ނަވާލް ކޮށިއަރައިގެން ކެއްސައިގަތުމާއެކު ތިއާ ޓިޝޫއެއް ދަމައިގަނެފައި ނަވާލަށް ދިއްކޮށްލިއެވެ. ދެން ނަވާލް ކައިރިއަށް އައިސް ބުރަކަށީގައި ފިރުމާލިއެވެ.
"ކިހިނެއް ތިހެދީ... އަހަރެން ނުބުނަމެއްނު އެމީހަކީ ނަވާލޭ"
ތިއާގެ އެ ޖުމްލައާއެކު ނަވާލް ހުއްޓުން އެރިއެވެ. ތިއާގެ މޫނަށް ބަލައިލާފައިވެސް އެއްޗެއް ނުބުނެއެވެ. އޭނާގެ ކެހިވަރު މައިތިރިވީ ތިއާ ދިން ފެންތަށި އެއްކޮށް ހުސްވީމައެވެ.
"އޯކޭ ތަ މިހާރު؟" ތިއާ އެހިއެވެ.
ނަވާލް ބޯޖަހާލުމުން ތިއާ އަލުން ގޮނޑީގައި އިށީނެވެ.
"ތިއާ ތިބުނީ ފަހަރެއްގަ ތެދަކަށް ވެދާނެ"
ފަޅިސިކުންތަކަށް ނަވާލް ހިތަށް އެރީ ކައިވެނީގެ ކުރިން މަންޝާ އާ އޮތް ގުޅުން ތިއާއަށް ކިޔައިދޭށެވެ. ސަމާސާއަކަށް ނަމަވެސް ތިއާ ބުނެލި ޖުމްލައާއެކު އެވާހަކައިގެ ކުރި ފެޅިއްޖެއެވެ. މަޑުމަޑުން ކުރިއަށްދެވިދާނޭ އޭނާއަށް ހީވިއެވެ.
"އެއްވެސް މަޖަލެއް ނޫން. ހިނގާ ދާން" ތިއާ ބުންޏެވެ.
**********
ފަތިސްނަމާދު ކޮށްގެން ތިއާ ކޮޓަރިން ބޭރަށް ނުކުތެވެ. އޭރު ފަސްގަޑި ބައިވެސް ނުވެއެވެ. ބޮޑުކޮޓަރި އޮތީ ހުސްކޮށެވެ. ނަޒާން ނޫން ބާކީ ތިބި ދެ ފިރިހެނުން މިސްކިތުން އަދި ގެއަށް ނާދެއެވެ. ބަދިގެއަށް ވަނުމުގެ ކުރިން ތިއާ ނުކުތީ ބެލްކަންޏަށެވެ. އަދި އިރުއަރަން ގާތްވެސް ނުވެއެވެ. އުޑުމަތިން ތަރިތަކުގެ ވިދުން އޭރުވެސް ފަނޑުނުވެއެވެ. ހެޔޮވަރު ވަރަކަށް ޖެހިލާ ފިނިފިނި ވައިރޯޅިން ސިކުނޑިއަށް ހަމަޖެހުން ގެނުވައެވެ. މަގުމަތިން ކޮންމެވެސް ވަރަކަށް ދުއްވާ އެއްޗެހި ފެނުނު ނަމަވެސް މަގުމަތި އަމާނެވެ.
ރޭގައި ނަވާލް ދެއްކި ވާހަކަތައް ހަނދާންވުމާއެކު ތިއާ ވިސްނާލިއެވެ. އެވަގުތަކީ މަންޝާ ވެސް ހޭލާ އުޅޭނެ ވަގުތެކެވެ. ޝައިހާނާ ބެހޭގޮތުން އޮޅުންފިލުވާލަން ރަނގަޅު ވަގުތެކެވެ. އަލުން ކޮޓަރިއަށް ވަދެފައި ދެން އައި އިރު ފޯނު އަތުގައި އޮތެވެ. ބެލްކަނީގައި ހުރި ގޮނޑިއެއްގައި އިށީނދެފައި މަންޝާގެ ނަންބަރަށް ގުޅާލިއެވެ. ތިއާ ހީކުރިގޮތަށް މަންޝާ ފޯނަށް ޖަވާބެއް ނުދިނެވެ. ދެވަނަ ފަހަރަށްވެސް ގުޅިއެވެ. ތިންވަނަ ފަހަރަށް މެސެޖް ކުރިއެވެ. މަންޝާގެ އެއްވެސް ހަބަރެއް ނުވިއެވެ.
*******
ޑިޔުޓީއަށް ދާން ތައްޔާރުވެގެން ތިއާ ކޮޓަރިން ނުކުތް އިރު މޭޒު ކައިރީގައި ހުރީ މާޝިތާ އެކަންޏެވެ. ހިނިތުންވުމެއްދީފައި ތިއާ އައިސް ގޮނޑީގައި އިށީނެވެ.
"ފަތިސްނަމާދު ކޮށްގެން އޮށޯންތަނާ މަންމައަށް ލޯ ޖެހިއްޖެ. ބައްޕަ ގޮވާލީމަ ހޭލެވުނީ" މާޝިތާ ބުންޏެވެ.
"އަޅުގަނޑު ހީކުރީ މަންމަ ބަލިވީ ކަމަށް" ތިއާ ބުންޏެވެ.
"މިހުރިހާ އެއްޗެއް އެކަނި ނަހަދައި މަންމައަށް ގޮވާލިނަމައެއްނު"
ނަޒާން ނޫން ހުރިހާ މީހުން ހަމަވުމާއެކު ނާޝްތާ ފެށިއްޖެއެވެ. ޗުއްޓީގައި ހުރި ދުވަސްކޮޅަކަށްވުމުން ނަޒާން ހޭލަނީ ލަހުންނެވެ. އެއްވެސް މީހަކު އޭނައަށް ނުގޮވައެވެ.
"މާދަމާ ކޮންދުވަހެއް؟" ސައިބޯން އިން ނާޔާ ބުންޏެވެ. ހުރިހާ މީހުން ނާޔާއަށް ސަމާލުކަންދިނެވެ. އާމިރުގެ ތަށްޓަށް ސައި އަޅަން ހުރި މާޝިތާ ހީލާފައި ހިޖްރީ ތާރީހް ނާޔާއަށް ބުނެދިނެވެ.
"ކަމޯން މަންމާ... ތާރީހެއް ނޫން މިއެހީ" ނާޔާ ބުންޏެވެ.
"އެންމެންނަށްވެސް އެނގޭ ދަރިފުޅުގެ އުފަންދުވަސްކަން" މާޝިތާ ބުންޏެވެ.
"މިފަހަރު ހަދިޔާއަކަށް އެންމެ ބޭނުމީ ފޯނެއް. ކުރިން މިބުނީ" ނާޔާ ބުންޏެވެ.
މާޝިތާ އާއި އާމިރު އެކަކު އަނެކަކަށް ބަލައިލިއެވެ. ސްކޫލު ނުނިމެނީސް ފޯނެއް ބޭނުންނުވާ ކަމަށް ބުނީ ނާޔާ އަމިއްލައަށެވެ. މިހާރު ކުއްލިއަކަށް ފޯނެއް ބޭނުންވެއްޖެއެވެ. އެއްވެސް މީހަކު ނާޔާއަށް ފޯނެއް ގަނެ ނުދޭނަމެކޭ ނުބުނެއެވެ. ކިޔަވާ ކުއްޖެއް ނަމަވެސް ނާޔާއަކީ ކަންކަން އެނގޭ ވަރުގެ ކުއްޖެކެވެ. ސްކޫލަކަށް ދާއިރު ފޯނެއް އޮތުމަކީ މުހިންމު ކަމެކެވެ. އަވަހަށް ގެއަށް އަންނަން ޖެހުނަސް އަބަދު ރައްޓެހިން މެދުވެރިކޮށް ނާޔާ ގުޅާ ގުޅުމަށް ނިމުން އަންނާނެއެވެ.
******
ހޮސްޕިޓަލުން ތިއާއަށް ސަލާމަތްވެވުނު އިރު ފަހެއް ޖަހައި ބޮޑުވެއްޖެއެވެ. އޭނާ މަގުމައްޗަށް ނުކުތް އިރު ނަވާލް ސައިކަލުމަތީގައި އިނެވެ. ވަކި ހިސާބަކަށް ސައިކަލު ދުއްވި އިރުވެސް ތިއާ ހިމޭނުން އިންކަން ނަވާލަށް ފާހަގަވިއެވެ. ސައިކަލުގެ ލޯގަނޑުން ތިއާ އަށް އޭނާ ބަލައިލި އިރު އެއްދިމާލަކަށް ބަލަހައްޓައިގެން ގެއްލިފައި އިނެވެ.
"ބަލީތަ؟ ނަވާލް އެހިއެވެ.
"ޑޮކްޓަރީ ހަޔާތުގަ މިއަދު މިއީ އެންމެ ދެރަވީ އެއްދުވަސް" ތިއާ ބުންޏެވެ.
"ކިހިނެއްވީ؟" ނަވާލް އެހިއެވެ.
"މިއަދު ރިޕޯޓް ދައްކަން އައި ކުޑަކުއްޖެއްގެ ގައިން ކެންސަރ އެއް ފެނިއްޖެ. އެކުއްޖާ މަންމަ ހާދަ ރުއި އޭ. ސީރިޔަސްލީ. އަހަރެންނަށް ނުހިފެހެއްޓުނު. އަދި އެންމެ ވަން އިޔަރ އޭ ވީ އެ ބޭބީއަށް" ތިއާ ވާހަކަދެއްކިއެވެ.
ނަވާލް ތިއާ އަށް ވިސްނައިދިނެވެ. އެފަދަ ހާލަތްތަކުގައި ހިތްވަރު ކުރަން ޖެހޭނެކަން ބުނެދިނެވެ. ބަލިމީހާއަށާއި އެހީތެރިޔާއަށް ސަޕޯޓަކަށްވާން ޖެހޭނެކަން ބުނެދިނެވެ.
ތިއާ ހަމަޔަކަށް އެޅުނުކަން އެނގުމުން ގޮވައިގެން އައީ ފުލްމޫން ގެއަށެވެ. އެއީ ތިއާ ބުނެގެންނެވެ. އެގެއަށް ތިއާ އާއި އެކުގައި ނަވާލްވެސް ވަނެވެ.
**********
ކޮޓަރިން ނުކުތް ދިލްޝާދަށް ސޯފާގައި އިން ނަވާލް ފެނިފައި ހިނިތުންވެލިއެވެ. ދެފަރާތް ހޯދާލީ ތިއާ އިންނާނެ ކަމަށެވެ. އެހެންނަމަވެސް ތިއާ ފެންނަން ނެތުމުން ދިލްޝާދު ހިތުގައި ސުވާލު އުފެދުނެވެ.
"ތިއާ ގޮވައިގެން އައިސް މީނީ. ވެއްޖެ މަތީގަ" ދިލްޝާދު ކައިރިއަށް އައިސް ހުއްޓުމާއެކު ނަވާލް ބުންޏެވެ. އެގެއަށް އައުމަށްފަހު ތިއާ މަންޝާ އާ ދުރުގައި ނުހުންނާނޭކަން ދިލްޝާދަށް އެނގެއެވެ.
"ހިނގާ ކޮފީ ބޯން" ދިލްޝާދު ބުންނެވެ. "އާދޭ. އިރުކޮޅަކު ޒަވީ އާ ޒަރޫކްވެސް އަންނާނެ"
ނަވާލަށް ނޫނެކޭ ބުނެ އިންކާރު ކުރަން ނުކެރުނެވެ. ދިލްޝާދުގެ ފަހަތުން ނަވާލް ހިނގައިގަތް އިރު ތިއާގެ ހިލަމެއްވޭތޯ މައްޗަށް ބަލައިލިއެވެ.
"ތިއާ އާއި މަންޝާ މީ ވަކިވަކި ދެ މީހުންނަށް ވިޔަސް އެއްފުރާނައެއް ގެންގުޅޭ ދެ ކުދިން" ކޮފީ ހަދަން ހުރި ދިލްޝާދު ބުންޏެވެ. ދިލްޝާދާ އެއްވެސް ވާހަކައެއް ދައްކަން ނުކެރިފައި ނަވާލް އިނެވެ. ދިލްޝާދު އެއްޗެއް ބުނާ ބައެއްފަހަރު ނަވާލް ބައިވެރިވެއެވެ.
"މިތިބަ އައީނު. ބަލާބަލަ މީނދީ ކާކު؟" މޭޒު ކައިރިއަށް އައިސް ހުއްޓުނު ޒަވީ އާއި ޒަރޫކަށް ދިލްޝާދު ބުންޏެވެ.
ޒަވީ ހީލާފައި ނަވާލްގެ ގައިގައި ބައްދާލިއެވެ. ޒަރޫކަށް ނަވާލް ތައާރަފުކޮށްދެން އުޅުމުން އެކަން ޒަރޫކް މަނާކުރިއެވެ. އޭނާއަށް ނަވާލް އެނގޭ ކަމަށް ބުންޏެވެ. މަގުމަތިން ދިމާވި ވާހަކަ ބުންޏެވެ. ޒަރޫކަކީ ނާޔާގެ ޓީޗަރެއްކަން ބުނީ ފަހުންނެވެ.
"މިގޭ ކުއްޖަކާއެއްނު ނަވާލް އިނދެގެން އުޅެނީ" ދިލްޝާދު ބުންޏެވެ. އެއީ ތެދެއްހޭ އަހާލާ ކަހަލަ ގޮތަކަށް ޒަވީއަށް ޒަރޫކް ބަލައިލިއެވެ.
"މަންކޮއެއް ނޫން ކަން ޔަގީން. ދެން ކާކު ބާ؟" ޒަރޫކް ބުންޏެވެ.
*******
ފާހާނައިން ނުކުތް މަންޝާއަށް އެނދުގައި އޮތް މީހަކު ފެނުމާއެކު ހައިރާންވިއެވެ. ތިއާ އޮތީ އެނދުގައި އޮށޯވެގެންނެވެ. މަންޝާ ފެނުމާއެކު ތެދުވެ އެނދުގައި އިށީނެވެ.
"ތިއާ ތަ؟ ބިރުން ހަލާކުވެއްޖެ" މަންޝާ ބުންޏެވެ.
މަންޝާއަށް ތިއާ ބަލައިލީ ޝަކުވާގެ ނަޒަރަކުންނެވެ. ޝަކުވާތައް ބޭރުކުރަން ފަށާފައި ނުފަށާނެ ދިމާލެއް އޭނާއަށް ނޭނގުނެވެ. ހިތުގައިޖެހިފައި އިންވަރުން އޭނާގެ ދެލޮލުން ކަރުނަ ފާއްދާލައިފިއެވެ. ތިއާގެ ހަބަރެއް ނުވެ ގިނައިރުތަކެއް ވުމުން ލޯގަނޑު ކައިރީގައި ހުރި މަންޝާ ބަލައިލިއެވެ. ތިއާ ދެލޯ ފޮހެލިތަން ފެނުމުން މަންޝާ ހައިރާންވިއެވެ. އޭނާއަށް ދުރުގައި ނުހުރެވުނެވެ. އައިސް ތިއާ ކައިރީގައި އިށީނެވެ.
"ކަމެއްވީތަ؟" މަންޝާ އެހިއެވެ. ތިއާ އެއްޗެއް ނުބުނެ އިނުމުން މަންޝާ ތިއާ ގެ އަތުގައި ހިފާލިއެވެ. އެހިނދު ކުޑަކުއްޖެއްހެން މަންޝާގެ އަތް ތިއާ ދުރުކޮށްލިއެވެ. ތިއާގެ އެ އަމަލުން މަންޝާ ކައިރިއަށް އައީ ހިންޏެވެ.
"ސޮރީ.... އަހަރެން ނިދާފައޭ އޮތީ ތިއާ ގުޅި އިރު" މަންޝާ ބުންޏެވެ.
ތިއާ ހިތްހަމަނުޖެހިފައިވި ނަޒަރެއް މަންޝާއަށް ދިނެވެ.
"ތިބުނީ އަހަރެން މެރީކޮށްގެން ދިޔަފަހުން އަހަރެން ގުޅި ކޮންމެ ގަޑިއެއްގަ މަން އޮތީ ނިދާފައޭތަ؟" ތިއާ ބުންޏެވެ.
މަންޝާ ތެދުވިއެވެ. އަލުން ގޮސް އޭނާ ހުއްޓުނީ ލޯގަނޑު ކައިރީގައެވެ. ތިއާގެ ޝަކުވާތަކަށް އޭނާ ދޭނެ ޖަވާބެއް ނެތެވެ. އޭނާ ތިއާ އާ ދުރުކަމެއް ބެހެއްޓީ އޭނާގެ ހިތަށް އުނދަގޫވާވަރުންނެވެ. އެހުރިހާ ވާހަކައެއް އޭނާ ތިއާ އަށް ކިޔައިދޭނީ ކިހިނެއް ހެއްޔެވެ؟
"އަހަރެން މިއައީ އެހެން މީހެއް ކައިރިއަކަށް ނޫން. މަން ކައިރިއަށް" ތިއާ ބުންޏެވެ.
ކަމެއްވީ ކަމަކަށް މަންޝާ ނެހެދުނެވެ. ތައްޔާރުވެލައިގެން އައިސް އޭނާ ތިއާ ކައިރީގައި އިށީނެވެ. ކޮންމެ ގޮތެއް ވިޔަސް އޭނާ އާއި ތިއާ މެދު އޮތް ލޭގެ ގުޅުން ކަނޑުވައެއް ނުލެވޭނެއެވެ. އެ ގުޅުމަށް ވުރެ ބޮޑަށް އޮތީ އެކުވެރިކަމުގެ ގުޅުމެކެވެ. އޭނާ ކިތަންމެ ހިތްހަމަނުޖެހި، ހިތަށް އުނދަގޫވެފައި ހުއްޓަސް އެއިން އެއްވެސް ސަބަބެއް ތިއާ އަށް ނޭނގެއެވެ. އެހެންވީމާ ކޮންމެހެން ތިއާ ދުރުކުރަން އުޅުމުގެ ބޭނުމެއް ނެތެވެ.
"އަދިކިރިޔާ އަހަރެން ހަމަޔަކަށް އެޅެމުން މިއަންނަނީ. ސޮރީ އެނގޭ ލަވް. ދެން ނުދޭނަން ޝަކުވާ ކުރާކަށް ޗާންސެއް" ތިއާގެ ގައިގައި ބައްދައިލަމުން މަންޝާ ބުންޏެވެ. ތިއާ ހީލިއެވެ. ދެން މަންޝާގެ ގައިގައި ބާރަށް ބައްދާލިއެވެ. މަންޝާއަށް ހެވުނެވެ.
"އަހަރެންނަށް ރޭގަ މަންޒަރެއް ފެނުނު. ނަވާލް ބުނި އެއީ ތިއޮފީހުގަ އުލޭ ޝައިހާނޭ. ކޮންއިރަކު ތި ދެމީހުން ޑޭޓްކުރަން ފެށީ" ތިއާ ބުންޏެވެ.
"ސައްވީސް ގަޑިއިރު އަދި ވީ. އަހަރެން މިއުޅެނީ މެރީ ކުރަން" މަންޝާ ބުންޏެވެ.
ތިއާގެ ތުންފަތްމަތީގައިވި ހިނިތުންވުން ފަނޑުވިއެވެ. ޝައިހާނަކީ ރަނގަޅު މީހެއް ނޫނޭ ނަވާލް ބުނި ހަނދާންވިއެވެ.
"އެއީ ރަނގަޅު ސޮރެއްތަ؟ މިހެން މިބުނީ ނަވާލް...."
"ނަވާލް ބުނާ ކޮންމެ އެއްޗަކީ ކޮންމެހެން ހަގީގަތެއް ކަމަށް ވާންޖެހޭތަ؟ ނަވާލް ބުނެފިއްޔާ އެއީ ތެދަކަށް ވާން މަޖުބޫރުތަ؟ ނަވާލްގެ އަނގައިން ދުވަހަކުވެސް ދޮގެއް ބޭރުނުވޭތަ؟ އެއީ މިދުނިޔޭގަ ހުރި އެންމެ ފުރިހަމަ މީހާ ތަ؟"
ތިއާ ހުރީ ކިޔާނެ ބަހެއް ނޭނގިފައެވެ. މަންޝާއަށް އެވީ ހާދަ ވަރެކެވެ. ފުރަގަހަށް އެނބުރިގެން ހުރި މަންޝާގެ ގައިގައި ފަހަތުން ތިއާ ބައްދާލިއެވެ. އޭނާއަށް ހީކުރެވުނީ ބުނެވުނު އެއްޗަކުން މަންޝާ މާބޮޑަށް ހިތުގައި ޖެހުނީ ކަމަށެވެ.
"ސޮރީ ތިއާ..." މަންޝާ ބުންޏެވެ.
މަންޝާއަށް ރޮވިއްޖެއެވެ. ތިއާގެ ގައިގައި ބައްދާލައިގެން ހުރެ ހިތްފުރެންދެން އޭނާ ރުއިއެވެ.
"އޮފީސް އެންމެން އަބަދު ކިޔަނީ ޝައިހާން ރަނގަޅެއް ނޫނޭ. އޭނަ ގޯހެއް ނޫން. އަހަރެންވެސް ދިރިއުޅުމެއް ބޭނުން. އަހަރެންގެ ހިތް މަރާލާފައި ދިޔަ މީހަކަށްޓަކައި އަބަދު ކަރުނައަޅަން އަހަރެން ހުންނަންވީތަ؟ ޝައިހާން އަހަރެންދެކެ ލޯބިވޭ. މެރީކޮށްގެން އުޅެންފެށީމަ އަހަރެންނަށްވެސް ލޯބިވެބޭނެ... ނޫންތަ....؟
ތިއާ މަންޝާ ގޮވައިގެން އައިސް އެނދުގައި އިށީނެވެ. މަންޝާ ހަމަޖެހެންދެން ގަޔާ ކައިރިކޮށްލައިގެން އިނެވެ. މަންޝާ ދެއްކި ވާހަކަތަކާ އޭނާގެ ހިތް ދެކޮޅެއް ނޫނެވެ. ޝައިހާނަކީ ގޯސް މީހެއް ގޮތަށް ނަވާލް ސިފަކުރިޔަސް ބަލަހައްޓައިގެން ހުރެފައި ކަތި ފިޔަވަޅެއް މަންޝާ އަޅާނެހެނެއް އޭނާއަކަށް ހިއެއް ނުވެއެވެ. މަންޝާގެ ދިރިއުޅުމުގައި އޭނާ ނިންމާ ނިންމުމަކަށް އެހެން މީހުން ފާޑުކިޔަންވީ ކީއްކުރަން ހެއްޔެވެ؟ ތެދެކެވެ. ފާއިތުވެގެން މިދިޔައީ މަންޝާއަށް އުނދަގޫ ދުވަސްތަކެކެވެ. އެހިތްދަތިކަމުން އަރައިގަންނަން އޭނާ ކުރި މަސައްކަތް އެނގޭނީ އެކަނި އޭނައަށެވެ.
"ދެރަނުވޭ. އަހަރެން އެހެން އަހާލީއެއްނު" ތިއާ ބުންޏެވެ.
"އެންމެން އެހެން ކިޔާތީ އަހަރެން ވަރަށް ބިރުގަނޭ. ބައެއްފަހަރު ހިތަށް އަރަނީ ކޮންމެސް މީހެއްގެ އެސްފީނާއެއް ކޮންމެވެސް ސިފައެއްގައި އަހަރެންގެ ދިރިއުޅުމަށް އެޅިދާނޭ"
"ތިގޮތަށް މަން އަށް ހީވަންޏާ އަހަރެންނަށް ފެންނަނީ އަދި އެއްފަހަރު ވިސްނާލަން. ނޫނީ ޝައިހާންގެ ގޮތް ދަސްކޮށްލަން އަދި މަޑުކޮށްލަން"
މަންޝާ ބޯޖަހާލިއެވެ. ހުދު އޭނާ ނިންމައިގެން ހުރީވެސް އެހެންނެވެ. އޭނާ ޝައިހާންގެ ހުރިހާ ހަރާކާތްތަކަކަށް އެދަނީ ފާރަލަމުންނެވެ. ދިރިއުޅުމެއް ފަށަންއުޅޭ އިރު އެތައް ގޮތަކަށް ވިސްނަން ޖެހޭނެކަން އޭނައަށް އެނގެއެވެ.
ދެކުދިންގެ ވާހަކަތައް އެހިސާބަށް އައިތަނާ އެނދުގައި އޮތް މަންޝާގެ ފޯނު ރިންގުވާން ފެށިއެވެ. ފޯނު ބަލައިލީ ފޯނާ އެންމެ ކައިރީގައި އިން ތިއާއެވެ.
"ބޮޑުމަންމަ އެގުޅަނީ. އައިގޮތަށް ހަބަރެއްނުވީމަ ކަންނޭނގެ. ހިނގާ ތިރިއަށް" ތިއާ ބުންޏެވެ.
ދެކުދިން އެއްކޮށް ދޮރާ ދިމާލަށް ހިނގައިގަތެވެ. ދޮރާ ހަމައިން ތިއާ ހުއްޓުނީ ކުއްލިއަކަށެވެ. އެގެއަށް އައި އިރު އޭނާ ހަނދާންނުން ކައްސާލާފައިވާ ކަމެއް ހަނދާނަށް އައީ ކުއްލިއަކަށެވެ. ވަގުތުން ހީވީ މީހާގެ ހަމަޖެހުން ގެއްލުނު ހެންނެވެ. ކައިރީގައި ހުރި މަންޝާގެ އަތްތިލައިގައި ތިއާ އަށް ހިފަހައްޓައިލެވުނެވެ.
*********
ކާބައިގެ ތެރޭގައި ތިން ޒުވާނުން ވާހަކަދައްކާ އަޑު އިވިއިވި ހުއްޓެވެ. މަންޝާ އެތެރެއަށް ވަންއިރުވެސް ތިއާ ހުރީ ފަހަތުގައެވެ. ކޮންމެވެސް ސަބަބަކާ ހުރެ އޭނާގެ ހިތުގައި ނުތަނަވަސްކަމެއްވިއެވެ. ހުއްޓުވާފައި މަންޝާ ކައިރީގައި އަހާކަށްވެސް ނުކެރުނެވެ.
"މިހިރަ ކަމެއް. ތަންކޮޅެއް ބާރަށް އާދެބަލަ" ފަހަތަށް އެނބުރިފައި މަންޝާ ބުންޏެވެ.
ދެން ތިއާ ގެ އަތުގައި ހިފައި އެތެރެއަށް ދަމައިގަތެވެ. އެހިނދު ބަލައިލީ ތިން ޒުވާނުން އެކީގައެވެ. އެވަގުތު ތިއާއާ ދިމާލަށް އިން ޒަރޫކްގެ ނަޒަރު ސީދާވިއެވެ. ތިއާ އަށް ހީވީ ގަޔަށް ހޫނުފެން އެއްޗެއް އޮށްސާލިހެންނެވެ. ބޮލަށް އެނބުރުން އަރައިގެންދިޔަ ވަގުތު ހަށިގަނޑުގެ ބެލެންސް ނުކުރެވުނެވެ. ލޯމައްޗަށް ފުސްކަމެއް ވެރިވުމާއެކު ތިއާ އަށް ދެންވީގޮތެއް ނޭނގުނެވެ.
********
ޒަރޫކާއެކު ޒަވީ އިނީ ބެލްކަނީގައި މަޑުކޮށްލައިގެންނެވެ. ދެ ޒުވާނުންވެސް އެވަގުތަށް ތިބީ ހިމޭންވެފައެވެ. އެންމެފަހުން ވާހަކަދެއްކީ ޒަރޫކެވެ.
"މިގޭ ކުއްޖެއްތަ އެއީ ވެސް" ޒަރޫކް އެހިއެވެ.
ޒަވީ އޮޅުންފިލުވައިދިނެވެ. މިހުރިހާ ދުވަހު ތިއާ އުޅުނީ ރާއްޖެއިން ބޭރުގައި ކަމަށް ބުންޏެވެ. ރާއްޖެ އައީ ވަރަށް ފަހުން ކަމަށް ބުންޏެވެ. ނަވާލާއި ތިއާގެ ކައިވެނިވީ ކިހިނެއްކަންވެސް ކިޔައިދިނެވެ.
"ކުއްލިއަކަށް ކިހިނެއް އެވީ؟" ޒަރޫކް ބުންޏެވެ.
"ނޭނގެ. ވެދާނެއްނު ކަލޭ ފެނުނީމަ ކަމަށްވެސް" ޒަވީ ބުންޏެވެ.
ކުޑަކޮށް ހީލާފައި ނަމަވެސް ޒަރޫކް އެއަށް ޖަވާބެއް ނުދެއެވެ. އެހެންނަމަވެސް އޭނާ ސިކުނޑިއަށް އުނދަގުވާވަރަށް ބޮލުގައި ރިއްސައިގަތެވެ. އެތަނުން އެންމެފަހުން ހިނގައިގަތީ އޭނާގެ ކޮޓަރިއަށް ދިޔުމަށެވެ.
*****
އެނދުގައި އޮތް ތިއާގެ މަގަތުން އިނީ މާޝިތާއެވެ. އޭނާގެ އަތްތިލައިގެ ތެރޭގައި ތިއާގެ އަތްތިލަ އޮތެވެ. ނަވާލް ހުރީ ކައިރީގައި ކޮޅަށެވެ. ކައިރީގައި މީހުން ތިބުމުން ތިއާ އާ ގާތްވާން ނުކެރިފައެވެ. ދިލްޝާދުގެ އާއިލީ ޑޮކްޓަރު ތިއާ ބަލައިފައި ދިޔަފަހުން އަދި ގިނައިރެއް ނުވެއެވެ. އެއްވެސް މީހަކަށް ތިއާ އަށް ވީގޮތެއް ނޭނގުނެވެ. އެހެންކަމުން ދިލްޝާދު ސުވާލުކުރީ މަންޝާ އާއެވެ. އެގެއަށް އައިސް ތިއާ އުޅުނީ މަންޝާ ކައިރީގައެވެ.
"ނޭނގެ. ކޮޓަރިން ނުކުތްފަހުން ވީގޮތެއް" މަންޝާ ބުންޏެވެ.
"ދަރިފުޅު ދޭބަލަ. ދޮންބެމެން އެދިޔައީ ސައިނުބޮއެ. ދޭބަލަ އެތަނަށް. ނަވާލްގެ ދޮންބެވެސް ގޮވައިގެންދޭ" ދިލްޝާދު ބުންޏެވެ. "ނަވާލްވެސް ދާންވީނުން"
ނަވާލް ދެފަރާތަށް ބޯހޫރާލިއެވެ.
މަންޝާ ހިނގައިގަތެވެ. ތިއާ އަނބުރައިގަތް ހަބަރު ނަވާލްގެ މައިންބަފައިންނަށް ދިނުމާއެކު މާޝިތާ އާއި ނަޒާން މާގިނަ އިރެއްނުވެ އަތުވެއްޖެއެވެ. ނަޒާންގެ ބެލުންތަކުން ސަލާމަތްވާން މަންޝާ ކޮޓަރިއަށް ވަދެގެންވެސް ސަލާމަތް ނުވިއެވެ. އަނެއްކާ އެޖެހުނީ ނަޒާނާ ކުރިމަތިލާށެވެ.
*****
މަންޝާ މޭޒު ކައިރިއަށް ދިޔަ އިރު އެއްވެސް މީހަކު ނެތެވެ. ސޯފާގައި ނަޒާން ފޯނާ ކުޅެން އިނެވެ. މަންޝާ ދެފަރާތް ބަލައިލިއެވެ. ޒަރޫކް ފެންނަން ނެތެވެ. ޒަވީ ފޯނުގައި ހުރިތަން ފެނުމުން މަންޝާ ދިޔައީ އެދިމާލަށެވެ. ނަޒާންގެ ކުރިމަތިން ދިޔައިރުވެސް ނަޒާން އެހެން ދިމާލަކަށް ނުބަލައެވެ. މަންޝާއަށް ނޭނގޭނެހެން އޭނާ ދިޔައީ މަންޝާގެ ކޮންމެ ހަރަކާތެއް އަތުގައި އޮތް ފޯނުގައި ރައްކާކުރަމުންނެވެ.
"ދޮންބެ ސައިބޯހިތެއް ނެތް. ޒައްރަވެސް ކޮޓަރިއަށް ވަދެއްޖެ. ނަވާގެ ބޭބެއަށް ސައިދީ"
މަންޝާ ކުރިއަށް ވުރެވެސް ބޮޑަށް ހާސްވިއެވެ. އެޖެހުނީ ނަޒާނަށް އެކަނި ސައިދޭށެވެ. އެކަމުން ރެކެވޭނެ ގޮތެއްވެސް ނެތެވެ. ނަޒާންގެ ކުރިމައްޗަށް އަރަން މިހާރު މަންޝާ ލަދުގަނެއެވެ.
"ސައި... ސައިބޯން ހިނގާ" މޭޒާ ދިމާއަށް ހިނގައިގަނެފައި ވަކި ހިސާބަކުން ހުއްޓި މަންޝާ ބުންޏެވެ.
"ހޭވައްލާ ތައްޔާރު. އަވަހަށް ހިނގާ ދޯ" ނަޒާން ބުންޏެވެ.
ނަޒާން ހިނގައިގަތީ މަންޝާގެ ފަހަތުންނެވެ. އޭނާގެ ކަތިނަޒަރު މަންޝާގެ ކޮންމެ ހަރަކާތަކަށް ހުއްޓިފައިވިއެވެ. ވާހަކަދައްކާލަން އެލިބުނީ ރަނގަޅު ވަގުތެކެވެ. ފެންނަ ހިސާބެއްގައި މީހަކު ހުރީކިއެއް ނޫނެވެ.
"ކަޅު ސައިތަ؟ ނޫނީ ކޮފީ ތަ؟" މަންޝާ އެހިއެވެ.
"މަންގެ ތި ދެއަތުން ޒަހަރު ދިނަސް ހެޔޮ" ނަވާލް ބުންޏެވެ. އެހިނދު މަންޝާގެ ހަރަކާތްތަކަށް ހުއްޓުމެއް އައެވެ. ނަޒާންގެ ނިޔަތަކީ ކޮބައިކަން އޭނާއަށް އެނގިއްޖެއެވެ. ނޭނގެނީ އޭނާ އާ މެދު ނަޒާން އެހައި ޝައުގުވެރިވީ ކޮންއިރަކު ކިހިނެއް ކަމެވެ.
"ދަނީތަ؟" ނަޒާނަށް ކަޅު ސަޔާއި ހެދިކާ ތަށި ކައިރިކޮށްދީފައި މަންޝާ އުޅުނީ އަވަހަށް ނަޒާންގެ ލޯމަތިން ގެއްލޭށެވެ.
"އަހަރެން އެކަނި މިތާ އިންނަންވީމަ ދެން އެހާ ކަމަކުނުދޭ. މަން ވެސް އާދޭ އަހަރެން ނިމެންދެން މަޑުކޮށްލަން" ނަޒާން ބުންޏެވެ. އަންނަން ނާންނަން ހުރިކަހަލަ ގޮތަކަށް މަންޝާ ހިނގައިގަތެވެ.
"އައި ޕްރޮމިސް އަހަރެން ކައެއް ނުލާނަން"
މަންޝާ އައިސް މަޑުކޮށްލިއެވެ. އެކަމަކު އިށީންނާކަށް ނޫޅުނެވެ. އެވަރުވެސް ނަޒާނަށް ފުދެއެވެ. މަންޝާ މަޑުކޮށްގެން ހުރުމަކީވެސް އޭނާއަށް ބޮޑުވަރެވެ.
ނަޒާން ސައިބުއި ތަށިތައް ދޮވެފައި އެނބުރުނު ވަގުތު މަންޝާ ދިޔައީ ސިއްސައިގެންނެވެ. ނަޒާން ހުރީ މޫނުޖެހޭ ހިސާބުގައެވެ. މަންޝާ ސިހުނުކަން އެނގުމާއެކު ނަވާލް ދުރަށް ޖެހިލިއެވެ. ދެން ފޯނު މަންޝާގެ މޫނަށް އަމާޒުކޮށްލާފައި ފޮޓޯއެއް ނެގިއެވެ. ހައިރާންވެފައި މަންޝާ ނަޒާނަށް ބަލައިލިއެވެ. އެހިނދު ނަޒާން ހިނިތުންވެލިއެވެ.
(ނުނިމޭ)