ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓައި މިދިޔަ އަހަރު އޮކްޓޯބަރު މަހުގެ 25 ވަނަ ދުވަހު މަރުވި، ގދ. ހޯނޑެއްދޫ/ ސްވެން، އަބްދުﷲ ރަޝީދުގެ ޕޯސްޓްމޯޓަމް ރިޕޯޓު ހާމަކުރާނީ ތަހުގީގު އެއްކޮށް ނިންމާލުމަށްފަހު ކަމަށް ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އިން ބުނެފިއެވެ.

އަބްދުﷲ މަރުވި ސަބަބު ދެނެގަތުމަށް އޭނާގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހެދުމަށް އިންޑިއާއަށް ގެންދިޔައީ މިދިޔަ އަހަރު އޮކްޓޯބަރު މަހުގެ 31 ވަނަ ދުވަހުއެވެ. ޕޯސްޓްމޯޓަމް ހެދުމަށްފަހު މާލެ ގެނެސް، ވަޅުލާފައި ވަނީ މިދިޔަ ނޮވެމްބަރު މަހުގެ ފަސް ވަނަ ދުވަހުއެވެ.

ޕޯސްޓުމޯޓާމް ރިޕޯޓާ ގުޅޭ ގޮތުންނާއި އޭނާގެ މަރުގެ ތަހުގީގު ކުރިއަށްދާގޮތް ހިއްސާނުކުރާތީ އަބްދުﷲގެ އާއިލާއިން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

މިކަމާ ގުޅިގެން އެންއައިސީގެ އިންވެސްޓިގޭޓިވް ޑިޕާޓުމަންޓުގެ ޑިރެކްޓަރު ރިފްއަތު އަބްދުﷲ "ވަން" އަށް މިއަދު ވިދާޅުވީ، އަބްދުﷲގެ މަރުގެ ތަހުގީގު އަދިވެސް ކުރިއަށްދާ ކަމަށެވެ. އަދި ޕޯސްޓުމޯޓަމް ރިޕޯޓު މިހާތަނަށް އެއްވެސް ފަރާތަކާ ހިއްސާކޮށްފައިނުވާ ކަމަށާއި އެ ރިޕޯޓާ ގުޅޭ މައުލޫމާތު ހާމަކުރަން އެ ކޮމިޝަނުން ނިންމާފައިވަނީ ތަހުގީގު ނިމުމަށްފަހު ކަމަށެވެ.

"މާދަމާވެސް ކޮމިޝަނުން އަޅުގަނޑު ގާތު ރިޕޯޓު ހާމަކުރަން ބުނެފިނަމަ އެކަން ކުރާނަން. އެކަމަކު މިވަގުތަށް ނެތް އެފަދަ ގޮތަކަށް ޕްލޭން ކުރެވިފައެއް. އަދި އޮތީ ތަހުގީގު ނިންމުމަށްފަހު އާއިލާއަށްވެސް މީޑިއާތަކަށްވެސް އަދި އެހެން ފަރާތްތަކަށްވެސް މި ރިޕޯޓު ހާމަކުރަން،" އޭނާ ވިދާޅުވިއެވެ.

ރިފްއަތު ވިދާޅުވީ އަބްދުﷲ ގެ މަރުގެ ތަހުގީގު ވަރަށް ބާރަށް ކުރިއަށްދާ ކަމަށާއި ތަހުގީގު އަންނަ މަހުގެ ނިޔަލަށް ނިންމާލެވޭތޯ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ތަހުގީގު ނިންމައި ވީހާވެސް އަވަހަކަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް (ޕީޖީ) އަށް ފޮނުވުމަށްޓަކައި، އެ އޮފީހުގެ މަޝްވަރާއާއެކު ތަހުގީގުގެ މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

އަބްދުﷲގެ އާއިލާގެ ފަރާތުން އޭނާގެ އަނބިމީހާ އާމިނަތު ލީނާ މީގެ ކުރިން "ވަން" އަށް ބުނީ އަބްދުﷲ ޑޮކްޓަރަށް ދެއްކި ލިޔެކިޔުންތަކާއި އެ މަރާގުޅޭ ގޮތުން މިހާތަނަށް ތަހުގީގަށް އެނގިފައިވާ ކަންކަން ހާމަކޮށްދިނުމަށް އާއިލާއިން ތަކުރާރުކޮށް އެންއައިސީގައި އެދުނު ނަމަވެސް މިހާތަނަށް އެއްވެސް ކަމެއް ހާމަކޮށްފައިނުވާ ކަމަށެވެ.