ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް ރ. އަތޮޅުގެ ތިން ރަށަކަށް މިއަދު ވަޑައިގެންފިއެވެ.

ރައީސްގެ ކެމްޕެއިން ދަތުރުފުޅު ރ. އަތޮޅުން މި ފެށީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަސް ފާހަގަކުރުމަށް އަލިފުށީގައި ބޭއްވި ރަސްމީ ހަރަކާތްތަކުގައި ބައިވެރިވެ ވަޑައިގަތުމަށް އެ ރަށަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހުއެވެ.

ރައީސް ސޯލިހުގެ ރިޔާސީ ކެމްޕޭން ޓީމުން ހާމަކުރި ގޮތުގައި, ރ. އަތޮޅުގެ ތިން ރަށަކަށް އެ މަނިކުފާނު ވަޑައިގެން, އެ ރަށްތަކުގެ އެމްޑީޕީގެ މެންބަރުންނާ ރައީސް ބައްދަލުކުރައްވާނެއެވެ.

އެގޮތުން ރ. އަތޮޅުގައި ކެމްޕެއިން ފެއްޓެވީ މާކުރަތުންނެވެ. އަދި މި ދަތުރުފުޅުގައި އިންނަމާދޫ އަދި މީދޫއަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ އިރު, މީދޫގައި ރައީސް ބައިވެރިވެވަޑައިގަންނަވާ ޖަލްސާއެއް އޮންނާނެ ކަމަށްވެސް ކެމްޕޭން ޓީމުން ބުނެއެވެ.

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ހޮވުމަށް ބާއްވާ ޕްރައިމަރީ އޮންނާނީ މި މަހުގެ 28 ވަނަ ދުވަހުއެވެ.