ރާއްޖެއަށް އެހީތެރިވެދިނުމަށް ވޯލްޑް ބޭންކު ގްރޫޕޫން އާ ސިޔާސަތެއް އެކުލަވާލައިފިއެވެ.
ކާރިސާތަކަށް ތައްޔާރުވެފައިވާ އަދި އެންމެންގެ ބައިވެރިވުން އޮންނަ މުސްތަގުބަލެއް ގާއިމުކުރުމުގައި ރާއްޖެއަށް އެހީތެރިވެދިނުމަށް އެ ސިޔާސަތު އެކުލަވާލީ ކަންޓްރީ ޕާޓްނާޝިޕް ފްރޭމްވޯކް (ސީޕީއެފް) 2023-2027 އާ ގުޅޭ ގޮތުން ވޯލްޑް ބޭންކް ގްރޫޕުގެ އެގްޒެކެޓިވް ޑިރެކްޓަރުންގެ ބޯޑުގެ މަޝްވަރާ ބައްދަލުވުމުގައެވެ.
ވޯލްޑް ބޭންކުން މި މަހުގެ 12 ވަނަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ފަސް އަހަރުގެ މުއްދަތައް އެކުލަވާލި އާ ސިޔާސަތުގައި ވޯލްޑް ބޭންކް ގުރޫޕްގެ މެމްބަރު ޖަމިއްޔާތަކުގެ ތެރެއިން ވޯލްޑް ބޭންކް، ތަރައްގީވަމުން އަންނަ ގައުމުތަކުގެ އަމިއްލަ ވިޔަފާރިތަކަށް ހާއްސަކޮށް މަސައްކަތްކުރާ އިންޓަނޭޝަނަލް ފައިނޭންސް ކޯޕަރޭޝަން (އައިއެފްސީ) އަދި ސިޔާސީ ކަންކަމާ ގުޅޭ އިންޝުއަރެންސާއި ފައިސާ ހޯދަން ފަހިވާނެ ފަދަ ގެރެންޓީ ދޭ މަލްޓިލޭޓަރަލް އިންވެސްޓްމަންޓް ގެރެންޓީ އެޖެންސީ (މީގާ) އިން ރާއްޖެއާ އެކު މަސައްކަތް ކުރާނެ މައިގަނޑު ދާއިރާތައް ކަނޑައަޅާފައިވާ ކަމަށެވެ.
އެގޮތުން ވޯލްޑް ބޭންކުން ރާއްޖޭގައި މިހާރު ކުރިއަށްގެންދާ ޕްރޮގްރާމުގައި އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް އެސޯސިއޭޝަން (އައިޑީއޭ)ގެ އެހީގެ ދަށުން ހިންގާ ނުވަ ޕްރޮޖެކްޓަކާއި އައިޑީއޭގެ އެއް ގެރެންޓީއަށް ޖުމުލަ 178 މިލިއަން ޑޮލަރު ވަނީ ކަނޑައަޅައިފައެވެ.
މި މަޝްރޫއުތައް ހިންގާ ދާއިރާތަކަކީ އިއާދަކުރަނިވި ހަކަތަ، ޒުވާނުންނަށް ވަޒީފާ ހޯދަން ބޭނުންވާ ހުނަރުތައް، ޑިޖިޓަލް ޓެކްނޮލޮޖީ، އުމްރާނީ ތަރައްގީ، ކުނި މެނޭޖުކުރުން، ކޮވިޑް-19އާ ދެކޮޅަށް މަސައްކަތްކުރުމެވެ.
އޭގެ އިތުރުން ސިއްހީ އަދި ތައުލީމީ ދާއިރާ އަދި އިޖުތިމާއީ ރައްކާތެރިކަންވެސް ހިމެނެއެވެ. އަދި ވޯލްޑް ބޭންކުން ވަނީ އިގުތިސާދީ ހާލަތު ދެނެގަތުމާއި މާލީ ދާއިރާއާއި އިޖުތިމާއީ ރައްކާތެރިކަން އަދި ފަގީރުކަން ނައްތާލުން ފަދަ ދާއިރާތަކުންވެސް ފަންނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.
ވޯލްޑް ބޭންކުން ބުނީ އާ ސިޔާސަތުގެ އަމާޒަކީ މައިގަނޑު ތިން މަގުސަދެއް ހާސިލުކުރުން ކަމަށެވެ. އެއީ، އިގުތިސާދީ ފުރުސަތުތައް އިތުރުކުރުމާއި އިންސާނީ ވަސީލަތްތަކުގެ ނަތީޖާ ރަނގަޅުކުރުމާއި އަދި ކުރިމަތިވާ ކުއްލި ހާލަތްތަކާއި ކާރިސާތަކަށް ތައްޔާރުވެފައިވާ މިންވަރު އިތުރުކުރުން ކަމަށެވެ.
އަދި މި މަގުސަތުތައް ހާސިލުކުރުމަށްޓަކައި އަހައްމިއްޔަތުކަން ދޭނެ ދާއިރާތަކަކީ ތައުލީމާއި ސިއްހީ ނިޒާމުގެ ފެންވަރު ހަރުދަނާކުރުމާއި މުޖުތަމައުގައި ތިބި އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ދެވޭ އެހީތެރިކަން އިތުރުކުރުމާއި މާލީ ދާއިރާގެ ކަންކަން ހަރުދަނާކޮށް، ދެ ފުށް ފެންނަކަން ކަށަވަރުކުރުމާއި މުރަކައިގެ ފަރުތައް ފަދަ ގުދުރަތީ މުއްސަނދިކަން ހިމާޔަތްކޮށް، މޫސުމަށް އަންނަ ބަދަލުތަކުގެ ނުރައްކާތައް ކުޑަކުރުން ކަމަށެވެ.
އޭގެ އިތުރުން ގުދުރަތީ ވަސީލަތްތައް ބޭނުންކޮށްގެން އިގުތިސާދީ ކުރިއެރުން އިތުރުކުރުމާއި ހިދުމަތްތައް ފޯރުކޮށްދިނުން ހަރުދަނާކުރުމާއި ދިވެހި ރައްޔިތުންނަށް، ހާއްސަކޮށް އަންހެނުންނާއި ޒުވާނުންނަށް އާ ފުރުސަތުތައް ފަހިކޮށްދިނުން ކަމަށްވެސް އެ ބޭންކުން ބުންޏެވެ.
ވޯލްޑް ބޭންކުން ބުނީ އާ ސިޔާސަތު ތައްޔާރުކޮށްފައި ވަނީ ސިސްޓަމެޓިކް ކަންޓްރީ ޑައިގްނޯސްޓިކް އަޕްޑޭޓެއްގެ ޒަރިއްޔާއިން ރާއްޖޭގެ ތަރައްގީއަށް ހުރި ގޮންޖެހުންތަކާއި ފުރުސަތުތައް ފުޅާ ދާއިރާއެއްގައި ދިރާސާކޮށް، ކުރީގެ ސިޔާސަތު ތަންފީޒުކުރުމުގެ ތެރޭގައި ލިބުނު ފިލާވަޅުތަކުގެ މައްޗަށް ބިނާކޮށް، ކަމާބެހޭ ފަރާތްތަކާއި މަދަނީ ޖަމިއްޔާތަކާއި އަމިއްލަ ފަރާތްތަކާއި އިލްމީ ބޭފުޅުން އަދި ބައިނަލްއަގުވާމީ ބައިވެރިންނާ އެކު ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރުމަށްފަހު ކަމަށެވެ.
ވޯލްޑް ބޭންކުން ރާއްޖެއާއި ނޭޕާލް އަދި ސްރީ ލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ކަންޓްރީ ޑިރެކްޓަރު ފާރިސް ހަދާދު-ޒަރްވޯސް ވިދާޅުވީ، ރާއްޖެއަށް އެކަށައެޅި އާ ކަންޓްރީ ޕާޓްނާޝިޕް ފްރޭމްވޯކް ރަމްޒުކޮށްދެނީ ސަރުކާރާއި މަދަނީ ޖަމިއްޔާތަކާއި ތަރައްގީގެ ބައިވެރިންނާއި ރާއްޖޭގެ އެހެނިހެން ފަރާތްތަކާ އެކު އޮންނަ ގާތް ގުޅުން ކަމަށެވެ.
އަދި މި ޕާޓްނާޝިޕްގެ ސަބަބުން، ރާއްޖޭގެ ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކޮށް، ދެމެހެއްޓެނިވި، ކާރިސާތަކަށް ތައްޔާރުވެފައިވާ އަދި އެންމެންގެ ބައިވެރިވުން އޮންނަ މުސްތަގުބަލެއް އެންމެހާ ދިވެހިންނަށް ހޯދައިދިނުމަށް އެހީތެރިއަކަށް ވާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ވިދާޅުވިއެވެ.
އަމިއްލަ ވިޔަފާރިތައް ތަރައްގީކުރުމަށް އިސްކަންދޭ ވޯލްޑް ބޭންކް ގްރޫޕުގެ ބައެއް ކަމަށްވާ އިންޓަނޭޝަނަލް ފައިނޭންސް ކޯޕަރޭޝަން (އައިއެފްސީ)ގެ މެމްބަރަކަށް ރާއްޖެ ވީ 1983 ވަނަ އަހަރުއެވެ. އޭގެ ފަހުން ފާއިތުވެދިޔަ އަހަރުތަކުގައި އައިއެފްސީން ވަނީ، އެހެން ފަރާތްތަކުން ފައިސާ ހޯދައިދިނުން ހިމެނޭ ގޮތަށް 200 މިލިއަނަށް ވުރެ ގިނަ ޑޮލަރު އިންވެސްޓްކޮށްފައެވެ.
އައިއެފްސީން ދެކުނު އޭޝިއާ ސަރަހައްދަށް ކަނޑައަޅުއްވާފައި ހުންނަވާ ރީޖަނަލް ޑިރެކްޓަރު ހެކްޓާ ގޯމޭޒް އަންގް ވިދާޅުވީ ރާއްޖޭގެ އިގުތިސާދީ ކުރިއެރުމަށް މަގުފަހިކުރުމަށްޓަކައި އަމިއްލަ ވިޔަފާރިތަކަށް ފުރުސަތު ހުޅުވާލުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. އަދި ޑިޖިޓަލް އިގުތިސާދަށް އިތުރު ސަމާލުކަމެއް ދީގެން، އަމިއްލަ ވިޔަފާރިތަކުން ފަހި އިގުތިސާދީ ކުރިއެރުވުމަކީ އިގުތިސާދު ފުޅާކޮށް، ހުރިހާ ރައްޔިތުންނަށްވެސް އޭގެ ފައިދާ ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެ ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.
ހެކްޓާ ވިދާޅުވީ ފާއިތުވި ދެ އަހަރުގެ ތެރޭގައި އައިއެފްސީން މާލީ އަދި ޑިޖިޓަލް ވަސީލަތްތަކަށް ބޮޑެތި އިންވެސްޓްމަންޓްތަކެއް ކޮށް، އިގްތިސާދީ ބަދަލުތަކަށް އެހީތެރިވެދީ، ކާރިސާތަކަށް ތައްޔާރުވެފައިވާ މިންވަރު އިތުރުކުރުން ހިމެނޭ ގޮތަށް ރާއްޖޭގައި ކުރާ މަސައްކަތްތައް ފުޅާކޮށްފައި ކަމަށެވެ. އަދި ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ސީޕީއެފް ތަންފީޒުކުރުމަށް ސަރުކާރާއި އެހެނިހެން ބައިވެރިންނާ އެކު މަސައްކަތް ކުރާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު