އެފްރިކާގެ ގައުމެއްކަމަށްވާ ގާނާގެ އުމުރުން 29 އަހަރުވީ ޒުވާނަކު ޗެކަޕެއް ހެދުމަށް އެތާގެ ހޮސްޕިޓަލަކަށް ދިއުމުން އޭނާގެ އިސްކޮޅުގައި މިންއަޅައިފައި ހޮސްޕިޓަލުން އެންގިއެވެ. ކަލޭ އަދިވެސް ދިގުވަނީއެވެ. މިހާރުގެ އިސްކޮޅަކީ 9 ފޫޓު 6 އިންޗިއެވެ.
ގާނާގެ ހޮސްޕިޓަލުގެ މިންއެޅުން ސައްހަ ކަމަށްވަންޏާ ސުލައިމާން އަބްދުއްސަމަދަކީ މިހާރު ދުނިޔޭގައިހުރި އެންމެ ދިގު މީހާއެވެ. އެކަމަކު މިއީ އަދި ކަށަވަރު ކަމެއް ނޫނެވެ. އިސްކޮޅުގައި މިންއެޅުމުގެ ޚާއްސަ އާލާތެއް އެ ހަސްފަތާލުގައި ނެތެވެ. އެހެންވީމާ އެމީހުން އެކަންކުރީ އޭގެ ސައްހަކަން ކަށަވަރުވާ ގޮތަކަށް ނޫނެވެ.
ސުލައިމާން އަބްދުއްސަމަދަށް ޖެހިފައިވާ އާދަޔާ ޚިލާފު ބައްޔެއްގެ ސަބަބުން އޭނާ ދިގުވުން ނުހުއްޓެވެ. މިކަމާގުޅިގެން ސިއްހީގޮތުން ތަފާތު މައްސަލަތަކެއް ދަނީ ކުރިމަތިވަމުންނެވެ. ޑޮކްޓަރުން އަންގާފައި އޮންނަނީ މަހަކު އެއްފަހަރު ހޮސްޕިޓަލަށް ގޮސް ޗެކަޕެއް ހެދުމަށެވެ.
ސުލައިމާން އަބްދުއްސަމަދުގެ އިސްކޮޅުގައި 9 ފޫޓު ހަތަރު އިންޗި ހުރިކަމަށް ގާނާގެ ހޮސްޕިޓަލަކުން ބުންޏަސް އެތާގެ ނޫސްވެރިޔަކު ހުސްވި ހަފުތާގައި ފޫޓުފީތާއަކުން މިންއަޅައި ބަލައިފައި ބުނެފައިވަނީ ސުލައިމާނުގެ އިސްކޮޅުގައި މިވަގުތު ހުރީ 7 ފޫޓު 4 އިންޗި ކަމުގައެވެ. ދުނިޔޭގައި މިހާރުހުރި އެންމެ ދިގު މީހާގެ އިސްކޮޅަކީ 8 ފޫޓު 3 އިންޗިއެވެ. އެއީ ތުރުކީގައި ދިރިއުޅޭ އުމުރުން 40 އަހަރުވީ ސުލްތާން ކޫސަންއެވެ.
ސުލްތާން ކޫސަން އާއި ސުލައިމާން އަބްދުއްސަމަދުގެ ތަފާތަކީ ހަލުވިކަމާއެކު އަދިވެސް ސުލައިމާނުގެ އިސްކޮޅު ދިގުވަމުންދާކަމެވެ. އެހެންވީމާ އަދި އަހަރެއް ދެއަހަރެއް ފަހުން ސުލްތާނަށްވުރެ ދިގު އިސްކޮޅެއް ސުލައިމާނަށް ލިބުމަކީ އެކަށީގެންވާ ކަމެކެވެ. ސުލައިމާނުގެ ދިގު އިސްކޮޅާއެކު އޭނާގެ ބުރަކަށީގައި ބޮޑު ގުދެއްވެސް އޮވެއެވެ. ފަޔަށް ހެޔޮވަރު ފައިވާނެއް ނުލިބެއެވެ. އިންނާނެ މީހަކުވެސް ނުވެއެވެ.