އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އެމްޑީޕީ ރިޔާސީ ޕްރައިމަރީ ކެމްޕޭނު ކުރިއަށްގެންދާ އިރު، އެ ކެމްޕޭނުގައި ނަޝީދު ގެންދަވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ސަރުކާރަށް ފާޑުވިދާޅުވަމުންނެވެ. ރައީސް ނަޝީދުގެ "ރިއޭކްޓް" ވާހަކަ ވެސް ފެއްޓެވީ ކެމްޕޭނުގެ ތެރެއިންނެވެ. ރައީސް ނަޝީދު ދައްކަވަމުން ގެންދެވި އެ ހުރިހާ ވާހަކައަކަށް ރައީސް ސޯލިހު މިރޭ ވަނީ ރައްދުދެއްވައި، "ރިއޭކްޓް" ކުރައްވައިފައެވެ.

މި ހަފުތާގެ ތެރޭގައި ފުވައްމުލަކަށް ކުރެއްވި ކެމްޕޭން ދަތުރުގައި ބޭއްވި ޖަލްސާއެއްގައި ރައީސް ނަޝީދު ވިދާޅުވެފައިވަނީ ރިއެކްޓް ނުކޮށް ނޯންނެވުމަށް އެދޭ ކަމަށާއި ހެނދުނާ ތެދުވެވަޑައިގެން ކަންކަމާ މެދު ވިސްނެވުމަށް އެދޭ ކަމަށެވެ. އަދި އަވަހާރަފުޅުލައްޕަވަމުން ވެސް ކޮންމެ ރަށެއްގެ މަގު ޗާޓު، ކޮންމެ ރަށެއްގެ ލޭންޑް ޔޫސް ޕްލޭން ހިތަށް ގެންނަވުމަށް ވެސް އެދޭ ކަމަށެވެ.

އެމްޑީޕީގެ މައި ހަރުގޭގައި ރައީސް ސޯލިހުގެ ރިޔާސީ ޕްރައިމަރީ ކެޕްމޭން ރަސްމީކޮށް ފެށުމަށް މިރޭ ބޭއްވި "ކުރިއަށް އިބޫ 2023" ޖަލްސާގައި ރައީސް ސޯލިހު ވަނީ ނަޝީދަށް ރައްދުދެއްވައި، ބޮޑެތި ފާޑުކިޔުންތަކެއް ވެސް އަމާޒުކުރައްވައިފައެވެ. ރައީސް ނަޝީދަށް އަމާޒުކޮށް، ރައީސް ސޯލިހު ފުރަތަމަ ވިދާޅުވީ، އެމަނިކުފާނަކީ އެއްވެސް މީހެއްގެ އަޅަކަށް ވާނޭ ބޭފުޅެއް ނޫން ކަމަށެވެ.

"މިރޭ މިތާ ހުރެ، ފުރަތަމަ ވެސް އަޅުގަނޑު ތިބޭފުޅުންނަށް ހަނދާންކޮށްދޭން ބޭނުންވަނީ ފުރަތަމަ ފަހަރަށް ކޮންގްރެސްގައި އަޅުގަނޑަށް ރިޔާސީ ޓިކެޓު ދިން ދުވަހު އަޅުގަނޑު ދެއްކި ދެ ވާހަކައެއް. އަޅުގަނޑު އެދުވަހު ބުނިން އަޅުގަނޑުގެ ރައްޓެއްސަކު، އަޅުގަނޑުގެ ކައިރީގައި ބުނި ވާހަކައެއް. އޭނާ، އޭނާގެ ދަރިފުޅު ކައިރީގައި ބުނި ވާހަކައެކޭ ކިޔާފައި އަޅުގަނޑު ކައިރީގައި ބުނީ. ދަރިފުޅާއޭ ބައްޕަ ނޫޅޭ ގޮތަކަށް ދަރިފުޅަކަށް ނޫޅެވޭނެއޭ، އެއްވެސް ކަމެއް ނުކުރެވޭނެއޭ. އެހެންނަމަވެސް އެއްވެސް އެއްޗެއްގެ، އެއްވެސް މީހެއްގެ އަޅަކަށް ވެގެން ނުވާނެއޭ. އަޅުގަނޑެއް އެއްވެސް މީހެއްގެ އަޅަކަށެއް ނުވާނަން. އަޅުގަނޑުގެ ހުރީ އެންމެ ފަރާތެއް،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވަނީ 2008 އިން ފެށިގެން މިހާތަނަށް ބޭއްވި ރިޔާސީ އިންތިހާބުތަކާ ގުޅޭގޮތުން ވެސް ވާހަކަފުޅުދައްކަވައިފައެވެ. އެ ހުރިހާ އިންތިހާބުތަކެއްގެ ތަޖުރިބާއަށް ބަލާފައި ގޮތް ނިންމަންވާނީ އެ އިންތިހާބުތަކުގެ އަލީގައި ކަމަށް ރައީސް ވިދާޅުވިއެވެ.

"2008 ގެ ފުރަތަމަ ބުރުގައި އަޅުގަނޑުމެންނަށް ލިބުނީ 25 ޕަސަންޓު. އަޅުގަނޑުމެންނަށް ރިޔާސީ އިންތިހާބު ކާމިޔާބުކުރެވުނީ ކޯލިޝަނެއް ހަދައިގެން. ސިޔާސީ އެހެން ފިކުރުގެ މީހުން އަޅުގަނޑުމެންނާ އެއްބައި ކުރުވައިގެން. އެހެންނަމަވެސް ކިހިނެއްތޯވީ؟. ދެ މަސްނުވެ، ކޯލިޝަން ރޫޅިގެން ދިޔައީ. ވީ ވައުދު އޮތީ އޮތް ތަނެއްގައި. އެއަށްފަހު ހުރަހަކަށްފަހު ހުރަހެއް، ދައްޗަކަށްފަހު ދައްޗެއް ކުރިމަތިވަމުން އައިސް އަޅުގަނޑުމެންނަށް ދައުރު ފުރިހަމަނުކޮށް އަނެއްކާވެސް ޖެހުނީ މަގުމައްޗަށް ނުކުންނަން،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރައްޔިތުން އިންތިހާބު ކުރާ ވެރިޔަކު، ވައުދުތައް ފުއްދުމަށްޓަކައި ރައްޔިތުން ހަވާލުކުރި ކަންތައްތައް އެ މުއްދަތުގެ ތެރޭގައި ކުރެވެން ޖެހޭނެ ކަމަށާއި އެމަނިކުފާނު އެ ވައުދުތައް ފުއްދަވާނެކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ. އަދި 2013 ގެ އިންތިހާބަކީ އެމްޑީޕީގެ އެންމެ ވަރުގަދަ އިންތިހާބު ނަމަވެސް، އެ އިންތިހާބުން ބަލިވީ ރައީސް ނަޝީދާއެކު ކޯލިޝަން ހަދާނެ ބަޔަކު ނެތިގެން ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

"2013 ވަނަ އަހަރަކީ އެމްޑީޕީގެ އެންމެ ވަރުގަދަ އަހަރު، އަޅުގަނޑުމެންނަށް ލިބުނު 48 ޕަސަންޓު. ދެ ޕަސަންޓު މަދުވީ. އެކަމަކު ރިޔާސީ އިންތިހާބު ކާމިޔާބު ނުކުރެވުނީ އަޅުގަނޑުމެންނަށް ކޯލިޝަންގެ ޕާޓްނަރެއް ނުލިބުމުގެ ސަބަބުން. މިއީ އަޅުގަނޑުމެން ވިސްނަން ޖެހޭނެ ކަމެއް. ކާކާ އެކީގައި ގޮސްގެންތޯ، ސިޔާސީ އެހެން ފިކުރުގެ މީހުން ގެނެސް، އަޅުގަނޑުމެންނަށް ރިޔާސީ އިންތިހާބު ކާމިޔާބުކުރެވޭނީ،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ވޭތުވެދިޔަ ހަތަރު އަހަރު މި ސަރުކާރަށް އުނދަގޫތަކެއް ކުރިމަތިވި ކަމަށާއި އިދިކޮޅު ޕާޓީގެ ފަރާތުންނާއި އެމްޑީޕީގެ އެތެރެއިން ވެސް އެ އުނދަގޫތައް ކުރިމަތިވި ކަމަށެވެ. އަދި މި ސަރުކާރު ފެށުމާއެކުގައި ކޮންމެ ދުވަހަކު ސަރުކާރަށް ދަތިކުރުމާއި އުނދަގޫކުރުމާއި ރައްޔިތުންގެ ކުރިމަތީގައި އެމްޑީޕީއާ ދޭތެރޭގައި ނަފުރަތު އުފެއްދުމަށްޓަކައި ޕާޓީ ތެރެއިން މަދު ބަޔަކު ނަމަވެސް، އެކަން ކުރަމުންދިޔަ ކަމަށް ވިދާޅުވިއެވެ.

"މިއީ ހަގީގަތް. މިއަދު އަޅުގަނޑު އެބޭފުޅުންނަށް ދަންނަވާނީ އެކަން ހުއްޓާލައްވާށޭ. ހުއްޓާލައްވާފައި ވަޑައިގެން، އަޅުގަނޑުމެންނާއެކު ރައްޔިތުންނަށް ހިދުމަތްކުރުމަށްޓަކައި، މި ވެފައި އޮތް ވައުދުތައް ފުއްދުމަށްޓަކައި އެކީއެކީގައި ކުރިއަށްދަމާ ހިނގާށޭ. ތި ހުރިހާ ބޭފުޅުން ވެސް ވިސްނުމުގައި ބަހައްޓަންވާނެ މިއީ އެތެރޭގެ އިންތިހާބެއް. އަޅުގަނޑު ކައިރީގައި މީހަކު އިހަށްދުވަހު ބުނި ވާހަކައެއް، މި އިންތިހާބުގައި ތިބޭނީ އިދިކޮޅު ކެންޑިޑޭޓުންނެއް ނޫނޭ، ވާދަވެރިންނޭ. އަޅުގަނޑުގެ ވާދަވެރި ކެންޑިޑޭޓެއް ދެން ހުރީ. އެއީ އިދިކޮޅު ކެންޑިޑޭޓެއް ނޫން،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިހާތަނަށް އެމަނިކުފާނު މަސައްކަތްކުރައްވަމުން ގެންދެވީ ނަޝީދު ވިދާޅުވާ ރިއެކްޓް ނުކޮށްވޭތޯ ކަމަށާއި އެހެންނަމަވެސް ބައެއް ކަންތައްތަކުގެ ހަގީގަތް ހާމަކޮށްދިނުމަށް އެކަންކަމަށް ރައްދުދެއްވަން ޖެހިވަޑައިގަންނަވާ ކަމަށެވެ.

"ކޮވިޑުގެ އާލަމީ ވަބާއާއެކުގައި ކޮންމެ ދުވަހަކު، މާދަމާ ބަނޑަށް ޖެހެނީ، ކާޑު ހުސްވާނެ، ބޭހެއް ނެތް، ރަށްރަށުން ދެން އަންނާނީ ބޮޑީ ބޭގުތައް، މިހެން ގޮސް މިދިޔަ ދެ އަހަރު އަޅުގަނޑުމެން މި ހޭދަކުރީ މި ވާހަކަތައް އަޅުގަނޑުމެންގެ ކަންފަތުގައި އިވިއިވި ހުރެ. މި ދަތިކަމުގައި ވެސް އަޅުގަނޑުމެން ކޮވިޑު ކޮންޓްރޯލު ކުރެވިގެން އެދިޔަ ގޮތާއި، ރައްޔިތަކު ބަނޑަށް ޖެހިގެން މި ގައުމުގައި ހުރިތޯ، އަސާސީ ހިދުމަތެއް ނުލިބި ހުރިތޯ. ތި ބޭފުޅުން ވިސްނަވާ، ވިސްނަވާ،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ނަޝީދު ދައްކަވާ ދަރަނީގެ ވާހަކަތަކަށް ވެސް ރައީސް ސޯލިހު ވަނީ ރައްދުދެއްވައިފައެވެ. ރައީސް ވިދާޅުވީ ބަނގުރޫޓުވެ، މުޅި ގައުމު ހުއްޓުމަކަށް އައިސް، ރާއްޖޭގެ ހާލަތު އަވަށްޓެރި ސްރީލަންކާގައި އޮތް ހާލަތަށް ދާން ބޭނުންވެގެން ނުވަތަ ގެންދަން ބޭނުންވެގެން ރެޔާއި ދުވާލު އެ ވާހަކަ ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވާ ކަމަށެވެ.

"އެންމެ ފަހުން އިއްޔެ ފުވައްމުލަކުގައި ވިދާޅުވީ ކީކޭތޯ. ޖެނުއަރީ މަހު އެކަނި ލޯނު އަނބުރާ ދައްކަން 79 މިލިއަން ޑޮލަރު ސަރުކާރުން ދައްކަން ޖެހެއޭ. ކުރިއަށްއޮތް ކޮންމެ މަހަކު 45 މިލިއަން ޑޮލަރާއި 50 މިލިއަން ޑޮލަރު ދައްކަން ޖެހެއޭ، ސަރުކާރަކު ނެތޭ ލާރިއެއް. ހަގީގަތް މިހުރީ ފެންނަން. މި ވާހަކަތައް ރައްޔިތުންނަށްޓަކައި އޮޅުންފިލުވައިދޭން އަޅުގަނޑު ބޭނުންވަނީ. މިއީ ރިއެކްޓް ކުރުމެއް ނޫން. ބަޖެޓަށް ނަގާފައި ހުރި ދަރަނީގެ ތެރެއިން މިމަހު ދައްކަން ޖެހެނީ 29 މިލިއަން ޑޮލަރު، މި އަންނަ މަހު ދައްކަން ޖެހެނީ 14 މިލިއަން ޑޮލަރު، މާޗް މަހު 28 މިލިއަން ޑޮލަރު،" އެމަނިކުފާނު ވިދާޅުވިއެވެ.

އޮޅުވާލައިގެން ސިޔާސީ މަންފާ ހޯދުމަށްޓަކައި އެކަހަލަ ވާހަކަ ދެއްކުމަކީ ވަރަށް ދެރަ ކަމެއް ކަމަށާއި އޭގެ އާހިރު ނަތީޖާއަކީ ރައްޔިތުންގެ ތެރޭގައި ބިރުވެރިކަމާއި ނުތަނަވަސްކަން އުފެދި، އެމީހުން ދިރިއުޅުމަށްޓަކައި ކުރަން ހުރި މަސައްކަތްތައް ހުއްޓާލައި، އެކަމާ ދޭތެރޭގައި ވިސްނަން ފެށުން ކަމަށެވެ. އަދި އެހެން ނުހެއްދެވުމަށް ރައީސް ނަޝީދަށް އިލްތިމާސްކުރާ ކަމަށް ވެސް ރައީސް ސޯލިހު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ މަސް ބޮޑު އަގުގައި ވިއްކޭނީ ވެލިއު އެޑްކޮށްގެން ކަމަށް ނަޝީދު ވިދާޅުވާ ކަމަށާއި އެ ވިދާޅުވާ ފަދަ އެއްވެސް ކަމެއް ނަޝީދުގެ ސަރުކާރުގައި ކުރައްވާފައިނުވާ ކަމަށެވެ. އަދި ކުރީގެ ސަރުކާރުތަކުން ނުދެއްކި ފައިސާތައް މަސްވެރިންނަށް ދައްކަން ޖެހުނީ މި ސަރުކާރުން ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

"ކީއްތޯ ކުރެއްވީ. ފެލިވަރު ފެކްޓަރީއަކީ 50 ޓަނު ބަންދުކުރެވޭ ތަނެއް، 15 ޓަނަށް ކުޑަކުރެއްވީ. ދެން ކޮން ވެލިއު އެޑެއްތޯ ކުރެއްވޭނީ. 26 ކިލޯއަށް މަސްކިލޯއެއް ގަތީމޭ ވިދާޅުވަނީ، ތެދެއް. އެކަމަކު ކިހިނެއްތޯ ވީ. އެކްސްޕޯޓުކުރަނީ ޓަނަކުން 290 ޑޮލަރު ގެއްލުމުގައި، އެކަން ކުރެވިދާނެ. 2018 ވަނަ އަހަރު ވެސް، އޭރުގެ ރައީސުލްޖުމްހޫރިއްޔާ މަހުގެ އަގު ބޮޑުކުރެއްވި. އެކަމަކު ކިހިނެއްތޯ ވީ. ރައްޔިތުންނަށް ފައިސާ ނުދައްކައޭ. އަޅުގަނޑުމެން ވެރިކަމަށް އައިސް، އޭރު ނުދައްކާ ބޮޑު ކުރި އަގު ދައްކަން ޖެހުނީ. އަޅުގަނޑުމެން އައިސް، ފުރަތަމަ ދެ މަސް ދުވަހުގެ ތެރޭގައި 39 މިލިއަން ރުފިޔާ މަސްވެރިންނަށް ދައްކަން ޖެހުނީ. މިއޮތީ ރިޔާސީ އިންތިހާބެއް ކުރިމަތީގައި. އަޅުގަނޑަށް ކޮށްލެވިދާނެ 30 ރުފިޔާއަށް ވެސް،" އެމަނިކުފާނު ވިދާޅުވިއެވެ.

މަސްވެރިކަމުގެ އިންޑަސްޓްރީ ކުރިއަރުވަންވީ ގޮތަކީ އެއީ ނޫން ކަމަށާއި އެ އިންޑަސްޓްރީ ކުރިއެރުވުމުގެ މަސައްކަތް ރަނގަޅަށް ކުރަމުން އަންނަނީ މި ސަރުކާރުން ކަމަށެވެ. އަދި އެހުރިހާ ވާހަކައެއް އެ ސަރުކާރުތަކުން ދެއްކި އިރުގައިވެސް، މަސްވެރި ސިނާއަތް ތަރައްގީކުރުމަށްޓަކައި ކުރި ކަމެއް ނެތް ކަމަށާއި ޔޫރަޕާއި އިނގިރޭސިވިލާތަށް ވިއްކާ މަހުން ޓެކްސް ކަނޑާލުމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކުރެއްވި މަސައްކަތުގެ ކްރެޑިޓް ހޯއްދެވުމަށް ވެސް ނަޝީދު މަސައްކަތްކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ.

"ކުރަންވީ ކަމަކީ މިތަނުގައި ސްޓޯރޭޖު ކެޕޭސިޓީ އިތުރުކުރުން ނޫންތޯ، ފްރީޒިން ކެޕޭސިޓީ އިތުރުކުރުން ނޫންތޯ، ޔޫރަޕަށް ވިއްކާ މަހުން ޓެކްސް ކަނޑާލެވޭތޯ މަސައްކަތްކުރުން ނޫންތޯ، އިނގިރޭސިވިލާތަށް ވިއްކާ ދަޅުމަހުން ޓެކްސް ކަނޑާލެވޭތޯ މަސައްކަތްކުރުން ނޫންތޯ. އަބްދުﷲ ޝާހިދު އެކަން ނިންމާ ހިސާބުން މިހާރު އެ ވިދާޅުވަނީ، މި އަންނަ މަހުގައި އެކަން ވާނެއޭ. ޝާހިދު ދެން ކޮންކަމެއްތޯ ކުރެއްވީ،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ފުވައްމުލަކު ސިޓީގައި ހުންނަވައި، އެ ސިޓީގައި ތަރައްގީގެ މަޝްރޫއެއް ނުހިންގެއޭ ނަޝީދު ވިދާޅުވުމަކީ ބޮޑު ޖޯކެއް ކަމަށާއި މި ސަރުކާރުން އެ ސިޓީގައި 786 މިލިއަން ރުފިޔާގެ ޕްރޮޖެކްޓު ހިންގާ ކަމަށެވެ. އަދި މިހާތަނަށް ފުވައްމުލަކަށް 436 މިލިއަން ރުފިޔާ ހަރަދުކޮށް ނިންމާފައިވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ސޯލިހާއި ރައީސް ނަޝީދު ވާދަކުރައްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 28 ވަނަ ދުވަހުއެވެ.