ލައިފް ސްޓައިލް

ގޭތެރޭގެ ޕްރެޝަރު އޮފީހަށް، އޮފީހުގެ ޕްރެޝަރު ގެއަށް! ޝަހުސު މަސްހުނިވުމުން ހައިޖާނު އުފެދެނީ؟

1

ގެއިން ނުކުންނަން ވާނީ ގެޔަށް، "ގެވެހި ޝަހުސު" ދޫކޮށްލައިފައެވެ. އޮފީހަށް ވަންނަން ވާނީ ކުރާ މަސައްކަތް، އަދާ ކުރާ ވަޒީފާ، ހުރި މަގާމުގެ ޝަހުސެވެ. ކްލާކެއް ނަމަ ކްލާކެކެވެ. އަންބެއް ނުވަތަ މަންމައެއް، ފިިރިއެއް ނުވަތަ ބައްޕައެއް. ބޭބެއެއް ނުވަތަ ކޮއްކޮއެއް، ދައްތައެއް ނުވަތަ ދަރިފުޅެއް ނޫނެވެ. އާއިލީ ޝަހުސު މަސައްކަތުގެ މާހައުލަށް ގެންނަން ވެއްޖެ ނަމަ ލިބޭ ގެއްލުން ބޮޑުވާނެއެވެ. ކިތަންމެ ހާސްވެ ކަންބޮޑުވެ، ދެރަވެ ރޮވިފައި މަސައްކަތުގައި އުޅުނަސް އެނބުރި ގެއަށް ދެވުމުން ނޫނީ އެކަމަކާ ކުރިމައްޗެއް ނުލެވޭނެއެވެ. އެހެންކަމުން އޮފީހުގެ މާހައުލުގައި އޮފީހުގައި އުޅޭށެވެ. ހަމަ އެގޮތަށް އޮފީހުން ނުކުންނާން ވާނީ މަސައްކަތުގެ ޝަހުސު އެތަނަށް ދޫކޮށްލައިފައެވެ. މާނައަކީ އޮފީހުގެ ހާސްކަން ގެއަށް ނުގެންދާށެވެ.

ހަމަ އެހެންމެ ގޭތެރެ އާއި މަސައްކަތުގެ މާހައުލު މަސްހުނި ނުކުރުމަށްޓަކައި ކުރަން މުހިންމު ކަންތައްތަކެއް ހުރެއެވެ. އެކަމަކީ މުވައްޒަފު މީހާ އާއި ވެރިމީހާއާ އޮންނަ ހެޔޮ ރަނގަޅު ގުޅުމެވެ.

ތިމާގެ މުވައްޒަފު މީހާއާ ގާތްގުޅުމެއް ބޭއްވުމަކީ ކޮންމެހެންވެސް މުހިންމު ކަމެކެވެ. ވެރިޔާ އާއި މުވައްޒަފު މީހާއާ ގުޅުން ހަރުދަނާ ވުމާއި ގާތްކަން ބޮޑުވީ ވަރަކަށް ކުރިއެރުން ބޮޑަށް ލިބޭނީ ހަމައެކަނި މުވައްޒަފު މީހާގެ ހިތަށް ލިބޭ ހަމަޖެހުމަކަށް ނޫނެވެ. އެކަމަކު އެއްކަލަ މުވައްޒަފު މީހާ ހިތްހަމަޖެހުމާއެކު މަސައްކަތުގެ މާހައުލުގައި އުޅޭން މާހައުލެއް ލިބޭކަމުގައި ވާނަމަ ކުރިއަރައިގެން ދާނީ އެ މަސައްކަތެކެވެ. އެ ކުންފުންޏެކެވެ.

މިސާލަކަށް، ކާޑުގެ ބާވަތްތައް މިނެކިރުމުގެ ވިޔަފާރި ހިންގާ ތަނެކެވެ. ވަރަށް ބުރަކަމާއެކު ކޮންމެ ދުވަހަކުވެސް އެެތައް ބައިވަރު ބަޔަކަށް ކިލޯކިލޯއިން ކިރައިފައި ހަވާލު ކުރަން ޖެހޭ ބުރަ މަސްއޫލިއްޔަތެކެވެ. ސޭލްސް ބަލަހައްޓަން ޖެހެއެވެ. ހަނޑުލާއި ހަކުރާއި ފުށުގެ ހަޑިން ތަން ސާފުކޮށް، ބަލަހައްޓަން ޖެހެއެވެ. މަސައްކަތުގައި ތިބެނީ ދެމީހުންނެވެ. އެކަކީ ފައިސާ ބަލައިގަންނަ މީހާއެވެ. އަނެކަކަކީ މިނެކިރާ މީހާއެވެ. އަވަށުގައި ހުރި ހަމައެކަނި މިފަދަ ހިދުމަތް ދޭ ތަނެވެ. ރީޓެއިލް ދެވަނަ ތަނެއް ނެތެވެ. އެހެން ކަމުން ފައިދާ ނުޖެހޭނެ އެއްގޮތެއްވެސް ނެތެވެ. އެހެނެއްކަމަކު އެންމެ ދުވަހަކުވެސް ދެ މުވައްޒަފުން ކުރެ އެކަކުވެސް ބަލިވެއްޖެނަމަ ވެރިމީހާއަށް ވަރަށް ގެއްލުން ވާނެއެވެ. ދެމީހުންގެ ބަންދު އޮންނަނީ ބަހާލެވިފައެވެ. ހުކުރު ދުވަހު އެކަކު، ހޮނިހިރު ދުވަހު އެކަކަށް ބަންދުވާ ގޮތަށެވެ. އެކަމަކު މި ދުވަހު މަސައްކަތަށް ތަފާތެއް އެބަ އާދެއެވެ. ފައިސާ ބަލައިގަންނަ މީހާ ހުންނަނީ މިނެކިރާށެވެ. އޭނާއަށް އިހުސާސް ވާނީ ކޮން އެއްޗެއް ތޯއެވެ. އާދެ، އޭނާއާއި މިނެކިރާ މީހާއާ ދެމެދުގައި ފަރަގެއް ނެތް ކަމެވެ. އެއްކަލަ ހުސްވާ ސޭލްސް މަގާމުގައި މި އިންނަނީ ކާކުކަމަށްތޯއެވެ. އަސްތާއެވެ. މިއީ ތަނުގެ ވެރިމީހާއެވެ.

މިއީ ވެރިންނާއި މުވައްޒަފުންގެ ގުޅުމުގެ ނަމޫނާ މިސާލެކެވެ. ތިމާގެ މުވައްޒަފުން އޮފީހަށް އައިސް ވަނުމުން ހިނިތުންވެލައި ހާލު އަހާލެވެން ވާނެއެވެ. ބަލިވެތޯ އާއި ކަމަކާ ކަންބޮޑުވެފައި ނުވަތަ އުނދަގޫ ވެފައި ހުރެއްޖެނަމަ އެކަން އަހައި ވާހަކަ ދެއްކުމުގެ ނަތީޖާއަކަށް ވާނީ ގޭގެ ހާސްކަމެއްގައި މަސައްކަތް ނުކުރެވިފައި ނުހުރެ ކުރާހިތުން މަސައްކަތް ކުރުމެވެ. ހަމަ އެހެންމެ ވެރިމީހާ ނުވަތަ މަގާމުގެ ގޮތުން ހައިރާކީ ތިރިން މައްޗަށް ދާ ގޮތުން، ކޮންމެ ވެރިޔަކުވެސް، ސުޕަވައިޒަރަކަސް، ޑިރެކްޓަރަކަސް، ސީނިއާ ކޮންމެ ސްޓާފަކު ވިޔަސް، ތިމާގެ މުވައްޒަފު މީހާއާ ގުޅުން ރަނގަޅު ކުރަން ޖެހޭނެއެވެ. ގޭތެރޭގެ ހިތްހަމަނުޖެހުމެއް ހިފައިގެން އެކަކުވެސް އޭރުން އޮފީހަކު ނީންނާނެއެވެ.