ނަޒާން ސައިބުއި ތަށިތައް ދޮވެފައި އެނބުރުނު ވަގުތު މަންޝާ ދިޔައީ ސިއްސައިގެންނެވެ. ނަޒާން ހުރީ މޫނު ޖެހޭ ހިސާބުގައެވެ. މަންޝާ ސިހުނުކަން އެނގުމާއެކު ނަވާލް ދުރަށް ޖެހިލިއެވެ. ދެން ފޯނު މަންޝާގެ މޫނަށް އަމާޒުކޮށްލާފައި ފޮޓޯއެއް ނެގިއެވެ. ހައިރާންވެފައި މަންޝާ ނަޒާނަށް ބަލައިލިއެވެ. އެހިނދު ނަޒާން ހިނިތުންވެލިއެވެ.
"ކީއްތިކުރީ؟" މަންޝާ އެހިއެވެ.
"ފޮޓޯއެއް ނެގީ" ލައިގެން ހުރި ޖީންސުގެ ޖީބަށް ފޯނު ކޮށްޕާލަމުން ނަޒާން ބުންޏެވެ. "ސޮރީ"
ނަޒާން ނުކުމެގެން ދިޔައިރުވެސް މަންޝާ ހުރިތަނުގައި ހުއްޓެވެ. އެއްވެސް ހަރަކާތެއް ނެތިފައި ހުރި އިރު ބުދެއް ފަދައެވެ. އޭނާގެ މޫނުމަތީގައިވީ ހައިރާންކަމެވެ. ނަޒާންގެ އާދަޔާހިލާފު މިޒާޖު އެނާއަށް ފާހަގަވި ފުރަތަމަ ދުވަހުން ފެށިގެން އެވަގުތާ ހަމައަށް އޭނަގެ ހަނދާނާ ކުޅެލިއެވެ. ނުބުންޏެއް ކަމަކު ނަޒާންގެ ބޭނުން އޭނާއަށް ސާފުވެއްޖެއެވެ. މަޑުމަޑުން ހިނގާފައި އައިސް އޭނާ މޭޒު ކައިރީގައި އިށީނެވެ. ދެން ހަދާނެ ގޮތެއް އޭނާގެ ވިސްނުމަކަށް ނައެވެ. ނަޒާނާއެކު ގުޅުމެއް އުފައްދަން އޭނާ ބޭނުމެއް ނުވެއެވެ.
*********
ތިއާއަށް ހޭލެވުމުން ނަވާލަށް ވަގުތު ދީފައި ހުރިހާ މީހުން ކޮޓަރިން ނުކުތެވެ. ދެފަރާތް ބަލައިލާފައި ތިއާ ފުންމައިގެން ތެދުވިއެވެ. އޭނާގެ މަގަތުގައި ނަވާލް އިންކަން އެނގުނީ އޭނާގެ މޫނުގެ ދެފަރާތުގައި ނަވާލް ހިފެހެއްޓުމުންނެވެ.
"ކޮންތަނެއްމީ؟" ތިއާ ބުންޏެވެ.
"ހަނދާންކޮށްބަލަ. މިއީ ތިއާ މިގޭގަ ހުރި އިރު އުޅުނު ކޮޓަރި" ނަވާލް ބުންޏެވެ. އޭނާ މަޑުމަޑުން ތިއާގެ އިސްތަށިގަނޑުގައި ފިރުމަމުން ދިޔައެވެ.
މަޑުމަޑުން ހުރިހާ މަންޒަރެއް ތިއާ އަށް ސާފުވިއެވެ. އޭނާ އެގެއަށް އައި ބޭނުމެވެ. މަންޝާ އާ ދެމެދު ދެކެވުނު ވާހަކައެވެ. ޒަރޫކް ފެނުނު ވަގުތެވެ.
"ހިނގާ ގެއަށް ދާން" ތިއާ އެނދުން ތެދުވަން އުޅުނެވެ.
"ތިއާ... ބޭބީ.... މަޑުކޮށްބަލަ.... ކިހިނެއްވީ؟" ތިއާގެ އަތުގައި ނަވާލް ހިފެހެއްޓިއެވެ.
"ފާޑަކަށް ބޮލުގަ ރިއްސަނީ.... ކޮބާ މަގޭ ޝޯލް؟" ތިއާ ބުންޏެވެ.
އިތުރަށް ތިއާ އާ ވާހަކަދައްކަން ނަވާލް މަސައްކަތެއް ނުކުރެއެވެ. ތިއާ ޝޯލް އަޅަންދެން ކައިރީގައި އޭނާ ހުއްޓެވެ.
********
ދުވަހުގެ ރޭގަނޑެވެ. އާމިރާ އެކުގައި ފިހާރައިގެ މަރާމާތެއް ކުރުމަށް ނަވާލް ގޮސްވީ ވަގުތެވެ. ކައިގެން ވަދެ ތިއާ އިނީ އެނދުގައެވެ. އަދިވެސް އޭނާ އިނީ ބަސްމަދުވެފައެވެ. އާއިލާ ހުރިހާ މީހުން އޭނާ އާ ސުވާލުކުރިއެވެ. ރަނގަޅު އެއް ޖަވާބުވެސް އޭނާއަށް ނުދެވުނެވެ. ހާސްކަންވީ އިތުރެވެ. ކުއްލިއަކަށް އެވީ އޭނާ ހީވެސް ނުކުރާފަދަ ކަމެކެވެ. ކައިރީގައި އޮތް ފޯނު ނަގާފައި ރީމާގެ ނަންބަރަށް ތިއާ ގުޅިއެވެ. އޭނާއަށް ހިތްހަމަޖެހުމެއް ގެނެސްދެވޭނީ ރީމާއަށެވެ. ހިޔާލެއް ދެވޭނެ މީހަކަށްވެސް ހުރީ ރީމާއެވެ. އެހެންނަމަވެސް އެވަގުތު ރީމާގެ ހަބަރެއް ނުވިއެވެ.
ކުއްލިއަކަށް ދޮރުގައި ޓަކި ޖަހާލި އަޑު އިވުނެވެ. އެއީ ނަވާލެއް ނޫންކަން ތިއާ އަށް އެނގެއެވެ. އެހެންކަމުން އޭނާ ތެދުވެގެން ގޮސް ލޯގަނޑު ކައިރިއަށް ހުއްޓި އިސްތަށިގަނޑު ރީތިކޮށްލާފައި އެނދުގައި އޮތް ކުޑަ ބުރުގާކޮޅު އެޅިއެވެ. ދެއަތުން މޫނުމަތި ފޮހެލާފައި ދޮރާ ދިމާލަށް ހިނގައިގަތެވެ.
"ދޮންބެއަށް ވަދެވޭތަ؟" ނަޒާން ބުންޏެވެ. ތިއާ ތަންކޮޅެއް ބޮޑަށް ދޮރުހުޅުވާލިއެވެ. އޭނާ ހީލުމާއެކު ނަޒާން އެތެރެއަށް ވަދެއްޖެއެވެ.
"ޕްލާސްޓަރުގަ ހާދަ ވަރަކަށް ކުރަހާފަ" ތިއާ ބުންޏެވެ.
"ނާޔާގެ ކަންތަކެއްނު.... މިހާރު ކިހިނެއް؟" ނަޒާން ބުންޏެވެ.
ތިއާ ރަނގަޅޭ ބުންޏެވެ. ދެން ނަޒާން އިށީންނަން ނަވާލް އޮފީސް މަސައްކަތް ކުރާ މޭޒުކައިރީގައި ހުރި ގޮނޑި ދެއްކިއެވެ.
"އެއް ގެއެއްގަ އުޅުނަސް ތިއާ އާ ވާހަކަދައްކަން ދޮންބެއަށް މިޖެހެނީ އެޕޮއިންޓްމަންޓެއް ހައްދަން" ސަމާސާ ރާގެއްގައި ނަޒާން ބުންޏެވެ. ތިއާ އަށް ހެވުނެވެ.
"ދިޔައިން ދޮންބެ ކޮޓަރިއަށް. ޓަކިޖަހާޖަހާ ދޮރެއް ނުހުޅުވި" ތިއާ ބުންޏެވެ. "ދެން ބުނެބަލަ. ކޮންވާހަކައެއް....؟ ނޫނީ ކޮފީއެއް ގެނެސްދިނީމަތަ ބުނާނީ؟" ނަޒާން ހެމުން ދެފަރާތަށް ބޯހޫރާލިއެވެ.
"ދޮންބެ ބުނީ.... ސިއްރެއް އެނގޭ އަދި" ނަޒާން ބުންޏެވެ. ތިއާ ބޯޖަހާލިއެވެ. ނަޒާން ވާހަކަދައްކަން ފެށުމުން ކޮންމެވެސް ވަރަކަށް ތިއާގެ ހާސްކަން މަޑުމަޑުން ފިލަން ފެށިއެވެ.
"ދޮންބެ ބުނީ މަން.... މަންޝާ.... މަންޝާގެ ފޯނު ނަންބަރު" ނަޒާން ބުންޏެވެ.
ތިއާއަށް ހެވުމާއެކު ނަޒާނަށްވެސް ހެވިއްޖެއެވެ. ތުނިތުނިކޮށް ފަޅާފައި ހުރި ތުނބުޅީގައި އިނގިލިތަކުން ހާނުވާލުމަށްފަހު އޭނާ ތިއާގެ ޖަވާބަކަށް އެދުނެވެ. ތިއާ ސުވާލުކުރީ ދެނެވެ. މަންޝާ އާ މެދު ދެކޭގޮތް ނަޒާން ހާމަކުރިއެވެ. ފުރަތަމަ ފަހަރަށް އޭނާގެ ހިތް ހުޅުވާލީ ތިއާގެ ކުރިމަތީގައެވެ. އޭނާގެ ވާހަކަތަކުން އޭނާއަށް މަންޝާ މުހިންމު ވަނީ ކިހާވަރަކަށް ކަން ތިއާ އަށް އެނގުނެވެ. ނަޒާންގެ ހިތް މަންޝާއަށް ގެންގޮސްފައިވާކަން އެނގުމާއެކު ތިއާ އަށް ލިބުނީ ބަޔާންކުރަންދަތި ހިތްހަމަޖެހުމެކެވެ. މަންޝާ އާ އެއް ގެއެއްގައި ދިރިއުޅެން ލިބުމަކީ އޭނާގެ ހުވަފެނެކެވެ. އެހެންނަމަވެސް އެ ހުވަފެން ދުވަހަކުވެސް ހަގީގަތަކަށް ވާނެކަމެއް އޭނާއަށް ނޭނގެއެވެ.
އެނދުގައި އޮތް ފޯނު ނަގައިގެން އައިސް ތިއާ، ނަޒާނަށް މަންޝާގެ ފޯނު ނަންބަރު ދިނެވެ. އެންމެ ފުރަތަމަވެސް ނަޒާން އެ ނަންބަރު ޖަހާލީ އޭނާގެ ވައިބާގައެވެ. ވައިބާގައި އިން މަންޝާގެ ތަސްވީރަށް ނަޒާން އެތައް އިރަކު ބެލިއެވެ.
"ހެޔޮ ނަންބަރު ދިނީ އަހަރެންނޭ ބުންޏަސް" ތިއާ ބުންޏެވެ. ނަޒާން ހީލިއެވެ.
"އެކަމަކު ދޮންބޭ... އަހަރެން ދޮންބެއަށް ދޭން އޮތީ އެހައި އުފާވެރި ހަބަރެއް ނޫން" ތިއާ ބުންޏެވެ. ނަޒާން ދެބުމަ ކައިރިކޮށްލާފައި ތިއާއަށް ނަޒަރެއްދިނެވެ.
"މަންޝާ ކުއްޖަކާ ޑޭޓްއެބަކުރޭ. މިއަދު އެގެއަށް ދިޔައީވެސް އެވާހަކަދައްކަން. އިންނަންވެސް ކިޔައިގެން އުޅެނީ. ރޭގަ ނަވާލާ ދެމީހުން ބޭރުގައި އުޅެނިކޮށް ދުށިން މަންޝާ އެފިރިހެން ސޮރާއެކު. ނަވާލް ބުނި އެއީ ރަނގަޅު މީހެއް ނޫނޭ. އެކަމަކު މަންޝާ އެކަން ގަބޫލެއް ނުކުރޭ" ތިއާ ވާހަކަދެއްކިއެވެ.
ހީވީ ނަޒާންގެ މުޅި ރޫހު ގެއްލުނު ހެންނެވެ. ހިތުއަޅައިގެން ހުއްޓައި އެވީ މުޅިން އެހެން ގޮތެކެވެ. ހިނދުކޮޅަކަށް އޭނާގެ ހިތްވަރު އެލިގެން ދިޔައެވެ. އެހެންނަމަވެސް އޭނާ ހިތްވަރުދުލެއް ނުކުރިއެވެ.
"އެކަމު ދޮންބެ ކުރިއަށްދޭ. އެއީ ރަނގަޅު މީހަކަށް ނުވަންޏާ އެމީހާއަށް މަންއަށް ހޯދައިދެވޭނީ ކޮންކަހަލަ ދިރިއުޅުމެއް. އަޅެ ގުޅާބަލަ. ދޮންބެ ބުނާނީ ރައްޓެހިވާކަށް ނޫނޭ މިގުޅީކީ. ސީދާ ހަމަ ޕްރޮޕޯސް ކުރާނީ"
ނަޒާން ތެދުވެގެން ހިނގައިގަތެވެ. މަންޝާ ހުރީ ހުސްކޮށް ނޫންކަން އެނގުމުން ހިތުގައި ރިހުމެއް އުފެދުނުކަން ކަށަވަރެވެ. އެހެންނަމަވެސް ތިއާ ބުނި ފަދައިން އަދި އުންމީދު ގެއްލުވާލާކަށް ނުޖެހެއެވެ. މީހެއްގެ އަންބަކަށް ނުވާހާ ހިނދެއްގައި މަންޝާ ހޯދަން އޭނާއަށް މަސައްކަތް ކުރެވޭނެއެވެ.
******
ޖެހިގެން އައި ދުވަހު ތިއާ މުޅިން ހަމަޔަކަށް އެޅިއްޖެއެވެ. ނަވާލް އިތުރަށް ސުވާލު ނުކުރާތީ ތިއާގެ ބޮލުގެ ރިހުން ކުޑަވިއެވެ. އެހެންނަމަވެސް ނަވާލްގެ އޯގާތެރިކަން ތިއާ އަށް ބޮޑަށް ލިބުނެވެ. ރީމާގެ ފޯނު ކޯލު ލިބުމާއެކު ތިއާ އަށް ހަމަޖެހުމެއް ލިބުނެވެ. މައެއް ފަދައިން ރީމާ ތިއާއަށް ވިސްނައިދިނެވެ. މާޒީއަކީ ތިމާގެ މުސްތަގުބަލަށް އެޅޭ ހުރަހަކަށް ވިޔަނުދިނުމަށް ރީމާ ތިއާ އަށް ވިސްނައިދިނެވެ. ތިއާ އެބަސްތައް ގަބޫލު ކުރިއެވެ. އޭނާ މާޒީ އާ މެދު ނުވިސްނުމަށް އަޒުމް ކަނޑައެޅިއެވެ. އޭނާއަށް ހެއްދެވިފަރާތުން ދެއްވާފައިވަނީ އޭނާދެކެ އިންތިހާއަށް ލޯބިވާ ފިރިއަކާއި އާއިލާއެކެވެ.
"އޭނަގެ އުނދަގުލެއްވިއްޔާ ދެނޯ" ތިއާ ބުންޏެވެ. އޭނާ ހުރީ ރީމާއަށް ގުޅައިގެންނެވެ.
*********
މަންޝާ އިނީ އެނދުގައެވެ. އޭނާގެ ދެއަތްތިލައިގެ ތެރޭގައި އޮތީ ފޯނެވެ. މޫނުމަތީގައި ވަނީ ހައިރާންކަމެވެ. ހަދާނެ ގޮތެއް ނޭނގިފައި އިން ކަހަލައެވެ. ދާދި ދެންމެއަކު އޭނާއަށް ގުޅީ ނަޒާނެވެ. ބައްދަލުކޮށްލަން ބޭނުންވާ ކަމަށް ނަޒާން ބުނެފިއެވެ. ބައްދަލުކުރަން ބޭނުން ނުވަނީ މަންޝާއެވެ. އެކަމަށް ސީދާ އިންކާރެއްވެސް އޭނާ ނުކުރެއެވެ. ގޮތެއް ނުނިންމިގެން އުޅެނިކޮށް ފޯނު ރިންގުވާން ފަށައިފިއެވެ. ޝައިހާންގެ ކޯލެކެވެ. ފޯނަށް ބަލަހައްޓައިގެން އިންދާ ކޯލު ކެނޑިއްޖެއެވެ. ކޮޓަރީ ދޮރުގައި ޓަކިޖަހާލި އަޑު އިވުނީވެސް ހަމަ އެވަގުތުގައެވެ. މަންޝާ ދޮރުހުޅުވާލިއެވެ. ދޮރުމަތީގައި ހުރި ހަމްރާ ފެނުމުން މަންޝާގެ ބޮލުގައި އުފެދިފައިވި ރިހުމަށް ލުޔެއް ލިބުނުހެން ހީވިއެވެ. ހަމްރާގެ އަތުގައި ހިފައި އެތެރެއަށް ވަންގޮތަށް ކޮޓަރި ދޮރުލެއްޕިއެވެ.
"ހަމަ އެންމެ ރަނގަޅު ވަގުތުގަ ތިއައީ" މަންޝާ ބުންޏެވެ.
"ފިހާރައަކަށް އައީ. މިގޭ ކައިރިއަށް އައިސްފަ ހިތަށް އެރީ މިގެއަށް ވަދެލާނީއޭ" ހަމްރާ ބުންޏެވެ.
"މިއުޅެނީ ކަމެއް ލައިގަނެގެން" މަންޝާ ބުންޏެވެ.
"ކިޔާބަލަ. މާގިނައިރަކު ނެތޭ އިނދެވޭކަށް. ހާޒިންއެކޭ އެއްހާސް ކުދި މީދަލެކޭ އެއްގޮތްވާނެ. މަންމަ ހުންނާނެ ބޮލުން ދުންއަރާފަ. އެހާކުޑަ ވަގުތުކޮޅަކަށޭ ބުނީމަވެސް ދިލްޝާދައްތަ އެބައުޅޭ ސައި ހަދަން" ހަމްރާ ވާހަކަދެއްކިއެވެ.
"މަންމަ އުޅޭނީ އެހެން... އެނގޭތަ. ނަޒާން ދެންމެ ގުޅި. ޔަގީން ނަންބަރު އެހޯދީ ތިއާ އަތުންކަން" މަންޝާ ބުންޏެވެ.
"މިރެއަށް ގަޑި ކިއީ. މިއަދު މިގެއަށް ވެސް އައި. އެއޮށް އުޅުނުގޮތެއް. ހުވާ މިބުނީ މަށަށް ކިރިޔާ ބިންމަތީގަ ހުރެވެނީ" މަންޝާ ވާހަކަދެއްކިއެވެ. ހަމްރާއަށް ހެވުނެވެ. ނަޒާން އޭނައަށް އަދި ނުފެނެއެވެ. އެހެންނަމަވެސް މަންޝާ އެބުނި އެއްޗަކުން ނަޒާންގެ ސޫރަ އޭނާގެ ހިތަށް ސިފަވެއްޖެއެވެ.
"ރޯމިއޯ އެއް ދޯ. ސަޅި. ދެން އަވަހަށް ރެޑީވޭ ދާން" ހަމްރާ ބުންޏެވެ.
"ނޫން. ނަޒާން ދައްކާނީ ކޮންވާހަކައެއްކަން އެނގޭ. އަހަރެން މިހުރީ ހުސްކޮށެއް ނޫން" މަންޝާ ބުންޏެވެ. "އެކަން އެނގެއެއްނު"
ހަމްރާ ދެފަރާތަށް ބޯހޫރާލިއެވެ. މަންޝާ އެހުރީ ޝައިހާނާ އިންނަން ދެފައި ވިއްދައިފައެވެ. ވާނެ ގޮތެއް އެނގެނީއެއް ނޫނެވެ. ނޭނގި ހުރެ ނުބައި ނިންމުމެއް މަންޝާ ނިންމައިފާނެ ކަމަށް ހިތުގައި ބިރުވެރި ހިޔާލުތަކެއް ހިނގާލިއެވެ.
"އަހަރެން އެދެނީ އަބަދުވެސް މަން އަށް ރަނގަޅު ގޮތްވުމަށް" މަންޝާގެ އަތުގައި ހިފައިލަމުން ހަމްރާ ބުންޏެވެ.
"އަހަރެން ހަމަ ދާންވީތަ؟"
ހަމްރާ ހީލިއެވެ. މަންޝާގެ މޫނުގައި ފިރުމާލިއެވެ.
"ތިއެއް ނޭނގެ. މަށަށް އެނގެނީ މަ ދާންވެއްޖެކަން...." ހަމްރާ ތެދުވެގެން ހިނގައިގަތެވެ.
***********
ގަޑިން ރޭގަނޑު ދިހަގަޑި ބައިވެ ބޮޑުވެއްޖެއެވެ. މާޝިތާ ކޮޓަރިން ނުކުތީ ނަޒާން ގެއަށް އައިތޯ ޗެކްކޮށްލުމަށެވެ. އެވަގުތު އެއީ ނަޒާން ގޭތެރެއަށް ވަންވަގުތެވެ. މާޝިތާއަށް ނަޒާން ހިނިތުންވުމެއް ދިނެވެ.
"އެއް އަތް ހިފައިގެން އެހާވަރަކުން ކޮންތާކަށް ދިޔައީ؟" މާޝިތާ އެހިއެވެ.
"އޮފީސް ކުއްޖެއް ކޮފީއަކަށް އަންނާށޭ ބުނީމަ ދިޔައީ. މިދަނީ ނިދަން އެނގޭ. ވަރަށް ބޮލުގަ އެބަރިއްސާ" ނަޒާން ބުންޏެވެ.
ކޮޓަރިއަށް ވަންގޮތަށް ނަޒާން ފުންނޭވައެއް ދޫކޮށްލިއެވެ. އެނދުގައި އިށިންގޮތަށް ދެކަކޫ މަތީގައި އުޅަނބޮށި ވިއްދާލައިފިއެވެ. ވިސްނުމެއް ތެރެއަށް އޭނާ ގެނބިގަނެގެން ދިޔައެވެ. މަންޝާއަށް މެސެޖްކޮށް ވާހަކަދައްކަން ހިތަށް އެރިޔަސް ފަހުވަގުތު ސީދާ ފޯނުކުރީ އެއީ އެންމެ ރަނގަޅުގޮތް ކަމުގައި ވާތީއެވެ. މަންޝާގެ ހިތް އެހެން މީހަކަށް ހަދިޔާކޮށްފައިވާކަން އެނގޭއިރުވެސް އޭނާގެ ހިތް ދެގޮތް ނުވިއެވެ. ބައްދަލުކުރަން ބޭނުންވާކަމަށް ބުނީ އެހެންވެއެވެ. އެންމެފަހު ވަގުތާ ހަމައަށްވެސް މަންޝާ އަންނާނެ ކަމަށް އޭނާ ހީކުރިއެވެ. ގެއިން ދިޔުމުގެ ކުރިން މާޝިތާ ކައިރީގައި ގެއަށް އަންނާނެ ސީދާ ގަޑިއެއް ބުނެވިފައި ނެތްނަމަ އިރުއަރަންދެންވެސް އޭނާ މަންޝާއަށް އިންތިޒާރު ކުރީހެވެ. ހަޔާތުގައި ފުރަތަމަ ފަހަރަށް ވެވުނު ލޯބި ނަކާމިޔާބުވިކަން އެނގުނު ހިނދު އޭނާގެ ހިތުގައި ރިހެލިއެވެ. އުއްޑުން އެނދުގައި އޮށޯއޮތް ގޮތަށް ދެފަރާތަށް ދެއަތް ދަމާލިއެވެ.
"މަންޝާ...." އޭނާގެ ދެތުންފަތް ދޭތެރެއިން މަންޝާގެ ނަން ބޭރުވެގެން ދިޔައެވެ. ޖީބުގައި އޮތް ފޯނު ނަގާފައި މަންޝާގެ ނަންބަރަށް ގުޅާލިއެވެ. ފޯނަށް ޖަވާބުނުދިނެވެ. ދެވަނަ ފަހަރަށް ތިންވަނަ ފަހަރަށްވެސް ގުޅިއެވެ. ނަތީޖާ ހަމަ ސުމެކެވެ. އެވަރުންވެސް ނަޒާން ހިތްވަރުދުލެއް ނުކުރިއެވެ. ތެދުވެ އެނދުގައި އިށީނދެފައި އިތުރު ދެފަހަރަށް ގުޅިއެވެ. ކުރިއެކޭ އެއްގޮތެވެ. މަންޝާގެ ނަން ކިޔާލާފައި ހީލިއެވެ.
"މިހާރު އެނގިއްޖެ ތި ހިތް ހާސިލްކުރަން އަހަރެން ވަރަށް ފުނަށް ފީނަންޖެހޭކަން" ނަވާލް ބުންޏެވެ. އޭނާ ކައިރިއަށް ހިނިވެސް އައެވެ.
ދެން ފޯނުން މެސެޖެއް ލިޔަން ފެށިއެވެ. މެސެޖް ލިބެންޖެހޭ ފަރާތަށް ލިބިއްޖެ ކަމަށް އޭނާގެ ފޯނު އަންގައިދުނުމާއެކު ކައިރީގައި ފޯނު ބޭއްވިއެވެ. ހަމަ އެސިކުންތުގައި ފޯނު ރިންގުވާން ފެށިއެވެ. ބަލައިލި އިރު ނަންބަރާއެކު ފެންނަން އިނީ ބޮޑު އެއް ހިތެވެ. އެ ކޯލަކީ އޭނާ އިންތިޒާރުކުރަމުންދިޔަ ކޯލުކަން އޭނާގެ ތުންފަތަށް ވެރިވެގެންދިޔަ ހިނިތުންވުމުން އެނގެއެވެ.
"ޕްލީޒް... ގޭ ދޮރުގަ ޓަކިނުޖަހާތި. މިގަޑީގަ ނަވާލްގެ ދޮންބެ މިގެއިން ފެނުނީމަ މަންމަމެން ކީކޭ ހިތަށް އަރާނީ" ނަޒާން ފޯނު ނެގުމާއެކު މަންޝާ ބުންޏެވެ. ނަޒާން ކައިރިއަށް އައީ ހިންޏެވެ. މަންޝާ ލައްވާ ފޯނު ނަގުވަން އޭނާ ޖެހި މަޅި ކާމިޔާބުވީތީ އެހާ އުފާވެސްވިއެވެ. މަންޝާގެ އަޑު އިވުނު ހިނދު ހިތަށް ލިބުނު ހިތްހަމަޖެހުން އެހެން ހުރިހާ ކަމަކަށް ވުރެ ބޮޑެވެ.
"ގެއަށް ދޭ.... ސޮ... ސޮރީ... ނުދެވުނީ" މަންޝާ ބުންޏެވެ.
"ހެހެހެ... އެންމެ ފުރަތަމަ ކަމަކަށް މިއީ ނަވާލްގެ ދޮންބެއެއް ނޫން. ނަޒާން.... ކިޔާލަބަލަ ނަޒާން"
މަންޝާ އެއްޗެއް ނުބުނެއެވެ. މަންޝާ އެއްޗެއް ބުނޭތޯ ނަޒާން އިންތިޒާރު ކުރިއެވެ.
"ޓަކިޖަހަނީއޭ... ނޫނީ ހުޅުވާތޯ އަދި މަޑުކުރަންވީތަ؟" ނަޒާން ބުންޏެވެ.
"ނޫން. އެހެންނުހަދާ... ގެއަށް ދޭ"
"ސޮރީ... ވަރަށް ބިރުންހެން ހީވޭ. އަހަރެން މިހުރީ އަހަރެންގެ ގޭގަ" ނަޒާން ބުންޏެވެ. މަންޝާ ފުންނޭވައެއް ދޫކޮށްލި އަޑު ފޯނުން ނަޒާނަށް އިވުނެވެ.
"ބާއްވަނީ" މަންޝާ ބުންޏެވެ.
"ނުބާއްވައްޗޭ. ބާއްވައިފިއްޔާ އަހަރެންނަށް ތިގޭދޮށަށް ދެވިދާނެ. އެހާވަރުވެފަ މިހުރީ" ނަޒާން ބުންޏެވެ.
މަންޝާ ފޯނު ނުބޭއްވިއެވެ. އެހެންނަމަވެސް ފޯނުގައި ހުރެ ދައްކާނެ ވާހަކައެއްވެސް އޭނާއަށް ނޭނގުނެވެ. މީހަކާ އިންނަން ކިޔާއިރު އެހެން ފިރިހެނެއްގެ ފޯނުގައި ގިނައިރު ހުރުންވެސް ރަނގަޅެއް ނޫނެވެ.
"ކީއްވެ ނައީ؟" ނަޒާން އެހިއެވެ. "އެނގޭތަ އަހަރެން އިންތިޒާރުކުރި ވަރެއް"
"އަހަރެން... އަހަރެން އުޅެނީ..." މަންޝާ ބުނަން އުޅުނެވެ.
"ކީއްވެ ތިހެން ތިބުނީ؟ އަހަރެން ނާހަމެއްނު ރައްޓެހިވާކަށް. އަހަރެން ބޭނުމެއް ނޫން ރައްޓެހިވާކަށް. ތިއީ ކުށްހީއެއް"
"ދެން....؟ އަހަރެން ހީކުރީ..." މަންޝާ ބުންޏެވެ.
"ކޯޗެއް؟"
"ބާއްވަނީ ދެން... ވަރަށް ލަސްވެއްޖެ" މަންޝާ ބުންޏެވެ.
"ދެ މިނެޓް" ނަޒާން ބުންޏެވެ.
މަންޝާ އަނެއްކާވެސް ހިމޭންވިއެވެ. އެއީ ނަޒާން އެދުނު ވަގުތުކޮޅު ކަން އެނގުމުން އަނެއްކާވެސް ހެވުނެވެ. ހިތަށް އެރިއެވެ. އެހުރިހާ ވާހަކައެއް ދައްކަން މަންޝާ ކުރިމަތީގައި ހުރިނަމައެވެ؟ ޔަގީނުންވެސް އެ މައުސޫމު މޫނުކޮޅު ފެނުނީހެވެ. ތުންފަތަށް ވެރިވާ ހިނިތުންވުން ބަލާލާހިތުން މީހާރުވެސް އޭނާއަށް ކެއްނުވެއެވެ.
"އަހަރެން ވަރަށް ބައިވަރު ވާހަކަދައްކަން ބޭނުން" ނަޒާން ބުންޏެވެ.
"އަޑުއަހަން މިހުރީ" މަންޝާ ބުންޏެވެ. އޭނާ ހުރީ އަވަހަށް ފޯނު ބާއްވަން ބޭނުންވެފައެވެ.
"ފޯނަކުން ނޫން. މާދަމާ ރޭ... ޕާޓީތެރޭގަ... އަހަރެން ތިގޭ ޓެރަސްގަ އިންތިޒާރު ކުރާނަން" ނަޒާން ބުންޏެވެ.
މަންޝާ އާއެނކޭ ނުބުންޏެވެ. އޭނާ ބޭނުންނުވާތީއެވެ. މަންޝާ އެއްޗެއް ނުބުނެ ހުރީ ކީއްވެގެންކަން ނަޒާނަށް އެނގުނެވެ.
"މިބުނީ ވާހަކަދައްކާލަން. އަހަރެން ވާހަކަދައްކާނީ. އަހަރެން މިއެދެނީ ހަމައެކަނި އަހަރެންގެ ވާހަކަ އަޑުއަހާލުމަށް. މީހަކު ދައްކާ ވާހަކަ އަޑުއަހާލިޔަސް ލޯބިވެރިޔާއަށް ބޭވަފާތެރިވީ ކަމަކަށް ނުވާނެއްނު"
މަންޝާ ބޯޖަހާލިއެވެ. ފޯނުގައި ހުރި މީހަކަށް އޭނާ ބޯޖަހާލިޔަސް ނުފެންނާނޭކަން އޭނާ ހަނދާނުގައި ނެތެވެ. އެހެންނަމަވެސް ދެވަނަ ފަހަރަށްވެސް އޭނާ ބޯޖަހާލިއެވެ. އަނގައިން ނުބުނެވުނެވެ.
"ފެނިއްޖެ... ތެންކިޔު..." ނަޒާން ބުންޏެވެ. "އެކަމު ނައިއްޔާ... އަހަރެން ތިގެއަށް ގޮސް ދިލްޝާދައްތަ އާއި މިހާދުބެ އާ ވާހަކަދައްކާނަން"
"އައި ވިލް...." މަންޝާ ބުންޏެވެ. "ދެން ބާއްވަނީ"
މަންޝާގެ ފޯނު ކެނޑުނުކަން އެނގުމާއެކު ނަޒާންގެ ހިތް ނަށައިގަތެވެ. ކައިރީގައި ހުރިނަމަ މަންޝާ އުރައިވެސްލެވުނީހެވެ. މަންޝާގެ ހިތް ކާމިޔާބު ކުރެވޭނެކަމުގެ ޔަގީންކަން އޭނާއަށް އޮތެވެ. އެ ޔަގީންކަން ނެތީ މަންޝާއަށެވެ. މަންޝާއަށް އެ ޔަގީންކަން ހޯދައިދޭނީވެސް އޭނާއެވެ. އޭނާއަށް ނޭނގެނީ އޭނާގެ މޭގެތެރޭގައި އޮތް ހިތް މަންޝާއަށްޓަކައި ދީވާނާވަމުންދާ ކަމެވެ.
އެނދުގައި އޮށޯއޮތްގޮތަށް އަމިއްލަ ނަފްސަށް ހިނިތުންވެލިއެވެ. ނިދާހެދުން ބަދަލުކުރަންވެސް ބޭނުމެއް ނުވިއެވެ. ހުވަފެނުން ނަމަވެސް އެ ސޫރަ ދެކިލުމުގެ ބޭނުމުގައި އޭނާ ދެލޯ މަރައިލިއެވެ. ކައިރީގައި އޮތް ބާލިސް މެއާ ކައިރިކޮށް ބައްދާލި އިރު، ހީވަނީ އެއީ އޭނާއަށް އެންމެ ބޮޑު ހިތްހަމަޖެހުމެއް ގެނެސްދޭ ބައިވެރިޔާ ހެންނެވެ.
(ނުނިމޭ)