ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީގެ ލީޑަޝިޕުން އައްޑޫ ސިޓީއަށް ނިސްބަތްވާ ފަރާތްތައް ބޭރުކުރެއްވީ އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ކަމަށް އެ ޕާޓީގެ ކުރީގެ ރައީސް ޑރ. އިބްރާހިމް ދީދީ (ޑރ. ޑީޑީ) ވިދާޅުވެއްޖެއެވެ.

ޑރ. ދީދީ އައްޑޫ ބަހުން ފޭސްބުކްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެމްޑީޕީގެ ލީޑަޝީޕުން އައްޑޫ މީހުން ބޭރުކުރެއްވީ "އަންނި" ނުވަތަ ރައީސް ނަޝީދު ކަމަށާއި ރައީސް ސޯލިހު އެއްވެސް މީހަކާ ދޭތެރޭގައި އިހާނެތިކޮށް ކަންތައް ކުރައްވާފައިނުވާ ކަމަށެވެ.

"ތަފާތު ވަރަށް ސާފު، ރައީސް އިބޫ، 2023 ހަބޭސް!" ޑރ. ޑީޑީ ވިދާޅުވިއެވެ.

ޑރ. ޑީޑީ އެމްޑީޕީގެ ރައީސްކަމުން 30 އޭޕްރީލް 2012 ވަނަ އަހަރު ވަކިކުރީ އެ ޕާޓީގެ ގައުމީ މަޖިލީހުގެ 104 ވަނަ ޖަލްސާގައި އޭނާގެ އިތުބާރު ނެތް ކަމަށް ނިންމުމުންނެވެ. ޑރ. ޑީޑީއާއެކު އެ ޕާޓީގެ އެއިރުގެ ނައިބު ރައީސް އަލްހާން ފަހުމީގެ އިތުބާރު ނެތް ކަމަށްވެސް ނިންމިއެވެ.

ޑރ. ޑީޑީ އާއި އަލްހާންއަށް އިތުބާރު އޮތްތޯ ބެލުމަށް އެ ޕާޓީގެ ގައުމީ މަޖިލީހަށް ހުށަހެޅުއްވީ، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ކުރީގެ އަމީންއާންމު އަދި އެ ޕާޓީގެ ކުރީގެ ސްޕޯކްސްޕާސަން، އިންޓަނޭޝަނަލް ހާމިދު އަބްދުލްގަފޫރެވެ.