ދުނިޔެ

އަދުގެ ދުނިޔެ: ފަލަސްތީނުގެ ދިދަ މަނާކުރުމަށް އިޒްރޭލުން މިކުރަނީ ކޮން ބޭކާރު މަސައްކަތެއް؟

އިމާދު ލަތީފު

1

އިޒްރޭލުގެ އައު ސަރުކާރު ވެރިކަމާ ހަވާލުވިތާ އަދިމިވީ ދެހަފުތާއެއްހާ ކުޑަ ދުވަސްކޮޅެކެވެ. މިވީ ދުވަސްކޮޅުގެ ތެރޭގައި މިސަރުކާރުން ކުރި ކަންކަމުގެ ތެރޭގައި ހިމެނެނީ މުޅިންވެސް ފަލަސްތީނުގެ ރައްޔިތުންނަށް ދަތިކޮށް އަދަބުދީ، ފަލަސްތީނަށް ހުރިހާ ގޮތަކުންވެސް ފުރައްސާރަކުރުމުގެ ކަންކަމެވެ. އޭގެތެރެއިންވެސް އެއްކަމެއް ވަކިން ބޮޑަށް ފާހަގަކޮށްލަން ބޭނުންވެއެވެ. އާއްމު ތަންތަނުގައި ފަލަސްތީނުގެ ދިދަ ގެންގުޅުމާއި ފަލަސްތީނުގެ ގައުމިއްޔަތު ރަމްޒުކޮށްދޭ ކުލަތައް ބޭނުންކުރުމަކީ ޓެރަރިޒަމްގެ އަމަލެއްކަމަށް ވަނީ ހަދައިފައެވެ. މިއީ މިޒަމާނުގެ ތަހުޒީބު ޑިމޮކްރަސީއެއްކަމަށް ދައުވާކުރާ ގައުމަކުން ފަހަކަށްއައިސް ނެރެފައިނުވާޒާތުގެ އަނިޔާވެރި ޖައްބާރު އަމުރެކެވެ. މިއީ އިޒްރޭލުގެ އިސްތިއުމާރުގެ ހުތުރުސިފަ އެއްވެސް ހުރަހަކާނުލައި މުޅިދުނިޔެއަށް ސާފުކޮށް ފެނިގެންދިޔަ ނިންމުމެކެވެ.

ފަލަސްތީނުގެ ގައުމިއްޔަތު ރަމްޒުކޮށްދޭ ތަކެތި މަނާކޮށް، އެއީ ޓެރަރިޒަމްކަމަށް ހެދުމުގެ އިތުރަށް ފަލަސްތީނުގެ ވެރިން ރަށުގައި ބަންދުކުރުމާއި ފަލަސްތީނުގެ ސަރުކާރު ކުޑަކަކޫ މައްޗަށް ތިރިކުރުމުގެ ގޮތުން އައު ފިޔަވަޅުތަކެއްވެސް އިޒްރޭލުގެ އައު ސަރުކާރުން ވަނީ އަޅައިފައެވެ. އޭގެތެރޭގައި ހިމެނެނީ ބޭރުގެ އެކި ގައުމުތަކަށް ވަޑައިގެން ފަލަސްތީނުގެ ހައްގުގައި ވަކާލާތު ކުރައްވާ ބޭފުޅުންނަށް ދަތުރު ނުކުރެއްވޭނޭގޮތް ހެދުމާއި ފަލަސްތީނުގެ ސަރުކާރަށް އާމްދަނީ ލިބޭނޭ ހުރިހާ މަގެއް ބަންދުކޮށް ބަނގުރޫޓުކޮށްލުމުގެ ފިޔަވަޅުތަކެވެ. މިއިން ކޮންމެ ފިޔަވަޅަކީވެސް ބައިނަލްއަގުވާމީ މައިދާނުގައި ފަހަކަށްއައިސް އިޒްރޭލަށް ކުރިމަތިލާންޖެހުނު ނާކާމިޔާބީތަކުގެ ބަދަލު ފަލަސްތީނުގެ ރައްޔިތުންގެ ކިބައިން ހިފުމުގެ ނިޔަތް އެކުލެވޭ ފިޔަވަޅުތަކެކެވެ. ހަސަދައިގެ އަލިފާނުން ވިރުވައި އަޅާފައިވާ ފިޔަވަޅުތަކެކެވެ.

ބައިނަލްއަގުވާމީ މުޖުތަމައުގައި އިޒްރޭލަށް މިފަހަކުން ލިބުނު އެންމެ ބޮޑު ލަދަކީ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ތެރޭގައި މުޅިދުނިޔެއިން ފަލަސްތީނުގެ ރައްޔިތުންނަށް ފާޅުކުރި ހަމްދަރުދީއާއި އިޒްރޭލަކީ އަނިޔާވެރި ޖައްބާރު ދައުލަތެއްކަން ގަބޫލުކުރުމެވެ. ހަމަ ކޮންމެ މެޗެއްގައިވެސް ފެނުނީ ފަލަސްތީނުގެ ދިދަތައް ހޫރުވާ މަންޒަރާއި ފަލަސްތީނުގެ ކުލަތައް ރަމްޒުކޮށްދޭ ތަކެތި އަތުކުރިއާއި ކަރުގައި އަޅައިގެން އެކި ޓީމުތަކުގެ ސަޕޯޓަރުންއުޅޭ މަންޒަރެވެ. އިޒްރޭލުގެ ޓީވީއަކުން ތިޔައީ ކޮން ގައުމަކަށް ސަޕޯޓްކުރާ ބައެއްހޭ އަހައިފިއްޔާ ޖަވާބުގައި އިވެނީ މިއީ ފަލަސްތީނުގެ ސަޕޯޓަރުންނޭ ބުނާ އަޑެވެ. ހަމައެކަނި މެދުއިރުމަތީގެ އަރަބީންނެއް ނޫނެވެ. ޔޫރަޕާއި ދެކުނު އެމެރިކާގެ ސަޕޯޓަރުންނެވެ. އެފްރިކާގެ ސަޕޯޓަރުންނެވެ. އެންމެންގެ ދުލުންވެސް ބޭރުވަމުންދިޔައީ ފަލަސްތީނުގެ ނަމެވެ.

މިކަން ހަޖަމު ނުކުރެވިގެން މިހާރު އެކުރިކަމަކީ ފަލަސްތީނުގެ ދިދަޔަކީ ޓެރަރިޒަމްގެ ރަމްޒަކަށްހަދައި އެދިދަ މަނާކުރުމެވެ. އެކަމަކު އިޒްރޭލުގެ ބާރުހިނގާ ސަރަހައްދުތަކުގައެވެ. މުޅިދުނިޔެއިން ފަލަސްތީނުގެ ކުލަތައް ފަނޑުކޮށް، ފަލަސްތީނުގެ ގައުމީ ގޮވާލުންތަކުގެ އަޑު ހިންދައިލުމަކީ އިޒްރޭލަށްވެސް އަދި އިޒްރޭލަށް ވާގިވެރިވާ ފަރާތްތަކަށްވެސް ކުރެވޭނޭ ކަމެއް ނޫނެވެ. އިޒްރޭލުގައިވެސް އެދިދަ ހޫރުވާނެއެވެ. އަދި ދުނިޔޭގެ ކޮންމެ އެއްވުމެއްގެ ތެރެއިންވެސް ފަލަސްތީނުގެ ދިދަ ފެންނާނެއެވެ. ކުރިއަށްވުރެ މާ ގިނައިންނެވެ. މާވަރުގަދައަށެވެ. މި މަންޒަރު މިހާރުވެސް ފެންނަން ފަށައިފިއެވެ. މުނާސަބު ނޫން ކަންކަމުގައިވެސް ފަލަސްތީނުގެ ދިދަ ގެންގުޅޭ މަންޒަރު އެބަފެނެއެވެ. އިޒްރޭލުގެ ކޮންޓްރޯލް އޮންނަ ސަރަހައްދުތަކުގައެވެ. އަދި އެހެން ގައުމުތަކުގައިވެސްމެއެވެ.

ފަލަސްތީނުގެ ޚާރިޖީވަޒީރު ރިއާޒު މާލިކީ ހިމެނިވަޑައިގަންނަވާގޮތަށް ފަލަސްތީނުގެ ވެރިންގެ ދަތުރުފަތުރު ހުއްޓުވައި ބޭރަށް ވަޑައިގަތުމުގެ ހުއްދަ ހިފަހައްޓަން ނިންމި ނިންމުމުގެ ފަހަތުގައިވަނީ އދ.ގެ އާއްމު މަޖިލީސް ނުވަތަ ޖެނެރަލް އެސެމްބްލީގައި އިޒްރޭލަށް ދާދިފަހުން ކުރިމަތިލާންޖެހުނު ނާކާމިޔާބެވެ. ހިފާފައިވާ ފަލަސްތީނުގެ ބިންތަކުގެ މައްސަލައިގައި އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގެ ގާނޫނީ ރައުޔު ހޯދުމަށް އދ.ގެ އާއްމު މަޖިލީހަށް ގަރާރެއް ހުށައެޅީ ފަލަސްތީނުންނެވެ. އެ މަޖިލީހުގެ ތިންބައިކުޅަ ދެބަޔަށްވުރެ ބޮޑު އަޣުލަބިއްޔަތަކުން އެގަރާރު ވަނީ ފާސްކޮށްފައެވެ. ގަރާރާ އެއްކޮޅަށް ވޯޓުނުދިނުމަށް ދުނިޔޭގެ ގައުމުތަކަށް އިޒްރޭލާއި އެމެރިކާޔާއި އިނގިރޭސިވިލާތުން އިންޒާރުދީ ބިރުދެއްކުމާވެސްއެކު ދުނިޔެއިން އެހީ ފަލަސްތީނުގެ ރިޔާޒު މާލިކީ ވިދާޅުވި ވާހަކަފުޅުތަކެވެ.

ފަލަސްތީނުގެ ޚާރިޖީވަޒީރު ގޭގައި ބަންދުވިއަސް، ފަލަސްތީނުގެ ވެރިން ހުޅަނގުއައްސޭރީގައި ހައްޔަރުވިއަސް ފަލަސްތީނުގެ އަޑު ކަނޑުވައެއް ނުލެވޭނެއެވެ. ހިފާފައިވާ ބިންތަކުގައި އިޒްރޭލުން ހިންގަމުންދާ ޖަރީމާތަކުގެ މައުލޫމާތު ދުނިޔެއަށް ލިބުން ނުހުއްޓުވޭނެއެވެ. އެހެންވީމާ ބޮޑުވަޒީރު ބެންޖަމީން ނަތަންތާހޫ އާއި އޭނާގެ ހައްދުފަހަނަޅާފައިވާ ވަޒީރުން މިއަޅުއްވާ ފިޔަވަޅުތަކުން ނެރެވޭނޭ ނަތީޖާއެއްނެތެވެ. ދެންއޮތީ ފަލަސްތީނުގެ ސަރުކާރަށް އާމްދަނީ ވަންނަ ދޮރުތައް ބަންދުކޮށް ބަނގުރޫޓުކޮށްލުމުގެ ފިޔަވަޅުތަކެވެ. ހުސްވި ހަފުތާގައިވެސް ފަލަސްތީނުގެ 39 މިލިޔަން ޑޮލަރު އިޒްރޭލުން ވަނީ ހިފަހައްޓައިފައެވެ. މިއީވެސް ނަތީޖާއެއް ނުނެރެވޭނޭ ބޭކާރު މަސައްކަތެކެވެ. މީގެކުރިންވެސް ފަލަސްތީނުގެ ސަރުކާރު ބަނގުރޫޓުކޮށްލުމަށް މިޒާތުގެ ކިތަންމެ ފިޔަވަޅެއް އަޅައިފައިވެއެވެ. ކުރެވުނު ކަމެއްނެތެވެ. އަޑު ކަނޑުވައެއް ނުލެވުނެވެ. ގައުމިއްޔަތުގެ ވިންދު ހުއްޓުވައެއް ނުލެވުނެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟