ބައިނަލްއަގުވާމީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަހާ ގުޅިގެން ބާއްވާ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ދެ ކަނބަލުން ރ. އަލިފުއްޓަށް މިއަދު ހެނދުނު ފުރާވަޑައިގެންފިއެވެ.

ރައީސް އޮފީހުން ބުނީ މި ދަތުރުފުޅުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަހާއި ގުޅިގެން މިއަދު ހަވީރު ބާއްވާ އާއިލީ ހަވީރުގައާއި ދުވަހާ ގުޅިގެން މިރޭ ބާއްވާ ރަސްމީ ޖަލްސާގައި ރައީސްގެ ދެކަނބަލުން ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.

އޭގެ އިތުރުން ރައީސް ސޯލިހު، ރ. އަތޮޅު ކައުންސިލާއި އަލިފުށީ ކައުންސިލާ ބައްދަލުކުރައްވައި، އަލިފުށީ ސްކޫލުގައި އިމާރާތްކޮށްފައިވާ މަލްޓިޕާޕަސް ހޯލް ހުޅުއްވައިދެއްވާނެ ކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ.

މި ދަތުރުފުޅަށްފަހު ރައީސްގެ ދެކަނބަލުން މާލެ ވަޑައިގަންނަވާނީ މާދަމާއެވެ.