މި ސަރުކާރުންވީ ވައުދާ އެއްގޮތަށް މިހާރު ބިން ނުހިއްކި ހުރި ރަށްރަށުގެ ބިން ހިއްކުން މި ދައުރުގެ ތެރޭގައި ފަށައި، ނިންމާލެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
އެމްޑީޕީ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނުގައި ދިއްދޫގައި ރޭ ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ، މި ސަރުކާރަށް ތަރައްގީގެ މަޝްރޫއުތައް ހިންގަން ލިބުނީ ދެ އަހަރާ ހަ ވަރަކަށް މަސް ކަމަށާއި އެ މުއްދަތުގެ ތެރޭގައިވެސް 10 އަހަރުން ނުގެނެވުނު ތަރައްގީ ގެނެސްދީފައިވާ ކަމަށެވެ.
ދިއްދޫގައި މި ސަރުކާރުން ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހިންގާފައިވާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އެންމެ ބޮޑު ދެ މަޝްރޫއު ކަމަށްވާ ބިން ހިއްކުމާއި ޓާޝަރީ ހޮސްޕިޓަލުގެ މަސައްކަތްވެސް ކޮށްދެއްވާނެ ކަމަށެވެ. އަދި ބިން ހިއްކުމުގެ މަސައްކަތް ކުރިއަށްދާއިރު އެއާޕޯޓެއްގެ ވާހަކަ ނުދެއްކެންވީ ސަބަބެއް ނެތް ކަމަށްވެސް ވިދާޅުވިއެވެ.
"ބިން ހިއްކުމަށް އަޅުގަނޑުމެންވީ ވައުދުގެ ތެރޭގައި ނުނިމި ހުރި ރަށްރަށް އެއްކޮށް ހިއްކުމަށްޓަކައި ބޭރުގެ ކުންފުންޏަކާއެކު މިހާރު މިދަނީ މަޝްވަރާ ކުރަމުން. އަޅުގަނޑުގެ ވިސްނުމަކީ މި ހުރިހާ ރަށެއްގެ ބިން ހިއްކުން، ބިން ބޮޑުކުރުން، ވަކި ބަޔަކަށް ހަވާލުކޮށް އެގްރީމެންޓެއްގައި ސޮއިކޮށް މި ދައުރު ތެރޭގައި ނިންމާލުން" ރައީސް ވިދާޅުވިއެވެ.
ދިއްދޫގައި ހިންގަމުން އަންނަ ތަރައްގީގެ މަޝްރޫއުތައް ފާހަގަކުރައްވައި ރައީސް ވިދާޅުވީ މިހާރު ކުރިއަށްދާ 75 ހައުސިން ޔުނިޓްގެ މަސައްކަތުގެ ތެރެއަށް އިތުރު 25 ހައުސިން ޔުނިޓް އިތުރުކޮށްދެއްވާނެ ކަމަށެވެ. އަދި ދިއްދޫގެ ބަނދަރު ބޮޑުކުރުމާއި ޖޫނިއާ ކޮލެޖުގެ މަޝްރޫއާއި ޒަމާނީ ފެންވަރުގެ އިންޖީނުގެއެއް ތަރައްގީ ކުރުމަކީ މިހާރުވެސް ކުރިއަށްދާ މަޝްރޫއުތަކެއް ކަމަށް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު