މީގެ ހަތް އަހަރު ކުރިން، 20 މާޗް 2015ގެ ރޭ ހިންގި މާރާމާރީއެއްގައި ލ. މުންޑޫ/ ނޫވިލު، އަލީ ޒިޔަދަމް މަރާލި މައްސަލައިގައި އޭނާ މަރައިލިކަމުގެ ކުށް، ލ. މުންޑޫ/ ބީޗުވިލާ، އަލީ ޝިފާމް (29އ) އާއި އެ ރަށު ހީނާވިލާ، މުހައްމަދު ޝަނޫން (24އ) ގެ މައްޗަށް ސާބިތުވެފައިވާތީ އޭނާގެ ވާރިސުންގެ ބަހެއް ހޯދުމަށް ކުރިމިނަލް ކޯޓުން ތައްޔާރުވެއްޖެއެވެ.

މި މައްސަލައިގައި ޝަނޫން އާއި ސިފާމްގެ މައްޗަށް ދައުލަތުން އުފުލީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ދައުވާއެވެ. އަދި ޝަނޫންގެ މައްޗަށް ބިރު ދެއްކުމާއި މާރާމާރީ ހިންގުމުގެ ދައުވާވެސް އުފުލިއެވެ.

އެ މައްސަލައިގައި މިއަދު ބޭއްވި އަޑުއެހުމެއްގައި ވަނީ ޒިޔަދަމް ދަންނަ ދެ މީހަކު ހާޒިރުކޮށް އޭނާގެ ވާރިސުންނާ ގުޅޭ މައުލޫމާތު ނަގައިފައެވެ.

އެގޮތުން ޒިޔަދަމްގެ މަރާލި ފަހުން އޭނާގެ މަންމަ މަރުވެފައިވީ ނަމަވެސް ޒިޔަދަމްގެ ބައްޕަ ދުނިޔޭގައި އެބަހުރި ކަމަށާއި ޒިޔަދަމްގެ އެއްބަނޑު އެއްބަފާ ހަ މީހުން ދުނިޔޭގައި ހުރި އިރު، އެއްބަފާ ދެ މީހަކު ވެސް ހުރި ކަމަށް މިއަދު ހާޒިރުކުރި ދެ މީހުންވެސް ހެކިބަސްދެމުން ވަނީ ބުނެފައެވެ.

ޒިޔަދަމްގެ ދަރިއަކު ދުނިޔޭގައި ހުރި ނަމަވެސް އޭނާ މަރުވި އިރު، ދަރިފުޅުގެ މަންމައާ ދެ މީހުން ތިބީ ވަރިވެފައި ކަމަށް އެއް ހެކިވެރިޔަކު ބުންޏެވެ.

މިއަދުގެ އަޑުއެހުން ނިންމަވައިލައްވަމުން ގާޒީ އިސްމާއީލް ޝަފީއު ވިދާޅުވީ, ވާރިސުންނަކީ ކޮބައިކަން ޔަގީންކުރެވިފައިވީ ނަމަވެސް އިދާރީ ގޮތުން ބައެއް ކަންކަން އަދި ފުރިހަމަ ކުރަން ޖެހޭ ކަމަށާއި އެހެންވެ، ވާރިސުންގެ ބަހެއް ހޯދުމަށް ބާއްވާ އަޑުއެހުންތައް އަންނަ ހަފުތާގައި ފަށާނެ ކަމަށެވެ.

ޒިޔަދަމްގެ ބޮލަށާއި ބުރަކަށީގެ އިތުރުން ފައިގެ ފަލަމަސްގަނޑަށް ތޫނު އެއްޗަކުން ހަމަލާދީފައިވާ އިރު، އޭނާ މުންޑޫ ހެލްތު ސެންޓަރަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް އޭރު ފުލުހުން ވަނީ ބުނެފައެވެ. ޒިޔަދަމަށް ހަމަލާދިނީ ދައުވާ ލިބޭ ދެ މީހުންނާއި ޒިޔަދަމް ކެއްކި ބަނގުރާތަކެއް ބެހުމުގެ ތެރެއިން ޖެހުނު މައްސަލައަކާ ގުޅިގެން ކަމަށާއި މަރުވި ޒިޔަދަމަކީ ވައްކަމާއި މަސްތުވާތަކެތީގެ ކުށުގެ ރެކޯޑުވެސް އޮންނަ މީހެއް ކަމަށް ފުލުހުން ބުނެފައިވެއެވެ.

ޒިޔަދަމްގެ މަރުގެ މައްސަލައަކީ ނުނިމި ދިގުލައިގެން ގޮސްފައިވާ މައްސަލައެކެވެ. އެ މައްސަލައިގެ ގާޒީން އެކި ފަހަރު ބަދަލުވެފައިވެސްވެއެވެ.