މީގެ ބަރާބަރު ދެ އަހަރު ކުރިން އެމެރިކާގެ ގާނޫނުހަދާ މަޖިލީސް އެއްތަންވާ އިމާރާތަށް ކަނާތުފިޔައިގެ ހައްދުފަހަނަޅާފައިވާ ހަރުކަށި މީހުން ވަދެގަތް ބީދައިން ބްރެޒިލްގެ ގާނޫނުހަދާ މަޖިލީހާއި ސްޕްރީމް ކޯޓާއި ރިޔާސީ ގަނޑުވަރަށް އެގައުމުގެ ކަނާތުފިޔައިގެ މީހުން ވަނީ މިހަފުތާގެ ތެރޭގައި ވަދެގެންފައެވެ. ޖެނުއަރީ 8 ވީ އާދީއްތަ ދުވަހުއެވެ. ދެބައިމީހުންވެސް މިކަމެއްކުރީ އެއްބޭނުމެއްގައެވެ. އިންތިޚާބުގެ ނަތީޖާ ގަބޫލުނުކޮށް ތިމާމެން ބޭނުންވާ މީހާ ވެރިކަމުގައި ބެހެއްޓުމުގެ ގޮތުންނެވެ. ފަރުނީޗަރާއި ދޮރުތައް ހަލާކުކޮށް، ބައެއް ތަންތަނުގައި ހުޅުޖަހައި، މިހުރިހާ ކަމެއްކުރީ ދެބައިމީހުންވެސް ބުނާގޮތުން ގައުމަށްޓަކައެވެ. ގާނޫނަށްޓަކައެވެ. ތިބީވެސް ގައުމީ ދިދަ ހިފައިގެންނެވެ. ގާނޫނުހަދާ މަޖިލީހަކީ އެމީހުންގެ މަޖިލީސްކަމަށް ވެސް ބުންޏެވެ. މިހުރިހާ ސަކަރާތެއް އަމިއްލަޔަށް ދިޔައީ ވީޑިއޯވެސް ކުރަމުންނެވެ.
ބްރެޒިލްގެ ވެރިރަށް ބްރެޒީލިއާގައި ހަމަނުޖެހުން ހިންގީ ކުރީގެ ރައީސް ޖައިރު ބޮލްސޮނާރޯއަށް ތާއީދުކުރާ ކަނާތުފިޔައިގެ މީހުންނެވެ. ހުސްވި އަހަރުގެ ނޮވެމްބަރު މަހު ބޭއްވުނު ރިޔާސީ އިންތިޚާބުގައި ބޮލްސޮނާރޯ ވަނީ ބަލިވެފައެވެ. އެކަމަކު މި އިންތިޚާބަކީ އިންސާފުވެރި އިންތިޚާބެއް ނޫންކަމަށާއި ވޯޓުން ވައްކަންކޮށްގެން ވާތުފިޔައިގެ މީހުން އޭނާ ބަލިކުރީކަމަށް ބޮލްސޮނާރޯ ވިދާޅުވެއެވެ. ބޮލްސޮނާރޯ އާއި އޭނާގެ ސަޕޯޓަރުން ބޭނުންވީ އަސްކަރިއްޔާ ނެރެގެން ކުއްލި އަމުރުގެ ގާނޫނު ހިންގައިގެން ބޮލްސޮނާރޯގެ ވެރިކަން ދެމެހެއްޓުމަށެވެ. އެކަމަށް އަސްކަރިއްޔާ އެއްބަސްނުވީމާ ދެން އެކަންކުރެވެން އޮތްގޮތަކަށް ކުރަން ދިމާކުރީއެވެ. އެތައްހާސް ބައެކެވެ. އެތަންތަނަށް ވަދެގަތީ ވަރަށް ދުރުންފެށިގެން ހިނގާފައި އައިސްގެންނެވެ. އެމީހުން ހުއްޓުވަން ފުލުހުންނާއި ސިފައިންވެސް މާކަބޮޑު މަސައްކަތެއް ނުކުރެއެވެ.
ބްރެޒިލްގެ ރިޔާސީ ގަނޑުވަރާއި ގާނޫނުހަދާ މަޖިލީހުގެ އިމާރާތާއި ސްޕްރީމް ކޯޓު ހުންނަނީ ވަރަށް ކައިރިކައިރީގައެވެ. މި ތިން އިމާރާތް ހުންނަ މައިދާނަށް ކިޔަނީވެސް ތިން ބާރުގެ މައިދާނެވެ. ބޮލްސޮނާރޯގެ ސަޕޯޓަރުން މިތަންތަނަށް ވަދެ ދޮރުތައް ހަލާކުކޮށް ބައެއް ތަކެތި ވަގަށް ނަގައި ކަރުދާހުގައި ހުޅުޖަހައި ފުރާޅުމައްޗަށް އަރައި އެތައް ސަކަރާތެއް ޖަހާފައިވެއެވެ. ބުނަމުންދިޔައެވެ. އަހަރެމެން ނުހުއްޓުވޭނެއެވެ. އަހަރެމެން މިކުރާކަމަކީ ގައުމު ސަލާމަތްކުރުމެވެ. މި މަންޒަރުތައް އެމީހުންދިޔައީ މީސްމީޑިއާގައިވެސް ހިއްސާކުރަމުން ލައިވް ކުރަމުންނެވެ. މިތަންތަނުން ބޮލްސޮނާރޯގެ ސަޕޯޓަރުން ނެރެވުނީ ތަންކޮޅެއްފަހުން ސިފައިންގެ ވަރުގަދަ ލަޝްކަރެއް ނެރެގެން ގަދަބާރުންނެވެ. މިތަންތަން އެންމެ ފުރަތަމަ ބަލަހައްޓަން ތިބި ފުލުހުންގެ ފަރާތުން މާބޮޑު އަޅާލުމެއް ނުފެނުމުގެ ސިއްރަކީ އެމީހުންނަށް އަމުރުކުރަންތިބި ވެރިންނަކީ ބޮލްސޮނާރޯގެ ސަޕޯޓަރުންކަމަށްވެފައި މިކަން މިގޮތަށް ކުރުމަށް މަގުފަހިވާނޭ ގޮތަށް އަމަލުތައް ބަހައްޓަން އިރުޝާދުދީފައި އޮތުމުންނެވެ.
ބޮލްސޮނާރޯގެ ސަޕޯޓަރުން މިތަންތަނަށް ވަދެގަތްއިރު އައު ރައީސް ލޫލާ ޑަސިލްވާ އެތާކު ނޫޅުއްވައެވެ. ރިޔާސީ ގަނޑުވަރަށް ރައީސް ވަޑައިގެންނެވީ ސިފައިން އެތަނުގެ ކޮންޓްރޯލް އަތުލުމަށްފަހުގައެވެ. ލޫލާ ވިދާޅުވީ މިއީ ކުރީގެ ރައީސް ބޮލްސޮނާރޯ އަންގަވައިގެން އޭނާގެ ސަޕޯޓަރުން ހިންގި ކަމެއް ކަމަށާއި މިއީ ކަނޑައެޅިގެން ބަޣާވާތްކުރުން ކަމުގައެވެ. މިކަމުގައި ޒިންމާވާންޖެހޭ ފަރާތަކީ ބޮލްސޮނާރޯ ކަމަށްވެސް ލޫލާ ވިދާޅުވިއެވެ. މަސްރަހު ހަމަޔަކަށް އެޅުވުމަށްޓަކައި ސިފައިންނާއި ފުލުހުންނަށް ދޭންޖެހޭ ޚާއްސަ ގާނޫނީ ބާރުތައް ރައީސް ލޫލާ މިހާރުވަނީ ދެއްވައިފައެވެ. ސަރުކާރު ވައްޓާލަން އުޅުމުގެ މިރޭވުން އެންމެމަތީ ފެންވަރުގައި ތަހުގީގު ކުރުމުގެ މަސައްކަތް ވަނީ ފަށައިފައެވެ. ގާނޫނުތައް މުގުރައި ބަޣާވާތްކުރަން އުޅުނު އެންމެން ހައްޔަރުކޮށް ސަރިޔަތް ހިންގާނޭ ކަމަށް އުއްތަމަ ފަނޑިޔާރު ވަނީ ވިދާޅުވެފައެވެ. މިއީ މިހާތަނަށް ބްރެޒިލްގައި އަދި ދުވަހަކުވެސް ހިނގާފައިނުވާ ކަހަލަ ކަމެއްކަމަށާއި ކުރިމަގުގައި މިކަހަލަ ކަންކަން ކުރަން ވިސްނާ ބަޔަކަށްވެސް ފިލާވަޅަކަށްވާ ބީދައިން މިކަމުގައި ޝާމިލްވި އެންމެނަށް އަދަބުދެވޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ކުރީގެ ރައީސް ބޮލްސޮނާރޯ މިހާރު ހުންނެވިކަމަށް ބެލެވެނީ އެމެރިކާގެ ފްލޮރިޑާގައެވެ. އޭނާ އެތަނަށް ވަޑައިގެންނެވީ އައު ރައީސް ހުވައިކުރެެއްވުމުގެ ކުރިން ޑިސެމްބަރުމަހުގެ ފަހުކޮޅުއެވެ. ބޮލްސޮނާރޯ ހުންނެވީ އެމެރިކާ ސަރުކާރުގެ މެހުމާންދާރީއަކު ނޫނެވެ. އަމިއްލަފުޅަށް ތަނެއް ކުއްޔަށް ނަންގަވައިގެންނެވެ. އޭނާއާ ގާތްމީހުން ބުނާގޮތުގައި އެހާ އަވަހަށް އެނބުރި ގައުމަށް ވަޑައިގަތުމުގެ ޕްލޭނެއް ނެތެވެ. ކުރައްވާ ކަމަކީ ޑޮކްޓަރީ ފަރުވާ ހޯއްދެވުމެވެ. އެމެރިކާއަށް ވަޑައިގަތުމުގެ ކުރިން ބޮލްސޮނާރޯ އޭނާގެ ސަޕޯޓަރުންނަށް އިލްތިމާސް ކުރެއްވީ ހިތްވަރުގަދަ ކުރުމަށެވެ. ހަނގުރާމައިން އަދި ބަލިނުވާކަމަށާއި ކުރިމަގު ފެންނަނީ އުޖާލާކޮށް ކަމުގައިވެސް ވިދާޅުވެފައިވެއެވެ. އާދީއްތަ ދުވަހު ބްރެޒީލިއާގައި ހިނގި ގަޑުބަޑުތަކަށްފަހު ބޮލްސޮނާރޯ އަދި އެއްވެސް އެއްޗެއް އެކަމާމެދު ވިދާޅުވެފައެއް ނުވެއެވެ. އާއިލާގެ ގިނަ މެންބަރުންވެސް ތިބީ ބޮލްސޮނާރޯއާއެކު ފްލޮރިޑާގައެވެ.
އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ރައީސް ޑޮނަލްޑް ޓްރަމްޕު ބަލިވީމާ ނަތީޖާ ގަބޫލު ނުކުރައްވައި ޑިމޮކްރަޓިކް ޕާޓީން ވޯޓު އޮޅުވައިލީޔޭ، ވައްކަންކުރީއޭ ވިދާޅުވެ ވެރިކަމުން ފައިބާވަޑައިނުގެން މަގާމުގައި ދެމިހުންނެވުމަށް ރައީސް ޓްރަމްޕު މަސައްކަތް ކުރެއްވިއެވެ. އައު ރައީސް ބައިޑެންގެ އިންތިޚާބީ ކާމިޔާބު ގާނޫނުހަދާ މަޖިލީހުން ތަސްދީގުކުރިޔަ ނުދިނުމަށްޓަކައި އެތަނަށް ވަދެ ތަން ކޮންޓްރޯލް ކުރުމަށް ސަޕޯޓަރުންނަށް އިލްތިމާސް ކުރެއްވީވެސް ޓްރަމްޕެވެ. އެމެރިކާގައި އެކަން ކުރީ އައު ސަރުކާރު ވެރިކަމާ ހަވާލުވުމުގެ ކުރިންނެވެ. ބްރެޒިލްގައި މިކަމެއްކުރީ އައު ސަރުކާރު ވެރިކަމާ ހަވާލުވިތާ ހަފުތާއެއް ފަހުންނެވެ. އެކަމަކުވެސް މި ދެހާދިސާގެ އެއްގޮތްކަން ނުހަނު ބޮޑެވެ. މަގުސަދުވެސް އެއްގޮތެވެ. ކަނާތުފިޔައިގެ މީހުންނަށް އެމީހުންގެ ނާކާމިޔާބީ ހަޖަމެއް ނުކުރެވެއެވެ. އިންތިޚާބުގެ ނަތީޖާ ގަބޫލެއް ނުކުރެވެއެވެ. ދެން ބޭނުންވީ ވެރިކަން ދެމެހެއްޓުނު ގޮތަކަށް އެކަން ކުރުމަށެވެ. ޑިމޮކްރަސީއާއި ގާނޫނުތައް އިރާލައިގެންވިޔަސްމެއެވެ. އެމެރިކާގައިވެސް އަދި ބްރެޒިލްގައިވެސް ފެނުނީ މި މަންޒަރެވެ.