ގޯތި ދޫނުކުރާތާ އެތައް އަހަރެއް ވުމަށްފަހު އައްޑޫ ސިޓީން ގޯތި ދޫކުރަން ތައްޔާރުވެފައިވާ ކަމަށް އެ ސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

ބޯހިޔާވަހިކަމުގެ މައްސަލަ ބޮޑުވެފައިވާ އައްޑޫން ގޯތި ދޫކުރަން ނިންމި އިރު، އެ ސިޓީގެ ބައެއް ރަށްރަށުން ގޯތި ނުދޫކުރާތާ 25 އަހަރުވެއްޖެއެވެ.

އައްޑޫ މޭޔަރު އަލީ ނިޒާރު މިއަދު "ވަން" އަށް ވިދާޅުވީ، އައްޑޫ ހުޅުދުއާއި މީދުއާއި ފޭދޫގެ އިތުރުން ހިތަދޫން ގޯތި ދޫކުރާނެ ކަމަށެވެ. އަދި ގޯތި ދިނުމުން އައްޑޫގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށް ވިދާޅުވިއެވެ.

"ހުޅުދުއާއި މީދޫގެ ތެރެއިން ކޮންމެ ރަށަކުން 100 ގޯތި، ފޭދޫގެ ހިއްކި ބިމުން 300 އެއްހާ ގޯތި، ހިތަދޫން 300-400 ގޯތި ދޫކުރަން މިވަނީ ނިންމާފައި. ދެ ހަފުތާއެއްގެ ތެރޭގައި ގޯތިތައް ދޫކުރަން އިއުލާނު ކުރެވޭނެ," ނިޒާރު ވިދާޅުވިއެވެ.

ހިތަދޫން 90 ހެކްޓަރު އަދި މަރަދޫއާއި މަރަދޫފޭދޫން 76 ހެކްޓަރު ހިއްކަން މި ސަރުކާރުން ވަނީ ނިންމައިފައެވެ. އަދި ހުޅުދުއާއި މީދޫގެ ބިން ހިއްކުމުގެ މަސައްކަތްވެސް އެމްޓީސީސީއާ ހަވާލުކުރަން ވަނީ ނިންމައިފައެވެ.

އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފޭދޫގައި މިދިޔަ ހުކުރު ދުވަހު ބޭއްވި ކެމްޕޭން ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ނިޒާރު ވަނީ އައްޑުއަށް އިތުރު 198 ހެކްޓަރުގެ ބިން އިތުރުކުރުމުގެ މަޝްރޫއުގެ ދަށުން މި އަހަރުގެ ޖޫން މަހުގެ ކުރިން ވެލި އެޅުމުގެ މަސައްކަތް ފަށާނެ ކަމަށް ވިދާޅުވެފައެވެ.