"އޯވް... ހާދަ ލޯތްބެކޭ ދޯ. ނަވާލް ކޮންމެހެން އަހަރެންގެ ކަންކަމާމެދު ވިސްނާނެކަމެއް ނެތް. އަހަރެން ޝައިހާނާ ގުޅުމެއް އުފެއްދިޔަސް ނުއުފެއްދިޔަސް އެއީ ނަވާލާ ބެހޭކަމެއް ނޫން" މަންޝާ ބުންޏެވެ. ދެން އޭނާ ހިނގައިގަތީ ސިޑިއާ ދިމާލަށެވެ. ނަވާލް ވާހަކަދައްކަން މަސައްކަތްކޮށްފާނެތީ ލިފްޓު އަންނަންދެން މަޑުކުރަން ބޭނުމެއް ނުވިއެވެ.
*****
ނަވާލް ހިނގައިގަތެވެ. އޭނާ މަންޝާ ހުއްޓުވަން މަސައްކަތްކުރީ ޝައިހާނަކީ ކޮންކަހަލަ މީހެއްކަން އެނގޭތީއެވެ. އެއްގޮތަކަށްވެސް ޝައިހާނާ މެދު އޭނާގެ ހިތުގައި ހަސަދައެއް އޮވެގެނެއް ނޫނެވެ. އެހެންނަމަވެސް މަންޝާ ހުރީ އޭނާގެ ބަހެއް ގަބޫލުކުރާ ގޮތަކަށް ނޫނެވެ. އިތުރަށް މަންޝާ ހުއްޓުވަން އޭނާއަށް ކުރެވޭނެ ކަމެއް ނެތެވެ. ދެފަރާތަށް ބޯހޫރާލުމަށްފަހު އޭނާ އެރީ ލިފްޓަށެވެ.
******
ހިނގައިގަތްއިރު ބުނެދޭން ނޭނގޭ ސަބަބަކާ ހެދި މަންޝާގެ ދެލޮލުން ކަރުނަ ނީރާލާފައި ވިއެވެ ކޯތާފަތްމަތިން ކަރުނަތިކި ހުރަސްކޮށްފާނެ ކަމަށް އަވަހަށް ދެއަތުން ދެލޯކައިރި ފޮހެލިއެވެ. ޒަވީ ގުޅާފައި ބަލައި އަންނަ ވާހަކަ ބުނުމުންވެސް މަންޝާ މަޑެއް ނުކުރިއެވެ. އޭނާ ބޭނުންވީ ހިނގާފައި ނަމަވެސް އަވަހަށް ގެއަށް ދާށެވެ. މަގު ހުރަސް ކުރަން އުޅުނު ވަގުތު ދާދި ކައިރީގައި ސައިކަލެއް މަޑުކޮށްލިއެވެ. މަންޝާ ބަލައިލި އިރު ސައިކަލު މަތީގައި އިނީ ޝައިހާނެވެ.
"އަރާ ސައިކަލަށް" ޝައިހާން ބުންޏެވެ. މަންޝާ ގުޑައެއް ނުލިއެވެ. އަރަންވީ ކަމެއް ނާރަންވީ ކަމެއް އޭނާއަށް ނޭނގުނެވެ.
"ހޮސްޕިޓަލަށް ދާން ނުކުތީ. އެކަމު މަން އެކަނި ދާތަން ފެނުނީމަ... އަރާބަލަ..... ކައެއް ނުލާނަމޭ" ޝައިހާން ބުންޏެވެ. މަންޝާ ޝައިހާންގެ ފަހަތަށް އެރިއެވެ.
"އަހަރެން ގޮވައިގެން ހޮސްޕިޓަލަށް ދާންވީނުން. އަހަރެން ބޭނުން ޝައިހާންގެ މަންމަ އާ ބައްދަލުކޮށްލަން" މަންޝާ ބުންޏެވެ.
ހީލަމުން ޝައިހާން ސައިކަލު އަނބުރާލީ ހޮސްޕިޓަލާ ދިމާލަށެވެ.
***********
ހޮސްޕިޓަލުގެ ދެވަނަ ފަންގިފިލާގައި ހުރި ވާޑަކަށް ޝައިހާން ވަނެވެ. ކަނުގައި ހުރި އެނދުގައި އޮތް ބަލިމީހާ ނުފެންނާނެހެން ފަރުދާއަކުން ނިވާކޮށްފައި ހުއްޓެވެ.
"އެތަނުގަ މަންމަ އޮތީ... ދޭބަލަ" ޝައިހާން ބުންޏެވެ.
ޝައިހާންގެ ކުރިއަށް މަންޝާ އެރިއެވެ. އެހިނދު ޝައިހާން މަންޝާގެ އުނގަނޑުގައި އަތްއަޅުވާލިއެވެ. މަންޝާއަށް އުނދަގޫ ގޮތެއް ވިޔަސް އެކަން މާބޮޑު ކަމަކަށް ނުހަދައެވެ. އިންނަން ކިޔާ ދެ މީހެއްގެ މެދުގައި އެވަރުގެ ކަމެއް ވެދާނެއެވެ. އެއީ އޭނާގެ ނަޒަރުގައި މާބޮޑު ކަމެއް ނޫނެވެ. ހުރިހާ މީހުންނަކީ ނަވާލެއް ނޫނެވެ. ޝައިހާން އޭނާދެކެ ލޯބިވާކަން އޭނާގެ ހިތް ގަބޫލުކުރެއެވެ.
"މަންމާ" ޝައިހާން ގޮވާލިއެވެ.
ސަމާހާ ދެލޯ ހުޅުވާލިއެވެ. ޝައިހާނަށް ވުރެ ކުރީން ސަމާހާއަށް ފެނުނީ ޝައިހާންގެ ކައިރީގައި ހުރި ރީތި އަންހެންކުއްޖާއެވެ. ސަމާހާ ހިތުގައި ސުވާލު އުފެދުނެވެ. އެއީ ކޮންކުއްޖެއް ހެއްޔެވެ؟ ޝައިހާނަކީ ދެލޮލުގެ ނޫރު ފަދައިން ލޯބިވާ ދަރިއެއް ނަމަވެސް އަންހެންކުއްޖެއްގެ ދިރިއުޅުން ބަރުބާދުވެގެންދާތަން ބަލަން ސަމާހާއަށް ކެތެއް ނުވާނެއެވެ. އަމުދުން މަންޝާ ފަދަ މައުސޫމު އަންހެންކުއްޖެކެވެ.
"މަންމާ... މިއީ މަންޝާ" ޝައިހާން ބުންޏެވެ.
ސަމާހާ ތެދުވާން އުޅުނެވެ. ޝައިހާން ސަމާހާއަށް އެހީތެރިވިއެވެ.
"ކިހިނެއްތަ؟" މަންޝާ އެހިއެވެ.
"ދައްތަ ރަނގަޅު. އެކަމަކު ތިއީ ކޮންކުއްޖެއް ކަމެއް ނޭނގުނު" ސަމާހާ ބުންޏެވެ.
"މިބުނީނު މަންމާ. އެއީ މަންޝާ. އަހަރެމެން މިއުޅެނީ އިންނަން ވެގެން......" ޝައިހާން ބުންޏެވެ.
ސަމާހާގެ ދެލޯ އަރައިގެން ދިޔައެވެ. އެންމެފަހުން އެވީ އޭނާ ހީކުރި ގޮތަށެވެ. ޝައިހާން އެ އުޅެނީ އެފަކީރުގެ ޒަމާން ވެއްޔާ މޮޑެލާށެވެ.
"ތެދެއް މީނަޔާ އިންނަން ތިއުޅެނީ..." ޝައިހާނަށް އިނގިލިން އިޝާރަތްކުރި ނަމަވެސް ސަމާހާގެ ނަޒަރު އަމާޒުވެފައިވަނީ މަންޝާ އަށެވެ. މަންޝާ ލަސްލަހުން ބޯޖަހާލިއެވެ.
"ނޫން... ނުކުރާތި... އަހަރެންގެ ދަރިފުޅަށް އިތުބާރެއް ނުކުރެވޭނެ. އޭނާ ލޯބިވެދާނެ. ދިރިއެއް ނޫޅޭނެ" ސަމާހާ ބުންޏެވެ. މަންޝާގެ އަނގަ ހުޅުވިގެން ދިޔައެވެ.
"މަންމާ...." ޝައިހާން ހިތްހަމަނުޖެހުނެވެ.
"މަން... ހިނގާ ދާން.... މަންމާ... އެބައަންނަން މަން ގެއަށް ލާފަ" ޝައިހާން ބުންޏެވެ.
ޝައިހާނާ އެކު މަންޝާ ހިނގައިގަތެވެ. ވާޑުން ނުކުމެގެން ލިފްޓާ ހަމައަށް ނުދެވެނީސް މަންޝާ ހުއްޓިއްޖެއެވެ. ޝައިހާން ބަލައިލިއެވެ. މަންޝާ ބަލަހައްޓައިގެން ހުރީ ޖަވާބު ބޭނުންވާފަދަ ނަޒަރަކުންނެވެ.
"މަންމަ އެހެން ބުނަން ޖެހުނު ސަބަބެއް އަހަރެން ބުނެދޭނަން" ޝައިހާން ބުންޏެވެ.
"ކޮންއިރަކުން؟ ޝައިހާން.... އަހަރެމެން މިއުޅެނީ ކުޅިވަރެއް ކުޅޭކަށް ނޫން. މިދައްކަނީ ކައިވެންޏެއް ކޮށްގެން ދިރިއުޅޭ ވާހަކަ. ޝައިހާންގެ މަންނަ އެބުނަނީ ދިރިއެއް ނޫޅޭނޭ. ކޮބާ އޭގެ މާނައަކީ؟" މަންޝާ އެހިއެވެ.
"މިހާރަކު ނޫން. މިރޭ ބައްދަލުކުރަންވީނުން" ޝައިހާން ބުންޏެވެ.
މަންޝާ އެއްބަސްވިއެވެ. ކައިވެންޏެއް ކުރެވޭނީ ދެފަރާތުންވެސް އެކަކު އަނެކަކު އެނގެން ބޭނުންވާ ހުރިހާ ކަމެއް އެނގިގެންނެވެ. ޝައިހާން ބުނި ފަދައިން އޭނާ އާ ބައްދަލުކުރަން ދެމީހުން ގަޑިއެއް ހަމަޖެއްސިއެވެ.
"ޝައިހާން ދޭ. އަހަރެން މިދަނީ ޓެކްސީގަ ދާން" މަންޝާ ބުންޏެވެ. "ޝައިހާންގެ މަންމަ އެކަނި އޮތީމަ މިބުނީ"
"ލާރި ދެންތަ؟" ޝައިހާން ބުންޏެވެ.
"މަގޭ އަތުގަ އެބަހުރި"
*************
ސަލާމްދިންގޮތަށް މުސައްލަ މަތިން ނާޔާ ފުންމައިގެން ތެދުވިއެވެ. އޭނާ ދުވެފައި ގޮސް ނެގީ ކިޔަވާ މޭޒުމަތީގައި އޮތް ފޮތެވެ. މެޒު ކައިރީގައި ހުރި ގޮނޑީގައި އިށީނދެފައި އޭނާ ފޮތް ހުޅުވާލިއެވެ. ފުރަތަމަ ގަނޑުގައި ރަތްކުލައިގެ ގަލަމުން ފޯނު ނަންބަރެއް ނޯޓުކޮށްފައި އޮތެވެ. އޭނާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވި އިރު ނަންބަރު މަތީގައި އިނގިލިތަކުން ފިރުމާލައިފިއެވެ. އެއީ ޒަރޫކްގެ ނަންބަރެވެ. ފިލާވަޅަކާ ބެހޭގޮތުން އެއްވެސް ކަމެއް އޮޅުންފިލުވަން ބޭނުންވާ ކުދިންނަށް ގުޅަން ނަންބަރު ދިނީ އޭނާ އަމިއްލައަށެވެ. ވަގުތުން އެ ނަންބަރު ނާޔާ ފޮތުގައި ނޯޓުކުރިޔަސް އޭނާގެ ހިތުން ހުރިހާ އަދަދުތަކެއް ކިޔާލައެވެ.
"ކިހިނެއް ގުޅާލާނީ... ފޯނެއް އޮތީކީވެސް ނޫން" ނާޔާގެ ހިތް ބުނެލިއެވެ.
ކުއްލިއަކަށް ނާޔާ ސިހުނީ ކޮޓަރީ ދޮރުހުޅުވާލި އަޑަށެވެ. ސިއްސައިގެން ގޮސް ފޮތް މޭޒުމަތީގައި ބާއްވާފައި ނާޔާ ފުންމައިގެން ތެދުވިއެވެ.
"ތިއްތަ ތަ؟ ނާއްކޮ ސިއްސައިގެން ދިޔައީ" ނާޔާ ބުންޏެވެ.
"ކީއްތިކުރަނީ؟ ދޮޅި ނުބާލާ އަދިވެސް. ނުނިމޭތަ ނަމާދުކޮށް" ތިއާ އެހިއެވެ.
"ނިމިއްޖެ. ނާއްކޮ ލަސްވެގެން ދޯ ތިއައީ" ދޮޅި ބާލައި މުސައްލައިގެ ތެރެއަށްލައި އޮޅައިލަމުން ނާޔާ ބުންޏެވެ.
"އެކަކުވެސް ކާން ފޭބީއެއް ނޫން. ބައްޕަ މިސްކިތުން އަދި ނާދޭ... ނާއްކޮ ދޭ މޭޒު ކައިރިއަށް"
ނަޒާންގެ ކޮޓަރީގައި ޓަކިޖަހަން އުޅެނިކޮށް ދޮރުހުޅުވައިފިއެވެ. އެހިނދު ނަޒާނަށާއި ތިއާއަށް އެކީގައި ހެވުނެވެ.
"ކާން ދޯ. މިދަނީ" ނަޒާން ބުންޏެވެ.
ތިއާ ހިނގައިގަތްތަނާ ނަޒާން ގޮވާލިއެވެ. ތިއާ ހުއްޓުމުން ދެފަރާތް ރަނގަޅަށް ބަލައިލާފައި ތިއާ ތަންކޮޅެއް ކައިރިއަށް ޖެހިލިއެވެ. ނަޒާންގެ އެ އަމަލުން ތިއާގެ މޫނުމައްޗަށް ހައިރާންކަމެއް ވެރިވިއެވެ.
"ސިއްރެއް ބުނަންވެގެން" ނަޒާން ބުންޏެވެ. ތިއާ ބޯޖަހާލިއެވެ.
"ކައި ނިމިގެން ދޮންބެގެ ކޮޓަރިއަށް އަންނައްޗެ. ކޮފީއެއް ހިފައިގެން. އޭރުން ބުނާނަން" ނަޒާން ބުންޏެވެ.
ނަޒާން ހިނގައިގަތީ ތިރިއަށެވެ. އޭނާ މިރޭ ތިއާ އަތުން މަންޝާގެ ނަންބަރު ހޯދާނެއެވެ. މީހަކުދެކެ ލޯބިވެގެން ހިތުގައި އެ ލޯބި ފޮރުވައިގެން ހުއްޓަސް އެއަކަށް ކުރިއެރުމެއް ނުލިބޭނެއެވެ. ލޯބި ލިބޭނީ ލޯބި ހޯދަން މަސައްކަތް ކޮށްގެންނެވެ. އޭނާ ބޭނުންވަނީ ވީހާވެސް އަވަހަކަށް އޭނާގެ ހިތުގެ ހާލު މަންޝާއަށް ބުނެދޭށެވެ. މަންޝާގެ ރުހުން ހޯދައިގެން ކުރިއަށްދާށެވެ. ދުވަހަކުވެސް އަންހެންކުއްޖަކާ މެދު ނުކުރެވޭ އިހުސާސް އޭނާއަށް މަންޝާ އާ މެދު ކުރެވެން ފަށައިފިއެވެ. ނިދާފައި އޮންނަ އިރު އާއި ހޭލާ ހުންނަ އިރުވެސް އޭނާއަށް ފެންނަނީ މަންޝާގެ މޫނެވެ. އެ އަންހެންކުއްޖާ އޭނާ މޮޔަކޮށްފިއެވެ.
********
ރޭގަނޑު ނުވައެއް ޖަހާލީހާއިރެވެ. ރަމަޟާން މަހަށް ހަނދުބަލަން ތިން ދުވަހަށް ކުރުވެއްޖެއެވެ. ގެއަށް ބޭނުންވާ ބައެއް ސާމާނު ގަންނަން ދާން ތައްޔާރުވެގެން ކޮޓަރިން ނުކުތް ދިލްޝާދު ހުއްޓުން އެރިއެވެ. ފައިވާން ހަރުގަނޑު ކައިރީގައި ގުދަށް އޮތީ މަންޝާއެވެ. އޭނާ ކުރަނީ ކީއްތޯ ބަލައިލަން މަތީގައި ހުރެފައި ތިރިއަށް ދިލްޝާދު ބޯދިކޮށްލިއެވެ. މަންޝާ އޮތީ ފައިވާނުގެ މަޅިގަނޑު އަޅުވަން ގުދަށެވެ. މަންޝާ ރީތިވެގެން ހުރިކަން ދިލްޝާދަށް އެނގުނީ ދެނެވެ. ދިލްޝާދުގެ ހިތުގައި ސުވާލު އުފެދުނެވެ. މީގެކުރިން މަންޝާއަކީ އޭނާ ކައިރީ ބުނެނުލައި ރޭގަނޑު ތަންތަނަށް ދާ ކުއްޖެއް ނޫނެވެ. އޮފީހުން އައިސް ބޮލުގައި ރިއްސާ ކަމަށް ބުނެފައި ކެއީ ވެސް އެހެން ރޭރެއަށް ވުރެ މަދުންނެވެ.
ފައިވާނުގެ މަޅިގަނޑު އަޅުވައިގެން ސީދާވިގޮތަށް ކުރިމައްޗަށް އައިސްފައިވާ އިސްތަށިގަނޑު ދެއަތުން ފަހަތަށްލާފައި ހިނގައިގަންނަން އުޅުނު ވަގުތު މަންޝާ ހުއްޓުން އެރީ މަތީގައި އޭނާއަށް ބަލަހައްޓައިގެން ހުރި ދިލްޝާދު ފެނިފައެވެ. އޭނާ އުޅުނީ ސިއްރުން ގޮސް ޝައިހާނާ ބައްދަލުކޮށް އޭނާ ބޭނުންވާ ސުވާލުތަކުގެ ޖަވާބު ހޯދުމަށްފަހު ސިއްރުން ގެއަށް އައިސް ނިދާށެވެ. އެހެންނަމަވެސް ވަގުފަޅާއެރީތީ އޭނާ ހަދާނެ ގޮތް ހުސްވިއެވެ. ދިލްޝާދު އައިސް ކައިރީގައި ހުއްޓުނު އިރުވެސް ދިލްޝާދުގެ ސުވާލުތަކަށް ދޭނެ ޖަވާބެއް އޭނާގެ ވިސްނުމަކަށް ނައެވެ. ދިލްޝާދު މަންޝާގެ ފައިން ފެށިގެން ބޮލާ ހަމައަށް ނަޒަރު ހިންގާލިއެވެ. ކަޅު ކުލައިގެ ހަށިގަނޑަށް ހިފާފައި ހުރި އަތްދިގު ހެދުމާއި ފައިކުރި ފުޅާ ހުދު ހަރުވާޅުގައި މަންޝާ ހުރީ ވަރަށް ހެދިލައިގެންނެވެ.
"މަންމައަށް އަހާލެވިދާނެތަ މަންޝާ ދާން ތިއުޅޭ ތަނެއް"
"ފްރެންޑަކާއެކު ބޭރަށް" މަންޝާ ބުންޏެވެ.
"ހަމްރާ ތަ؟" ދިލްޝާދު އެހިއެވެ.
މަންޝާ ދެފަރާތަށް ބޯހޫރާލިއެވެ. ދެން ފާއިތުވެގެން ދިޔައީ ހަމަހިމޭން ވަގުތުކޮޅެކެވެ. އިތުރު ތަފްސީލުދޭން މަންޝާ މަސައްކަތެއް ނުކުރެއެވެ. ދިލްޝާދު މަންޝާއަށް ބަލަހައްޓައިގެން ހުރީ ހިތްހަމަނުޖެހިފައެވެ.
"އަޅުގަނޑު... ދަން... ދަންތަ؟" މަންޝާ ބުންޏެވެ.
"މިހިސާބަށް އައީވެސް އަހަރެން ކައިރީގަ އަހާފައެއް ނޫނެއްނު" ދިލްޝާދު ބުންޏެވެ.
ދިލްޝާދުގެ އަޑުގައި ހިތްހަމަނުޖެހުން އެކުލެވިގެންވާކަން މަންޝާއަށް އިހުސާސްވިއެވެ. އޭނާ ދެރަވިއެވެ. އޭނާ އާއި ޝައިހާނާ ދެމެދުގައި އޮތް ގުޅުން އަދި މައިންބަފައިންނާ ހަމައަށް ގެންނާކަށް އޭނާ ބޭނުމެއް ނުވެއެވެ. ދިލްޝާދު ހިތްހަމަނުޖެހިފައި ހުއްޓަ ގެއިން ނުކުންނާކަށްވެސް އޭނާ ބޭނުމެއް ނުވިއެވެ. ހަދަންވީގޮތެއް ނޭނގިފައި އޭނާ ހުއްޓެވެ.
ކުއްލިއަކަށް ދިލްޝާދު ސިހުނީ އޭނާ ފަހަތަށް އެނބުރުނު ވަގުތު މަންޝާ އޭނާގެ ގައިގައި ބައްދާލުމުންނެވެ. އެއީ މަންޝާގެ އެންމެ ކުޑައިރުގެވެސް އާދައެވެ. ކަމަކާ ހިތްހަމަނުޖެހިގެން ދިލްޝާދު އެއްޗެއް ބުނެފިނަމަ ގައިގައި ބައްދާގޮތަށް ދޫވެސް ނުކުރާނެއެވެ. މަންޝާ ދުރަށްލާން ޖެހޭނީ މިހާދެވެ. ގިނައިރުތަކެއް ނުވަނީސް ދިލްޝާދުވެސް މަންޝާގެ ބުރަކަށީގައި ދެއަތުން ވަށާލައިފިއެވެ.
"ސޮރީ މަންމާ. އަޅުގަނޑު އުޅުނީ ރައްޓެހިކުއްޖަކާއެކު ދާންވެގެން. ކާން އިން ގަޑީގަ އެކުގަ ޝޮޕިންއަށްދާން މަންމަ ބުނީމަ އެގަޑީގަ ނޫނެކޭ ބުނެފަ ފަހުން މިވާހަކަ ބުނަން ނުކެރިފަ ހުރީ"
މަންޝާ ބުނީ މުޅިއަކުން ދޮގެއްވެސް ނޫނެވެ.
ދެމައިންގެ ހަރަކާތްތަކަށް އިރުކޮޅަކު ބަލަން ހުރެފައި މިހާދު ކަރުކެހިލިއެވެ. މަންޝާ ތައްޔާރުވެގެން ހުރިގޮތުން އޭނާ ހީކުރީ އެކުގަ މަންޝާވެސް ދާކަމަށެވެ. ކާރު ނެރެން ބުނީ އެހެންވެއެވެ.
"އަޅުގަނޑު މިދަނީ އެހެން ތަނަކަށް ދާންވެގެން"
********
ނަވާލްގެ އުނގުގައި ބޯއަޅައިގެން އޮވެފައި ތިއާ ފުންމައިގެން ތެދުވިއެވެ. އެނދު ކައިރީގައި ހުއްޓިފައި ހެދުން ރީތިކޮށްލިއެވެ.
"ކޮންތާކަށް؟" ނަވާލް އެހިއެވެ.
"އެބައަންނަން" ތިއާ ބުންޏެވެ. ނަޒާން ބުނެގެން އެކޮޓަރިއަށް ދާންޖެހޭކަން އޭނާ ހަނދާންވީ ކުއްލިއަކަށެވެ.
"އަހަރެން އަންނަންތަ މުޖޭއަށް ތަޅުދަނޑި ހަވާލުކޮށްފަ" ނަވާލް ބުންޏެވެ.
ތިއާ ނަވާލަށް ބަލައިލިއެވެ. އަނގަކޮޅު އޫކޮށްލި ގޮތުން ނަވާލް ހިނިއައެވެ. ދެން އެއައި ގޮތަށް އައިސް ހިފީ ތިއާގެ އަނގަކޮޅުގައެވެ.
"ބޭރަށްދާނެ ކަމެއް ނުފެނިފަ ދޯ" ތިއާ ބުންޏެވެ.
"ވަރަށް އަވަހަށް އަންނާނަން. އެއީ އޮފީހުގެ މުހިންމު ލިޔުންތަކެއް ހުރި ލޮކަރެއްގެ ތަޅުދަނޑިއެއް. މުޖޭ ކޮންމެހެންވެސް ފައިލެއް ބޭނުންވެގެން" ނަވާލް ބުންޏެވެ. "އަންނަވާއިރަށް ރެޑީވެގެން ހުންނައްޗެ. ދުއްވާލަން ދާން"
ތިއާ ހީލިއެވެ. އެހިނދު ނަވާލް ތިއާގެ ކޯތާފަތުގައި ބޮސްދިނެވެ. ބައްދާލާފައި ތިއާގެ ނޭފަތުގެ ކޮޅުގައި އިނގިލިން ޖަހާލިއެވެ.
"ގުޅީމަ ނުކުންނާތި. ރެޑީވެ ނުނިމެޔޭ ބުނިއްޔާ ޕްލޭން ކެންސަލް" އެނދުގެ ހެޑްބޯޑުމަތީގައި އޮތް ސައިކަލު ތަޅުދަނޑި ނަގަމުން ނަވާލް ބުންޏެވެ.
ނަޒާންގެ ކޮޓަރިއަށް ދިޔުމުގެ ބަދަލުގައި އެންމެ ފުރަތަމަވެސް ތިއާ ރީތިވިއެވެ. ނަވާލް ބުނިހެން ރީތިވާން ގިނައިރު ނަގާނެތީއެވެ. ނަވާލާއެކު ބޭރަށް ގޮސްލަން އޭނާ ބޭނުންވެފައި ހުރިލެއް ބޮޑުކަމުންނެވެ. އެފުރުސަތު ނަގާލަން ބޭނުން ނުވާތިއެވެ.
ކޮޓަރިން ނުކުތް އިރު ބޮޑުކޮޓަރިން މީހަކު ފެންނަން ނެތެވެ. އޭނާ ގޮސް ހުއްޓުނީ ނަޒާންގެ ކޮޓަރި ދޮރުމަތީގައެވެ. ދެތިންފަހަރު ޓަކިޖަހައިލުމުންވެސް ނަޒާންގެ ހަބަރެއް ނުވިއެވެ. ފޯނުން ނަޒާނަށް ގުޅަން އުޅެފައިވެސް އެހިޔާލު ދޫކޮށްލިއެވެ. ނަޒާނަށް ނިދުނީ ކަމަށް ހީކޮށްފައި ތިއާ އަޅައެއް ނުލިއެވެ. ދެން އޭނާ ދިޔައީ މާޝިތާގެ ކޮޓަރި އާ ދިމާލަށެވެ. ބޭރަށް ދިޔުމުގެ ކުރިން މާޝިތާ ކައިރީގައި ބުނެލުމަށެވެ.
*******
މަންޝާގެ ކުރިމަތީގައި ހުރި ކޮފީތަށި އަތްނުލައި ހުއްޓައި ފިނިވެއްޖެއެވެ. ޝައިހާނަށް އެކަން ފާހަގަވެ ދެތިންފަހަރަކު މަންޝާ ކައިރީގައި ބުނަންވެސް ބުނެފިއެވެ.
"އަހަރެން މިތަނަށް އައީ ކޮފީބޯކަށް ނޫން" މަންޝާ ބުންޏެވެ.
"އަހަރެންނަކަށް ހިއެއްނުވޭ ޝައިހާން މިކަމާ ސީރިޔަސްކޮށް ވިސްނާހެނެއް. އަހަރެން މިކުޅެނީ ފިލްމެއްނަމަ މިހާވަރަކުން ނޫޅުނީމުސް"
"އަހަރެން ކިހިނެއް ހަދަންވީ؟ މަން ގެ މައިންބަފައިން ކައިރިއަށް އަހަރެން ދާންވީތަ؟"
"އަދި ތި ހިސާބަށް ދާން ނުވޭ. އެންމެ ފުރަތަމަ އަހަރެންނަށް ބުނެދީބަލަ ޝައިހާންގެ މަންމަ މިއަދު ހޮސްޕިޓަލުގަ އަހަރެންނާ ދިމާލަށް އެހެން ބުނަން ޖެހުނު ސަބަބެއް" މަންޝާ ބުންޏެވެ.
"އޯކޭ. އަހަރެން ދޮގެއް ނަހަދަން އެނގޭ. މަން ވާނެ އަހަރެންނަށް އިތުބާރު ކުރަން. މީގެ ދެ ދުވަހެއް ކުރިން ކޮޕުން އަހަރެން ހައްޔަރުކުރި"
"ކީ ކޭ...؟ " މަންޝާ ބުންޏެވެ.
"އަހަރެން ފްރެންޑެއް އަތުން ތަނަކަށް ދާންވެގެން ބޮރޯ ކުރި ސައިކަލެއް. އަހަރެންނަށް ނޭނގޭ އެއީ އޭނާ ކަޓުވާލައިގެން އުޅޭ ސައިކެއް ކަމެއް. އެނގޭނަމަ އަހަރެން ނާރާނެއްނު. ކޮޕުން އަހަރެންނާ ސުވާލުކުރަން ހެދީމަ އަހަރެން ހާޑުވީ. އެހެންވެ ގެންދިޔައީ. މަންމަ އެކަމާ ދެރަވެގެން ޕްރެޝަރު މައްޗަށް ދިޔައިމަ ހޮސްޕިޓަލަށް ގެނައީ. މަންމަ ބުނަނީ އަހަރެންނާއި މިބުނާ ފްރެންޑާ ދެމީހުން އެއްބައިވެގެން ކުރިކަމެކޭ...." ޝައިހާން ވާހަކަދެއްކިއެވެ. "އެހެންވެ މަންމަ އެހެން ބުނީ"
މަންޝާ ހަމަޖެހުމުގެ ނޭވައެއް ލިއެވެ. ތަކުރާރުކޮށް ޝައިހާން ކައިރީގައި ހަގީގަތުގައިވެސް ޝައިހާންގެ ކުށެއް އެކަމުގައި ނެތްތޯ އެހިއެވެ. އޭނާއަށް އެއްވެސް ކަމެއް ސިއްރުކޮށްފައި ވާނެތޯ އެހިއެވެ.
"ދެން ކީއްވެ އޮފީސް މީހުން އެހެން ކިޔަނީ" މަންޝާ ބުންޏެވެ.
"އޮފީސް އެންމެނެއް ނޫން. ނަވާލް ކިއީ. ފުރަތަމަ ދުވަހުން ފެށިގެން ނަވާލް އަހަރެންނާ ޖައްސާލާފަ ހުންނަނީ. އަޅާނުލާ... " ޝައިހާން ބުންޏެވެ.
****
ހިތްހަމަޖެހޭ ވަރަށް ފޭސް ދޭއްގެ މަގުތަކުގައި ދުއްވާފައި ފިނި އެއްޗެއް ބޯލަން ނަވާލާއި ތިއާ ރެސްޓޯރަންޓަކަށް ވަނެވެ. އެހެންނަމަވެސް އެތަނުން ތިއާ އަށް ފެނުނީ މުޅިން އެހެން މަންޒަރެކެވެ. މަންޝާގެ އަތުގައި ހިފައިގެން ފިރިހެންކުއްޖަކު ނުކުންނަން ދަނިކޮށެވެ. އެއީ ކާކު ކަމެއް ތިއާ އަށް ނޭނގުނެވެ. އެހެންނަމަވެސް މަންޝާގެ މޫނު ވަރަށް ރީއްޗަށް ފެނުނެވެ.
"ފެނުނުތަ؟" ތިއާ އެހިއެވެ.
ފަރުވާކުޑަ ގޮތަކަށް ނަވާލް ހޫނ އެއް ލައްވާލިއެވެ. ވެއިޓަރަކު ގެނެސް ބެހެއްޓި ފެންފުޅި ކަނޑާލާފައި ދެ ތަށްޓަށް އެޅުމަށްފަހު ތިއާ ކައިރީގައި ގޮނޑީގައި އިށީންނަން ބުންޏެވެ.
"އެ ދެމީހުން ޑޭޓްކުރަނީ" ނަވާލް ބުންޏެވެ.
"ކިހިނެއް ނަވާލަށް އެނގުނީ" ތިއާ ހައިރާންވެފައި އެހިއެވެ.
"މަންޝާ ނުބުނޭތަ! އަހަރެމެން ދެމީހުން މަސައްކަތް ކުރަނީ އެއް އޮފީހެއްގަ. މަންޝާ ކައިރީގަ އެހުރި ފިރިހެން ސޮރަށް ކިޔަނީ ޝައިހާން. އުޅުން ރަނގަޅު ފިރިހެނެއް ނޫން އެއީ. މަންޝާއަށް ވިސްނައިދޭން އަހަރެން މަސައްކަތް ކުރިން. ތިއާ އަޅެ ވިސްނައިދީބަލަ" ނަވާލް ވާހަކަދެއްކިއެވެ.
ތިއާ ވިސްނާލިއެވެ. އެންމެ ފުރަތަމަ ކަމަކަށް ނަވާލާއި މަންޝާ އެއް އޮފީހެއްގައި މަސައްކަތް ކުރާކަން އަދި އޭނާއަށް އެނގުނީއެވެ. މަންޝާ އެވާހަކައެއް ނުދައްކައެވެ. މަންޝާ ކުރިން ނުބުނީ ކީއްވެގެން ހެއްޔެވެ؟ އަނެއް ކަމަކީ ކުއްޖަކާ ރައްޓެހިވިކަންވެސް މަންޝާ އޭނާ ކައިރީގައި ނުބުނެއެވެ. މަންޝާ ވަރަށް ދުރުވެއްޖެއެވެ. މީގެކުރިން ތިއާ ކިޔަވަން ހުރި އިރު ގޭތެރޭގައި ހިނގާ ހުރިހާ ކަމެއް ތިއާ އަށް ކިޔައިދެއެވެ. ކުއްލިއަކަށް މަންޝާ އަށް އެ އައި ބަދަލެއް އައީ ތިއާ އާއި ނަވާލްގެ ކައިވެނިކުރި ފަހުންނެވެ.
"އޭތް... ކޮންވިސްނުމެއްގަ" ތިއާގެ ލޯމަތީގައި އަތްހޫރާލަމުން ނަވާލް ބުންޏެވެ.
"ކަމެއްނުވޭ...." ފުން ނޭވައެއް ދޫކޮށްލަމުން ތިއާ ބުންޏެވެ.
"މަން އުޅެނީ މިހާރު ވަރަށް ފާޑަކަށް.... ނޭނގެ ދެން.... އަނެއްހެން އަހަރެން އުފާވާނެ މަން މެރީކޮށްގެން އުޅެންޏާ... ކޮންމެސް ފިރިހެނަކާ ހެދި މިދޭތެރެއިން މަން ވަރަށް ރުއި. އެމީހަކު މާ ރަނގަޅު މީހަކަށްވެގެން އުޅެފަ ފަހުވަގުތު މަން ދޫކޮށްލީ. ނުބައި މީހެއް. އެމީހެއްގެ ނަސީބު އެއީ ކާކު ކަން މަން އަހަރެން ކައިރީގަ ނުބުނިކަން... " ތިއާ ބުންޏެވެ.
ނަވާލް ކޮށިއަރައިގެން ކެއްސައިގަތުމާއެކު ތިއާ ޓިޝޫއެއް ދަމައިގަނެފައި ނަވާލަށް ދިއްކޮށްލިއެވެ. ދެން ނަވާލް ކައިރިއަށް އައިސް ބުރަކަށީގައި ފިރުމާލިއެވެ.
"ކިހިނެއް ތިހެދީ... އަހަރެން ނުބުނަމެއްނު އެމީހަކީ ނަވާލޭ"
(ނުނިމޭ)