އެނދުގައި އޮށޯއޮތް ގޮތަށް އަމިއްލަ ނަފުސަށް ހިނިތުންވެލިއެވެ. ނިދާހެދުން ބަދަލުކުރަންވެސް ބޭނުމެއް ނުވިއެވެ. ހުވަފެނުން ނަމަވެސް އެ ސޫރަ ދެކިލުމުގެ ބޭނުމުގައި އޭނާ ދެލޯ މަރައިލިއެވެ. ކައިރީގައި އޮތް ބާލިސް މެއާ ކައިރިކޮށް ބައްދާލި އިރު ހީވަނީ އެއީ އޭނާއަށް އެންމެ ބޮޑު ހިތްހަމަޖެހުމެއް ގެނެސްދޭ ބައިވެރިޔާ ހެންނެވެ.
******
މޫނުމައްޗަށް އާދަޔާހިލާފު ފިނިކަމެއް އިހުސާސްވެފައި ނަޒާން ދެލޯ ހުޅުވާލިއެވެ. އޭނާއަށް ފުރަތަމަ ހީކުރެވުނީ ބޯކޮށް ވާރޭ ވެހޭތަނެއްގައި ހުރެވުނު ހެންނެވެ. އެއީ ހަގީގަތެއް ނޫންކަން އޭނާއަށް އެނގުނީ ގައި މަތީގައި އޮތް ކުއިލްޓް މީހަކު ދަމައިގަތުމުންނެވެ. ރަނގަޅަށް ދެލޯ ހުޅުވާލާފައި ބަލައިލި އިރު ބޮލާ ދިމާލުން ހުރި ނާޔާ ފެނުނެވެ. އަރިމަތީ ކަބަޑުމަތީގައި ހުރީ ފެންޖަގު ހުރީ ނާޔާ އަތުގައެވެ.
"ދޮންބެ ކީއްވެތަ ނާއްކޮ ތިހާ ބިރުގަންނަވަނީ؟" ނާޔާ ބުންޏެވެ. އެބުނި އެއްޗެއް އަދި ނަޒާނަށް ނުވިސްނުނެވެ. އެހެންކަމުން އޭނާ ނާޔާއަށް ޖަވާބެއް ނުދިނެވެ. އޭގެ ބަދަލުގައި އޭނާ އެހީ ގަޑިންވީ އިރެކެވެ.
"ދިހަގަޑި ފަނަރަ. ނުހޭލީމަ ބިރުންނޭ މިއައީ. ޗުއްޓީއެއް ލިބުނީމަ އެހެންކަމެއް ނުކުރޭ" ދެއުކުޅުގައި އަތް އަޅުވައިލަމުން ނާޔާ ބުންޏެވެ.
ނަޒާން ތެދުވެ އެނދުގެ ހެޑްބޯޑުގައި ލެނގިލިއެވެ. ނިދީވެސް އެހައި އުފާވެރިކަމެއްގެ ތެރެއިންނެވެ. ނިދީގައިވެސް ފެނުނު ހުވަފެނުން އޭނާއަށް އިހުސާސްކުރެވުނީ އުފާވެރިކަމެވެ. އަބަދު ހިތުގައި އޮންނަ އެއްޗެއް ނިދީގައި ފެންނާނެ ވާހަކަ މީހުން ބުނަނީ ހަމަ ރަނގަޅަށެވެ. މަންޝާ ނޫން އެހެން ތަސްވީރެއް އޭނާގެ ހިތުގައި ނެތެވެ. އެހެންކަމުން ހުވަފެނުގައި މަންޝާއާއެކު އެތައް ވަގުތެއް އޭނާ ހިތްހަމަޖެހުމުގައި ހޭދަކޮށްފިއެވެ. އޭނާއަށް ނޭނގެނީ އޭނާގެ އެ ހުވަފެންތަކުގެ ނިމުން އަންނާނެގޮތެވެ.
********
ފުލްމޫންގެ ޒަވީގެ ކައިވެންޏަށް ތައްޔާރުކުރަމުން ދިޔައެވެ. ކައިވެނީގެ ހުރިހާކަމެއް ހަމަޖެހިފައި އޮތީ އެގޭ ޓެރަސްގައެވެ. އެއީ ތަނަވަސް ބޮޑު ސަރަހައްދެކެވެ. ތަން ތައްޔާރުކުރަމުންދިޔަ މީހުންގެ ތެރޭގައި ޒަރޫކާއި ޒަވީވެސް އިނެވެ. ފަތިސްނަމާދުން އައިގޮތަށް ދެ ޒުވާނުން އެ އުޅެނީ އެކަމުގައެވެ. ފޯނުގައި ހުރި ޒަރޫކް އައިސް ޒަވީ ކައިރީގައި ހުއްޓުނެވެ. ރެއިލިންގައި ލެނގިލިއި އިރު އޭނާގެ ދެއަތްތިލައިގެ ތެރޭގައި ފޯނު އޮތެވެ.
"މާދަމާ ރޭ ދޮންތަ އެބައާދޭ" ޒަރޫކް ބުންޏެވެ.
"އެހެންތަ! މިއަދު އައިނަމަ ކިހާ ރަނގަޅު ދޯ" ޒަވީ ބުންޏެވެ.
"މާދަމާ ތަނެއް ހޯދުމުގެ ކަންކަމުގަ އުޅެން ޖެހޭނީ" ޒަރޫކް ބުންޏެވެ.
"އެއީ. މިގޭގަ ތިބެވޭނެ" ޒަވީ ބުންޏެވެ.
"އަހަރެން އޯކޭ. އެކަމަކު ދޮންތައަށް ކަމަކުނުދާނެ. މިހާރު ބުނަންވެސް ބުނެފި ތަނެއް ހޯދާށޭ. ދޮންތަ މިކޮޅަށް ޝިފްޓްވަނީއެ. މިއަންނަ އަހަރު މަންމަމެންވެސް އަންނާނެ"
މަސައްކަތް ކުރަން ތިބި ބިދޭސީ މީހުންގެ ތެރެއިން މީހަކު ގޮވާލުމާއެކު އެދިމާލަށް ޒަވީ ދިޔައެވެ.
ޒަރޫކްގެ ސަމާލުކަން ހުއްޓުނީ މާލޭގެ އުސް އިމާރާތްތަކަށެވެ. އޭނާ މިހުރިހާ ދުވަހު ކުރަން ހާސިލް ކުރަން ބޭނުންވެފައި ހުރިކަމެއްގެ މަތިން ހަނދާންވިއެވެ. މިހުރިހާ ދުވަހު އޭނަ ހުރީ އެއްވެސް އުންމީދެއް ނެތް ފަދައިންނެވެ. އެހެންނަމަވެސް އޭނާއަށް އެކަން ކުރާނެ މަގު ސާފުކޮށް ފެނިއްޖެއެވެ. ދެލޮލުގައިވި ފުސްކަން އެއްކޮށް ފިލައިފިއެވެ. ކުރިއަށްދާންވީ ކިހިނެއްކަން އޭނާގެ ސިކުނޑި ބުނެދީފިއެވެ. އޭނާއަކީ ކާކުކަން ކައިރީގައި އުޅޭ މީހުންނަށް ވަނީ ސިއްރުވެފައެވެ. އޭނާގެ ހަގީގަތް އެނގޭނީ ހަމައެކަނި އޭނާއަށެވެ. އަތުގައި އޮތް ފޯނުން އޭނާ ނަންބަރު ލިސްޓަށް ގޮސް ސްކްރޯލްކޮށްލިއެވެ. ހޯދަން ބޭނުންވާ ނަންބަރު ފެނުމާއެކު އޭނާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ.
"ބިއުޓިފުލް އެންޑް އިންޓެލިޖެންޓް... ޔެސް... ޝީ ލައިކްސް މީ.... ނާޔާ..."
********
މެންދުރުފަހު ތިން އަންހެނުން ވިޔަފާރި ކުރަން ބޭރަށް ނުކުތެވެ. ދޭއްގެ ހަބަރު ބަލަން އިން އާމިރު ނިދިޖެހެން ފެށުމާއެކު ޓީވީ އަޑުމަޑުކޮށްލާފައި ތެދުވެ ކޮޓަރި އާ ދިމާލަށް ހިނގައިގަތެވެ. ދެފިރިހެން ދަރީން އެކަކު އަނެކަކަށް ބަލައިލާފައި ހީލިއެވެ. ބައެއްފަހަރު އާމިރާ އެކުގައި ޓީވީ ކައިރީގައި ނަވާލާއި ނަޒާން އިނދެއެވެ. އެއީ އެ އާއިލާއަށް އާއިލީ އުފާވެރިކަން ގެނުވާ ކަމެކެވެ.
"ދޮންބެ ބިޒީތަ؟ ނަވާލް އެހިއެވެ.
ނަޒާން ދެފަރާތަށް ބޯހޫރާލުމާއެކު ތެދުވެގެން ގޮސް ނަޒާން ކައިރީގައި ނަވާލް އިށީނެވެ.
"އަހަރެން ވާހަކައެއް އަހަންތަ؟" ނަވާލް ބުންޏެވެ. މަންޝާ އާ ގުޅޭގޮތުން ނަޒާނާ އޭނާ ވާހަކަދައްކަން ބޭނުންވެ ހުރީ އެފުރުސަތު ނުލިބިފައެވެ.
"އަހާބަލަ.... މަޑުކުރޭ.... މިހާރު ނޭކެޑްކޮށް ހުއްޓަ ތިއާއަށް ފެނުނަސް އެއީ މައްސަލަ އެއްނޫނޭ" ނަޒާން ބުންޏެވެ.
"ދޮ ން ބޭ...." ކައިރީގައި އޮތް ކުޝަން ނަގާ ނަޒާންގެ ގައިގައި ބޮނޑިއެއް އަޅައިލަމުން ނަވާލް ބުންޏެވެ. ނަޒާން ހީލަމުން ސޮރީ އޭ ބުނެލިއެވެ.
"ބުނާނެއްނު. ދޮންބެއަށް ހައްތާވެސް ހީވަނީ އެކަހަލަ ވާހަކައެއް ނަވާ ބުނަން އުޅޭހެން" ނަޒާން ބުންޏެވެ.
"ދޮންބެ އުޅެބަލަ މެރީކުރަން. ތިއީ މިގޭ އެންމެ ބޮޑު މީހާ އޭ" ނަވާލް ބުންޏެވެ.
ނަޒާންގެ ދެލޮލުގެ ކުރިމަތީގައި މަންޝާގެ ހިތްގައިމު ތަސްވީރު ކުރެހިގެންދިޔަ ވަގުތެވެ. އެހިނދު އޭނާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. މަންޝާ އާ ކައިވެންޏެއް ކުރަން އޭނާ ބޭނުންވާވަރު އެނގޭނީ އެކަނި އޭނައަށެވެ. މަންޝާގެ ފަރާތުން އެއްބާރުލުން ލިބުނުހާ އަވަހެކެވެ.
"ކުރާނަމޭ... އެއީ ހަމަ ލޯބިލޯބި މާރަނގައެއް. ދޮންބެ ހިތުގައި އެ ދޫނި ގައިދުކޮށްގެން އުޅޭތާ ކިތަންމެ ދުވަހެއް. އަދި ހަމަ މައިތިރިނުވޭ. ހާދަ ވަރަކަށޭ ތެޅެނީ. ތަންކޮޅެއް ބޯހަރު. ދޮންބެ ބޭނުމެއްނުވޭ އެ ދޫނި އެހައި ވަރަށް ތަޅުވާކަށް. އުދުހިގެން ހިނގައިދާނެއްނު. އަދި ހުރީ ހަމަ އަތުޖެހޭ ހިސާބުގަ" ނަޒާން ބުންޏެވެ. ނަޒާންގެ ވާހަކަތައް ހުރިގޮތުން ނަވާލް ކައިރިއަށް ހިނިއައެވެ. އެހައި ޝައުގުވެރިވެސް ވެއްޖެއެވެ.
"ތީގެ މާނައަކީ ހާއްސަ ކުއްޖަކު އެބަހުއްޓޭ ދޯ. ކޮންނަމެއް ކިޔަނީ...." ނަވާލް ބުންޏެވެ.
"އަދި ކަމިޔާބެއްނުވޭ. އެހެން މީހަކު އެއްލި މަޅިފައްޗެއްގަ ޖެހި ހައްޔަރުވެފަ އިނީ. ދޮންބެ އެބަ މަސައްކަތް ކުރަން. ކާމިޔާބުވީމަ ބޮޑު އިވެންޓެއްގެ ތެރެއިން އެކުއްޖާގެ ނަން ހާމަކުރާނަން" ނަޒާން ބުންޏެވެ.
"އަހަރެމެން ދަންނަ ކުއްޖެއްތަ؟" ނަވާލް އެހިއެވެ. ނަޒާންގެ އެއްވެސް ޖަވާބަކުން އަދިވެސް އެއީ މަންޝާ ކަމެއް ނޫނީ އެހެން ކުއްޖެއް ކަމެއް ނަވާލަށް ސާފެއް ނުވެއެވެ. ސުވާލަކަށްފަހު ސުވާލެއް ކުރަމުން އެދަނީ އެހެންވެއެވެ.
"ބުނެބަލަ. ތިއާ ދަންނަ ކުއްޖެއްތަ؟"
"ހާދަވަރެއްވެފަ.... ދޮންބެއަށް ބުނެވޭނީ އެއީ ދިވެއްސެކޭ. މުސްލިމެކޭ.... ޔަގީނުންވެސް އަންހެންކުއްޖެއް" ހިނިގަނޑެއް ޖަހައިލަމުން ނަޒާން ބުންޏެވެ.
"ހިތަށްއަރާ ތި ދެ މީހުންނަށް ދިމާވިގޮތަށް އެކްސިޑެންޓަކުން ނަމަވެސް އެކަހަލަ ކަމެއް އަހަރެމެން ދެމީހުން މެދުގަ ހިނގާނެނަމައޭ..." ނަޒާން ބުންޏެވެ. "އޭރުންތާ ދޮންބެއަށް ވެސް މަންމަ އާއި ބައްޕަ އެގެއަށް ފޮނުވޭނީ"
މިފަހަރުވެސް ކުޝަން އިން ނަޒާންގެ ގައިގައި ނަވާލް ބޮނޑިއެއް އެޅިއެވެ. ދެބެންގެ ސަމާސާ އެތައް އިރެއްވަންދެން އެގޮތުގައި ކުރިއަށް ދިޔައެވެ.
*****
އިވުނު އަޑުފަންގަނޑާއެކު އުނދުން ކައިރީގައި ހުރި ސަމާހާ ބަލައިލިއެވެ. ކަބަޑުމަތީގައި ހުރި ތަށިބަންޑުންޖަހާ ހަރުގަނޑު އޮތީ ބިންމަތީގައެވެ. ބައެއް ތަށިތައް ފުނޑުފުނޑުވެފައެވެ. ކަރުނަވީ ދެލޮލުން އޭނާ ބަލައިލީ މޭޒު ކައިރީގައި އިން އޭނާގެ ދެލޮލުގެ ނޫރު ފަދަ ލޯބިވާ ދަރިފުޅަށެވެ. ކަހަނބުގައި ހުރި ރޮށިތައްވެސް މޭޒުމައްޗަށް އުކާލާފައެވެ. ޝައިހާންގެ ދެލޮލުން ފެންނަން ހުރީ ހިތްހަމަނުޖެހުމާއި ރުޅިވެރިކަމެވެ.
"މިގެވެސް ބޮލަށް ވައްޓާލަންވީނުން. ކީއްވެ މައިތިރިވެގެން ތިއިންނަނީ؟" ހިތްހަމަނުޖެހިފައި ސަމާހާ ބުންޏެވެ. އުނދުން ނިއްވާލާފައި މޭޒުކައިރީގައި ސަމާހާ އައިސް ހުއްޓުނެވެ.
"ޝައިހާނު އަހަރެންނަށް ތިހަދަނީ ހަދާނެ ގޮތެއް. ރަނގަޅު ނަސޭހަތެއްދިނީމަ ތިއީތަ މަންމަ އާ މެދު ކަންތައް ކުރަންޖެހޭ ގޮތަކީ؟ ޝައިހާނުގެ ބަފާ އަންނާނެތަ ގެއްލުންވިތަން ފޫބައްދައިދޭން" ސަމާހާ ވާހަކަދެއްކިއެވެ. އޭނާގެ އަޑުގައި ރިހުމެއް ވިއެވެ.
"އަހަރެން އަތުން ހަލާކުވި އެއްޗެއް ވިއްޔާ އަހަރެން ގަނެފާނަން" ނުރުހިފައި ޝައިހާން ބުންޏެވެ.
"ކޮބާ ލާރި. އަހަރެން ހިތަށް އަރާ ވަޒީފާއަށް ދަނީ ކީއްކުރަންބާއޭ" ސަމާހާ ބުންޏެވެ.
"ހެޔޮނުވާނެ މަންމާ. އަހަރެންގެ އުފާތަކަށް ހުރަސް ނާޅަބަލަ. މަންމަ ކީއްވެގެންތަ ދުވަހަކުވެސް މަށާ އެއްކޮޅަށް ވާހަކަނުދައްކަނީ؟ ކީއްވެގެންތަ އަހަރެންނަށް ލިބުނު ކުޑަކުޑަ އުފާވެރިކަން ފޭރިގަންނަން ތިއުޅެނީ. މަންމައަށް ހަމަ ރަނގަޅަށް އެނގޭނެ އަހަރެން މަންމަދެކެ ލޯބިވާވަރު. ދެން ކީއްވެ ތިހެން ކަންތައް ތިކުރަނީ؟" ޝައިހާން ތެދުވެގެން އައިސް ސަމާހާގެ ކޮނޑުގެ ދެފަރާތުގައި ހިފަހައްޓާލިއެވެ.
"ކީއްވެތަ އަހަރެންގެ ހަޔާތުން މަންޝާ ދުރަށްލާން ތިއުޅެނީ. އަހަރެން މީހަކާ އިނުމަކީ ގޯސްކަމެއްތަ؟"
"މީހަކާ އިނުމަކީ ގޯހެއް ނޫން. ޝައިހާނު ތިއީ މީހަކާ އިނދެގެން އުޅެވޭ ފެންވަރުގެ މީހެއްތަ؟ އަލަށްތަ މީހަކާ އިންނަން ތިއުޅެނީ؟ ކޮބާ ފުރަތަމަ ކުރި ކައިވެނި؟ ސިޔާޒާ ވަރިވެގެން ދިޔައީ ކީއްވެ؟ ވަރިވި އިރު ޝައިހާނު އޮތީ ކޮންތާކު؟ އޭރުވެސް އަހަރެން މިހެން ނުކިޔަންތަ؟ އިނދެގެން އުޅުނު އިރު އެފަކީރަށް ހަރަދެއް ނުދޭތާ އިއްދައިގަ ތިން މަސް ދުވަހު އިންއިރު އިއްދައިގެ ފައިސާ ދިނިންތަ؟ ކޯޓުމެދުވެރިކޮށް އިއްދައިގެ ފައިސާ ބޭނުންނުވާ ކަމަށް އެކުއްޖާފުޅު ބުނިކަން އެއީ އެކުއްޖާފުޅުގެ ނަސީބު ދެރަކަން.... އަނެއްކޮޅުން މަންޝާ އޭ ތިކިޔާ އިރު އެއީ މީހެއްގެ މައުސޫމު ދަރިއެއް. އެކުއްޖާ ދެލޮލުން އަހަރެންނަށް ފެނުނީ މަޑުމައިތިރިކަމާއި ހިމޭންކަން. އެކުއްޖާ ޝައިހާނުދެކެ ލޯތްބެއް ނުވޭ. ތިއީ އަހަރެންގެ ދަރިއަކަށް ވިޔަސް މިފަހަރު ޝައިހާނުގެ ސަބަބުން އިތުރު އަންހެން ކުއްޖެއްގެ ދިރިއުޅުން ހަލާކުވިޔަކަ އަހަރެން ނުދޭނަން" ސަމާހާ ބުންޏެވެ.
އޭނާ ހުރީ ގޮތުގައެވެ. ޝައިހާނަށް ދޫދޭން އޭނާ ބޭނުމެއް ނުވެއެވެ. އުމުރުން ފަސްދޮޅަހާ އުމުރު ގާތްކުރި އިރު ދަރިއަކަށް ހުރީ ޝައިހާނެވެ. އެދަރިފުޅުގެ އެތައް ކުޅިވަރެއް އޭނާ ބަލައިފިއެވެ. ގިނިކަންޏާ އެތައް ވޭނަކާއި ތަކުލީފެއް އުފުލައިފިއެވެ. ޝައިހާނަށްޓަކައި ދެލޮލުން އެތައް ކަރުނައެއް އޮހޮރައިފިއެވެ.
"މަންމާ.... އަހަރެންގެ އެންމެފަހު ބަސް މި އިއްވަނީ ހަނދާން ކުރާތި. މަންޝާ އެއީ އަހަރެންގެ ލޯބި. ކޮންމެ ހާލެއްގަވެސް މިކައިވެނި އަހަރެން ކުރާނަން. މަންމަ ހަނދާންކުރާތި އަހަރެންގެ އެއްވެސް ވާހަކައެއް މަންމަގެ ފަރާތުން މަންޝާ އާ ހަމައަށް ދިޔައިއްޔާ..... "
"ދިޔައިއިއްޔާއޭ... ކިހިނެއް ހަދާނީ... ވަޅިހަރާނީތަ؟ އަހަރެން މަރާނީތަ؟ ލަދެއްވެސް ނުގަނޭތަ؟" ސަމާހާ ބުންޏެވެ.
"ދުވަހަކުވެސް އަހަރެން މަންމައަށް އަނިޔާވެރިއެއް ނުވަން. އެކަމަކު.... އަހަރެންގެ އަތުންފައިން ގޯސްހަދަން މަންމަ ތި މަޖުބޫރު ކުރަނީ"
"ޝައިހާނު ކޮންމެ އެއްޗެއް ކިޔަން އަހަރެން ނުސިހޭނެ. ކުރީގެ ހަރުބަހެއް އަޑެއް ނާހަމުތަ ވަޅުކައްޓަފުޅި ދާންޏަކަށް ނުސިހޭނޭ... ދެފައި ބިންދާލާފަ ގޭގަ ބޭއްވިޔަސް އަހަރެން މަންޝާ އާ ބައްދަލު ކުރާނަން. އަނިޔާވެރިނުވަމޭ ބުނާއިރު ބަލަ ދެއަތުން ކުރާ އަނިޔާއަށް އެކަންޏެއް ނޫނޭ އަނިޔާ ކިޔަނީ."
ގެއިން ނުކުމެގެންދިޔަ ޝައިހާނަށް އެ އަޑު އިވުނެވެ. އެހެންނަމަވެސް އޭނާ އަޅައެއް ނުލައެވެ. އައި ރުޅިގަނޑު ބޭލީ ދޮރުފަތަށެވެ.
******
މެހެމާނުންނަށް ވުރެ ކުރިން ގެއަށް އައުމަށް ނަވާލްގެ އާއިލާއަށް ދިލްޝާދު އޮތީ އަންގާފައެވެ. އެހެންކަމުން މަޣްރިބް ނަމާދަށްފަހު އެގެއަށް ހުރިހާ މީހުން ހިނގައްޖެއެވެ. ހުރިހާ އަންހެންވެރިން ތައްޔާރުވާން ދިޔައީ ދިލްޝާދު ހަމަޖައްސާފައި ހުރި ސެލޫންއަށެވެ. ޔަލާ ރީތިވުމުގެ ހުރިހާ ކަމެއް ހަމަޖެހިފައި އޮތީ އެތަނުގައެވެ.
"ކުޑަވަގުތުކޮޅެއް..." މޭކަޕްކުރަން ހުރި ބޭރު އަންހެންކުއްޖާއަށް ތިއާ ބުންޏެވެ.
ސެލޫނަށް އައުމުގެ ކުރިން ނަވާލް ދިން ނަސޭހަތް ތިއާގެ ކަންފަތުގައި ހަރުލާފައި ހުއްޓެވެ. ނަމާދުނުކޮށް އެއް ކަމެއްވެސް ނުކުރުމަށް ބުންޏެވެ. މޭކަޕް ކުރި ނަމަވެސް ވުޟޫމަތީގައި ހުރުމަށް ނާޔާއަށްވެސް ހަނދާންކޮށްދޭން ތިއާ ކައިރީގައި ބުންޏެވެ. އެވަގުތު ބާކީ ތިބި ތިން އަންހެންކުދިންނަށް ތިއާ އެކަން ހަނދާންކޮށްދިނެވެ. އެތަނަށް ތިންކުދިން އެއްފަހަރާ ނަމާދަށް އެރިއެވެ. ރީތިކުރުމުގެ ކަންކަމާ ހަވާލުވެ ހުރި މީހުން ތިބީ ހައިރާންވެފައެވެ. އުޅުންހުރި ރަނގަޅު ކުދިންތަކެކޭ އެކަކު އަނެކަކު ކައިރީގައި ބުނެލިއެވެ.
ހުރިހާ ކަމެއް ނިންމައިގެން ހަތަރު އަންހެންކުދިން މަގުމައްޗަށް ނުކުތުމާއެކު އެތައް ބައެއްގެ ލޯ އެކުދިންނަށް އަމާޒުވިއެވެ. ވާނީވެސް އެހެންތާއެވެ. ތިންކުދިން ތިބީ އެއްކުލައިން ހެދުން އަޅައިފައެވެ. ޑިޒައިންތައްވެސް ހުރީ އެއްގޮތަކަށެވެ. ކައިވެންޏަށް ހާއްސަ ހުދު ހެދުމުގައި ހުރީ ޔަލާ އެކަންޏެވެ.
ޔަލާ ބަލާ އައީ ދިލްޝާދާއި އާމިރެވެ. އެކާރަށް އެރީ ޔަލާގެ އިތުރުން މަންޝާއެވެ. ފަހަތުގައި އޮތް ކާރަށް އެރީ ނަޔާ އާއި ތިއާއެވެ. ދުއްވަން އިން މީހާ ފެނުނު ވަގުތު ތިއާއަށް ހީވީ ދުނިޔެ އެނބުރިގަތް ހެންނެވެ. ޒަރޫކް ފެންނަ ކޮންމެ ފަހަރަކު އޭނާއަށް ހީވަނީ ބިރެއް ފެންނަ ހެންނެވެ. ނޭވާ ހާސްވާން ފެށިގޮތަށް އޭނާއަށް ހިފަހައްޓައެއް ނުލެވުނެވެ. ދުއްވަން އިން ޒަރޫކް ފަހަތަށް އެނބުރިލާފައި ތިއާ އަށް ފެންފުޅިއެއް ދިއްކޮށްލިއެވެ. ނާޔާއަށް ޒަރޫކް ފެނުނީ އެވަގުތުއެވެ.
"ޒައްރަ ސަރ... " ނާޔާ ހައިރާންވިއެވެ. އެހާ އުފާވެސްވިއެވެ. އޭނާ އެހާ ރީތިވެގެން ހުއްޓައި ޒަރޫކަށް ފެނުމުންނެވެ.
"ދައްތަ ކައިރީގަ ބުނެބަލަ މީގެން ފެންފޮދެއް ބޯލާށޭ" ޒަރޫކް އެހެން ބުނީ ތިއާ ފެންފުޅީގައި ނުހިފުމުންނެވެ.
ނާޔާ ތިއާއަށް ބަލައިލިއެވެ. އެވަގުތު އޭނާއަށް އެނގުނެވެ. ތިއާ ރަނގަޅެއް ނޫނެވެ. ކޮންމެވެސް އުނދަގުލެއް ތިއާ އަށް އެބަވެއެވެ. ހީވަނީ ނޭވާ ނުހިފެހެއްޓިގެން އުޅޭ ހެންނެވެ. އެހާ ވަރަށް މޭކަޕްކޮށްލާފައި ހުރި އިރުވެސް ތިއާގެ ނިތްމަތިން ދާތިކިތަކެއް ފާޅުވަމުން ދިޔައެވެ.
"ތިއްތާ... އޯ ގޯޑް... ދޮންބެއަށް ގުޅަންތަ؟ ނާޔާ ބުންޏެވެ.
ކަންތައްތައް ގޯސްހެން ހީވުމުން ޒަރޫކް ކާރު މަޑުކުރިއެވެ. ނަސީބަކުން އެއީ ބޮޑުތަކުރުފާނު މަގެވެ. ކާނިވާ ސަރަހައްދެވެ. ނިސްބަތުން ދުއްވާ އެއްޗެހި ގިނަ ވަގުތެކެވެ. އެހެންނަމަވެސް ޒަރޫކް ކާރު މަޑުކުރީ މީހުން މަދު ހިސާބަކަށެވެ.
"އިހަށް މިތަނަށް ފައިބަ ބަލަ" ޒަރޫކް ބުންޏެވެ. ނަޔާ ބޯޖަހާލާފައި ކާރުން ފޭބިއެވެ. އަނެއް ފަރާތުން ދޮރުހުޅުވާފައި ތިއާ ފައިބަން ނާޔާ އެހީވިއެވެ. އޭރު ޒަރޫކް މަޑުކޮށްގެން ހުރީ ކާރު ކައިރީގައެވެ. ތިއާ ހަމަޔަކަށް ނޭޅުނެވެ. ޒަރޫކް ކައިރީގައި ހުރިހާ ހިނދެއްގައި އޭނާ ހަމަޔަކަށް ނޭޅޭނެއެވެ. އެކަން އެނގެނީ އެކަނި ތިއާއަށެވެ. އެހެންނަމަވެސް އެކަން އޭނާއަށް އެއިން އެކަކު ކައިރީގަވެސް ބުނެވޭކަށް ނެތެވެ. ޒަރޫކް ދުރަށް ނުގޮސް ހުރީ ހަމަ ގަސްދުގައިހެން ތިއާ އަށް ހީވިއެވެ. ޒަރޫކާ ދިމާލަށް ހަޅޭއްލަވައިގަންނަން އެތައް ފަހަރަކު ތިއާ ހިތަށް އަރައިފިއެވެ. ކައިރީގައި ނާޔާ ހުރުމުން އެކަންވެސް އޭނާއަށް ނުވިއެވެ.
"ތިއްތާ... ޕެނިކްއެޓޭކެއް އައީތަ؟ މިގުޅަނީ ދޮންބެއަށް. ނާއްކޮ ބިރުގަންނަން ފަށައިފި" ނާޔާ ބުންޏެވެ. ދަބަހުގައި އޮތް ފޯނު ނަގައިގެން އޭނާ ތަންކޮޅެއް ދުރަށް ޖެހިލިއެވެ. ޒަރޫކް ކައިރީގައި ތިއާ ކައިރިން ދުރަށް ނުދިޔުމަށް އެދުނެވެ. ޒަރޫކް ތިއާގެ ގާތަށް ޖެހިލުމާއެކު ކުއްލިއަކަށް ތިއާ ފަހަތަށް ޖެހުނެވެ. މީހުން އެއްވެ ބަލަހައްޓައިގެން ތިބުމުން ޒަރޫކް ލަދުގަތެވެ. އިތުރަށް ތިއާ އާ ކައިރިވާން ނުކެރުނެވެ. ސައިކަލުގައި ދިޔަ ދެ އަންހެނުން އައިސް ތިއާގެ ދެފަރާތުން ކައިރިވެލިއެވެ. ތިއާ ހަމަޔަކަށް އެޅެންފެށީ ދެނެވެ.
"ދޮންބެ އެބަ ކައިރިކުރޭ" ނާޔާ ބުންޏެވެ.
ނާޔާ ކައިރިވުމާއެކު ތިއާ ކައިރީގައި ތިބި ދެ އަންހެނުން ދުރަށް ޖެހުނެވެ.
"މިހާރު އޯކޭ ދޯ" ނާޔާ ބުންޏެވެ. ތިއާގެ އަތުގައި ހިފައިގެން ތަންކޮޅެއް ދުރަށް ނާޔާ ހިނގައިގަތެވެ. ގުދުރަތީ ސާފު ވައި ލިބި އޭނާ ޖެހިލުންވަމުން ދިޔަ އިންސާނާ އާ ދުރަށް އާދެވުމުން ތިއާ ހަމަޖެހެން ފެށިއެވެ. އެހެންނަމަވެސް އޭނާގެ ދެލޮލުގައި ކަރުނައިގެ އަސަރުވިއެވެ. ކާރު ކައިރީގައި މަޑުކޮށްލައިގެން ދެ އަންހެންކުދިންގެ ހަރަކާތްތަކަށް ބަލަހައްޓައިގެން ޒަރޫކް ހުއްޓެވެ. އޭނާގެ ދެބުމަ ވަނީ ގޮށްޖަހާލާފައެވެ. އެތަނުން އޭނާގެ ނަޒަރު ހުއްޓިފައި ހުރީ ތިއާ އަށް ކަމެއް ނުވަތަ ނާޔާއަށް ކަމެއް ނޭނގެއެވެ.
"މަންމަ އެގުޅަނީ. ދޮންބެ ބުނީކަންނޭނގެ" އަތުގައި އޮތް ފޯނަށް ބަލައިލާފައި ނާޔާ ބުންޏެވެ.
ނަވާލް ފެނުމާއެކު ތިއާއަށް ހީވީ ހައިޖާނުގަނޑެއްގެ ތެރޭގައި އޮތް އޭނާގެ ހިތަށް ފިނިވައިރޯއެއް ޖެހިލިހެންނެވެ. ސައިކަލުގައި އިން ނަވާލްގެ ދެއަތުގެ ތެރެއަށް ތިއާ ވަތް އިރު ޖެހިގެން ޒަރޫކް ހުރިކަން އޭނާ ހަނދާނުގައި ނެތެވެ. މަގަށް ނަޒަރު ހިންގާލާފައި ނަވާލް ތިއާ ދުރުކޮށްލިއެވެ. ދެއިނގިލީ ކުރިން ތިއާގެ ދެލޯ ކައިރިން ފޭދިފައިވާ ކަރުނަ ތިކި ފޮހެލިއެވެ. ގެއަށް ދިޔުމަށް އަވަހަށް ސައިކަލަށް އަރާށޭ ތިއާ ކައިރީގައި ބުންޏެވެ. ޒަރޫކާއެކު ކާރުގައި ނާޔާ ގެއަށް ފޮނުވާފައި ތިއާ ގޮވައިގެން ނަވާލް އައީ އެ ކާރު ފަހަތުންނެވެ.
******
ކަންދިމާކުރި ގޮތުން ނާޔާ އާއި ތިއާ އަށް އާދެވުނު އިރު ޔަލާ އާއި ޒަވީގެ ކައިވެނި ނިމިއްޖެއެވެ. އޭރު ކޮންމެވެސް ވަރަކަށް މެހެމާނުން ޖަމާވާން ފަށައިފިއެވެ. ތިއާ ކައިރިއަށް އެންމެން ޖަމާވާން ފެށުމާއެކު އެންމެން ކައިރީގައި އޭނާ ރަނގަޅު ކަމުގައި ބުންޏެވެ. އޭނާ އާ ހެދި ރޭގެ އުފާވެރިކަން ގެއްލެން އޭނާ ނޭދެއެވެ. ބާކީ އޮތް ވަގުތުތަކުގައި އޭނާ މަސައްކަތް ކުރީ ޒަރޫކް ފެންނަ ހިސާބަށް ނުދިޔުމަށެވެ. އޭނާގެ ހިތްހަމަޖެހުން ވަނީ އެ އިންސާނާ އާ ދުރުގައި ހުރެގެންކަން އޭނާ ހަނދާނުގައި ހުއްޓެވެ.
ގޯލްޑު ކުލައިގެ ދިގު މިޑީގައި ނަޒާންގެ ލޯމަތީގައި އެނބުރެމުންދިޔަ މަންޝާ އިރުކޮޅަކާ ނަޒާނަށް ބަލައިލައެވެ. އެހުރިހާ ފަހަރަކު އަތުކުރީގައި އޮތް ގަޑި ނަޒާން މަންޝާއަށް ދައްކާލައެވެ. މަންޝާ ދުރަށް ޖެހިލުމާއެކު ކޮންމެސް އެއްޗެކޭ ކިޔައިގެން ނަޒާން ފަހަތުން ދެއެވެ. އެންމެ ހިނދުކޮޅަކަށްވެސް މަންޝާ އޭނާގެ ލޯމަތިން ގެއްލުވާ ނުލައެވެ.
"މަން ބުނީ ހަމަ ތެދެއް... އެކަމު ސަޅި ބިޓެއް އެނގޭ. ނަވާލް ހައިތާކުނުލާ" ހަމްރާ ބުންޏެވެ.
"އަހަރެންނަކަށް ނޭނގެ ސަޅިކަމެއް. ދެން ނުބަލަބަލަ އެދިމާލަށް. އޭނައަށް އެނގިދާނެ އަހަރެމެން އޭނަގެ ވާހަކަދައްކާކަން" މަންޝާ ބުންޏެވެ.
އެންމެފަހުން ނަޒާން އިންތިޒާރު ކުރި ވަގުތު ޖެހުނީ މެހެމާނުން މަދުވެ ދެފަރާތުގެ އާއިލާ މީހުން މަޖާ ނަގަން ފެށުމުންނެވެ. އެއްވެސް މީހަކު ނަޒާން ހޯދާކަށް މަސައްކަތެއް ނުކުރެއެވެ. ނަޒާން އިނީ ޕާޓީ ހިނގަމުންދިޔަ ފަރާތް ނޫން އަނެއް ފަރާތުގައި ހުރި ޖޯއްޔެއްގައެވެ. އެތަން ހުރީ ދިލްޝާދު އިންދާފައި ހުރި ގަސްތައް ހުރި ދިމާލުން އެތެރޭގައެވެ. މާގިނައިރެއް ނުވެ ނަޒާނަށް އޭނާގެ ހިތުގެ މަލިކާ އެދިމާލަށް އަންނަތަން ފެނިއްޖެއެވެ.
"ހައި..." މަންޝާ އައިސް ހުއްޓުމުން ނަޒާން ބުންޏެވެ.
"އަވަސްކުރޭ. މީހަކު އައިސްދާނެ" މަންޝާ ބުންޏެވެ.
ނަޒާން ތެދުވިއެވެ. މަންޝާގެ ކުރިމަތީގައި އެއްފައި މައްޗަށް އިށީނެވެ. ރިހިކުލައިގެ އަނގޮޓި މަންޝާއަށް އޭނާ ދިއްކޮށްލިއެވެ.
"މެރީ މީ. ޕްލީޒް. އައި ލަވް ޔޫ މަންޝާ" ނަޒާން ބުންޏެވެ.
(ނުނިމޭ)