އެމްޑީޕީގެ ސިޔާސަތުތައް ކުރިއަށް ގެންދެވޭނީވެސް އަދި އެމްޑީޕީ ކުރިއެެރުވޭނީވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ކަމަށް އެންވަޔަަރަމަންޓް މިނިސްޓަރު އާމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.
މި މަހުގެ 28ގައި ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް ރައީސް ސޯލިހާ އެކު އައްޑުއަށް ކުރެއްވި ދަތުރުގައި އެ އަތޮޅު މީދޫގައި އިއްޔެ ބޭއްވި ކެމްޕޭން ހަރަކާތުގައި ޝައުނާ ވިދާޅުވީ، މިއީ އެމްޑީޕީގެ ވެރިކަމެއް ނޫން ކަމަށާއި އެ ބޭފުޅުންނަކީ އެމްޑީޕީ ބައެއް ނޫން ކަމަށް ރައީސް ނަޝީދު ވިދާޅުވާތީ ކަންބޮޑުވާ ކަމަށެވެ.
"ރައީސް އިބޫ ސޯލިހަކީ އަޅުގަނޑުމެންގެ މި ޕާޓީ ކުރިއަރުވަން އެންމެ ބޮޑަށް މަސައްކަތް ކުރެއްވި އަޅުގަނޑުމެންގެ މުހިންމު، މި ޕާޓީގެ ލީޑަރެއްވެސްމެ. އަޅުގަނޑަކީ ކަނޑާލިޔަސް އެމްޑީޕީ މެމްބަރެއް،" ޝައުނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، މި ސަރުކާރަކީ އެމްޑީޕީގެ ސަރުކާރެއް ކަމަށާއި އެހެން އެއްވެސް ޕާޓީއެއްގެ ސިޔާސަތުތަކެއް މި ސަރުކާރުން ކުރި ނާރުވާ ކަމަށާއި އެމްޑީޕީގެ މެނިފެސްޓޯއަކީވެސް އެ ޕާޓީގެ ސިޔާސަތުތައް ތަންފީޒުކުރަން އުފެއްދި މެނިފެސްޓޯއެއް ކަމަށެވެ. އެކަމުގެ ހެއްކެއްގެ ގޮތުގައި ޝައުނާ ވިދާޅުވީ، ލާމަރުކަޒީ ނިޒާމާއި އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމެވެ.
"މި ދެންނެވި ސިޔާސަތުތައް ދެމެހެެއްޓެނިވި ގޮތެއްގައި އަޅުގަނޑުމެންގެ ރާއްޖޭގައި ތަންފީޒުކޮށް، ހިންގޭނީ އަޅުގަނޑުމެންގެ ރައީސް އިބޫއާ އެކީގައި. މި ޕާޓީގެ ސިޔާސަތުތައް ކުރިއެރުވުމަށް އަޅުގަނޑުމެންނަށް އެމްޑީޕީ ކުރިއަށް ގެންދެވޭނީ މި ޕްރައިމަރީ ރައީސް އިބޫއަށް ކާމިޔާބު ކޮށްދެވިގެން." ޝައުނާ ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ، އުމުރުން 18 އަހަރު ފުރުނީވެސް އަދި 35 އަހަރު ފުރުނީވެސް މަގުމަތީގައި އުޅެނިކޮށް ކަަމަށާއި ދެން މަގުމަތީގައި ހުންނަން ބޭނުންނުވާ ކަމަށެވެ. އެ ސަބަބުތަކަށްޓަކައި ރައީސްއަށް ދެވަނަ ދައުރެއް ދޭންޖެހޭ ކަމަށް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު