ނ. ހޮޅުދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއާއި ހދ. ނައިވަދޫ އަދި އއ. ފެރިދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ.

ޕްލޭނިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ތިން ރަށުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރުމުގެ އެއްބަސްވުންތަކުގައި ސޮއިކުރެއްވީ ޕްލޭނިން މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލް ފާތުމަތު ޝާނާ ފާރޫގުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އާދަމް އާޒިމްއެވެ.

ހޮޅުދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ 46،748،822.76 ރުފިޔާއަށް 400 ދުވަހުން ނިންމާ ގޮތަށް ކަމަށެވެ.

އެމްޓީސީސީން ބުނީ އެ މަޝްރޫއުގެ ދަށުން 10،614 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ އާ ހާބަރު ބޭސިން ފުންކުރުމާއި 1،375 ކިއުބިކް މީޓަރުގެ ޑިޓޭޗް ރޭމްޕް ސަރަހައްދެއް ފުން ކުރުމާއި 570 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި 14 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ އިތުރުން 375 މީޓަރުގެ ސަރަހައްދެއްގައި ޖިއޯބޭގް ރިވެޓްމެންޓް ޖަހާނެއެވެ. އަދި 89 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި 418 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމުގެ މަސައްކަތާއި ހޮޅުދޫ ދެކުނު ފަރާތުގެ ރިވެޓްމަންޓްގައި ޑިޓޭޗް ރޭމްޕެއް ހެދުމާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ވެސް ކުރާނެ ކަމަށް އެމްޓީސީސީން ބުންޏެވެ.

ޕްލޭނިން މިނިސްޓްރީން ނައިވަދޫ ބަނދަރު ތަރައްގީކުރަން އެމްޓީސީސީއާ ހަވާލުކުރީ 450 ދުވަހުން ނިންމާ ގޮތަށް 51،320،956.65 ރުފިޔާއަށެވެ.

އެމްޓީސީސީން ބުނީ، އެ މަޝްރޫއުގެ ދަށުން 15،319.91 ކިއުބިކް މީޓަރަށް ބަނދަރު ފުންކުރުމާއި 41،618.07 ކިއުބިކް މީޓަރަށް އާ ބަނދަރު ފުންކުރުމާއި 15،319.91 ކިއުބިކް މީޓަރަށް ނެރު ފުންކުރުމުގެ މަސައްކަތާއި 290 މީޓަރުގެ ބްރޭކްވޯޓާ ޖެހުމާއި 10 މީޓަރު ސަބްމާޖް ބްރޭކްވޯޓަ ޖެހުން ހިމެނޭ ކަމަށެވެ. އަދި 25 މީޓަރު ގްރޯއިން ޖެހުމުގެ މަސައްކަތުގެ އިތުރުން 73.3 މީޓާ ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ވެސް ކުރާނެ ކަމަށް އެމްޓީސީސީން ބުންޏެވެ.

ނައިވަދޫ ބަނދަރުގެ ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން 231 މީޓަރު އެއްގަމުތޮށި ޖެހުމާއި 231 މީޓަރު ސްކޯރިން އެޕްރޮން ޖެހުމާއި 62 މޫރިން ރިންގު ހަރުކުރުމާއި 10 މޫރިން ބޮއި ހަރުކުރުމުގެ 90 އަކަމީޓަރުގެ ރޭމްޕެއް ހެދުމުގެ މަސައްކަތްވެސް ކުރާނެއެވެ. އަދި ބަނދަރުގެ އެކްސެސް ޕްލެޓްފޯމް އެޅުމާއި ކޮންކްރީޓް ޖެޓީއެއް ހެދުމާއި ދެ ނެވިގޭޝަން ލައިޓް ހަރުކުރުމާއި 18 މަގުބައްތި ހަރުކުރުމާއި 2،087.85 އަކަ މީޓަރުގެ ޕޭންވެމްޓެއް ހަދާނެ ކަމަށްވެސް އެމްޓީސީސީން ބުންޏެވެ.

ފެރިދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 50،805،698.04 ރުފިޔާއަށް 365 ދުވަހުން ނިންމާ ގޮތަށެވެ.

ފެރިދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން ފެރިދޫ ބަނދަރު އަދި ނެރު ފުންކުރުމާއި 147 މީޓަރު ބްރޭކްވޯޓާ ޖެހުމުގެ މަސައްކަތް އެމްޓީސީސީން ކުރާނެއެވެ. އަދި ސޭންޑްފިލް ބްރޭކްވޯޓާ ޖެހުމާއި 10 މީޓަރަށް ސަބްމާޖް ބްރޭކްވޯޓާ ޖެހުމުގެ އިތުރުން 90 މީޓަރަށް ރިވެޓްމެންޓް ޖެހުމުގެ މަސައްކަތާއި 213 މީޓަރަށް އެއްގަމު ތޮށި ޖެހުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން 213 މީޓަރަށް ސްކޯރިން އެޕްރޮން ޖެހުމާއި 51 މޫރިން ރިންގު ހަރުކުރުމާއި 10 މޫރިން ބޮއި ހަރުކުރުން އަދި 90 އަކަ މީޓަރުގެ ރޭންޕެއް ހެދުމުގެ މަސައްކަތްވެސް ކުރަން ހަމަޖެހިފައިވާ ކަމަށް އެމްޓީސީސީން ބުންޏެވެ.

ހޮޅުދޫ ގޮނޑުދޮށް ހިމާޔަތްކުރުމާއި ނައިވަދޫ އަދި ފެރިދޫ ބަނދަރު ތަރައްގީކުރުމުގެ މަސައްކަތް ފެށުމުގެ ކުރިން އެންވަޔަރުމެންޓް އިމްޕެކްޓް އެސެސްމެންޓް (އީއައިއޭ) ހަދާނެ ކަމަށް އެމްޓީސީސީން ބުންޏެވެ.