ހުކުމް ތަންފީޒުކުރުމަށް މިދިޔަ އާދިއްތަ ދުވަހު މާލޭ ޖަލަށް ގެންދިޔަ ގައިދީއަކު ހުން ގަވަދެގެން ފަރުވާ ދެމުން ދަނިކޮށް މިއަދު މަރުވެއްޖެއެވެ.

ކަރެކްޝަންސް އިން މިއަދު ބުނީ މަރުވީ ހުކުމް ތަންފީޒުކުރަން ގެންދިޔަ މުހައްމަދު ރަޝީދު، ލ. ކުނަހަންދޫ/ކަރަންކާގެ، 36، ކަމަށެވެ. އޭނާއަކީ ވައްކަމުގެ މައްސަލައެއްގައި ހަމަހާއި 14 ދުވަހުގެ ޖަލު ހުކުމެއް ތަންފީޒުކުރަން ގެންދިޔަ މީހެކެވެ.

ކަރެކްޝަންސް އިން ބުނީ މުޙައްމަދު ރަޝީދު ރޭގައި ހުން ގަދަވާތީ މާލޭ ޖަލުގެ މެޑިކަލް ސެންޓަރަށް ވަގުތުން ގެންގޮސް ފަރުވާ ދިނުމަށްފަހު، ހާލަތު ދެރަވާތީ ރޭ 10:00 އިތުރު ފަރުވާއަށް އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށެވެ.

މުހައްމަދު ރަޝީދުގެ ހާލަތު އިތުރަށް ގޯސްވެ، ސީޕީއާރް ދިނުމަށްފަހު ޑޮކްޓަރު މިއަދު 10:40 ހާއިރު މަރުވެފައިވާ ކަމަށް ކަނޑައަޅާފައި ކަމަށް ކަރެކްޝަންސް އިން ބުންޏެވެ.

"މުހައްމަދު ރަޝީދު މިމަހުގެ އަށް ވަނަ ދުވަހު ޖަލަށް ގެނެވުމުން ހެދި މެޑިކަލް ސްކްރީނުން އެއްވެސް ބައްޔެއް ހުންނަކަން ފާހަގަކުރެވިފައެއް ނުވޭ. އަދި އޭނާ އަކީ އެއްވެސް ބައްޔަކަށް ފަރުވާ ހޯދަމުން އަންނަ މީހެއް ވެސް ނޫން،" ކަރެކްޝަންސް އިން ބުންޏެވެ.

މުހައްމަދު ރަޝީދު މަރުވިކަން ކަރެކްޝަންސް އިން ވަނީ އޭނާގެ އާއިލާގެ އިތުރުން އިންސްޕެކްޓާ އޮފް ކަރެކްޝަނަލް ސާވިސް، މޯލްޑިވްސް ޕޮލިސް ސާވިސް، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އަދި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން އަށް އަންގައިފައެވެ.