ދައުލަތުގެ ދަރަންޏާ ގުޅޭގޮތުން އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ދައްކަވާ ވާހަކަތަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ރައްދު ދެއްވައިފިއެވެ.

ފުވައްމުލަކުގެ، ދޫނޑިގަން އަވަށުގައި އިއްޔެ ބޭއްވި ޖަލްސާގައި ނަޝީދު ވިދާޅުވެފައިވަނީ މިއަހަރު ގައުމު ކުރިމަތިލާން ޖެހިފައިވަނީ ބޮޑު ގޮންޖެހުންތަކަކާ ކަމަށާއި އެއީ އިގުތިސޯދަށް އައި މާލީ ހީނަރުކަން ކަމަށެވެ. ޓެކްސް އިތުރުކުރަން ފެށުމާއެކު ތަކެތީގެ އަގު އުފުލިފައިވާ ކަމަށާއި މިހާރު މި މަހު ދައްކަން ޖެހޭ ބޭރުގެ ދަރަނީގެ އަދަދު 97 މިލިއަން ޑޮލަރަށް އަރާ ކަމަށެވެ. އަދި މިއަހަރު ކޮންމެ މަހެއްގައި ވެސް 45 މިލިއަން ޑޮލަރާއި 50 މިލިއަން ޑޮލަރުން ދަރަނި ދައްކަންޖެހޭ ކަމަށް ނަޝީދު ވިދާޅުވެފައިވެއެވެ.

ނަޝީދު ވިދާޅުވެފައިވަނީ އެމްޑީޕީން އެކުލަވާލި ޑެބިޓް ރީސްޓްރަކްޗާ ސިޔާސަތު ދޫކޮށްލައި ސަރުކާރުން ނިންމީ ދަރަނި ދައްކަން، ދަރަނި ނެގުމަށް ކަމަށެވެ. އަދި މިހާރު ސަރުކާރުން ނިންމީ ޓެކުހުގެ ގޮތުގައި ރައްޔިތުންގެ އަތުން ފައިސާ އަތުލަން ކަމަށެވެ.

އެމްޑީޕީގެ މައި ހަރުގޭގައި ރައީސް ސޯލިހުގެ ރިޔާސީ ޕްރައިމަރީ ކެޕްމޭން ރަސްމީކޮށް ފެށުމަށް މިރޭ ބޭއްވި "ކުރިއަށް އިބޫ 2023" ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، ނަޝީދު އެ ދެއްކެވި ވާހަކަތުގެ ހަގީގަތް މިރޭ ހާމަކޮށްދެއްވާނެ ކަމަށެވެ.

"ދަރަނީގެ ވާހަކައަކީ ދެން ދައްކަވަމުން ގެންނަ ވާހަކަ. ބަނގުރޫޓުވެ، މުޅި ގައުމު ހުއްޓުމަކަށް އައިސް އަޅުގަނޑުމެންގެ ހާލަތު އަވަށްޓެރި ސްރިލަންކާގައި އޮތް ހާލަތަށް ދާން ބޭނުންވެގެން، ގެންދަން ބޭނުންވެގެން ރެއާއި ދުވާލު އެ ވާހަކަ ތަކުރާރުކޮށް ވިދާޅުވަނީ. އެންމެ ފަހުން އިއްޔެ ފުވައްމުލަކުގައި ވިދާޅުވީ ކީކޭތޯ. ޖެނުއަރީ މަހު އެކަނި ލޯނު އަނބުރާ ދައްކަން 79 މިލިއަން ޑޮލަރު ސަރުކާރުން ދައްކަންޖެހެއޭ. ކުރިއަށް އޮތް ކޮންމެ އަހަރަކު، ކޮންމެ މަހަކު 45 މިލިއަން ޑޮލަރާ 50 މިލިއަން ޑޮލަރު ދައްކަންޖެހޭ ކަމަށް. ސަރުކާރުގައި ނެތޭ ލާރި. ހަގީގަތް މިހުރީ ފެންނަން. މި ވާހަކަތައް ރައްޔިތުންނަށްޓަކައި އޮޅުންފިލުވައިދޭން އަޅުގަނޑު ބޭނުންވަނީ. މިއީ ރިއެކްޓް ކުރުމެއް ނޫން. ދައުލަތަށް ނަގާފައި ހުރި ދަރަނީގެ ތެރެއިން ޑައިރެކްޓް ބަޖެޓަށް ނަގާފައި ހުރި ދަރަނީގެ ތެރެއިން މިމަހު ދައްކަން ޖެހެނީ 29 މިލިއަން ޑޮލަރު، މި އަންނަ މަހު ދައްކަން ޖެހެނީ 14 މިލިއަން ޑޮލަރު، މާޗު މަހު 27 މިލިއަން ޑޮލަރު. އެހެންވީމާ އޮޅުވާލައިގެން ސިޔާސީ މަންފާ ހޯދުމަށްޓަކައި މިކަހަލަ ކަންތައް ކުރުމަކީ ވަރަށް ވަރަށް ދެރަކަމެއް،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ދަރަންޏާ ބެހޭގޮތުން އޮޅުވާލައިގެން ނަޝީދު ވާހަކަދެއްކުމުގެ ސަބަބުން ރައްޔިތުންގެ މެދުގައި ބިރުވެރިކަމާއި ނުތަނަވަސް އުފެދިގެންދާނެ ކަމަށެވެ. އެހެންކަމުން އެގޮތަށް ކަންކަން ނުކުރެއްވުމަށް ނަޝީދުގެ އަރިހުން އެދިވަޑައިގަންނަވާ ކަމަށާއި ޑިމްކޮރޮސީއަކީ އެއީ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ފާޑުވިދާޅުވާން ވާނީ އޮޅުވާނުލައި ހަގީގަތަށް ކަމަށް ރައީސް ވިދާޅުވިއެވެ. މަސްވެރިކަމުގެ ވާހަކަ ދައްކަވާ އިރު، ނަޝީދު ވިދާޅުވަމުން ގެންދަވަނީ ރާއްޖޭގައި ބޮޑު އަގުގައި މަސް ވިއްކޭނީ ސަރުކާރުން ވެލިއު އެޑުކުރުމުން ކަމަށެވެ. ރައީސް ވަނީ އެ ވާހަކަތަކަށް ވެސް ރައްދު ދެއްވައިފައެވެ.

"ކީއްތޯ ކުރެއްވީ، ފެލިވަރު ފެއްޓެވީ 50 ޓަނުގެ ބަންދުކުރެވޭ ތަނެއް، 15 ޓަނަށް ކުޑަ ކުރެއްވިއޭ. ދެން ކޮން ވެލިއު އެޑެއްތޯ ކުރެވޭނީ. 26 ރުފިޔާއަށް މަސްކިލޯއެއް ގަތީމޭ ވިދާޅުވަނީ. ތަދެއް، އެކަމަކު ކިހިނެއްތޯވީ. އެކްސްޕޯޓް ކުރަނީ 290 ޑޮލަރު ޓަނަކުން ގެއްލުމުގައި. އެކަން ކުރެވިދާނެ، 2018 ވަނަ އަހަރުވެސް އޭރުގެ ރައީސުލްޖުމްހޫރިއްޔާ މަހުގެ އަގު ބޮޑުކުރެއްވި. އެކަމަކު ކިހިނެއްތޯވީ، ރައްޔިތުންނަށް ފައިސާ ނުދައްކައޭ. އަޅުގަނޑުމެން ވެރިކަމަށް އައިސް އޭރު ނުދައްކާ އޮތް ބޮޑުކުރި އަގު ދައްކަން ޖެހުނީ، ތިރިކުރަން ޖެހުނީ. 39 މިލިއަން ރުފިޔާ އަޅުގަނޑުމެން ފުރަތަމަ އައިސް ދެމަސް ދުވަހުގެ ތެރޭގައި މަސްވެރިންނަށް ދެއްކީ. އެ އޮތީ ރިޔާސީ އިންތިހާބެއް ކުރިމަތީގައި، އަޅުގަނޑަށް ކޮށްލެވިދާނެ 30 ރުފިޔާވެސް. އެކަމަކު ކީއްތޯ ކުރަނީ، އެއީކީއެއް ނޫން މަސްވެރިކަމުގެ އިންޑަސްޓްރީ ކުރިއަރުވަން ވީ ގޮތަކީ،" ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ، ޔޫރަޕުގެ ގައުމުތަކަށް ރާއްޖެއިން އެކްސްޕޯޓުކުރާ މަހުން ޑިއުޓީ ކަނޑާލަން ނިންމުމުން އެކަމުގެ ކުރެޑިޓް ނަންގަވަން ނަޝީދު މަސައްކަތްކުރެއްވި ކަމަށާއި މަހުން ޑިއުޓީ ކަނޑާލަން ޔޫރަޕުން އެއްބަސްވީ ފޮރިން މިނިސްޓަރު ޝަހީދުގެ މަސައްކަތުން ކަމަށެވެ.