ކުޅިވަރު

ބޮޑެތި ބާރުތަކާއި މަޝްހޫރު ތަރިން ނެތި އެފްރިކާ ބައްރުގެ ސަރަހައްދީ ފުޓްބޯޅަ މުބާރާތް އަލްޖީރިއާގައި ފަށަނީ

އެފްރިކަން ނޭޝަންސް ޗެމްޕިއަންޝިޕް 2022 ގެ ނަމުގައި އެފްރިކާ ބައްރުގެ 18 ގައުމެއް ވާދަކުރާ ސަރަހައްދީ ބޮޑު ފުޓްބޯޅަ މުބާރާތެެއް މިއަދު ފަށާނެއެވެ. މިއަދުން ފެށިގެން ފެބްރުއަރީ ހަތަރުވަނަ ދުވަހުގެ ނިޔަލަށް މުބާރާތް ކުރިއަށްދާނީ އެފްރިކާގެ އިރުމަތީބިތުގެ އަރަބި ގައުމެއް ކަމަށްވާ އަލްޖީރިއާގައެވެ.

މިއީ އެފްރިކާ ބައްރުގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ކަމުގައިވާ އެފްރިކާ ކަޕް އޮފް ނޭޝަންސްއާ ތަފާތު މުބާރާތެކެވެ. މި މުބާރާތުގައި ކުޅެވޭނީ ހަމައެކަނި އެގައުމެއްގެ ލީގުގައި ކުޅޭ ކުޅުންތެރިންނަށެވެ. ބޭރު ގައުމެއްގެ ލީގުގައި ކުޅޭ އެއްވެސް ކުޅުންތެރިޔަކަށް މި މުބާރާތުގައި ނުކުޅެވޭނެއެވެ. މާނަޔަކީ އަލްޖީރިއާގެ ޓީމުން ރިޔާޒު މަހުރާޒެއް ނުފެންނާނެއެވެ. ޔޫރަޕުގެ އެކި ކުލަބުތަކަށް ކުޅޭ އެފްރިކާގެ މަޝްހޫރު އެއްވެސް ކުޅުންތެރިއަކުވެސް ނުފެންނާނެއެވެ.

އެފްރިކަން ނޭޝަންސް ޗެމްޕިއަންޝިޕް ބާއްވާ މިއީ ހަތްވަނަ ފަހަރެވެ. މުބާރާތް ރާވައި އިންތިޒާމްކޮށް ހިންގަނީ އެފްރިކާ ބައްރުގެ ފުޓްބޯޅަ ކޮންފެޑެރޭޝަނުންނެވެ. މަގުސަދަކީ އެފްރިކާގެ ގައުމުތަކުގެ ލީގުތަކުގައި ކުޅޭ ކުޅުންތެރިންނަށް ބައިނަލްއަގުވާމީ ފުޓްބޯޅައިގެ ތަޖުރިބާ ހޯދައިދީ ބައިނަލްއަގުވާމީ ފުޓްބޯޅައަށް ނެރެދިނުމެވެ. އެފްރިކާ ކަޕް އޮފް ނޭޝަންސް ފަދަ އެންމެ މަތީ ފަންތީގެ މުބާރާތަކަށް ނުވިއަސް މިއީ ޔޫރަޕުގައި އެކުޅޭ ޔުއޭފާ ނޭޝަންސް ލީގަށް ދޫނުކުރާ މުބާރާތަކަށް ހެދުމަށް އެފްރިކާގެ ފުޓްބޯޅަ ކޮންފެޑެރޭޝަނުން ބޭނުންވެއެވެ.

އެފްރިކާގެ ފުޓްބޯޅައިގެ ބޮޑެތި ބާރުތަކުގެ ތެރެއިން މިސްރު، ޓިއުނީޝިޔާ، ދެކުނު އެފްރިކާ، ނައިޖީރިޔާ އަދި މޮރޮކޯވެސް މިފަހަރުގެ މުބާރާތުގައި ބައިވެރިއެއް ނުވެއެވެ. މޮރޮކޯ މުބާރާތުން ވަކިވީ އެންމެ ފަހު ވަގުތު އެވެ. އެއީ މޮރޮކޯގެ މަތިންދާބޯޓުތަކަށް އަލްޖީރިއާގެ ވައިގެ ސަރަހައްދު ބަންދުކޮށްފައި އޮންނާތީ މޮރޮކޯގެ ގައުމީ އެއަރލައިނުގެ ބޯޓެއްގައި މޮރޮކޯގެ ކުޅުންތެރިން އަލްޖީރިއާއަށް ދިއުމުގެ ހުއްދަ އެގައުމުން ނުދިނުމުންނެވެ. ހުޅަނގު ސަހަރާގެ މައްސަލައިގައި ދެގައުމުން ވަނީ ސިޔާސީ ގުޅުންވެސް ކަނޑައިލައިފައެވެ.