ގާނޫނުގައި ބަޔާންކުރާ 3،000 މެމްބަރުން ހަމަނުވާތީ ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) އުވާލަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމި ނިންމުން ބާތިލުކުރުމަށް އެދި އެޕާޓީގެ ފަރާތުން އެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅައިފިއެވެ.
މެމްބަރުންގެ އަދަދު ހަމަކުރަން އިލެކްޝަންސް ކޮމިޝަނުން ދިން މުއްދަތުގައި މެމްބަރުން ހަމަކުރެވިފައިނުވާތީ އީސީން ވަނީ ޑީއާރްޕީ އުވާލަން ނިންމައި، ގާނޫނީ މަސައްކަތްތައް ފަށައިފައެވެ. ނަމަވެސް އެޕާޓީ އަދި އުވާލާފައެއް ނުވެއެވެ.
ޑީއާރުޕީގެ ފަރާތުން މިއަދު ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ ޕާޓީގައި ތިބި 10،000 އަށްވުރެ ގިނަ މެމްބަރުން އުސޫލާ ހިލާފަށް ޕާޓީން ވަކިކޮށްފައިވާ ކަމަށާއި އީސީގެ ނިންމުމުގެ ސަބަބުން ޑީއާރްޕީ އާއި އެ ޕާޓީގެ މެމްބަރުންގެ ހައްގުތަކަށް ހުރަސް އެޅިފައިވާ ކަމަށެވެ. އެހެންވެ އީސީގެ ނިންމުން ބާތިލުކޮށް، ގަވާއިދާ ހިލާފަށް ޕާޓީން ވަކިކޮށްފައިވާ 10،006 މެމްބަރުން އަލުން ޕާޓީއަށް ރުޖޫއަކޮށްދޭން ޑީއާރްޕީން ވަނީ އެދިފައެވެ.
އެކަމާ ގުޅިގެން "ވަން" އަށް މައުލޫމާތު ދެއްވަމުން ޑީއާރުޕީގެ ލީޑަރު، ކާށިދޫ ދާއިރާގެ މަޖިލިސް މެންބަރު އަބުދުﷲ ޖާބިރު ވިދާޅުވީ ޑީއާރްޕީއަކީ ވަރަށް ދޮށީ ޕާޓީއެއް ކަމަށާއި އެ ޕާޓީ އުވިގެންދާން ފުރުސަތު ނުދެއްވާނެ ކަމަށެވެ.
"ކޯޓުން މި މައްސަލަ ކާމިޔާބު ކުރާނަން. އެކަމުގައި ޝައްކެއް ނެތް" ޖާބިރު ވިދާޅުވިއެވެ.
ޖާބިރު އިތުރަށް ވިދާޅުވީ އިލެކްޝަން ކޮމިޝަން ފެއިލްވެފައިވާ ކަމަށާއި އެ ކޮމިޝަން އުވާލައި އެހެން ކޮމިޝަނެއް އުފައްދަން ޖެހޭ ކަމަށެވެ.
ޑީއާރްޕީއަކީ 2005 ވަނަ އަހަރުގެ ޖުލައި މަހުގެ 21 ވަނަ ދުވަހު ރަޖިސްޓްރީކުރި ޕާޓީއެކެވެ. އެ ޕާޓީގެ ފުރަތަމަ ލީޑަރަކީ މިހާރު އެމްއާރްއެމްގެ ޒައީމްގެ މަގާމުގައި ހުންނެވި ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމްއެވެ. 2008 ވަނަ އަހަރު މައުމޫން އެ ޕާޓީގެ ފަރާތުން ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި އިރު، ރަނިން މޭޓަކީ ޑީއާރްޕީގެ އެއިރުގެ ނައިބު ޒައީމް ތަސްމީން އަލީއެވެ.
ދެހާސް ދިހަ ވަނަ އަހަރު ބޭއްވި ޑީއާރްޕީގެ ކޮންގްރެސްގައި އެ ޕާޓީގެ ލީޑަރަކަށް އިންތިހާބު ކޮށްފައިވަނީ ތަސްމީނެވެ. އެއަށްފަހު އެ ޕާޓީގެ ތެރޭގައި މައުމޫން އާއި ތަސްމީނުގެ ދެމެދުގައި ހިޔާލުތަފާތުވުންތައް އުފެދުމުގެ ސަބަބުން މައުމޫން ވަނީ ޕީޕީއެމް އުފައްދަވައިފައެވެ. އޭގެ ފަހުން 2013 ވަނަ އަހަރު ތަސްމީން ވެސް ވަނީ ޑީއާރްޕީން ވަކިވެވަޑައިގެންފައެވެ. ތަސްމީނަށްފަހު ޑީއާރްޕީގެ ލީޑަރުގެ މަގަމާވާ ހަވާލުވެވަޑައިގަތީ ކާނަލް މުހައްމަދު ނަޝީދުއެވެ.
ޑީއާރްޕީން 2019 ވަނަ އަހަރު ބޭއްވި ރަސްމިއްޔާތެއްގައި އެ ޕާޓީގެ ލީޑަރުގެ މަގާމު ވަނީ ކާށީދޫ ދާއިރާގެ މަޖިލިސް މެމްބަރު އަބްދުﷲ ޖާބިރާ ހަވާލުކޮށްފައެވެ. އަދިވެސް އެ މަގާމުގައި ހުންނެވީ ޖަބީރެވެ.
ޚަބަރު
ޚަބަރު
ޚަބަރު