ހައްޔަރު ނުކުރިޔަސް، ބަންދު ނުކުރިޔަސް ވެރިކަން ކުރެވޭނެކަން އެމަނިކުފާނު ސާބިތުކޮށްދެއްވާފައިވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހުގެ އެމްޑީޕީ ޕްރައިމަރީ ކެމްޕޭން ރަސްމީކޮށް ފެށުމުގެ ގޮތުން އެމްޑީޕީ މައި ހަރުގޭގައި މިރޭ ބޭއްވި "ކުރިއަށް އިބޫ 2023" ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އެމަނިކުފާނު އިންތިހާބަށް ނުކުމެ ހުންނެވީ ރާއްޖޭގައި ސުލްހަ އާއި ހަމަޖެހުން މި ގައުމުގައި ގާއިމުކުރުމަށް ކަމަށާއި 2013 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރާ ދޭތެރޭ މި ރާއްޖޭގެ ހާލަތު ރައްޔިތުންނަށް އެނގޭނެ ކަމަށެވެ.
"އިރާދަކުރެއްވިއްޔާ އެ ހުރިހާ ކަމެއް އަޅުގަނޑުމެން މިވަނީ 2018 ގައި މި އުފެދުނު ސަރުކާރުން ބަދަލުކޮށްލާފައި. ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި އެއްވެ އުޅުމުގެ މިނިވަންކަން މިއޮތީ ތަންމިނަށް ހުޅުވާލާފައި. ޖެހިގެން މިއޮތީ، ކުރިއަށްގެންދަނީ އެއޮތް. އެއްވެސް މީހެއް ބަންދުކުރޭތޯ އެބަ. މިތާ އަޅުގަނޑުމެންނަށް ޖަލްސާ ނުބޭއްވިގެން މިދަނީ. އެހެންވިޔަސް، އެ މިނިވަންކަމާއެކީގައި އެބޭފުޅުންގެ ހިޔާލު ފާޅުކުރުމަށް އަޅުގަނޑުމެން މިއޮތީ ޖާގަ ދީފައި. ހައްޔަރު ނުކުރިޔަސް، ބަންދު ނުކުރިޔަސް ވެރިކަން ކުރެވޭނެކަން އަޅުގަނޑުމެން މިދަނީ ދައްކަމުން،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނު ނުކުމެ ހުންނެވީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމަށް ކަމަށާއި ސިޔާސީ ފިކުރެއް ބެލުމެއް ނެތި، ރައްޔިތުންނަށް ބޭނުންވާ ކަންތައްތައް ކޮށްދެމުން ގެންދަވާ ކަމަށެވެ.
"ވަކި ފަރުދަކަށްވީތީ ލިބެންޖެހޭ އަސާސީ ހިދުމަތްތަކެއް އެބަހުރޭ. ސަރުކާރުން ފޯރުކޮށްދޭން ޖެހޭ ހިދުމަތްތަކެއް އެބަހުރި. ގާނޫނު އަސާސީން އެކަން ލާޒިމުކޮށްފައި އެބައޮތް. ރަށެއް އުފެދިފައި އޮތް ގޮތުން، އެ ރަށަކަށް ބޭނުންވާ ވަކި ކަންތައްތަކެއް ކޮށްދޭން އެބަހުރި. އާބާދީ ބޮޑުވީމަ ކޮށްދޭން ޖެހޭ ކަންތައްތަކެއް އެބަހުރި. ސިޓީތަކަށް ކޮށްދޭން ޖެހޭ ކަންތައްތަކެއް އެބަހުރި،" ރައީސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު