކުރުމަކީ މަންޝާއަށް ހަޑިކަމެކެވެ.

*********

ކޮޓަރިއަށް ވަންގޮތަށް ތުވާލި ހިފައިގެން ނަޒާން ވަނީ ފާހާނާއަށެވެ. ރަނގަޅަށް ފެންވަރައިގެން ނިކުމެ ދިގު ޓްރެކްޝޫޓެއްލިއެވެ. ލޯގަނޑު ކައިރީގައި ހުއްޓުމާއެކު އޭނާގެ ލޮލުގައި އަޅައިގަތީ ޑްރެސިންގ ޓޭބަލްމަތީގައި އޮތް އަނގޮޓިއެވެ. އޭނާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. އަނގޮޓި ނެގިގޮތަށް އޭނާގެ ތުންފަތުގައި ޖެއްސިއެވެ. ހިނދުކޮޅަކަށް ނަމަވެސް އަނގޮޓީގެ ހައްގުވެރިޔާގެ އިނގިލީގައި އޮތްކަމަށްޓަކައި އުފާކުރިއެވެ. އޭނާ އަނގޮޓި ފޮށި ތެރެއަށް ލުމަށްފަހު ގެންގޮސް އަލަމާރިއަށް ލިއެވެ. ދެން ފޯނު ހިފައިގެން އެރީ އެނދަށެވެ. ނިދުމުގެ ކުރިން މަންޝާގެ އަޑުއަހާލާހިތުން އޭނާ މަންޝާގެ ނަންބަރަށް ގުޅިއެވެ. އުންމީދުކުރީ މަންޝާ ފޯނު ނަގާނެކަމަކަށް ނޫނެވެ. އެހެންނަމަވެސް މަންޝާ ފޯނު ނަގައިފިއެވެ.

"އަހަރެން ހީކުރީ ނުނަގާނެ ކަމަށް" ނަޒާން ބުންޏެވެ. މަންޝާ ޖަވާބެއް ނުދިނެވެ. "ނުނެގި ނަމަވެސް އަހަރެން ނުދިޔައިމުހޭ ތިގޭ ދޮށަށް"

"ކީއްކުރަން ތިގުޅީ؟ މިއުޅެނީ ނިދަންވެގެން" މަންޝާ ބުންޏެވެ.

"ތިއަޑު އަހާލާހިތުން" ނަޒާން ބުންޏެވެ.

"ބާއްވަނީ" މަންޝާ ބުންޏެވެ.

"ގުޅާނަން އެނގޭ މިރޭ" ނަޒާން ބުންޏެވެ. "ހާރުކާން ގޮވަން ގުޅާނަމޭ މިބުނީ. މީހުން ކުރާ ހެޔޮކަންކަންކަމަށް ހުރަސް އަޅާކަށްނުވާނެ"

މަންޝާ ފޯނު ކަނޑާލިއެވެ. ފޯނު ކެނޑުމުގެ ކުރިން މަންޝާ ހިނިތުންވެލިހެން ނަޒާނަށް ހީވިއެވެ. ނޫނެކެވެ. ހީވިގޮތްކަމަށް ގަބޫލުކުރަން އޭނާ ބޭނުމެއް ނުވިއެވެ. މަންޝާ އާ ގުޅޭ އެއްވެސް ކަމެއްގައި އޭނާ ހީއެއްކުރަން ބޭނުމެއްނުވެއެވެ. އޭނާ ބޭނުންވަނީ ޔަގީންކުރާށެވެ. އޭނާގެ ހިތް އޭނާއަށް ހަގީގަތެއްނެތް އުންމީދުތަކެއް ދޭނެކަމަށް ގަބޫލުކުރަން ބޭނުމެއް ނުވިއެވެ. އޭނާއަށް އެނގެނީ މަންޝާގެ ހިތް އޭނާ ހާސިލްކުރާނެކަމެވެ. މަންޝާގެ ހިތުން ޖާގައެއް ކަށަވަރުކުރާނެކަމެވެ. އޭނާގެ ހަޔާތަށް އަންބެއްގެ މަގާމަށް މަންޝާ އަންނާނެކަމެވެ. އެކަމަށް ކުރެވެންއޮތް ކަމެއް ވިއްޔާ އޭނާ ކުރާނެއެވެ. ނޭނގެނީ އެ ހިތް ހޯދަން އޭނާ ކުރަންޖެހޭނީ ކިހާ މަސައްކަތެއް ކަމެވެ. އަދި އެކަމަށް ނަގާނެ މުއްދަތެކެވެ.

********

ތިއާ އެނަދަށް އެރުމާއެކު ނަވާލް ފޯނު ބޭއްވިއެވެ. ތިއާގެ މޫނަށް ބަލައިލީ ހައިރާންކަން އެކުލެވިގެންވި ނަޒަރަކުންނެވެ. ފަހަކަށް އައިސް ތިއާ އަށް އެވާގޮތަކާމެދު އޭނާ އޮތީ އިނގެން ބޭނުންވެފައެވެ. ފަރުވާހޯދަންޖެހޭ ކަމެއްނަމަ އޭނާ ހުރީ ތިއާއަށް އެހީވާށެވެ.

"އަހަރެން ސުވާލެއްކޮށްލަންތަ؟" ނަވާލް ބުންޏެވެ.

ތިއާ ހިންދިރުވާލިއެވެ. ނަވާލްގެ ސުވާލަކީ ކޮބައިކަން އޭނާއަށް އެނގެއެވެ. އެއީ އޭނާއަށް ދައްކަން ފަސޭހަ ވާހަކަތަކެއްނޫނެވެ. އެވާހަކަ ދައްކަން ހިތަށް އެރުމުންވެސް އޭނާއަށް އުނދަގުވެއްޖެއެވެ.

"ކުރިންވެސް އެހެންވޭތަ؟" ނަވާލް އެހިއެވެ.

ތިބުނީ...؟ ކޮންކަމެއްހޭވޭހޭ ތިއެހީ" ތިއާ ބުންޏެވެ.

"ނާޔާ ބުނި ޕެނިކްއެޓޭކެއް އައި ވާހަކަ. ކުރީ ދުވަހަކު އެގޭގަވެސް އެހެންވިއެއްނު" ނަވާލް ބުންޏެވެ.

"ނަވާލް... އަހަރެން... އަހަރެންނަށް މީގެކުރިން މިހެނެއްނުވޭ. ޕެނިކްއެޓޭކެއް އިހުސާސްވެސްވީ އަދި އަލަށް. އަހަރެން ބިރުގަންނަނީ. ހިތަށް އަރަނީ އެއީ ހެދުނު ގޯހެކޭ. އެކަމަކު އަހަރެން ގޯހެއް ނަހަދަން. ފަހަރެއްގަ އެމީހުނަށް އެހެން ހީވެދާނެ. އެކަމަކު އަހަރެންނަށް އިނގޭ. ހެއްދެވިފަރާތް ދެނެވޮޑިގެންވާނެ އަހަރެން އެގޮތަށް ކަންތައްކުރި ސަބަބު"

ނަވާލަށް ނުވިސްނުނެވެ. ތިއާ އާ ސުވާލުކުރީ އެހެންވެއެވެ.

"އަދި ނޭނގުނު ތިއާ ތިކިޔާ އެއްޗެއް"

"އަހަރެން ދިރިއުޅެން ބޭނުން. އަހަރެން ނަވާލާ ކައިވެނިކުރީ ލޯބިން. މިކައިވެނި ދަމަހައްޓަން ބޭނުން. އަހަރެން ނަވާލްދެކެ މި އާއިލާދެކެ ވަރަށް ލޯބިވޭ. އެކަމަކު.... ހަމަ ބިރުގަންނަނީ... އަހަރެންގެ މާޒީދެކެ. ފާޑުފާޑުގެ އެއްޗެހި ހިތަށް އަރާތީ. ނަވާލާ ވަކިވާންޖެހިދާނޭ ހީވާތީ. އަހަރެން ނަވާލަށް އޮޅުވައެއްނުލަން. ދޮގެއް ނަހަދަން. ދޮންތައަށް ހުރިހާކަމެއް އެނގޭނެ. އެކަމަކު އެވާހަކަތައް ދެއްކުމަކީ އަހަރެންނަށް ފަސޭހަކަމެއްނޫން. ނަވާލަށް ކިޔައިނުދޭކަށްވެސް ނޫޅެން. އަހަރެންނަށް ވަގުތުދީ. އެއްވެސްކަމެއް ސިރެއްނުކުރާނަން" ތިއާ ވާހަކަދެއްކިއެވެ.

ނަވާލް ތިއާގެ އިސްތަށިގަނޑުގައި ފިރުމާލިއެވެ. ތިއާގެ އަތުގައި ހިފައި ގާތަށް ދަމައިލުމަށްފަހު ލޯބިން ބައްދާލިއެވެ. ނިތްކުރީގައި ބޮސްދިނެވެ.

"އެއްވެސް ކަމަކަށް ފޯސްއެއް ނުކުރާނަން. ތިއާގެ މާޒީގައި ކޮންމެ ކަމެއްވެފައި އޮތްނަމަވެސް އޭގެ އަސަރު އަހަރެމެންގެ ލަވް ލައިފްއަކަށް ނުކުރާނެ" ނަވާލް ބުންޏެވެ.

ތިއާ އަށް ލިބުނު ހިތްހަމަޖެހުމުގައި ދެލޯ މަރާލިއެވެ. ހެއްދެވިފަރާތަށް ހަމްދުކުރިއެވެ. ނަވާލްގެ އެ ޖުމްލައިން އެވަގުތަށް އޭނާގެ ހިތަށް ހަމަޖެހުން ލިބުނެވެ. އެކަމަކު ހިތުގައިވި ނުތަނަވަސްކަން އެއްކޮށް ފިލައިގެން ނުދިޔައެވެ. އަބަދުވެސް އެ ސޫރަ އޭނާގެ ލޯމަތީގައި އެނބުރޭނެކަން އޭނާއަށް މަރުފަދައިން ޔަގީންވެއެވެ.

"ރޯދަމަސް މިފެށުނީ. ލޯބިކޮށްލަން ލިބޭނީ މަދުވަގުތުކޮޅެއް. އަޅުކަމުގެ މައްސަރެއް. އެކަމަކު މިރޭ ކެތެއްނުވާނެ. ހުއްދައަކަށް އެދެން" ނަވާލް ބުންޏެވެ. އެހިނދު ނަވާލްގެ މޫނަށް ތިއާ ބަލައިލިއެވެ. ކުޑަކޮށް މޫނު އުފުލާލާފައި ނަވާލްގެ ދަތްދޮޅީކޮޅުގައި ތުންފަތް ޖައްސާލިއެވެ. އެއީ ތިއާގެ ފަރާތުން ލިބުނު ރުހުންކަން ނަވާލަށް އެނގުނެވެ.

(ނުނިމޭ)