ރ. އަލިފުށި ސްކޫލުގެ މަލްޓިޕާޕަސް ހޯލް ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އެ މަނިކުފާނުގެ އަނބިކަނބަލުން އަދި ފަސްޓް ލޭޑީ ފަޒްނާ އަހުމަދު ހުޅުވައިދެއްވައިފިއެވެ.
ރައީސް ސޯލިހު އަލިފުށި ސްކޫލްގެ މަލްޓިޕާޕަސް ހޯލް ހުޅުވައިދެއްވީ ބައިނަލްއަގުވާމީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަހާ ގުޅިގެން ބާއްވާ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވުމަށް އަލިފުއްޓަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ. އެ ދަތުރުފުޅަށްފަހު ރައީސް މާލެ ވަޑައިގަންނަވާނީ މާދަމާއެވެ.
އަލިފުށި ސްކޫލުގެ މަލްޓިޕާޕަސް ހޯލަކީ ޕީއެސްއައިޕީގެ ދަށުން 6،671,028.38 ރުފިޔާއަށް، ނާސާ ލިންކް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެން ކުރިއަށްގެންދިޔަ މަޝްރޫއެކެވެ.
މަލްޓިޕާޕަސް ހޯލް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ސޯލިހާއި އެ މަނިކުފާނުގެ އަނބިކަނބަލުންގެ އިތުރުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އަދި ރައްޔިތުން މަޖިލީހުގެ އަލިފުށި ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސެއިން (ބިގޭ) ބައިވެރިވެވަޑައިގެންނެވިއެވެ.
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އައިޝަތު ވިދާޅުވީ، އަލިފުށި ސްކޫލުގެ މަލްޓިޕާޕަސް ހުޅުވުމާއެކު އެތަނުގައި ދަރިވަރުންނަށް ތަފާތު ކުޅިވަޅުތައް ކުޅުމަށް އެކަށީގެންވާ މާހައުލެއް ލިބިގެންދާނެ ކަމަށެވެ. އަދި ގައުމީ ފެންވަރުގެ ޖަލްސާތައް އެ ހޯލުގައި ބޭއްވިގެންދާނެ ކަމަށެވެ.
ސަރުކާރުގެ އުއްމީދަކީ އަލިފުށި ސްކޫލުގެ ވަސީލަތްތައް ފުރިހަމަވެ، އެކަމުގެ މަންފާ ދަރިވަރުންގެ އުޅުމާއި އަހުލާގުން ފެނިގެން ދިއުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު