ޚަބަރު

ދެކުނު އޭޝިއާ ގައުމުތަކުގެ ތެރެއިން މި އަހަރު އެންމެ ބާރަށް ކުރިއަރާނީ ރާއްޖޭގެ އިގުތިސާދު: ވޯލްޑް ބޭންކް

ދެކުނު އޭޝިއާ ގައުމުތަކުގެ ތެރެއިން މި އަހަރު އެންމެ ބާރަށް ކުރިއަރާނީ ރާއްޖޭގެ އިގުތިސާދު ކަމަށް، ވޯލްޑް ބޭންކުން ބުނެފިއެވެ.

ދުނިޔޭގެ އިގުތިސާދުތައް ދިރާސާކުރުމަށްފަހު ބައިނަލްއަގުވާމީ މާލީ އިދާރާއިން އިއްޔެ ނެރުނު ގްލޯބަލް އިކޮނޮމިކް ޕްރޮސްޕެކްޓްސް ރިޕޯޓްގައި ދެކުނު އޭޝިއާ ގައުމުތަކުގެ ތެރެއިން މި އަހަރު އެންމެ ބާރަށް ކުރިއަރާނީ ރާއްޖެ ކަމަށް ބުނި ނަމަވެސް ރާއްޖޭގެ އިގުތިސާދުގެ ކުރިއެރުން މި އަހަރު ހުންނާނެ ކަމަށް ލަފާކުރި ވަރު ވަނީ ދަށްކޮށްފައެވެ.

އެގޮތުން ވޯލްޑް ބޭންކުން ކުރިން ލަފާކޮށްފައި ވަީ މި އަހަރު ރާއްޖޭގެ އިގުތިސާދީ ކުރިއެރުން ހުންނާނީ 12.4 ޕަސެންޓުގައި ކަމަށެވެ. ނަމަވެސް އިއްޔެ ނެރުނު ރިޕޯޓުގައި އެ އަދަދު ވަނީ 8.2 ޕަސެންޓަށް ދަށްވާނެ ކަމަށް ލަފާކޮށްފައެވެ.

ރާއްޖޭގެ އިގުތިސާދުގެ ކުރިއެރުން ދަށްކުރި ސަބަބެއް ކަމަށް ރިޕޯޓުގައި ބުނެފައިވަނީ ކޮވިޑަށްފަހު އިގުތިސާދަށް އައި ބޮޑު ކުރިއެރުން ކޮންމެވެސް ވަރަކަށް މި އަހަރު މަޑުޖެހި، އާންމު ހާލަތަކަށް ދާނެތީއެވެ.

ނަމަވެސް މި ސަރަހައްދުގެ ގައުމުތަކުގެ ތެރެއިން އެންމެ ބާރަށް އިގުތިސާދު ކުރިއަރާނެ ކަމަށް ރާއްޖެ ވަނީ ޓޫރިސްޓުން އަންނަވަރު މި އަހަރު އިތުރުވުމާއި ރާއްޖޭގައި ކުރިއަށް ގެންދާ އުމްރާނީ ތަރައްގީގެ މަޝްރޫއުތަކުގެ ސަބަބުން ކަމަށް ރިޕޯޓުގައިވެއެވެ.