އަމީނީ މަގުގައި އަންނަ މާޗު މަހު ތާރު އަޅަން އާރްޑީސީން ތައްޔާރުވެއްޖެއެވެ.
އާރްޑީސީގެ މީޑިއާ އޮފިޝަލް "ވަން" އަށް މިއަދު ވިދާޅުވީ، އަމީނީ މަގުގައި ތާރު އެޅުމުގެ މަސައްކަތަށް ބޭނުންވާ ހުރިހާ ސާމާނެއް މިހާރު މާލެ ގެނެސްފައިވާ ކަމަށާއި އަންނަ މާޗު މަހުގެ މެދުތެރޭގައި އެ މަސައްކަތް ފަށާނެ ކަމަށެވެ.
ޖުމުލަ 13 ބަޔަކަށް ބަހާލައިގެން ހަދަމުން އަންނަ އަމީނީ މަގުގެ ފުރަތަމަ ބައިގައި ތާރު އެޅުން ފިޔަވައި ހުރިހާ މަސައްކަތެއް ވަނީ ނިންމާލައިފަ އެވެ. ދެވަނަ ބައިގެ މަސައްކަތުގެ ބޮޑުބައިވެސް ނިންމާލެވިފައިވާ ކަމަށް އޮފިޝަލު ވިދާޅުވިއެވެ.
އަމީނީ މަގުގައި ތާރު އަޅަން ރާވާފައި އޮތީ ދެ ބަޔަކަށް ބަހާލައިގެންނެވެ.
އަމީނީ މަގުގައި ތާރު އެޅުން ލަސްވަނީ އެކަމަށް ބޭނުންވާ ސާމާނު ރާއްޖޭގައި ނެތިގެން ކަމަށް ބައެއް މީހުން ތުހުމަތުކުރެއެވެ. އެގޮތުން ކުރީގެ ރައީސް މުހައްމަދު ނަޝީދުވެސް ވަނީ ރާއްޖޭގައި ތާރު ނެތް ކަމަށް ވިދާޅުވެފައެވެ.
ޕްލޭނިން މިނިސްޓްރީން އަމީނީ މަގު ހަދަން 84 މިލިއަން ރުފިޔާއަށް އާރުޑީސީއާ ހަވާލުކުރީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތިނެއްގަ އެވެ. މިދިޔަ އަހަރު އޮގަސްޓް މަހު 30 ގައި އަމަލީ މަސައްކަތް ފަށައި އެ މަގުގައި ތާރު އަޅައި ނިންމަން ޕްލޭނިން މިނިސްޓްރީން އާރްޑީސީއަށް ދިނީ 10 މަސް ދުވަހެވެ. އެ މަޝްރޫއުގެ ދަށުން އަމީނީ މަގުގައި 1.7 ކިލޯމީޓަރުގެ ތާރު އަޅައި، ފެން ހިންދާ ނިޒާމެއް ވެސް ހަދާން ޖެހެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު