މާލެއާއި އަތޮޅުތެރޭގައި މި ފަހުން ހިނގި އަލިފާނުގެ ހާދިސާތަކާ ގުޅިގެން ބޮޑު ތަހުގީގެއް ފަށާފައިވާ ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް (ސީޕީ) މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

ސީޕީ ހަމީދު މިއަދު ހެނދުނު ކުރެއްވި ޓުވީޓުގައި ވިދާޅުވީ ފަހަކަށް އައިސް މާލެ އާއި އަތޮޅުތެރޭގައި ހިނގި އަލިފާނުގެ ހާދިސާތަކުގެ ބޮޑު ތަހުގީގެއް މިހާރު ފަށާފައިވާ ކަމަށާއި އެކަމަށް އާންމުންގެ އެއްބާރުލުން ބޭނުންވާ ކަމަށެވެ.

އަލިފާނުގެ ހާދިސާތަކުގެ ބޮޑު ތަހުގީގެއް ފުލުހުން ފަށާފައިވާއިރު މިއަދު ހެނދުނުގެ ވަގުތެއްގައި ވަނީ މާލޭގެ ނީލަން ފިހާރައިގައި އަލިފާން ރޯވެ ބޮޑުބައެއް ވަނީ އަނދައި ހުލިވެފައެވެ. އަދި އިއްޔެ ހަވީރުގެ ވަގުތެއްގައި ގދ. ފިޔޯރީ ސްކޫލުގެ އިމާރާތެއްގައި ވަނީ އަލިފާނުގެ ހާދިސާއެއް ހިންގައިފައެވެ.

އޭގެ އިތުރުން މިދިޔަ މަހުގެ ތެރޭގައި ގުޅީފަޅުގައި ހުރި އެކޮމޮޑޭޝަން ބްލޮކެއްގައާއި ގދ. ގައްދޫ ގެއެއްގެ ބަދިގޭގައިވެސް އަލިފާނުގެ ހާދިސާއެއް ހިނގާފައިވެއެވެ.

ގައްދޫގައި ހިނގި ހާދިސާގައި އުމުރުން ދުވަސްވީ މީހަކު ވަނީ މަރުވެފައެވެ. އެ މީހާ މަރުވީ، ފިހިގެން ލިބުނު ޒަހަމްތަކަށް ގދ. ތިނަދޫގައި ހުންނަ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށް މިދިޔަ މަހުގެ ދިހަ ވަނަ ދުވަހުއެވެ.