ފުވައްމުލަކު ސިޓީއާއި ށ. ކޮމަންޑޫގައި ހައުސިން ޔުނިޓުތަކެއް އިމާރާތްކުރާނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން އިއުލާންކޮށްފިއެވެ.
ވަކި ވަކިން އިއްޔެ ކުރި އިއުލާނުތަކުގައި ބުނެފައިވަނީ ޑިޒައިން އެންޑް ބިލްޑް އުސޫލުން ފުވައްމުލަކުގައި 400 ހައުސިން ޔުނިޓާއި ކޮމަންޑުގައި 30 ހައުސިން ޔުނިޓު އިމާރާތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާ ކަމަށެވެ. އެހެންކަމުން މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކަށް ބިޑު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާ ކަމަށްވެސް ބުންޏެވެ.
ފުވައްމުލަކުގައި އިމާރާތްކުރާ 400 ހައުސިން ޔުނިޓް ޕްރޮޖެކްޓުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 2.1 މިލިއަން ރުފިޔާ ދައްކަން ޖެހޭ އިރު، ބިޑުތައް ހުޅުވުން އަންނަ މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ފިނޭންސް މިނިސްޓްރީން ވަނީ ނިންމާފައެވެ.
ކޮމަންޑޫގެ ހައުސިން ޔުނިޓު އިމާރާތްކުރުމުގެ ޕްރޮޖެކްޓުގެ ބިޑް ސެކިއުރިޓިގެ ގޮތުގައި 155،000 ރުފިޔާ ދައްކަންޖެހެއެވެ. މި ޕްރޮޖެކްޓުގެ ބިޑުތައް ހުޅުވުން މި މަހުގެ 31 ވަނަ ދުވަހު ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
މި ޕްރޮޖެކްޓުތަކުގެ ބީލަމުގައި ބައިވެރިވުމަށް 500 ރުފިޔާގެ ފީއެއް ދައްކަން ޖެހެއެވެ.
ފުވައްމުލަކުގައި ހައުސިން ޔުނިޓު އިމާރާތްކުރުމަށް ނިންމަވާފައިވާކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިއުލާން ކުރެއްވީ ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މިދިޔަ އަހަރުގެ މާޗު މަހުގެ ތެރޭގައި ފުވައްމުލަކަށް ވަޑައިގެން އެރަށު ރައްޔިތުންނާއެކު ބޭއްވި މާހެފުމެއްގައެވެ.
ޚަބަރު
ޚަބަރު